އާއްމު އިންތިޚާބުން ނާކާމިޔާބީއާ ކުރިލައްވަން ޖެހިވަޑައިގެންފިނަމަ ޕާޓީގެ ލީޑަރކަމުން އިސްތިއުފާ ދެއްވާނެކަމުގައި ނިއުޒީލެންޑުގެ ބޮޑު ވަޒީރު ޖެސިންޑާ އާރޑަން ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޖެސިންޑާ ޓީވީ ބަހުސެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިނުގެންފިނަމަ ލޭބަރ ޕާޓީގެ ވެރިކަމުން އިސްތިއފާދެއްވާނެކަމަށެވެ. އަދި އިދިކޮޅުޕާޓީގެ ލީޑަރެއްގެ ގޮތުގައި ނުހުންނަވާނެކަމަށެވެ.
ޖެސިންޑާ ވިދާޅުވިގޮތުގައި ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވަން ވަރަށް ގިނަ ގުރުބާނީތައް ވާން ޖެހެއެވެ. އަދި އޭނާ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވިކަމަށް ވެސް ވިދާޅުވިއެވެ.
ޖެސިންޑާ ވޯޓުދޭ ފަރާތްތަކަށް ދެއްވި މެސެޖުގައި ވިދާޅުވީ ގައުމަށް ވަރުގަދަ ސަރުކާރެއް ބޭނުންކަމަށެވެ. އަދި އިގުތިސާދީގޮތުން ގައުމު ހަރުދަނާ ކުރުމަށް ޔަގީންކަމެއް ނެތް ހާލަތުގައި ވެސް އެކުވެރިވެ ތިބުމަށް އޭނާ އެދިވަޑައިގަތެވެ.
ނިއުޒީލެންޑުގެ އާންމު އިންތިޚާބުގައި ވޯޓުލުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.
ޚިޔާލު ހޯދުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ވެރިކަން ކުރާ ލޭބަރ ޕާޓީ ވަނީ އިދިކޮޅު ކޮންޒެވެޓިވް ޕާޓީއަށް ވުރެ 15 ޕަސެންޓު ކުރީގައެވެ.
މިދިޔަ އަހަރު ނިއުޒިލެންޑުގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 51 މީހުން މަރާލި ހާދިސާއާއި މިއަހަރު ނިއުޒީލެންޑަށް ކުރިމަތިވި ކޮރޯނާ ވައިރަސްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ޖެސިންޑާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްތަކާ ގުޅިގެން ގައުމާއި ގައުމުން ބޭރުގައި އެކަމަނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައެވެ.