ބިދޭސީންގެ މައްސަލައިގެ ނުރައްކާތެރި ރަނގަބީލު

ފޮޓޯ: އާފަތިސް

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އާދައިގެ ރައްޔިތަކަށް ވެސް މާލޭގެ މަގުމައްޗަށް ނުކުމެލިއަސް ވަޒަން ކޮށްލެވޭނެއެވެ. މަގުތައް މަތިން ފެންނަ ބިދޭސީންގެ ޢަދަދު ދިވެހިންނަށްވުރެ ގިނައެވެ. މާރުކޭޓްތަކުގައި ބިދޭސީންނެވެ. ފިހާރަތަކުގައި ބިދޭސީންނެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ބިދޭސީންނެވެ. ކޮންޓްސްޓްރަކްޝަން މަސައްކަތް ތަކުގައި ބިދޭސީންނެވެ. ނުވިތާކަށް ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ވެސް ބިދޭސީންނެވެ. އަދި މިދަންނަވާ ލެވުނީ ބިދޭސީން އާދައިގެ މަސައްކަތްތަކުގައި ފެންނަ މިންވަރެވެ. ކޮންމެހެން ބޭނުންވާ ފަންނީ މަސައްކަތްތަކުގައި ވެސް އެތައް ބިދޭސީންނެކެވެ. ރިސޯޓްތަކުގައި ބޮޑު މުސާރަލިބޭ މަސައްކަތްތަކުގައި ބިދޭސީންނެވެ.  

ބިދޭސީންގެ ނުފޫޒު ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ވަދެފައެވެ.އެމީހުންގެ އަމިއްލަ ހޮޓާތަކާއި ކެފޭތަކެވެ. ރެސްޓޯރެންޓްތަކާއި ގެސްޓް ހައުސްތަކެވެ. މީހުންގެ އަމިއްލަ ކޮންޓްރަކްޝަން ގްރޫޕްތަކެވެ. ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބިދޭސީންގެ ނުފޫޒު ވަދެ މޫލާފައި ވާއިރު ބިދޭސީންނާ ގުޅޭ ގޮތުން އިވެނީ ބިރުވެރި ވާހަކަ ތަކެކެވެ. ފެންނަނީ ބިރުވެރި މަންޒަރުތަކެވެ. 

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސާފު ޢަދަދެއް ނޭގޭ!

މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ބިދޭސީންގެ ޢަދަދު އުޅުނީ 60 ހާހުގައެވެ. ނަމަވެސް މިހާރު ހަމައެކަނި ލިޔެކިޔުމެއް ނެތި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދުވެސް އުޅެނީ 66 ހާހުން މަތީގައިކަން ޤައުމީ ސަލާމަތީ ބާރުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ކަންކަމާބެހޭ ކޮމެޓީގައި ދެއްވި ބިދޭސީންގެ ޢަދަދު ތަކުން ހާމަވެއެވެ. ބިދޭސީންގެ ޢަދަދާ ބެހޭ ގޮތުން އެންމެ ފަހުގެ މަޢުލޫމާތަކަށް އޮތީ މަޖިލީހުގެ ކޮމެޓީގައި ޗީފް އޮފް ޑިފެންސް ފޯސް ހާމަކުރެއްވި ތަފާސް ހިސާބުތަކެވެ. 

މަޖިލީހުގައި ވާހަކަ ދައްކަވަމުން އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދެއްގެގޮތުގައި އިމިޤްރޭޝަން ޑިޕާރޓްމަންޓް ދެއްވައިފައިވަނީ  62 ހާސް ކަމަށެވެ. ނަމަވެސް އެ ޢަދަދު 80 ހާހާއި އެއްލައްކައާ ދެމެދުގައި އުޅޭނެ ކަމަށް މިނިސްޓަރ ފައްޔާޒު ލަފާކުރައްވައެވެ. 

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ 250،000  ބިދޭސީން ރާއްޖޭގައި އުޅޭއިރު 179،954 އެއްހާ ބިދޭސީން ރަޖިސްޓްރީވެގެން އުޅޭކަމަށެވެ. ޤަވާޢިދާ ޚިލާފަށް 66 ހާސް ބިދޭސީން އުޅޭ ކަމަށެވެ. މި ތަފާސް ހިސާބުތަކަކީ ޤައުމީ ދިފާޢީ ބާރަށް ލަފާދޭ މަޖިލީހުގެ ތެރެއިން ކޮމެޓީއެއް ނަގައިގެން ހެދި ސްޓަޑީއަކުން ހޯއްދަވައިފައިވާ މަޢުލޫމާތު ކަމަށްވެސް  ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިންވެސް އެނގުނީ ބިދޭސީން ޢަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވެ ރާއްޖޭގެ ޒުވާން އާބާދީއަށް ވުރެވެސް އިތުރު ވެފައިވާކަމެވެ. 

"ޤައުމެއްގެ މިނިވަން ކަމަށް ބުރޫ އަރާ ހިސާބަށް މިއޮތީ ގޮސްފައި. އަޅުގަނޑުމެންގެ ޔޫތު ޕޮޕިއުލޭޝަނަށްވުރެ ގިނަ މިމީހުންގެ (ބިދޭސީންގެ) ޢަދަދު." މޭޖަރ ޖެނެރަލް ޝަމާލު ވިދާޅުވިއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވީ 2014 އާއ 2019 ދޭތެރޭގައި 110،000  ބިދޭސީން އިތުރުވެގެން ދިޔަ ކަމަށެވެ. ރާއްޖޭގެ އާބާދީއަކީ ހަތަރު ލައްކަ ކަމުގައި ބެލިކަމުގައިވިއަސް 25 އިންސައްތަ އިތުރުވެގެން ގޮސްފައިވާކަމަށް ފާހަގަ ކުރެއްވިއެވެ . އެމުއްދަތުގައި އިޤްތިޞާދު އިތުރުވި ވަރާއި މީހުން އިތުރުވި ވަރު ކިހާވަރެއްތޯ އަޅާބަލަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ބިދޭސީންގެ މައްސަލަތައް، އިސްތިޢުމާރީ ބާރެއްގެ ގޮތުގައި!

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޗީފް އޮފް ޑިފެންސް ފޯސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކާބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް ޢަބްދުﷲ  ޝަމާލު ވިދާޅުވީ ބިދޭސީންގެ ފަރާތުން މިހާރު ފެންނަމުން ދަނީ ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން ހުންނަ ކަހަލަ ކަންކަން ކަމަށެވެ.

މުޖުތަމަޢުގެ ހުރިހާ ދިމާއަކުން ބިދޭސީން ފޫއަޅުވާލާއި ވަދެފައިވާކަން ފާހަގަ ކުރައްވައި ދިވެހިންނާ ކައިވެނި ކުރުމާއި ކުށްތަކަށް އަރައިގަތުމާއި އެންމެ ފަހުން ފުލުހުންނާ ވެސް ކުރިމަތި ލައިފައިވާކަން ޝަމާލު ފާހަގަ ކުރެއްވިއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށްވުމުން އެފަދަ މީހުންގެ މައްޗަށް ޤާނޫނެއް ޤަވާއިދެއް ވެސް ނުހިންގޭ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.  

ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ ރެގިއުލޭޓް ނުކުރެވި ރާއްޖޭގެ ބޯޑަރުތަކުން އެމީހުން ރާއްޖެއަށް ވަދެ  އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް ޢަމަލުތައް ހުންނާތީ ކަމަށް  ޗީފް އޮފް ނެޝަނަލް ޑިފެންސް ފޯސް  ޝަމާލު ވިދާޅުވިއެވެ. 

ދާދފަހުން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީއަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައިފައި ކަމަށްވެސް  ޗީފް އޮފް ޑިފެންސް ފޯސް  ޝަމާލް ވިދާޅުވިއެވެ.  މިނިންމުމާ ގުޅިގެން އިތުރު ފާސްޓް ޓްރެކެއްގެ (ހަލުއިމިނެއްގެ) ދަށުން ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި އެނޫން މީހުންނާމެދު ކަންތައް ކުރާނީ ކިހިނެއްތޯވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ހައަހަރަށް ރާއްޖެއަށް ބޭނުންވާ ވަރަށް ބިދޭސީން މިހާރުވެސް ރާއްޖޭގައި އެބަ ތިބިކަން ފާހަގަ ކުރައްވާ މޭޖަރ ޖެނެރަލް ވިދާޅުވީ އެމީހުން ޤާނޫނީ އިމުގެ ތެރެއަށް ވައްދާ މަސައްކަތްތެރިން ބޭނުންވާ ކުންފުނިތަކަށް ދޫކުރުމަކީވެސް ކުރެވިދާނެ ކަމަށް ވާހަކަ ދެކެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ބިދޭސީން، އިންސާނީ ވަގުފާރިއަކަށް!

ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާއިރު، ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ހިންގާފައިވާ އިންސާނީ ވަގުފާރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގައި ބިދޭސީންގެ މައްސަލައިގައި ބަހުސް ކުރިއަށް ދިޔަ ޖަލްސާއެއްގައި  ވާހަކަ  ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ބިދޭސީންނާ ބެހޭ މައްސަލައެއް ނޫންކަމަށެވެ. މނިސްޓަރ ފައްޔާޒުގެ ވާހަކައިން ދޭހަވީ މިހާރު ބިދޭސީންގެ ފަރާތުން ފެންމަތވެފައިވާ މައްސަލަތަކަކީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޖަރީމާއެއްގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެއްކަމެވެ. 

"ބިދޭސީންގެ މައްސަލައިގެ ގޮތުގައި އަޅުގަނޑުމެން މިކިޔާ މައްސަލައަކީ ، އަޅުގަނޑު ދަންނަވާނީ ދިވެހި މުޅި ތާރީޚުގައި އެންމެ ހަޑިމުޑުދާރުކޮށް ހިނގާފައި އޮތްކަން. އިންސާނުންތަކެއް ވިއްކައިގެން ދިވެހިރާއްޖޭގައި ކޮށްފައި އޮތް، މިހާ ހަޑިމުޑުދާރުކަމެއް އަޅުގަނޑަކަށް ހަމަގައިމުވެސް، އަޅުގަނޑުގެ މިއުމުރުގައި ފެނިފައެއް ނެތް.  އެމްއެމްޕީއާރްސީގެ  މައްސަލައަކީ މުޑުދާރުކަމެއް ނޫން މި މައްސަލައާ އަޅާބަލާއިރު. އެތައް ބައިވަރު އިންސާނުންތަކެއްގެ ނާޖާއިޒު ފައިދާ، އަނިޔާވެރިކަމާ އެއްކޮށް ހޯދައި، މުޅި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އިޤްތިޞާދަށް ވެސް އޭގެ ނުރައްކާ،  ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް ވެސް އޭގެ ނުރައްކާތަކެއް ކުރިމަތިކުރުވާފައި އޮތް ކަމެއް." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. 

ދާދި ފަހުން ބިދޭސީންގެ ފަރާތުން    ފެނިގެންގޮސްފައިވާ ޢަމަލުތަކަކީ ވެސް އެމީހުންނާމެދު ދިވެހިންގެ ޢަމަލުތައް ހުރި ގޮތުން ހިނގާދިޔަ ކަމެއްކަން އެބައި މީހުންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހާމަވިއެވެ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސިންގެ ހަމަނުޖެހުމަކީ އެމީހުންނަށް މުސާރަ ނުދީގެން ހިންގައިފައިވާ ހަމަނުޖެހުމެއް ނޫންކަން އެމީހުންގެ ޤާނޫނީ ވަކީލުން ބުނެއެވެ. އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ބިދޭސީންނަށް އަނިޔާވެރިވުމުގެ ގޮތުން ބިދޭސީންގެ ފުރާނައާއި ހަށިގަނޑަށް ގެއްލުން ދޭނޭ ކަމުގެ އިންޒާރުދީ މުސާރަ ނުދީ ޑިޕޯޓްކޮށްލާނެ ކަމުގެ އިންޒާރުދިނުމުގެ ސަބަބުންނެވެ.

ހުޅުމާލޭގައި ހިނގާ ދިޔަ ހަމަނުޖެހުމަކީ ވެސް އެމީހުންނަން ލިބެންޖެހޭ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށް ރުޅިއަރުވައިގެން މަގުމައްޗަށް ނެރެ އެންމެ ފަހުން ފުލުހުންނާ ކުރިމަތިލާ ހިސާބަށް ދިޔަ ހަމަ ނުޖެހުމެކެވެ. 

ބިދޭސީންގެ މައްސަލަ ހައްލު ނުވެ އެތައް އަހަރެއް!

ބިދޭސީން ރާއްޖެ އަށް ގެނެސް އެމީހުން މަގުމަތި ކުރުވާ ވާހަކަ އަކީ ވަރަށް ކުރިން ފެށިގެންވެސް ދެކެވޭ ވާހަކަ އެކެވެ. އެމީހުން ގެންނަނީ ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތް ތަކުގެ ނަމުގައެވެ. ދާދި ފަހުންރައްޔިތުންގެ މަޖިލީހުގައި ބިދޭސީންގެ މައްސަލައިގައި ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރަކު ވިދާޅުވީ ގޮތުގައި ރާއްޖޭގެ ރަށެއްގައި އަސާސީ ޚިދުމަތެއްގެ މަސައްކަތް ކުރުމަށް ބޭނުންވާ މީހުން ރާއްޖެއަށް އެތެރެ ކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުން، އެމަސައްކަތް ހިންގުމަށް ރާވާފައިވާ ރަށުގެ އާބާދީއަށްވުރެ މަސައްކަތް ކުރުމަށް ގެންނަން އެދިފައިވާ ބިދޭސީންގެ ޢަދަދު ގިނައެވެ. އެކަމުގެ ލިޔެކިޔުންތައް މިހާރުވެސް އެމެމްބަރު އަތުގައި އެބަހުރި ކަމަށް ވިދާޅުވިއެވެ. 

ޤަވާއިދާ ޚިލާފަށް އުޅެ ބިދޭސީން އެކި ގޮތްގޮތުން ޤަވާއިދާ ޚިލާފުވާކަމަށް  އިކޮނޮމިކް މިނިސްޓަރގެ ވާހަކައިން ފާހަގަ ކުރެވުނެވެ. އޭގެތެރޭގައި ވަގުފާރީގެ ތެރެއިން އޮޅުވާލައިގެން ރާއްޖެ ގެނެސް މަގުމަތިކުރުވާ ބިދޭސީންނާއި ޓޫރިސްޓް ވިސާގައި ގެނެސް މަގުމަތީ ކުރުވާ މީހުންނާއި ބިދޭސީން ގެންނަ ކުންފުނި ބަނގުރޫޓްވެ ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ވިސާފީ ނުދެއްކުމުން ޤަވާޢިދާ ޚިލާފު ނުވަތަ އަންޑޮކިއުމެންޓެޑްވާ މީހުން ހިމެނެއެވެ. 

" އެބަތިބޭ ބިދޭސީ ވަގުފާރީގެ ތެރެއިން ގެނެއްސަ ތިބި މީހުން. އެއީ ކޮންމެވެސް ކުންފުންޏެއް ހަދައިލާފައި، ކޯޓާއެއް ހޯދައިލާފައި، ޑިޕޮޒިޓް ފައިސާ ވެސް ބަހައްޓާފައި ގެންނަނީ. ގެނެއްސަ އެ މީހުން މަގުމައްޗަށް ދޫކޮށްލަނީ. އެ އަންނަ މީހާ ޤަބޫލުކުރަނީ، ތިމަންނައަށް ހަމަ ރަނގަޅު ވަޒީފާއެއް ލިބިގެން އަންނަނީ ކަމަށް. އެހެންވީމާ، އަނެއްހެން ހަމަ ވަރަށް އަނިޔާވެރިކޮށް އެކަން ވެސް ކޮށްފައި ހުންނަނީ. އަނެއްބައި ފަހަރު އެބަ ތިބޭ ޓުއަރިސްޓް ވިސާ ގައި ގެނެއްސަ. އޭގެތެރޭގައި އެބަތިބޭ އެނގިގެން އަންނަ މަސައްކަތްތެރިން ވެސް. އަދި ތިމަންނާ މި އަންނަނީ ހަމަ ވަޒީފާއަށް ކަމަށް ހީކޮށް އަންނަ މީހުންވެސް.  އޭގެ އިތުރުން ވިޔަފާރިއެއް ކުރަމުންދާ ބަޔަކު، އެ ވިޔަފާރި ބަނގުރޫޓު ވެގެން ނަމަވެސް، އެނޫނީ ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް ފައިސާ ނުދެއްކީމާވެސް އެމީހުން  އަންޑޮކިއުމެންޓެޑް ބަޔަކަށް ބަދަލުވެގެން އެބަދޭ."  ޤަވާޢިދާޚިލާފަށް އުޅޭ ބިދޭސީން އިތުރުވާ ސަބަބުތައް ހާމަކުރައްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. 

ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު އަނބުރާ ޤައުމަށް ދާން ބޭނުންވާކަން ފާހަގަ ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމީހުންނާމެދު ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އެމީހުން ތިބީ ބިރުން ކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވިއެވެ. 

"ރިޕެޓްރިއޭޝަން މަސައްކަތް ފެށުމާ ގުޅިގެން އެނގޭ ޙަޤީޤަތަކީ، އެތައް ބައިވަރު ބަޔަކު އެބަތިބިކަން ދާން ބޭނުންވާ. ދެވޭނެ ގޮތެއް ނެތިފައ.  ދާނެ ތަނެއް ނޭނގިފައި. އެ މީހުން ދާން އަންނައިރު ހައްޔަރުކުރާނެތޯ، ބަންދުކުރާނެތޯ، ޖަލަށް ލާނެތޯ ނޭނގިފައި. އެކަމުގެ ބިރުވެރިކަމުގައި އެމީހުން ފިލާ ވެސް އެބަތިބި." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. 

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް ހުޅުވާލުމުން 43 ހާސް ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޮވިޑާ ކުރިމަތިލާން ނުޖެހުނުނަމަ އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބޭނީ ޤަވާޢިދުގެ ތެރެއަށް ރަސްމީކޮށް ވެއްދިފައިކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ބިދޭސީން ސިޔާސީ ހަތިޔާރަކަށް!

މިހާރު ފެންނަމުންދާ އަނެއް މަންޒަރަކީ ބިދޭސީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރަމުންދާ މަންޒަރެވެ. ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާއިރު، ބިދޭސީން ނުވަތަ ބިދޭސީންނާ ގުޅޭ މައްސަލަތައް ސިޔާސީ ހަތިޔާރަކަށް ހެދުން އެއީ މައްސަލަ އިތުރށް ގޯހުން ގޯހަށް ދާނެކަމަކަށް ނޫނީ ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ބިދޭސީންގެ މައްސަލަތައް ކުރީ ސަރުކާގެ ބޮލުގައި އަޅުވަމުންނެވެ. އަދި ބިދޭސީން މިހާރަކަށް އައިސް ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވެސް އިދޮޅުން ކުރުވާކަންކަން ކަމަށް ތުހުމަތު ކުރައްވަމުންނެވެ. 

ސިޔާސީ މަޤްޞަދު ޙާޞިލް ކުރުމަށް ބިދޭސީން ބޭނުން ކޮށްގެން މުޒާހަރާ ކުރުމާއި ހަމަނުޖެހުން ހިންގުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބިދޭސީންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި  އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އެއީ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ނޫން ކަމަށާއި އިދިކޮޅު ފަރާތައް  ނޫނަސް  ސިޔާސީ މަޤްޞަދު ޙާޞިލް ކުރަން ކަންކަން ކުރާ މީހުން އުޅޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. 

ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީވެސް ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ މުސާރައިގެ މައްސަލައިގައި ނޫނީ ޙައްޤުތަކެއް ނުލިބިގެން ނޫން ކަމަށެވެ. އެކަމުގެ ފަހަތުގައި އެހެން ބަޔަކު އުޅޭ ކަމަށާއި އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން ދާކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭން ޖެހެއެވެ. އަދި އުޅޭނެ ތަނެއް ދޭން ޖެހެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ދެކަންވެސް  ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެއެވެ." ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުވާނެ ގޮތާ ބެހޭގޮތުން ރައީސް ނަޝީދު ޝާއިޢުކުރެއްވި ލިޔުމެއްގައި ވެއެވެ. 

ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާއިރު، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބިދޭސީންނާއި އެމީހުންނާ ގުޅޭ މައްސަލަތައް ބޭނުންކުރުމުން  ނުކުންނާނީ އެންމެ ރަނގަޅު ނަތީޖާތޯ ސިޔާސީވެރިންވެސް ވިސްނާލަންޖެހެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.