ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް މާލޭގެ ބަނދަރު ކޮށްފައިވާ ފަޅު އޮޑިފަހަރުން ސާމްޕަލް ނަގަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް މިހާރުވެސް ދަނީ ސާމްޕަލް ނަގާ މިންވަރު އިތުރުކުރަމުންކަމަށެވެ. އެގޮތުން އެކްޓިވް ސަރވައިލަންސުންވެސް ނަގާ ވަރަށް ގިނަ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދާކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެކްޓިވް ސަރވައިލަންސްގެ ނަތިޖާ ތަކަށް ބެއްލެވުމަށްފަހު ސާމްޕަލްތައް ނަގާތަންތަނަށް ބަދަލުތައް ގެންނަކަން ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފަޅުއޮޑިފަހަރުގެ ސާމްޕަލުތައް ނަގަމުންދާތާ ދެދުވަހެއް ވަރު ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަތޮޅުތަކުގައި ވެސް ފްލޫ ކްލިނިކްތަކުން ނެގޭ ސާމްޕަލްތަކުގެ އިތުރުން ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެކްޓިވް ސާމްޕަލްތައް ނަގަމުންދާކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުންވެސް އެކްޓިވް ސާމްޕަލްތައް ނެގުން އިތުރުކުރުމަށް ހަމަޖައްސަވައިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާރު އަތޮޅުތަކުގެ ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ތިބީ މާލެއިން އިމްޕޯރޓް ވެފައިވާ ކޭސްތަކެވެ. އޭގެތެރިން ގިނައި މާލެ ދަތުރުކުރާ އުދަނދުން ފަހަރުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. ހއ. ކެލާގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕިއާއި ނުވަ ފަޅުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެއަތޮޅު އިހަވަންދޫގައި ދުއްވާ ދެ އުޅަނދަކުންވެސް ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ދަތުރު މަތީގައި މި ދެއުޅަނދު ބަނދަރުކުރި ބައެއް ރަށްރަށް ވެސް ވަނީ މޮނިޓަރިންގައެވެ.