މީގެ 13 އަހަރުކުރިން އދ.ގެ ސަލާމަތީ މަޖިިލީހުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެގައުމަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން މިއަދު، 18 އޮކްޓޯބަރުގައި ނިމުމަކަށް އަތުވެއްޖެއެވެ. އެހެންކަމުން، އާއްމު ހަތިޔާރު ކަމުގައި ބެލެވޭ ހުރިހާ ހަތިޔާރެއް ގަނެވިއްކުމުގެ ހުއްދަ އީރާނަށް ލިބުނީއެވެ. އޭގެ ތެރޭގައި އެކިވަރުގެ ބަޑިއާއި، ރޮކެޓާއި، މިސައިލާއި، ހެލިކޮޕްޓަރާއި، ޓޭންކް ފަދަ ހަތިޔާރު ހިމެނެއެވެ.
"މިއަދުން ފެށިގެން ހަތިޔާރު ގަނެވިއްކުމާއި، އެކަމާގުޅޭ އިތުރު ކަންކަމާއި، ވިޔަފާރީގެ މުއާމަލާތައް މަނާކޮށްފައި އޮތް އޮތުން އޮޓޮމެޓިކުން ނިމުމަކަށް އައީއެވެ." އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެެެވެ.
އީރާނުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އައުމުގެ ކުރިން އދ. ސަލަމާތީ މަޖިލީހުން އެކަމުގެ މުއްދަތު އިތުރުކޮށްފައި ނުވާތީއާއި އެކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅެއް އަޅަން ނިންމާފައި ނުވާތީ އީރާނުން މިކަމަށް އިތުުރު ކަމެއް ކުރަން ނުޖެހެއެވެ.
"ބައިނަލްއަގުވާމީ މުޖުތަމައަށް ތާރީޚީ ދުވަހެއް. ނުލަފާ އެމެރިކާއިން ކުރި މަސައްކަތަށް ބޯނުލަނބައި ބައިނަލް އަގުވާމީ މުޖުތަމައުން ވަނީ ސަލާމަތީ މަޖިލީހުގެ ގަރާރު 2231 ދަމަަހައްޓާފައި. ދުނިޔެއާއެކު އޮންނަ އީރާނުގެ ދިފާއީ ގުޅުންތައް މިއަދު އަލުން އާދައިގެ ހާލަތަށް ރުޖޫއަވުމަކީ ގިނަގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، ސުުލްހައާއި، ސަރަހައްދުގެ ސަލާމަތަށް ލިބުނު ކާމިޔާބީއެއް." އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ކުރެއްވި ޓުވީޓެއްގައި ވެއެވެ.
ފައިތުވި އޮގަސްޓު މަހު އެމެރިކާއިން ވަނީ އީރާނަށް ހަތިޔާރު ވިއެްކުން މަނަކޮށްފައި އޮތުން ދަމަހައްްްޓަން ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ފާސްކުރަން މަސައްކަތްކޮށްފައެެވެ. އެހެންނަމަވެސް އެކަމުގައި އެމެރިކާއަށް ލިބުނީ ލަދުގަންނަ ވަރުގެ ނާކާމިޔާބީއެކެވެ. އެމެރިކާއާ އެއްކޮޅަށް ވޯޓުލީ ޑޮމިނިކަން ރިޕަބްލިކް އެކަންޏެވެ.
އީރާނުގެ އެކުވެރި ގައުމުތައް ކަމުގައިވާ ޗައިނާއާއި ރަޝިޔާއަށް އެ ދެ ގައުމު ބޭނުންނަމަ އެއްވެސް ހުރަހެއް ނެތި އީރާނަށް ހަތިޔާރު ވިއްކޭނެއެެވެ.
އެމެރިކާ އެންމެ ކަންބޮޑުވަނީ ރަޝިޔާއިން ހަނގުރާމަ މަތީ މަތިންދާބޯޓު ފަދަ ޒަމާނީ ހަތިޔާރު އީރާނަށް ވިއްކަފާނެެތީއެވެ.
އަނެއްކޮޅުން އީރާނުން ވަނީ އަމިއްލަ ގައުމުގައި ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކޮށްފައެވެ. އަދި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކުމުގެ ފުރުސަތުވެސް މިހާރު އީރާނަށް ލިބިގެން ދާނެއެވެ.