ނިއުޒީލޭންޑުން ޗައިނާއަށް ގެންދިޔަ 5867 ގެރިއާއިގެން ދަތުރުކުރި ބޯޓެއް ޖަޕާނާއި ދިމާއަށް ބޭރުން ގަދައިގައި ޖެހި ފެތިއްޖެއެވެ. މިހާދިސާގައި 42 ފަޅުވެރިންނާ ގެރިތައް ވަނީ ގެއްލިފައެވެ. ޖަޕާނުގެ ކޯސްޓު ގާޑުގެ އުޅަނދުތައް ނުކުމެ ކުރި މަސައްކަތުން ބޯޓުގެ ފަޅުވެރިއަކު ދިރިއޮއްވައި ކަނޑުން ނަގާފައި ވެއެވެ.
'ގަލްފް ލައިވްސްޓޮކް-1' ނަަމަކަށް ކިޔާ 139 މީޓަރު (456 ފޫޓު) ދިގު ބޯޓު ނިއުޒީލޭންޑުގެ ނޭޕިޔާއިން ޗައިނާގެ ޓަންގްޝާން ޕްރޮވިންސުގެ ޖިންގޓަންގ ބަނދަރަށް ދިއުމަށް ފުރީ ފާއިތުވި އޮގަސްޓު މަހުގެ 14 ވަނަ ދުވަހުއެެވެ.
އެ ބޯޓުން ހާލުގައި ޖެހިފައިވާކަން އަންގާފައި ވަނީ ބުދަދުވަހު ޠޫފާން މައިސަކް ޖަޕާނާއި ކޮރެޔާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ ވަގުތާ ދިމާކޮށެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ އަމާމީ އޮޝީމާ ޖަޒީރާގެ ހުޅަނގުންނެވެ.
އައްމާންގެ ރަހްމާ ކޮމްޕޭނިއާ ނަވިއޭރާ އެެސްއޭގެ ބޯޓެއްްގެ ގޮތުގައި ޕެނެމާގައި ރަޖިސްޓަރީ ކޮށްފައިވާ ލައިވްސްޓޮކް-1 ހާލުގައި ޖެހިފައިވާކަަމުގެ ސިގްނަލް ދިނުމާއު ބޯޓު ސަލާމަތްކުރަން ނުކުތް ޖަޕާނުގެ ކޯސްޓް ގާޑުގެ އުޅަނދުތަކަށް ކަނޑުމަތިން ސަލާމަތް ކުރެވުނީ ފިލިޕީންސްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 45 އަހަަރުގެ ސަރޭނޯ އެޑްވަރޯޑޯއެވެ. ބުދަ ދުވަހުގެރޭ ސަލާމަތުން ނެގި އެޑްވަރޯޑޯއަކީ އަޑިއަށް ދިޔަ ބޯޓުގެ ފަސްޓް އޮފިސަރެވެ.
ސަލާމަތްވި ފަޅުވެރިޔާއާ ހަވާލާދީ ޖަޕާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބޯޓު ބިޔަ ރާޅާއި ގަދަވަައިގެ ތެރޭގައި ބަންޑުންޖަހާލީ އެ ބޯޓުގެ އެއް އިންޖީނު ހަލާކުވެގެން އުޅެނިކޮށެވެ. އޭނާ ބުނި ގޮތުގައި 2002 ވަނަ އަހަރު ބަނދެފައިވާ އެބޯޓު ބަންޑުންޖަހާލުމުގެ ކުރިން ހުރިހާ ފަޅުވެރިން ލައިފް ޖެކެޓް އަޅަން އެންގިިއެވެ. އެހެންނަމަވެސް، ބޯޓު ބަންޑުންޖަހާލުމަށް ފަހު އޭނާއަށް އެއްވެެސް ފަޅުވެރިއަކު ފެނިފައި ނުވެއެވެ.
ބޯޓުން ދަތުރުކުރި ފަޅުވެރިންގެ ހިލަމެެއް ވޭތޯ ޖަޕާނު ކޯސްޓް ގާޑުގެ ތިން އުޅަނދާއި، ފަސް މަތިންދާބޯޓާއި، ފީނާ ދެ މީހުން އަދިވެސް ދަނީ އެ ސަރަހައްދު ހޯދަމުންނެވެ.
ސަލާމަތްވި ފަޅުވެރިޔާ ބުނިގޮތުގައި ފެތުނު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީ ފިލިޕީންސްގެ 39 މީހުންނާއި، ނިއުޒީލޭންޑުގެ ދެ މީހުންނާއި، އޮސްޓްރޭލިޔާގެ ދެ މީހުންނެެވެ.
ނިއުޒީލޭންޑުން އަހަރަކު 54 މިލިއަން ނިއުޒީލޭންޑް ޑޮލަރު (559 މިލިއަން ދިވެހި ރުފިޔާ) ގެ ދިރޭ ގެރި ބަކަރި ބޭރުކުރެއެެވެ. ކޮންމެ އަހަރަކު ކަނޑުމަތީގައި އެތައްހާސް ޖަނަވާރު މަރުވާތީ ނިއުޒީލޭންޑް ސަރުކާރުން ދަނީ ދިރޭ ގެރި ބަކަރި ބޭރުކުރުމުގެ ވިޔަފާރި މުރާޖައާކުރަމުންނެެވެ.