ޔަހޫދީންގެ ޞަހްޔޫނީ (ޒަޔަނިސްޓް) މަރުކަޒެއް ކަމުގައިވާ، ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރުން ދޭ 'ފްރެންޑްސް އޮފް ޒަޔަން އެވޯޑް އަރަބި ފަސް ވެރިއަކަށް މިއަހަރު ދޭން ނިންމައިފިއެވެ.
އިސްރާއީލުން ގަދަބާރުން ހިފައި، އެ ގައުމުގެ ވެރިރަށް ކަމަށް ހަދައިގެން އުޅޭ ޤުދްސުގައި ހުންނަ އެ މަރުކަޒުގައި އޮތް ހަފުލާއެއްގައި މިކަން އިއުލާންކުރީ އެ މަރުކަޒުގެ ބާނީ ޑރ. މައިކް އިވާންސްއެވެ. "އިސްރާއީލުގެ ދައުލަތަށާއި، ޔަހޫދީންނާ އެކުގައި ތިއްބެވި" ލީޑަރުންނަށް ދޭ އެވޯޑް މިފަހަރު ލިބިވަޑައިގެންނެވި އަރަބި 5 ވެރިންނަކީ: ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާލްސުޢޫދު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރު މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް، ބަހްރޭންގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އާލްޚަލީފާ، މޮރޮކޯ (މަޣްރިބް) ގެ ރަސްގެފާނު މުޙައްމަދު ހަވަނަ އަދި އޮމާންގެ ރަސްގެފާނު ހައިޘަމް ބިން ޠާރިޤް އާލްސަޢީދުއެވެ.
އަރަބި 5 ވެރިންގެ އިތުރުން ސާބިޔާ، ރޫމޭނިޔާ، ޕެރެގުއޭ، ޗެކް ރިޕަބްލިކް، ޔޫގެންޑާ އަދި މަލާވީގެ ރައީސުންނަށްވެސް މި އެވޯޑް ދޭން ވަނީ ނިންމާފައެވެ.
"މިހުރިހާ ވެރިންވެސް އެބޭފުންގެ (ގައުމުތަކުގެ) އެމްސީތައް ޤުދްސަށް ބަދަލުކުރައްވާނެ. އަދި ވަގުތު ޖެހުމުން ހުރިހާ މުސްލިމް ލީޑަރުންވެސް އިސްރާއީލާއެކު ސުލްހަވެވަޑައިގަންނަވާނެ." މި ޙަފްލާގައި ވާހަކަދައްކަމުން އިވާންސް ބުންޏެވެ.
"މަޑުން ހުންނަވައިގެން މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހައިރާންކުރަނިވި ސުލްހައިގެ ހަރަކާތް ހިންގަވަނީ ކޮން ބޭފުޅެއްކަމާ މެދު އަހަރުންގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތް." ސައޫދީ ވަލީއަހުދަށް އިޝާރާތްކުރަމުން އިވާންސް ބުންޏެވެ. ސަހްޔޫނީ މަރުކަޒުގެ ވެރިޔާ އިވާންސްއަކީ ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކޮށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލުކުރި ޔަހޫދީ ވަފުދުގައިވެސް އިވާންސް ހިމެނުނެވެ.
ސައޫދީ އަރަބިއްޔާގެ އިރުމަތީ ފަރާތުންވެސް ބައެއް ހިމެނޭހެން އިސްރާއީލުގެ 'މަހާ' ދައުލަތެއް ގާއިމުކުރެމުގެ ހުވަފެން ދެކޭ އިވާންސް ވަނީ މިހަފުލާގައި ސައޫދީ ވަލީއަހުދަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ މުޙައްމަދު ބިން ސަލްމާނަކީ މިހާރު ދުނިޔޭގައި ތިއްބެވި ލީޑަރުންގެ ތެރެއިން އެންމެ ވިސްނުން ތޫނު، އެންމެ ދުރު މުސްތަގުބަލަށް ވިސްނަވާ ބޭފުޅާ ކަމުގައެވެ.
ކުރީ އަހަރުތަކުގައި މި އެވޯޑް ދީފައި ވަނީ މުޅިންވެސް ޣައިރު މުސްލިމް ލީޑަރުންނަށެވެ.