އިސްލާމީ ގިނަ ގައުމުތަކެއްގައި އީދުނަމާދު ކުރީ މާސްކު އަޅައިގެން ދުރުދުރުގައި ތިބެގެން

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ އަލްއަޒްހަރު ގްރޭޓް މޮސްކްގައި މިއަދު އީދުނަމާދު ކުރަނީ

މިއަދު އިސްލާމީ ގިނަ ގައުމުތަކެއްގައި ފާހަގަކުރި އީދަކީ ފަހުގެ ތާރީޚެއްގައި މުސްލިމުން އެންމެ ފަނޑު ގޮތަކަށް ފާހަގަކުރި އީދެވެ. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް- 19 ގެ ސަބަބުން މުސްލިމުންނަށް ވެސް ޖެހިފައި ވަނީ ކޮވިޑް ގެ ހާލަތާ ގުޅޭ ގޮތަށް އީދު ފާހަގަކުރާށެވެ.

އާބާދީގެ ގޮތުން އެންމެ ބޮޑު މުސްލިމް ގައުމު އިންޑޮނޭޝިޔާގައި މިސްކިތްތަކުގައި އީދުނަމާދު ކުރި ނަމަވެސް، މިސްކިތްތަކަށް މީހުން ގޮސްފައި ވަނީ މާސްކު އަޅައިގެންނެވެ. އާދައިގެ މަތިން ހަދާގޮތަށް ޖަމާއަތުގައި ސަފު ހެދުމުގެ ހުއްދައެއް ނެތެވެ. ސަފު ހަދާފައި ވަނީ އެންމެ މަދުވެގެން 3 ފޫޓުގެ ދުރުމިން ހުންނަ ގޮތަށެވެ. އީދުނަމާދަށް ފަހު އަތާއަތް ޖޯޑުކޮށް، ނުވަތަ ކޮނޑާ ކޮނޑު ޖައްސައި ސަލާންކުރުން މަނަލެވެ. ޚުޠުބާ ވީހާ ބޮޑަށް ކުރުކުރަން އަންގާފައިވާއިރު، ގިނަ މިސްކިތްތަކެއްގައި އީދުނަމާދަށް ފަހު އުޟްޙިޔާ ކަތިލުންވެސް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

އިރުމަތީ އޭޝިޔާގެ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެއް ކަމަށްވާ މެލޭޝިޔާގައި ވެސް އީދު ނަމާދުކޮށްފައި ވަނީ 'ނިއު ނޯމަލް' އާ އެއް ގޮތަށެވެ. މިސްކިތަށް މުސައްލަ ހިފައިގެން މާސްކް އަޅައިގެން ދާން އަންގާފައިވާއިރު، މިސްކިތަށް ވަންނަ ކޮންމެ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ވަނީ ބަލާފައެވެ. އަދި ނަމާދަށް ތިބީ 3 ފޫޓު ދުރަގައެވެ. މެލޭޝިޔާގައި ވެސް މިސްކިތްތަކުގައި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުއަލަމްޕޫރުގެ ޓެންކޫ ޢަބްދުލް ޢަޒީޒު ޝާހު ޖާމިއު މިސްކިތުގައި 'ނިއު ނޯމަލް'ގެ ޝަރުޠުތާއެކު، 13 ގެރި ކަތިލާފައި ވެއެވެ.

މުސްލިމުންގެ އެންމެ މުޤަދަސް ބިންތައް ކަމުގައިވާ މައްކާއާއި މަދީނާ ހިމެނޭ ސައޫދީ އަރަބިއްޔާގައި ވެސް މައިދާންތަކުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ. އެހެންކަމުން އީދުނަމާދު ކޮށްފައި ހުއްދަދެވިފައިވާ މިސްކިތްތަކުގައެވެ. ކޮވިޑް- 19 އަށް ފަހު އައިސްފައިވާ 'ނިއު ނޯމަލް' ގެ އުސޫލުތަކާ އެއްގޮތަށެވެ. މިސްކިތްތަކަށް ދާން އަންގާފައި އޮތީ ގެއިން ވުޟޫކޮށްގެން މުސައްލަ ހިފައިގެން މާސްކު އަޅައިގެންނެވެ. އީދުނަމާދު ނިމުމަށް ފަހު ތަހުނިޔާ ބަދަލުކުރަން މިސްކިތުގައި މަޑުކުރުމުގެ ފުރުސަތް ނުދެއެވެ.

މެދުއިރުމައްޗާއި ޔޫރަޕް ގުޅައިދޭ 'ފާލަން' ތުރުކީގައި މިފަހަރު އީދުގެ ހަރަކާތްތަކުގެ އެންމެ މުހިއްމު މަރުކަޒަކަށް ވަނީ މިއުޒިމެއްގެ ގޮތުގައި 86 އަހަރު ހުރި ދާދިފަހުން މިސްކިތަކަށް ބަދަލުކުރި އާޔާ ސޯފިޔާއެވެ. އިސްތަންބޫލުގެ އެންމެ މުހިއްމު އެއް ބިނާ، އާޔާ ސޯފިޔާ ވަށައިގެން ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި އޮތަސް، މިސްކިތުގެ ބޭރުގައި އޮތް ޕާކު ސަރަހައްދާއެކު އޮތީ ފުރި ބާރުވެފައެވެ. އެހެންނަމަވެސް، ސޯޝަލް ޑިސްޓެންސިންގގެ އުސޫލަށް ތަބާވެގެން ޖަމާއަތުގެ ސަފު ހަދައިގެންނެވެ. މާސްކާއި މުސައްލަ މަޖުބޫރެވެ. ތުރުކީގައިވެސް އާއްމު ތަންތަނުގައި އުޟްޙިޔާ ކަތިލާފައި ނުވެއެވެ. އުޟްޙިޔާ ކަތިލަން ފައިސާ ދެއްކުމުން ކަތިލަނީ އެކަމަށް ޚާއްސަކުރެވިފައިވާ ތަންތަނުގައެވެ.

އިސްލާމީ ބައެއް ގައުމުތަކުގައި އީދުނަމާދު ޖަމާއަތުގައި ކުރުން މުޅިން މަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެ ގޮތުން މޮރޮކޯ (މަޣުރިބް)، އަލްޖީރިޔާ (އަލްޖަޒާއިރު)، އޮމާން، ޔޫއޭއީ، މިސްރު، އިރާގު އަދި ސީރިޔާގައި އީދު ނަމާދު ޖަމާއަތުގައި ކޮށްފައި ނުވެއެވެ.

މިއަހަރުގެ އަޟްޙާ ޢީދުގެ އުފާތައް މިފަދަ ގޮތަކަށް ފަނޑުވެފައި ވާއިރު، މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަންވެސް އަދާކޮށްފައި ވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. ސައޫދީ ސަރުކާރުން މިފަހަރު ޙައްޖުވުމުގެ ފުރުސަތު ދީފައިވަނީ އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 10 ހާހެއްހާ މީހުންނަށެވެ.

ކޮވިޑް- 19 އަދިވެސް މައިތިރިވުމެއް ނެތި ފެރެތުމުން ދާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 17 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. އަދި މި ބަލީގައި 6 ލައްކަ 70 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.