މާޒީގެ ނަޒަރުން: ހައްދު ފަހަނަޅައި ދިޔުމާއި ހަރުކަށި ފިކުރު

ހައްދު ފަހަނަޅައި ދިޔުމާއި ހަރުކަށި ފިކުރުގެ ވާހަކައަކީ މިއަދު މުޖުތަމަޢުގައި އާ ވާހަކަތަކެއް ނޫނެވެ. އެކި މިންވަރަށް މި އަޑުތައް އިވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް މި މަފުހޫމުތަކުގެ މާނަ، ހަގީގީ މާނަ އަޅުގަނޑުމެންފަދަ ޢާއްމުންނަކަށް މާ ރަނގަޅަކަށް ނުވިސްނެއެވެ. އެކި މީހުން މި މަފުހޫމުތައް މާނަކުރަނީ އެކި ގޮތަށެވެ. އެ މީހެއްގެ ވިސްނުމަށް ފެންނަ ގޮތަށެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގޮތުން ހައްދު ފަހަނަޅައި ދިޔުންކަމަށް ބައެއް މީހުން މާނަކުރެއެވެ. އަނެއް ބަޔަކު މާނަކުރަނީ އެއީ ގޮތް ދޫނުކޮށް ކޮންމެ މީހަކު ވެސް އެ މީހާގެ ގޮތް ފަތުރާން މަސައްކަތްކުރުން ކަމަށެވެ. އަދި މިއީ އެއް ފިކުރެއް ކަމަށް ވެސް ބައެއް މީހުން ބަލައެވެ. އެހެންކަމުން ހައްދު ފަހަނަޅައި ދިޔުމާއި ހަރުކަށި ފިކުގެ މައްޗަށް ތަންކޮޅެއް ފުން ނަޒަރަކުން ބަލައިލާހިތްވެއްޖެއެވެ.

އެންމެ ފުރަތަމަ ހައްދު ފަހަނައަޅައިދިޔުން އަޅުގަނޑުމެންނަށް އެނގޭނީ "ހައްދު"ގެ މާނަ އެނގިގެންނެވެ. ދިވެހީންގެ ގިނަ މީހުންނަށް މިހާތަނަށް "ހައްދު"ގެ މާނަ ވިސްނިފައި އޮންނާނީ އެއީ "ވަކި ބާވަތެއްގެ"  ކުށެއް ސާބިތުވުމުން އެ ކުށް ސާބިތުވި މީހެއްގެ ގައިގައި ދުއްރައިން ތަޅާ ތެޅުމަށެވެ. ޖަލްދުކުރުމަށެވެ. އެކަމަށް ޤުރުއާނުގައި ކަނޑައެޅިފައިވާ ނަމަކީ ޖަލްދުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ) "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން ޖަހާށެވެ! (ޖަލްދުކުރާށެވެ!)" [1] (سورة النور:2). ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ވެސް މިހާރު އޮންނަނީ މި ލަފުޒެވެ. ޖަލްދުކުރުމެވެ. ޖަލްދުކުރުމަށް "ހައްދުޖެހުމޭ" ތަންކޮޅެއް ކުރީން ކިޔައި އުޅުނީ އެ އަދަބުދެވެނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ޙައްދުން ބޭރަށް ނުކުތުމުން ދޭ ޢުޤޫބާތަކަށް ވާތީ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ހައްދުގެ މާނައަށް ތަފުޞީލުކޮށް ބަލައިލާން ބޭނުންވީއެވެ.

ޙައްދަކީ ބަސްފޮތް ބުނާ ގޮތުން ނަމަ، "އިމެވެ." "ވަކި ހިސާބެކެވެ." ވަކި އިމެއްގެ މާނައަކީ ފެށޭ ހިސާބަކާއި ނިމޭ ހިސާނެއް އޮންނާނެ އެއްޗެކެވެ. ހިސާބަކީ ވެސް ފެށުމެއް އޮންނާނެ ތަނެކެވެ. އިސްލާމީ ޝަރީޢާގައި ވެސް ވަކި އިމެއް ކަނޑައެޅިފައިވެއެވެ. ކުރާންޖެހޭ ކަންތަކާއި ކޮށްގެން ނުވާނެ ކަންތައް އެއީ ޝަރީޢާގެ އިމުގެ ދެކޮޅެވެ. ވާޖިބު ނުވަރަ ފަރުޟުކަމެއް ނަމަ ކުރުން މަޖުބޫރެވެ. ޙަރާމް ކަމެއް ނަމަ، ނުކުރުން މަޖުބޫރެވެ. ވީމާ މި ދެމެދުގައި ހިފަހައްޓައިގެން ހުރެއްޖެ ނަމަ އެހުރެވެނީ ދީނުގެ ހައްދުގެ ތެރޭގައެވެ. ހައްދުން ބޭރު ނުވެއެވެ. މި އިމުން ބޭރުވެއްޖެ ނަމަ އެއީ ހައްދުން ބޭރުވުމެވެ. ހައްދުފަހަނަޅައި ދިޔުމެވެ. ސަވާބު ހޯދުމުގެ ނަމުގައި ނަމަވެސް ކުރާން އޮތް ކަމަކަށްވުރެ އިތުރަށް އަޅުކަން ކުރުމަކީ ހައްދުން ބޭރުވުމެވެ. މިސާލަކަށް ހައްޖަށް ގޮސް މިނާގައި ތިބޭ އިރު ނާމަދު ޤަޞްރުކުރުމަކީ އިސްލާމްދީނުގެ މިންގަނޑެވެ. ނަމަވެސް ސަވާބު އިތުރުކުރާން ކަމަށް ހީކޮށް ގަސްރުނުކުރުމަކީ ހައްދުން ބޭރަށް ދިޔުމެވެ. އަނެއްކޮޅުން އިސްލާމް ދީނުގެ ރުކުންތަކުންއެންމެ ރުކުނެއް ވެސް އަދާ ނުކޮށް ދޫކޮށްލުމަކީ މި ދެންނެވި ހައްދުން ބޭރަށް ދިޔުމެވެ. ﷲ ޙަރާމްކުރައްވައިފައިވާ ޢަމަލެއް ކުރުމަކީ ހައްދުފަހަނަޅައިދިޔުމެވެ. ﷲ ވާޖިބުކަމެއް ގަސްތުގައި ދޫކޮށްލުމެވެ. ނުވަތަ ޙަރާމްކުރައްވައިފައިވާ ނުވަތަ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ޢަމަލެއް ކުރުމެވެ. މިސާލަކަށް ރަނގަޅާއި ނުރަނގަޅު، ހައްގާއި ބާތިލެވެ. ކީރިތި ގުރުއާނުގައި ހައްދުގެ ގިނަ ގޮތް ކަމުގައިވާ 'ހުދޫދު"، (އިންތައް) މި މާނައިގައި ސާދަ ފަހަރު ބޭނުން ކުރެވިފައިވާކަމަށް ޢިލްމުވެރީން ބަޔާންކުރައްވައެވެ. މިއިން އެއްވެސް ފަހަރަކު، އޭގެ މާނަ ހައްދު ޖެހުމުގެ (އަދަބު ދިނުމުގެ) މާނައަކާ ނުގުޅެއެވެ. މި ތަންތަނުގައި މާނަ ގުޅެނީ މަނާކުރެވިގެންވާ ކަންކަމާއެވެ.

"ހައްދުޖެހުން" މި އިބާރާތް، ޢުޤޫބާތް ނުވަތަ އަދަބުދިނުމުގެ މާނައާ ގުޅިފައިވަނީ އެހެން ގޮތަކަށެވެ. މިގޮތުން، އެންމެ ފުރަތަމަ، "ހުދޫދު" ބޭނުންކުރެވޭން ފެށީ ދީނުގައި މަނާކުރެވިގެންވާ ކަންކަމަށް އިޝާރަތްކުރާށެވެ. މީގެތެރޭގައި އެ ކަންކަން ކޮށްފި ނަމަ، އުގާބާތެއް ކަނޑައެޅިފައި އޮންނަ ކަންކަން ކީރިތި ގުރުއާނާއި ނަބަވި ސުންނަތުގައި، ހިމެނެއެވެ. މި އަށް ފަހު، ދެން، ހައްދު ބޭނުން ކުރެވެންފެށީ ސީދާ މި އިޝާރަތްކުރި ކުށްތަކަށް ކަނޑައެޅިފައި އޮންނަ އުގޫބާތުގެ ސިފައަށް ނުވަތަ ސޫރައަށް އިޝާރަތްކޮށެވެ. ޚާއްސަކޮށް ޖަލްދުކުރުމަށް، (އެބަހީ: ދުއްރާއިން ތެޅުމަށް) އިޝާރަތްކޮށެވެ. ކީރިތި ގުރުއާނުގައްޔާއި އަދި ނަބަވީ ސުންނަތުގައި ކަނޑައެޅިފައިވާ ގިނަ އުގޫބާތްތަކުގެ ސޫރަ ނުވަތަ ސިފައަށް ބަލާއިރު އެންމެ އާންމީ ތެޅުމެވެ. މި ތެޅުމުގައި 'ހައްދެއް" އެބަހީ 'މިނެއް"، ('ވަކި އަދަދެއް') ކަނޑައެޅިފައި އޮވެއެވެ. މިސާލަކަށް: ސަތޭކަ އެތިފަހަރު ނޫނީ އަށްޑިހަ އެތިފަހަރު ނޫނީ ސާޅީސް އެތިފަހަރު މި ގޮތަށް (ހައްދެއް، ވަކިމިންވަރެއް ނުވަތަ އަދަދެއް) ބަޔާންކުރެވިފައި އޮވެއެވެ. މި ގޮތަށް ވަކި އަދަދަކަށް ތެޅުން ކަނޑައެޅިފައި އޮންނާތީ މިފަދަ އުގޫބާތަށް ހައްދޭ، (ލަފްޒީ މާނައަކީ "މިން") ކިޔާން ފެށުނީއެވެ. އާދޭހެވެ! މިހިސާބުން އުގާބާތުގެ މާނައިގައި "ހައްދު" މި ލަފުޒު ބޭނުންކުރާން ފެށުނީއެވެ. މިކަން ފެނިގެންދަނީ އިސްލާމީ ތަޢުލީމުގެ ތެރެއިން ފިގުހު އުފެދި، އެ އިލްމު ފުރިހަމަވުމުންނެވެ. ފިގުހުގައި، ޤިޞާބް ފިޔަވައި އެހެން ޢުޤޫބާތްތަކުގެ ވާހަކަދައްކާއިރު، އެވާހަކަތައް ގެނެވިފައި އޮންނަތަން ފެންނަނީ 'ހުދޫދުގެ ބާބުގެ" ދަށުގައެވެ. ނަމަވެސް ހަގީގަތުގައި ދިވެހީން ހައްދުޖެހުމޭ ކިޔައިއުޅުނީ "ޖަލްދުކުރުމަށެވެ. ހައްދު ފަހަނަޅައި ދިޔުމުގެ ވާހަކަ ދައްކާއިރު ހައްދަކީ ކޮބައިކަން ބަޔާންކޮށްލުމަށްޓަކައި މި ވާހަކަ މިހައި ތަފްޞީލުކޮށް ދަންނަވައިލީއެވެ. ދީނީ ގޮތުން ހައްދު ފަހަނަޅައިދިޔުމަކީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުން (އިމުން) ބޭރަށް ދިޔުމެވެ. "މާޒީގެ" ނަޒަރުންނެވެ.

ދެން ހަރުކަށި ފިކުރަށް ބަލައިލަމާތޯއެވެ! މި ފިކުރަށް ބަލައިލުމުގެ ކުރީން "ހަރުކަށި" މި ލަފުޒުގެ މާނައަށް ބަލައިލުން މުހިއްމެވެ. "ހަރުކަށި" މިއީ ނަންއިތުރެކެވެ. ދިވެހި ބަސްފޮތް ބުނާ ގޮތުން އެ ލަފުޒުގެ މާނައަކީ "އޮބައިނުލެވޭ، ލަބައިނުލެވޭ"އެވެ. މަޖާޒީ މާނައަކީ "ގޮތްދޫނުކުރާ، އަމިއްލަ ގޮތެއް ހުރި"އެވެ. އެހެންވީމާ "ފިކުރު"ގެ ކުރިއަށް "ހަރުކަށި" މި ނަންއިތުރު އިތުރުކުރުމުން އެ ދޭހަވަނީ ގޮތް ދޫނުކުރާ ފިކުރެއްގެ ގޮތުގައެވެ. އަމިއްލަ ގޮތް ގެންގުޅޭ ފިކުރުގެ ގޮތުގައެވެ. ދީނުގައި ވަކި ގޮތަކަށް އޮންނަ ކަމެއް ދޫކޮށް ތިމާގެ ހަމަނަފުސު އެދޭ ގޮތަށް، ތިމާގެ ގޮތް ދޫނުކޮށް ކަންކަންކުރުމެވެ. ޝައިޠާނުއްރަޖީމް ވެސް ކަންތައް ކުރި ފަދައިންނެވެ.

އިސްވެ ދިޔަ މާނަތަކަށް ރިޢާޔަތްކުރާއިރު ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ސަމާޙަތާއި އަމާންކަމާއި ޙައްޤުތަކާ އިދިކޮޅު ފިކުރުކަން އެބަ އެނގެއެވެ. އިންސާނީ ޠަބީޢާތާ ޚިލާފު މުންކަރާތްކަކީ "ޙައްޤު"ކަމަށް ބުނެ ތިމާ ބޭނުންވާ ތިމާގެ އަމިއްލަ ގޮތް ދޫނުކޮށް ބާޠިލާއި ޖާހިލިއްޔަތު ކުރިއަރުވާން މަސައްކަތްކުރާ އިބިލީހުގެ ފިކުރުކަން ސާބިތުވެއެވެ. ލަޢުނަތްލެއްވި އިބިލީހަށް ލަޢުނަތް ލެއްވުނީ އޭނާގެ ގޮތްދޫނުކުރުމާއި އޭނާގެ ބޮޑަކަމާއި އަމިއްލަ ހަރުކަށި ފިކުރުގެ ސަބަބުންނެވެ.

މުޅި ކާއިނާތުގެ ވެރި ރައްބަކީ ޙައްޤުވަންތަ ރަޙުމާނުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެ ނޫން ފަރާތަކަށް އަޅުކަން ކުރުމަކީ ބާޠިލު ކަމެކެވެ. އެކަލާނގެ އިންސާނާއަށް އަމުރުކުރައްވައިފައިވަނީ ޙައްޤަށެވެ. ފައިދާހުރި ކަންކަމަށެވެ. މީގެ އިދިކޮޅު، ބާޠިލު ކަންކަމަކީ މުންކަރާތްތަކެވެ. އެ ކަންކަމަށް އަރައިގަތުމަކީ އެއީ ބޮޑާކަމާއި ހަރުކަށިކަމެވެ. އިބިލީހުގެ މަގެވެ. އެހެންކަމުން މިއަށްވުރެ ބޮޑު ހަރުކަށިކަމެއް އެބަ އޮތްތޯއެވެ!

ޙައްޤާއި ބާޠިލު ކަނޑައެޅުއްވުމުގެ ހުރިހާ ބާރުވެރިކަމެއް މިލްކުވެވޮޑިގެންވަނީ ޙައްޤުވަންތަ މާތް ﷲއަށެވެ. އެއީ އިންސާނުންނަށް އޮތް ޙައްޤެއް ނޫނެވެ. މުންކަރާތްކަމަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ބާޠިލުކަންކަމަށް ޙައްގޭ، މިނިވަންކަމޭ ކިޔުމަށްވުރެ ބޮޑު ހަރުކަށި ފިކުރެއް މި ވުޖޫދުގައެއް ނުވެއެވެ. އެއީ ބޮޑާކަމާއި ހަރުކަށިކަމެވެ.

އިސްލާމް ދީނާ ބީރައްޓެހި، ޣައިރު މުސްލިމުންގެ އާދަކާދަތަކާއި މުންކަރާތްތަކަށް ވާކާލާތުކުރުމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ލާދީނީ ފިކުރޭއެވެ. ނަމަވެސް ލާދީނީ ފިކުރަށް "މިނިވަން ފިކުރު"ގެ ނަން ވަކި ބަޔަކު ދިނީ ވަރަށް ބޮޑު ރޭވުންތެރިކަމެއްގެ ދަށުންނެވެ. ގަސްތުގައެވެ. ދުރާލައި ރޭވިގެންނެވެ. އެއީ "ލާދީނީ" މި ލަފުޒުން ރައްޔިތުންނަށް އަސަރު ކުރާލެއް ބޮޑުކަމުންނެވެ. މިއީ (ލާދީނީ) ސެކިޔުލާރ ވިސްނުމުގެ ދަށުން ރޭވުންތެރިކަމާއެކު ތަޢާރަފުކުރެވުނު ނަމެކެވެ. ނަމަވެސް ޝައިޠާނާއާއި ތިމަތިމާމެންގެ ހަވާނަފުސަށް އަޅުވެތިވެފައިވާ އަޅުވެތި ފިކުރަށް ހަމަހައިމުވެސް ހެޔޮ ވިސްނޭ މީހަކު މިނިވަން ފިކުރެކޭ ނުކިޔާނެއެވެ. އެއީ ހަމަ ބާޠިލު ލާދީނީ ފިކުރެވެ. ގޮތް ދޫނުކުރާ ހަރުކަށި ފިކުރެވެ.

މިނިވަންކަމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާ ކަމެކެވެ. މިއީ އިންސާނާގެ އަދި އެންމެހާ މަޚުލޫޤުންގެ ޠަބީޢަތުގައިވާ ސިފައެކެވެ. އެހެންކަމުން "ލާދީނީ" މި ނަން ބަދަލުކޮށް ލާދީނިއްޔަތަށް "މިނިވަން" މި ނަން ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލަނީއެވެ. ރައްޔިތުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ.

ތަކުރާރުކޮށް ދަންނަވަމެވެ. ލާދީނީ ފިކުރަކީ ހަގީގަތުގައި މިނިވަން ފިކުރެއް ނޫނެވެ. ހަގީގީ މިނިވަން ފިކުރަނީ ތިމާ ހައްދަވައި ބޮޑުކުރެއްވި އެއްކައުވަންތަ ޚާލިޤު، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވުމުގެ ފިކުރެވެ. އިސްލާމީ ފިކުރަކީ މިއީއެވެ. މުސްލިމުންނަކީ ހަވާނަފުސުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އެއީ ހަމައެކަނި ﷲ ގެ އަޅުންނެވެ. އެހެން އެއްވެސް ފަރާތެއްގެ ނުވަތަ ބާރެއްގެ އަޅުންނެއް ނޫނެވެ. އިންސާނުން އުޅޭންވީ ގޮތުގެ ހުރިހާ އުޞޫލުތަކެއް އިސްލާމް ދީނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބަޔާންކުރައްވައިފައެވެ. އެ އުޞޫލުގައި އެއްވެސް މަޚުލޫޤަކަށް އަޅުވެތިވުމެއް ނުވެއެވެ. އަދި ޚުދު ތިމާގެ ހަވާނަފުސަށް ވެސް އަޅުވެތި ވުމެއްނުވެއެވެ. ޝައިޠާނާގެ ގޮވައިލުންތަކަށް އިޖާބަދީ އެ ކަލޭގެއަށް އަޅުވެތިވުމެއް ނުވެއެވެ. މިނިވަން ފިކުރަކީ މިއީ އެވެ. ނަމަވެސް ޙަޤީޤީ އަޅުވެތިކަމުގެ ފިކުރަށް "މިނިވަން" ފިކުރޭ ކިޔަނީ ޣައިރު މުސްލިމުންނެވެ. މުސްލިމުން އެ ނަން ބޭނުންކޮށްގެން ނުވާނެއެވެ. އެ ފިކުރަކީ ޝައިޠާނާއަށް އަޅުވެތިވެފައިވާ ފިކުރެވެ. ތިމާގެ ހަމާ ނަފުސަށް އަޅުވެތިވުމުގެ ފިކުރެވެ. އެއްވެސް ޙާލެއްގައި އެއީ މިނިވަން ފިކުރެއް ނޫނެވެ. ތިމާ ހެއްދެވި ޚާލިޤުވަންތަ ﷲ ތިމާއަށް ވަކި ކަމެއް ކުރާން އަމުރުކުރެއްވުމުން އެކަމާ ދެކޮޅު ހެދުމަށްވުރެ ބޮޑު ގޮތްދޫނުކުރުމެއް، ހަރުކަށިކަމެއް އޮންނާނެތޯއެވެ. އެހެންވީ އިރު ހަގީގީ ހަރުކަށި ފިކުރަކީ ލާދީނީ ފިކުރެވެ. ސެކިޔުލާރ ފިކުރެވެ. މި ދުނިޔޭގައި އުޅޭން ﷲ އެންގެވި ގޮތް، ދޫކޮށް، އެއާ ވަކީން ދުނިޔަވީ ކަންކަން ކުރާން ގޮވާ ފިކުރެވެ. އަދި މިއަށްވުރެ ބޮޑު ހަރުކަށިކަމަކީ  ﷲގެ ޝަރީޢާތާ ޚިލާފު ލާދީނީ ފިކުރު މުޖުތަމައުގައި ފަތުރާން މަސައްކަތްކުރާ ނުވަތަ އެ ކަމަށް މަގުފަހިކޮށްދޭ ސިޔާސީ ފިކުރެވެ.

ކުރުކޮށް ދަންނަވާނަމަ، މި މަޤާމުގައި ހައްދު ފަހަނަޅައި ދިޔުމަކީ، ﷲ ކަނޑައަޅުއްވައިފައިވާ ޝަރީޢަތުގެ ޙައްދު ފަހަނަޅައި ޝަރީޢަތުގެ އިމުން ބޭރުވުމެވެ. މިކަން ދެ ގޮތަކަށް ކުރެއެވެ. ތިމާގެ ފަރުވާކުޑަކަމުން ޝަރީޢަތުގައިވާ އެއްމެ ދަށް މިންގަނޑުން ވެސް ޢަމަލުނުކޮށް އެ އިމުން ބޭރުވުމެވެ. މި ވެސް ހައްދު ފަހަނަޅައިދެވުނީއެވެ. ހައްދުން ބޭރަށް ދެވުނީއެވެ. އަދި ސަވާބު ހޯދުމުގެ ނަމުގައި ދީނުގައި އަންގަވައިފައިވާ ގޮތާ ތަފާތުކޮށް ނުވަތަ އެއަށްވުރެ ބޮޑަށް ހެޔޮކަމުގެ ނަމުގައި ކަންކަންކުރުމެވެ. މިވެސް ހައްދުން ބޭރުވުމެކެވެ. ހައްދު ފަހަނަޅައި ދިޔުމެކެވެ. ހަރުކަށި ފިކުރަކީ ޝަރީޢަތުގައި ވާ މަގު ދޫކޮށް ޝަރީޢަތާ ޚިލާފަށް މިނިވަންކަމާއި ޙައްޤުގެ ނަމުގައި ވިޔަސް ތިމަތިމާމެންގެ ހަވާ ނަފުސުގެ އެދުންތަކާ އެއް ގޮތަށް ކަންކަންކުރާން މަސައްކަތްކުރާ ލާދީނީ ފިކުރު ކުރިއަރުވާން މަސައްކަތްކުރުމުގެ ފިކުރެވެ. އަދި މި ލާދީނީ (ސެކިޔުލާރ) ފިކުރު  ފަތުރާން މަސައްކަތްކުރާ ނުވަތަ އެ ކަމަށް ވާގިވެރިވާ ސިޔާސަތެވެ. އެންމެ ހަރުކަށި ފިކުރަކީ މިއީއެވެ. "މާޒީ"ގެ ނަޒަރުންނެވެ.

_________________________________

https://www.almaany.com/en/dict/ar-en/   [1]

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.