ފަޅިމޫނު - 13

(20 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކަކު ހުރީ ކިރު ފުޅިތަކެއް ހިފައިގެންނެވެ. އަނެކަކު ހުރީ ހަލުވާ ޕެކެޓުތަކެއް ހިފައިގެންނެވެ. ބާދްޝާ ޖާނީ އަތުން ޖެހިޖެހީނުން އެ ތަކެތި ބުރުވައިލައިފިއެވެ. "ހައްތަހައިވެސް މަކަރުވެރިން. އެ ޑައިނަށް ދޭންވީއަކީ ކިރެއް ނޫން. ޒަހަރު. އެކަމަކު އެންމެ ފުރަތަމަ ކުޅިދައްކައިލާނީ އޭނާގެ މައިންބަފައިންނަށް. އޭނާ ގެންގޮސް އެގޭ ދޮރުބުޑަށް ޖަހާނީ އޭގެ ފަހުން. ހީކުރާ ގޮތް އުތަ؟ އަހަރެން މިއީ ފިނޑި މޮޔައެކޭ ހީކުރަނީތަ؟"

އޭނާގެ އެކުވެރިންގެ ތެރެއިން އެކަކު އޭނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. "ބާދްޝާ ޖާނީ. ރުޅި މަޑު ކުރޭ. ހަމަވިސްނުން އިސްކުރޭ. އެމީހުން އެމީހުންގެ ދަރި ކަލެޔާ ދެވީ ގާނޫނީ ހަމަތަކުގެ މަތީން ކުރަން ޖެހޭ ހުރިހައި ކަމެއް ކޮށްފައި. ކަލޭ އޭނާއަށް އަނިޔާކޮށް، އެގޭ ދޮށަށް ގޮސް ހައިޖާނެއް ހަދައިފިއްޔާ މީހުން ކިޔާނީ ކީކޭ؟ ކަލޭ އެ ކުއްޖާޔާ އިނީ ލޯމަރާލައިގެން ހުރެތޯ މީހުން ނާހާނެތަ؟ ކާވެނި ކުރީ ބަލަންވާ ވަރަށް ނުބަލާހޭ ނާހާނެތަ؟ އިނުމުގެ ކުރިން އަންހެންކުއްޖާ ނުދެކެންހޭ ކުރާ ސުވާލަށް ކަލޭ ދޭނީ ކޮން ޖަވާބެއް؟"

"އަހަރެން ދުށިން. އެކަމަކު މިހާރު އެތެރޭގައި އޭނދަ ޑައިނު އެހެރީއަކީ އަހަރެން ދުށް ގޮތަކަށް ނޫން."

"އެއީ ކިހިނެއްވީ ކަމެއް؟"

"އޭނާ ބުނަނީ މޫނަށް އަލިފާންއާވި ބުރީއޭ. މިހާރު އެހެރީ މޫނުގެ އެއްފަޅި އަނދާފައި."

"އެހެންވެއްޖެއްޔާ އޭނާގެ ކުށަކީ ކޮބާ؟"

ބާދްޝާ ހަޅޭއް ލަވައިގަތެވެ. "އަހަރެން އޭނާ ވަރިކޮށްލާނީ."

"ބާދްޝާ. ހަމަހޭގައި ހުރޭ. ވަރިކުރަން ބޭނުންވާ ފަންސާސް ހާސް ރުފިޔާ ކަލޭ ނެރޭނީ ކޮން ތަނަކުން؟"

ބާދްޝާ ބިންމަތީގައި އިށީނދެއްޖެއެވެ. އިށީނދެއްޖެއޭ ބުނުމަށް ވުރެ ރަނގަޅުވާނީ ބިންމައްޗަށް ގުޅައަކަށް ޖެހިގެންފިއޭ ބުނިއްޔާއެވެ. އޭނާގެ އެކުވެރިން އޭނާގެ ވަށައިގެން އިށީނދެއްޖެއެވެ. އެތަނުން އެކަކު ބުންޏެވެ. "އަހަރެމެންގެ އިންޖިނޭރުބޭބެ ދައްކަނީ މުޅީންވެސް ރަނގަޅު ވާހަކަ. އެކަމަކު އެ ވާހަކަތައް އަހަރެމެންނަށް ވިސްނޭގޮތް ވަނީ ތަންކޮޅެއް ފަހުން."

ބާދްޝާ ޖާނީ ލަދުން ކަހަލަ ގޮތަކަށް ބުންޏެވެ. "އިންޖިނޭރުބޭބެގެ ވާހަކަ ނުދައްކާ. ބޭބެއަށް އަހަރެންގެ މޫނު ދައްކާކަށްވެސް ދެނެއް ނުކެރޭނެ."

އެކަކު ބުނެފިއެވެ. "ބޭބެޔާ މާދަމާ ބައްދަލު ކުރެވިދާނެ. އެންމެ ފުރަތަމަ ކަލޭގެ އަނބިމީހާއަށް ހަދާނޭ ގޮތަކާ މެދު ވިސްނާ. ކަލެއަށް ޖެހޭނީ އޭނާ ގަބޫލުކުރަން. އެހެންނޫނީ ގެޔާއި ދެ ގޯތިވެސް ކަލޭގެ އަތުން ބީވެގެން ހިނގައިދާނެ. އަނެއްކޮޅުން ފަންސާސް ހާސް ރުފިޔާ ނެތި ވަރިއެއްވެސް ނުކުރެވޭނެ. ކާރު ވިއްކާލައިގެން ފައިސާ ހަމަ ކުރެވިދާނެ. އެކަމަކު އެހެން ހަދައިފިއްޔާ ކާރުގަނޑުވެސް ގެއްލުނީ. ދެން ޖެހޭނީ މަގުމައްޗަށް ނުކުމެ ސަލާންޖަހަން. ނިދަން ޖެހޭނީ ދުވާރުމަތީގައި."

ބާދްޝާގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. "އަހަރެން ދުވާރުމަތީގައި ދިރިއުޅެފާނަން. އެކަމަކު މި މަކަރުވެރިކަމުގެ ތެރެއަކު ނޫޅޭނަން. ކޮންމެވެސް އެއްޗެއް ގެނެސްދީ. އަހަރެން މި ވަގުތު ބޭނުންވަނީ މަސްތުވާން."

އެކަކު ބުނެފިއެވެ. "އަހަރެމެން ކަލެއަށް ނާންގާ ފުޅިއެއް ގެނައިން. ކަލޭ ކޮޓަރީގައި މަޖާކުރާއިރު އަހަރެމެން މިތާގައި ތިބެގެން ބޯނީއޭ ހިތައި ގެނައި ފުޅިއެއް. ކާރުގައި އޮންނާނެ. ހިފައިގެން އެބަ އަންނަން."

މިހެން ބުނެފައި އޭނާ ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ބާދްޝާ ކާރާ ދިމާއަށް ބަލައިލިއެވެ. "އަހަރެމެން ދުއްވާ ކުލީކާރުގައި ހުންނަނީ ކޮން ކުލައެއްތަ؟"

އެކަކު ބުންޏެވެ. "މަތީގައި ހުންނަނީ ރީނދޫ ކުލަ. ތިރީގައި ކަޅުކުލަ. އެވަރުވެސް ނޭނގެނީތަ؟"

ބާދްޝާ ނަފުރަތާއެކު ބުންޏެވެ. "ހާތްތެރީ... އަހަރެންގެ އަނބިޑައިނުވެސް އެހެރީ އެހެން އެއް ފަޅި ކަޅު. އަނެއް ފަޅި ރީނދޫ."

އަނެކަކު ބުނެފިއެވެ. "އުއްދަނޑި ހައްދާ މީހުންނަށް ﷲ ދެއްވަނީ ހަކުރޭ ކިޔާތީ އަހަން. އެހެންވީމާ ކުލީކާރު ދުއްވާ މީހުންނަށް ދެއްވާނީ ކާރު ކަހަލަ އެއްޗިއްސެއްނު؟ ކަލެއަށްވެސް ތިޔަ ލިބުނީ އެކަހަލަ އަނތްބެއް. ދެން ހިތާމަ ކުރާނެ ކަމެއް ނެތް. ލިބުނު އެއްޗެއް ލިބުނީ. ހިތާމަ ފަށްޖަހައި ޖީބަށް ލާ."

ފުޅީގެ އުނގުރު ނަގައިފިއެވެ. އެކަކު ބަދިގެއަށް ވަދެ ހަތަރު ތަށްޓާއި ފެން ޖަގެއް ހިފައިގެން އަތުވެއްޖެއެވެ. އެޔާއެކު ފެށުނީ ބުއިމުގެ ދައުރެވެ. "ކަންތައް ކުރާނޭ ގޮތަކާމެދު ވިސްނަންވީ. އަބުރުވެރިން ކަމުގައި ހެދިގެން އުޅޭ މީހުން އަހަންނަށް ބޮނޑި ދީފި. އޭގެ ބަދަލުގައި އަހަންނަށް ކުރެވޭނީ ކޮން ކަމެއް؟"

އެކަކު ކިޔައިފިއެވެ. "ބާދްޝާ. ކަލޭ އެ ކުއްޖާ ދެކެ ނިހާޔަތަށް ލޯބިވޭ. އޭނާޔާ ހެދި ތިޔަ ހުންނަނީ މޮޔަވެފައި. އިންޖިނޭރުބޭބެގެ ބަސްވެސް ކަލެއެއް ނޭހި. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ތިޔައީ. ހަމަ ހަގީގަތުގައިވެސް އެކުއްޖާތޯ ޔަގީން ކުރުން. ތިޔައީ އެ ކުއްޖާ ކަމުގައި ވަނީ ވިއްޔާ ކަލޭ ތިޔަ ކުރަނީ އަނިޔާއެއް. އެއީ ކަލޭގެ ލޯބި. ކަލެއަށް ޖެހޭނީ އޭނާގެ ލޯބީގެ ގަދަރު ހިފަހައްޓަން. ކުލީކާރު ދުއްވާ މީހުންނަކީވެސް އަބުރުވެރި މާތް ބައެއްކަން ދުނިޔެއަށް ދައްކައިދީ. އަނބިމީހާއަށް އިހުތިރާމުކުރާ ކަމާއި ލޯބިވާކަން ދައްކާ."

ބާދްޝާ އެއް ކޯވަރުން ތަށި ހުސްކޮށްލައިފިއެވެ. ދެވަނަ ފަހަރަށް ތަށި ފުރައިލަމުން ބުންޏެވެ. "އެންމެ ރަނގަޅު. އެންމެ ފުރަތަމަ ބަލަންވީ އެއީ އަހަރެން ރުޚްސާނާތޯ ނުވަތަ ނޫންތޯ. ތަށީގައި އަތް ނުލާތި. އެކަން ޔަގީން ކޮށްފައި އަހަރެން އެބަ އަންނަން."

އޭނާ ތެދުވެއްޖެއެވެ. އެ ވަގުތު ބޮލަށް ކުޑަކޮށް އެނބުރުން އަރާގޮތް ވިއެވެ. އެއްފަހަރާ ތަށި ހުސްކޮށް ބޮއިލީމާ އޭގެ އަސަރު ކުރާނެތާއެވެ. އެކަމަކު ހިނދުކޮޅަކަށް ފަހު ސަމާލުވެލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. "އޭތް. އަދިވެސް މޫނުމަތީން އަތް ނުނަގަނީތަ؟"

އޭނާ ކުޑަކޮށް ގުދުވެފައި ބަލައިލިއެވެ. ރުޚްސާނާ އިނީ ކަކުލުގައި ބޯ އަޅައިގެން، މޫނު ފޮރުވައިގެން ރޯށެވެ.

"ކޮން ރުއިމެއް؟ މުޅި އުމުރު ދުވަހު އަހަރެން ރޯން ޖެހޭ ގޮތް މެދުވެރިކޮށްފައި މިހާރު ކޮން ރުއިމެއް؟ ކަލޭގެ ބަފަޔާއި އަމަޔާ ދެމީހުން ހެދި ކަހަލަ މަކަރެއް ގާތިލަކުވެސް ނަހަދާނެ. ދުނިޔޭގެ އެންމެ ބޮޑު މަކަރުވެރިޔާވެސް ނަހަދާނެ. މޫނު ފޮރުވައިގެން އިނީ ކީއްވެގެން؟ ކަލޭ ތިޔައީ ރުޚްސާނާތޯ ނުވަތަ ނޫންތޯ ބަލަން އަހަރެން ބޭނުން. މޫނު ދައްކަބަލަ. ރުޚްސާނާ ކަމަށް ވަންޏާ އަހަރެން މާފަށް އެދިފާނަން. އެކީގައި ލޯބިން ދިރިއުޅެން ފަށައިފާނަން. އަހަރެން ވީ ލޯބިި. ސަމާސާ ކުރީއެއް ނޫން."

ރުޚްސާނާ ބޯ ހިއްލައިލިއެވެ. "ތިޔަ ކުރަނީ މަލާމާތް. ލޯބި ވަނީއެއް ނޫން. ލޯބިވާނަމަ އެކުވެރިންގެ ތެރޭގައި އަހަންނަށް މަލާމާތެއް ނުކުރީސް. އަހަރެންގެ އަގު ވައްޓައެއް ނުލީސް. އެމީހުންގެ ތެރޭގައި އިނދެގެން ރާ ނުބުއީސް. ދުވަހަކުވެސް މަސްތު ނުވާން އަހަރެން ގާތު ހުވައި ކުރީމެއްނު؟"

ބާދްޝާ ބޯ ކަހައިލިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް. އަހަރެން ހުވައި ކުރިން. އަހަރެން ބުނާ ގޮތަކަށް ހަދާބަލަ. ބުރުގާއިން މޫނުގެ އެއްފަޅި ފޮރުވައިފައި ރަނގަޅަށް ހުރި ފަޅި އަހަންނަށް ދައްކަބަލަ. ރަނގަޅަށް ބަލައިލާން އަހަރެން ބޭނުން."

"ނުދައްކާނަން. އަހަރެން ނުތަޅުވާ. އަހަންނަށް ނަފުރަތުކުރޭ. އަހަރެން މިއީ ބާދްޝާގެ ކާކު؟ މިތަނުން ނުކުމެގެން ދޭ. ލޯބީގައި މަޖުބޫރުވީމާ އަހަރެންގެ ގާތަށް އާދޭ. އެހެން ނޫނީ އައިސްގެން ނުވާނެ."

ބާދްޝާ ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާއަށް ނުކުމެ އަނެއްކާވެސް އެކުވެރިން ގާތު އިށީނދެއްޖެއެވެ.

"ކިހިނެއްވީ؟"

އޭނާ ބުންޏެވެ. "ދައްކާ ވާހަކައިން ހީވަނީ އެއީ ހަމަ އޭނާހެން. ހަދަންވީ ގޮތެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގޭ."

"ކުޑަކޮށް ބޮއިލާ. އޭރުން ސިކުނޑި ހަމަޔަކަށް އެޅިދާނެ. ކަންތައް ކުރަންވީ ގޮތް ސާފު ވެދާނެ."

އޭނާ ތަށި ނަގައި އެތިފޮދެއް ބޮއިލައިފިއެވެ. "އެކުވެރިންނޭ. މޫނުގެ އެއްފަޅި ހުތުރުވެ ބަދަލުވީމާ ރީތިކޮށް ހުންނަ ފަޅިވެސް ބަދަލު ވާނެތަ؟ ވަކި މީހަކު ނޭނގޭވަރު ވެދާނެތަ؟"

އެތަނުން އެކަކު ބުންޏެވެ. "ތިޔަ ކަހަލަ ފަޅި މޫނެއް އަހަރެމެން ދުވަހަކުވެސް ނުދެކެން. އެހެންވީމާ ތިޔަ ވާހަކައެއް ދޭނޭ ޖަވާބެއް އަހަރެމެންނަކަށް ނޭނގޭ."

"ނުދެކެމޭ؟ އެއީ ކީއްވެގެން؟ އަހަރެމެން އެންމެންގެވެސް ހުންނަނީ ފަޅިމޫނު. އަހަރެންގެ ރުޚްސާނާ ބުނާ ގޮތުގައި އަހަރެމެން އެންމެންވެސް ތިބެނީ މޫނުގެ އެއްފަޅި ފޮރުވައިގެން. ފޮރުވަނީ ބިރުވެރި ފަޅި. ހުތުރު ފަޅި. އެކަމަކު އޭނާ އެ އައީ ހުތުރު ފަޅި ދައްކައިގެން. އެ ފަޅި ފޮރުވާނީ ކިހިނެއް؟ ހުތުރު ފަޅި ނުފޮރުވައެއް ރީތި ފަޅި ފާހަގަ ކުރާކަށް ނޭނގޭނެ."

މިހެން ބުނެފައި އަނެއްކާވެސް ބޯން ފަށައިފިއެވެ. އޭނާގެ އެކުވެރިންގެ ތެރެއިން އެކަކު ކުރިމަތީގައި ހުރި ގެއަށް އިޝާރާތް ކޮށްފައި ބުންޏެވެ. "އެކުވެރިޔާ. އެހެރަ ގެއަށް ބަލައިލަބަލަ. ފުރިހަމައަށް ހުންނައިރު އެ ގެ ކިހައި ރީތި. އެކަކު އެ ގޭގެ އެއްފަޅި ވައްޓައިލައިފިއްޔާ ވާނީ ކިހިނެއް. މުޅި ގޭގެ ދުވަސް ދާނެ."

އެހެން މީހަކު ބުނެލިއެވެ. "އޭރުންވެސް ފަޅި ގެއެއް ހުންނާނެ."

ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "މި ދައްކަނީ ފަޅިގެއެއްގެ ވާހަކައެއް ނޫން. ކުރީގެ ގޭގެ ސިފައެއް ދެނެއް ނުފެންނާނެ. ދެން ފެންނާނީ ފަޅިގެއެއްގެ ސިފަ. މާނައަކީ ސިފަ ބަދަލު ވެގެން ހިނގައިދާނެއޭ. އެގެ ފެނިގެން މި މަގަށް އަނބުރައިލާ މީހުން ފަހުން ހުއްޓި ތިބެގެން ވިސްނަން ފަށައިފާނެ. މިއީ ހަމަ އެގެ ބާވައޭ، ނުވެސް އެނގެއޭ އެމީހުން ކިޔަން ފަށައިފާނެ. އަޅަންވީ މި މަގަށްހޭ އަހާނެ. އަސްލު މައްސަލައަކީ ދެނެގަތުމުގެ މައްސަލަ. އެއީ ސިފަ ހުންނަ ގޮތަކުން ކުރެވޭ ކަމެއް. ގޭގެ އެއްފަޅި ހަލާކު ކޮށްލައިފިއްޔާ ސިފަ ބަދަލު ވެދާނެ. އަންހެންކުއްޖާގެ ސިފަވެސް މި ބުނާހެން ކުޑަކޮށް ބަދަލުވީ ކަމުގައި ވެދާނެ. ކަލެއަށް އެ ކުއްޖާ ފާހަގަ ކުރަން ނޭނގެނީ އެހެންވެގެން. އަދި އެއް ފަހަރު ގޮސް ފަޅިމޫނު ފާހަގަ ކުރެވޭތޯ ބަލާ."

ބާދްޝާ ޖާނީ ދެވަނަ ތަށި ހުސްކޮށްލައިފިއެވެ. މިހާރު އަމަލުވާން ފަށައިފިއެވެ. ނަށައިގަންނާނަމޭ ހިތަށް އަރާން ފަށައިފިއެވެ. ތެދުވެ ކާލި އަޅަމުން ކަހަލަ ގޮތަކަށް ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަދެއްޖެއެވެ. ރުޚްސާނާ އިނީ އޭނާގެ ކަންފަތާއި، ނޭފަތާއި، ބޮލުގައި ހުރި ގަހަނާތައް ބައިލާށެވެ. ބާދްޝާ ފެނުނީމާ ބޭލުން ހުއްޓައިލައިފިއެވެ.

ބާދްޝާ ކާލި އަޅަމުން ކަހަލަ ގޮތަކަށް ގޮސް އެނދުގައި އިށީނދެއްޖެއެވެ. ރުޚްސާނާ އަނގައިންވެސް ނުބުނެ، ޖެހިލުންވެފައި އިނީއެވެ. މި ފަހަރު މޫނު ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. ބާދްޝާ އޭނާގެ ބުރުގާ އެއްފަރާތް ކޮށް، މޫނުގެ އަނދައިފައިވާ ފަޅި ނިވައިކޮށްލިއެވެ. މިހާރު ފެންނަނީ މޫނުގެ ރީތިކޮށް ހުރި ފަޅިއެވެ.

އެޔަށް ފަހު ފުންކޮށް އޭނާގެ މޫނަށް ބަލާން ފަށައިފިއެވެ. ފުރަތަމަ ބެލީ ލޮލަށެވެ. އެޔަށް ފަހު އެއް ލޯ މަރައިގެން އިނދެ ބަލާން ފަށައިފިއެވެ. "ވާހަކައެއް ބުނެބަލަ. ގޭގެ އެއްފަޅި ވައްޓާލައިފިއްޔާ ގޭގެ ސިފައަށް ބަދަލެއް އަންނާނެތަ؟"

ރުޚްސާނާ އިސް ދަށަށް ޖަހައިލިއެވެ. "އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ. ބަދަލު އަންނަނީ ފިރިހެނުންގެ ނަޒަރަށް."

ބާދްޝާ ތެދުވެއްޖެއެވެ. "އަބަދުވެސް ދައްކަނީ ތިޔަ ކަހަލަ ހަތަރުފަސް މޭލުގެ ވާހަކަ. އަހަރެން އެބަ އަންނަން."

އޭނާ ކޮޓަރިއަށް ވަން ގޮތަށް ކާލި އަޅަމުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އޭރު ތިންވަނަ ތަށި ހުރީ ތައްޔާރަށެވެ. އިތުރު ފުޅިއެއް ގަންނާން ދެމީހަކު ކާރުގައި ހިނގައްޖެއެވެ. އޭނާ ބޯން ފަށައިފިއެވެ. އަދި އަނގައިން "އޫނ... އޫނ..." ކަހަލަ އަޑެއް ނެރެން ފަށައިފިއެވެ.

"ވެރިޔާ. ތިޔަ ކިޔަނީ ކީކޭ؟"

އޭނާ ތަށި ބެހެއްޓުމަށް ފަހު ބުންޏެވެ. "ވެގެން އުޅޭގޮތް މިހާރު އެނގިއްޖެ. އެއީ ހަމަ އޭނާ. އަހަރެންގެ ފުރާނަ. އަހަރެންގެ ރުޚްސާނާ. ވެގެން އުޅޭގޮތް ކަލޭމެންނަށް އެނގޭތަ؟"

"ކިހިނެއްވީ؟"

"ހުރިހައި މައްސަލައަކީ ކޮޓަރީގެ އަލި. އަނދިރިކޮށް އޮތްނަމަ މޫނެއް ނުފެންނާނެ. އޮޅުމެއް ނާރާނެ. އަނދިރިކޮށް އޮތް ނަމަ އަހަރެންގެ ރުޚްސާނާ އަހަންނަށް ލިބުނީސް."

އޭނާގެ އެކުވެރިން އޭނާއަށް ސާބަސްދޭން ފަށައިފިއެވެ. "ސާބަހޭ ވެރިޔާ. ތިޔަ ދެއްކީ މޮޅު ވާހަކައެއް. އަނދިރިކޮށް އޮތިއްޔާ މޫނެއް ނުފެންނާނެ. ބޮނޑިއެއްވެސް ނުލިބޭނެ. އޭރުން ހުންނާނީ އަނބިމީހާ. މޫނެއް ނުހުންނާނެ."

ތިންވަނަ ތަށި ހުސްކޮށްލުމަށް ފަހު ބާދްޝާ އަނެއްކާވެސް ތެދުވެއްޖެއެވެ. ކާލިއަޅަމުން ގޮސް ކޮޓަރިއަށް ވަދެ، އަތަށް ލެވުނުހައި ބާރެއް ލާފައި ދޮރު ލައްޕައިފިއެވެ. އެޔަށް ފަހު ބޮކި ނިއްވާލައިފިއެވެ. "ތިޔަ އިން ގޮތަށް އިނދޭ. އަތަކަށް ޖެހިނުލާތި. ތިޔަހެން އިނދެގެން އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ. ފުރަތަމަ ސުވާލު... ފުރަތަމަ ދުވަހު ކޮލެޖު ދޮށުން އަހަރެމެން ދިޔައީ ކޮން ތަނަކަށް؟"

(ނުނިމޭ)

5 ޚިޔާލު

  1. މިބައި ގެނެސްދެއްވި އަވަސްކަމަށްޓަކައި ވަރަށް އުފާވެއްޖެ. ޝުކުރު ދަންނަވަން.އަނެއްބައި ވެސް ދިގު އިންތިޒާރަކާ ނުލާ ކިޔާލެވޭނެކަމަށް އުއްމީދުކުރަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.