އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ " ފަލަސުރުޚީ" ގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން އޮނަން ޖެހޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރެވޭފަދަ ގޮތަކަށް ކަމަށެވެ. އެ އިޞްލާހާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އިސްލާޙު ގެންނަން ޖެހޭކަމަށް ޤަބޫލުފުޅުވެސް ކުރައްވާ ކަމަށެވެ. މާލަސްތަކެއް ނުވެ މަޖިލީހުގެ ތެރެއިން އެ ޤާނޫނަށް އިޞްލާޙު ގެނެވިގެން ދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
"އެމިނިވަންކަމާއެކު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމާއި ޤައުމުގެ ހަމަޖެހުން ގެއްލިގެން ނުދާގޮތަށް ކަންކަން ބަދަލުކުރެވި އެކަމަށް ފުރުޞަތުދެވޭނެ ގޮތެއް ހޯދުމަކީ ކުރަންވާނެ ކަމެއް. އަޅުގަނޑު ޤަބޫލުކުރަން އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދެން ޖެހޭނެކަމަށް. ރައްޔިތުންނަށް، މީ ހަމަޔާއި އިންސާފުކަމަށް ޤަބޫލުކުރެވޭ ގޮތަށް އެފަދަ ފުރުޞަތު ލިބިގެން ދާގޮތަށް ޤާނޫނަށް އިޞްލާޙު ގެނެވޭނެކަމަށް." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ޤާނޫނުއަސާސީން ދީފައިވާ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނަށް އިޞްލާޙު ގެނެސް ހަނި ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭރު އިދިކޮޅުގައި ތިއްބެވި މިސަރުކާރުގެ އިސްވެރިން ދިޔައީ އެކަމާ ކަނޑައެޅިގެން ދެކޮޅު ހައްދަވަމުންނެވެ. އަދި ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު، ހަނިކޮށްފައިވާ މިނިވަންކަން ހޯއްދަވައި ދެއްވާނެކަމުގެ ވަޢުދުވެވަޑައި ގެންނެވިއެވެ. ނަމަވެސް މި ސަރުކާރަށް ދެއަހަރުވާން ގާތްވެފައިވާއިރު އަދިވެސް އެ މިނިވަންކަން ހޯއްދައެއް ނުދެއްވައެވެ. އަދި ދާދިފަހުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ހުއްދަ ހޯދުމަކާ ނުލައި މާލޭގައި އެއްވެ އުޅެވޭނީ ކާނިވާސަރަޙައްދަށް އެކަނިކަން ހަނދާން ކޮށްދީފަ އެވެ.މި ނޫސް ބަޔާނާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑު ކިޔައިފައެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ އެ ނޫސް ބަޔާނަކީ ކޮވިޑްގެ ޙާލަތާ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއް ކަމަށެވެ.