މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ވައްދަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް އިދިކޮޅުން ކޯލިޝަން، ޕީޕީއެމް/ޕީއެންސީ ފަށައިފިއެވެ.މިނިސްޓަރ ޢިމްރާންގެ ޢިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެކޯލިޝަނުން ބުނެފައެއް ނެތެވެ. ސަފާރީ ރޭޕް ކޭސް އާ ގުޅިގެން އަނިޔާ ލިބުނު މީހާގެ ވަކީލުން ވެސް ވަނީ ހޯމް މިނިސްޓަރގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވުމަށް އެދިފައެވެ. އަދި މަޖލީހަށް ލިބޭ ބާރު ބޭނުން ކުރައްވައިގެން ހޯމް މިނިސްޓަރަށް ފިޔަވަޅު އަޅައި ދެއްވުމަށް ވެސް އެދިފައެވެ. ވަކީލުން މިކަމަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދަވަމުން ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަފާރީ ކޭހާ ގުޅިގެން، ރޭޕް ކުރިކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެކަން ހިނގާ ދިޔަ ގޮތަށްވުރެ ބޮޑުކޮށް ކަމަށެވެ. ސަފާރީގެ ތެރޭގައި ހިނގާފައިވަނީ އާއްމުންގެ ތެރޭގައިވެސް އެކަން ކުރިއަސް ނޭނގޭވަރުގެ ވަރަށް ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ހޯމް މިނިސްޓަރ މިމޭރުމުން ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ، ރޭގެ ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުތަކުން، ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އެމަނިކުފާނުގެ މަޤުޞަދު ނޫން ކަމަށް ވިދާޅުވެ، އޮޅުން އަރާފަދަ ބަހެއް ވިދާޅުވެވިފައި އޮތްނަމަ މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވިދާޅުވި ވާހަކަ އޮޅުވާލައިފައިވަނީ ނޫސްވެރިންކަމަށް ވެސް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

1 ޚިޔާލު

  1. ބައެއްގެ ކިބައިން ސަލާމަތްވާން އަންހެނަކު ރޭގަނޑުގެ ދަންވަރު ކަނޑަށް ފުއްމާލާނީ ކުރިކަންވެސް ނޭގޭ ވަރުގެ ކަމެއް ކުރީމާތޯ؟!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.