މުޞްޙަފް - 63

(11 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބިލްގީސް ކުރިއަށް ޖެހިލައި ރަނގަބީލަށް ފިތައިލިއެވެ. ކުޑަ އިރުކޮޅަކަށް ފަހު މީހަކު ހިނގާފައި އަންނަ އަޑު އިވޭން ފަށައިފިއެވެ. މެހެމަލްގެ ހިތުގެ ހިނގުން އަވަސްވާން ފަށައިފިއެވެ. އެތައް އަހަރަކަށް ފަހު މިއަދު އޭނާއަށް ފެންނާނީ ކާކުބާވައެވެ؟ ފަވާދް ހެއްޔެވެ؟ ޙަސަން ހެއްޔެވެ؟ އާޣާ ކަރީމް ހެއްޔެވެ؟

ދޮރާށި ހުޅުވައިލުމަށް ފަހު މީހަކު ބޯދީ ބޭރު ބަލައިލިއެވެ.

"ވިދާޅުވޭ. ކީއްކުރައްވަންތޯ؟" އެމީހާގެ ސިފައާއި ހުރި ގޮތުން ގޭގެ ނޯކަރެއްކަން އެނގެއެވެ.

ބިލްގީސް ޖަވާބެއް ނުދީ މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"އާޣާ ކަރީމް އެބަ އުޅުއްވާތަ؟" މެހެމަލް އަހައިލިއެވެ.

ނޯކަރުގެ މޫނުމަތީން ހައިރާންކަމުގެ އަސަރު ފެނުނެވެ.

"ކޮން އާޣާ ކަރީމެއްތޯ؟"

"އާޣާ... އާޣާ ކަރީމް. މިގޭގެ ވެރިޔާ. މިއީ ދުއިސައްތަ ތިރީސް ނަންބަރު ގެއެއް ނޫންތަ؟"

"އާދެ. މިއީ ދުއިސައްތަ ތިރީސް ނަންބަރު ގެ. އެކަމަކު މިއީ ޗަވްދަރީ ނަޒީރުގެ ގެ. އާޣާ ކަރީމޭ ކިޔާ މީހަކު މިގެޔަކު ނޫޅޭ."

"މެޑަމް. އަޅުގަނޑުމެންނަށް މި އާދެވުނީ ނުބައި ގެއަކަށް." ބިލްގީސް މަޑުމަޑުން އޭނާގެ ކަންފަތްދޮށުގައި މިހެން ބުނެލީމާ އޭނާ ވަރަށް ބާރަށް ބޯ ހޫރައިލިއެވެ.

"ނޫނޭ. މިއީ އެގެ. މީގެ ހަތް އަހަރު ކުރިން އާޣާ ކަރީމް އުޅުނީ މި ގޭގައި."

"ހަތް އަހަރަކީ ވަރަށް ދިގު މުއްދަތެއް. ތިޔަ ވިދާޅުވާ މީހަކު އުޅޭ ތަނެއް ދެނެވޮޑިގެން ވާނީ ކަލާނގެ. މަޑުކޮށްލައްވާ. އަޅުގަނޑު މެޑަމް ގާތު އަހައިލާފައި އެބައަންނަން." މިހެން ބުނެފައި ނޯކަރު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ކުޑަ އިރުކޮޅެއް ކޮށްފައި އޭނާ އެނބުރި އައީ ޒުވާން ފިރިހެން ކުއްޖަކާ އެކީގައެވެ.

"ކިހިނެއްވީތޯ؟" އެއީ ވިހިބާވީސް އަހަރުގެ ޒުވާނެކެވެ.

"މި... މިގޭގައި އުޅުނު އާޣާ ކަރީމާއި އޭނާގެ އާއިލާގެ މީހުން ދިޔައީ ކޮން ތަނަކަށް؟"

"މެޑަމް. އަޅުގަނޑުމެން މިގޭގައި އުޅޭތާ މިވީ ދެ އަހަރު. އަޅުގަނޑުމެންނަށް މި ގެ ވިއްކީ ޢާމިރު ނަމަކަށް ކިޔާ މީހެއް. ޢާމިރަށް ގެ ވިއްކީ ތިޔަ ވިދާޅުވާ އާޣާ ކަރީމް ނޫން ކަމެއް ނޭނގޭ. ތިޔަކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތް."

"އާޣާޖާން ގެ ވިއްކައިލީ؟ އެއީ ކީއްވެގެން؟" މެހެމަލަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

"އަޅުގަނޑަކަށް ނޭނގޭ." އެހެން ކަމެއް އެބައޮތްތޯ؟"

މެހެމަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. އެ ޒުވާނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"މެޑަމް. އަޅުގަނޑު އަވަށްޓެރިން ކުރެން އަހައިލާނަން." މެހެމަލަށް މަނާ ކުރެވުމުގެ ކުރިން ބިލްގީސް ޖެހިގެން ހުރީ ގޭގެ ރަނގަބީލު ޖަހައިފިއެވެ. އެއީ ކޮން ގެއެއް ބާވައެވެ؟ ކޮން ބަޔަކު އުޅޭ ގެއެއް ބާވައެވެ؟ ދަންނަ ގެއެއްހެން ހީވެއެވެ. އެކަމަކު ހަނދާނެއް ނުވެއެވެ.

މިނިޓެއްވެސް ނުވަނީސް ދޮރާށި ހުޅުވިއްޖެއެވެ. މެހެމަލް އިސް އުފުލައި ބަލައިލިއެވެ.

އޭނާގެ ކުރިމަތީގައި ހުރީ ޕާކިސްތާނު ހެދުމެއް ލައިގެން ހުރި އުމުރުން ދުވަސް ވެފައިވާ ފިރިހެނެކެވެ. ދިގު ތުނބުޅިއެކެވެ. އޭނާ ފެނުމާއެކު ހިނިތުންވެލިއެވެ. މެހެމަލްގެ ބައެއް ހަނދާންތައް އެނބުރި އަންނާން ފަށައިފިއެވެ.

"އައްސަލާމް ޢަލައިކުމް ކަނބުލޯ. އަހަރެން މަތީގައި ބަލަން ހުންނަތާ އިރުކޮޅެއް ވެއްޖެ. އަވަހަށް އެތެރެއަށް ވަދޭ." އެމީހާ ދޮރާށި އެކީގައި ހުޅުވައިލުމަށް ފަހު އެއް ފަރާތަށް ޖެހިލިއެވެ.

ބިލްގީސް ފުރޮޅުލީ ގޮނޑި ކޮއްޕަމުން އެތެރެއަށް ވަދެއްޖެއެވެ.

"މިތަނަށް އާދޭ." އެމީހާ ބަގީޗާގައި ހުރި މޭޒެއްގެ ދޮށުގައި ހުރި ގޮނޑިތަކުން އެއް ގޮނޑި އެއްފަރާތަށް ޖައްސައިލުމަށް ފަހު މެހެމަލްގެ ގޮނޑިއަށް ޖާގަ ހަދައިލިއެވެ.

"ކިހިނެއް ކަނބުލޯ؟" ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށް ފަހު އެމީހާ ސުވާލުކޮށްލިއެވެ. އެ އަޑަކު އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު މިހާރު ވަނީ މަޑުމައިތިރި ވެފައެވެ.

"ރަނގަޅު. އަލްޙަމްދުލިއްލާހި." މެހެމަލް ކުޑަކޮށް ހިނިތުންވެލިއެވެ. އަދި އިސްޖަހައިލައިގެން އިނދެ ބުނެލިއެވެ. "އަހަރުތަކެއް ކުރީން އަޅުގަނޑުގެ އެކްސިޑެއްޓެއްވީ. ދެން..."

"ދެނަހުރިން. އަހަރެން ކަނބުލޮ ދެކިލަން ހަސްފަތާލަށް ގޮސް އުޅުނިން."

އޭނާ އިސް އުފުލައިލިއެވެ. ލޮލުން ފައުޅުވޭވޭ ހުރީ ހައިރާންކަމުގެ އަސަރެވެ.

"އެހެންތޯ؟" އޭނާއަށް ހަނދާން ވެއްޖެއެވެ. "އަޅުގަނޑު ގާތު ނަރުސްކުއްޖަކު ބުނި. އެއީ..."

"އެއީ މި ބޭބެ." އެމީހާ ހިނިތުންވެލިއެވެ. "ކަނބުލޮގެ އަމާނާތެއް ބޭބެގެ އަތުގައި އެބައޮތް. އެ އަމާނާތުގެ ސަބަބުން ބޭބެގެ މުޅި ދިރިއުޅުން ބަދަލު ވެގެން ހިނގައްޖެ."

މެހެމަލް އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން އިނީއެވެ.

"އެ ލިޔުންތައް ނުބަލައި ދެ އަހަރު ވާންދެން އަހަރެން ބެހެއްޓިން. އޭގެ ފަހުން ދިރިއުޅުން ދިޔަގޮތަށް ގޮސް އަނދިރި ގޯޅިއެއް އަޅައިފި. ހުރިހައި ދިމާއަކުން ކަނު އަނދިރިކަން ފެންނާން ފެށީމާ އަހަރެން އެ ލިޔުންތައް ބަލައިލީ. އަހަރެން ހީކޮށްގެން ހުރީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ލިޔުންތަކެކޭ. ނޫނީ ޖަމްއިއްޔާއަކުން އެހީއަށް އެދިގެން ގެނައި ލިޔުންތަކެކޭ. އެކަމަކު އޭގައި ހުރީ ޤުރްއާނުގެ އާޔަތްތަކަކާއި އޭގެ މާނަޔާ. އަހަރެން އެ ލިޔުންތައް ކިޔަން ފެށީ. އެޔާއެކު ހުރިހައި ކަމެއް ބަދަލު ވެގެން ހިނގައްޖެ."

ކަންތައް ހިނގައިދިޔަ ގޮތް އޭނާ ވަރަށް ކުރުކޮށް ކިޔައިދީފިއެވެ. މެހެމަލް ހަމަ ބަލަހައްޓައިގެން އިނީއެވެ.

"މީގެ ދުވަސްކޮޅެއް ކުރިން ހަސްފަތާލުން ގެއަށް ބަދަލުވީކަން އެނގުނު. މިހާރު ކިހިނެއް؟"

"ރަނގަޅު." ކުޑައިރުކޮޅަކު ހިމޭނުން އިނުމަށް ފަހު މެހެމަލް އަހައިލިއެވެ. "އާޣާޖާންމެން ކޮބައިތޯ؟ އެމީހުން ގެ ވިއްކައިލީ ކީއްވެގެންތޯ؟"

"އެމީހުން އެ ދިޔަ ތަނަކަށް ދިޔައިރު އަހަރެން ރަށަކު ނެތިން. އެކަމަކު މިގޭގެ ނޯކަރުންގެ ފަރާތުން އެނގުނު ގޮތުގައި ތިންބެއިން ހަމައަށް މުދާ ބަހައިލީ. އެއަށްފަހު ގެ ވިއްކާލާފައި ތިން މީހުން ތިން ތަނަކަށް ހިނގައްޖެ. ކަނބުލޮގެ އެކްސިޑެންޓުގެ ވާހަކަ ބުނީވެސް މިގޭ ނޯކަރެއް."

"އެއީ ކޮން ދުވަހަކުތޯ؟ އެމީހުން ގެ ވިއްކައިލީ ކޮން ދުވަހަކުތޯ؟"

"ކަނބުލޮގެ އެކްސިޑެންޓުގެ އަހަރެއް ދޮޅު އަހަރެއް ފަހުން."

"އެހެންތޯ؟" މެހެމަލް ފުން ނޭވައެއް ލިއެވެ. "އެމީހުން ދިޔަ ތަނެއް އެނގިވަޑައިގަނޭތޯ؟ ފެންނާނީ ކޮން ތަނަކުންތޯ؟"

"ނޫނޭ... ނޭނގޭ." ބްރިގޭޑިއަރު ބޯ ހޫރައިލިއެވެ. "އަވަށްޓެރިއަކަށް ވިޔަސް އެމީހުންނަކާ މާ ބޮޑު ގުޅުމެއް ނޯވޭ. އެކަމަކު އާޣާ އަސަދުގެ ވާހަކަ އަހަރެންގެ ރައްޓެއްސަކު ކިޔައިދިން. އެއީ އާޣާ އަސަދުގެވެސް ރައްޓެއްސެއް."

މެހެމަލްގެ ހިތް ތެޅޭން ފަށައިފިއެވެ. "އެމީހާ ބުނީ ކީކޭތޯ؟"

"އޭނާ ބުނީ އަސަދަށް ކެންސަރު ޖެހިފައި އެބަލީގައި ނިޔާވެއްޖެއޭ. ކަނބުލޮ ނުދެނަހުރިންތަ؟"

މެހެމަލްގެ ނޭވާ ހިދުކޮޅަކަށް ހުއްޓުނެވެ.

"ވަރަށް ބޮޑަށް މާފު ކުރޭ. މިއީ ހިތާމަވެރި ޚަބަރެއްކަން އެނގޭ."

"ކޮން... ކޮން އިރަކުތޯ އަސަދުބޭބެ ނިޔާވީ؟" ހިމޭނުން އިރުކޮޅަކު އިނުމަށް ފަހު އަނެއްކާވެސް މެހެމަލް އަހައިލިއެވެ.

"މީގެ ފަސް އަހަރެއްހައި ދުވަސް ކުރިން. ގެ ވިއްކައިލީތާ ހައެއްކަ މަސް ދުވަސް ފަހުން."

"އޭނާގެ ދަރިން... ދަރިން ކޮބައިތޯ؟ މުޢާޒާއި މުޢީޒު ވަރަށް ކުޑަ ވާނެ."

"ނޭނގޭ. ޔަތީމު ކުދިން ތިބޭނީ ކޮންމެވެސް ތިމާގެ މީހެއްގެ އެހީތެރިކަމުގައި. ﷲ އެކުދިންނަށް ހެޔޮގޮތް މިންވަރު ކުރައްވާށި."

ޔަތީމު ކުދިންނޭ ބުނުމާއެކު މެހެމަލްގެ ހިތަށް ތަދެއް ވަނެވެ. މީގެ ކުރީން ކިޔައިފައިވާ އާޔަތެއް ކުއްލިއަކަށް ހަނދާންވިއެވެ.

"ނިކަމެތި ދަރިންކޮޅެއް އެއުރެންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެއުރެން (ﷲއަށް) ބިރުވެތި ވާހުށިކަމެވެ!" (އައްނިސާއު ސޫރަތުގެ 9 ވަނަ އާޔަތުގެ ފެށުން)

"ޔަތީމް ކުދިން... އަސަދުބޭބެގެ ދަރިން ޔަތީމުވީ ހެއްޔެވެ؟ އާރްޒޫ އާއި މުޢާޒާއި މުޢީޒާ ޔަތީމުވީ ހެއްޔެވެ؟" އޭނާއަކަށް އަދިވެސް ޔަގީނެއް ނުވެއެވެ.

ބްރިގޭޑިއަރ ފުރްޤާންގެ ގެއިން ނުކުމެގެން އައީ ކިހައި އިރެއް ފަހުން ކަމެއް އޭނާއަކަށް ނޭނގެއެވެ. ސިކުނޑިގައި އޮތީ އެންމެ ޚިޔާލެކެވެ. އަސަދުބޭބެގެ ދަރިން ހަމަ ހަގީގަތުގައިވެސް ޔަތީމުވީ ހެއްޔެވެ؟

އޭނާގެ ސިކުނޑީގެ އިސްކިރީނަށް ކުއްލިއަކަށް އެރީ އާޣާ ހައުސްގެ ފެންޑާގެ މަންޒަރެކެވެ.

ސޯފާއަށް ވެއްޓިފައި އޮތް މެހެމަލެވެ. އަސަދު ބޭބެއާއި ޣަފްރާންބޭބެ އޭނާގެ ގައިގައި އެޔެއް މިޔެއެް ނުބަލައި ތަޅަމުން ގެންދިޔަ މަންޒަރެވެ.

ޣަފްރާންބޭބެ... އޭނާ ދިޔައީ ކޮން ތަނަކަށް ބާވައެވެ؟ އާޣާޖާން ވީ ކޮން ތަނަކު ބާވައެވެ؟ އެމީހުން ހޯދާނީ ކިހިނެއް ހެއްޔެވެ؟

އެކަމަކު އޭނާ އެމީހުން ހޯދަން އުޅެނީ ކީއްކުރަން ހެއްޔެވެ؟ މެހެމަލް އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. އެމީހުންނަށް އަދަބު ލިބުނުތޯ ނުވަތަ ނޫންތޯ ބަލަން ބޭނުންވަނީ ހެއްޔެވެ؟ އެއީ ފިތުރަތުގެ ގާނޫނެވެ. ނުވަތަ ލޭގެ ގުޅުން ދެކެ ވާ ލޯތްބެއްގެ ސަބަބުން ޚިޔާލު ކުރެވެނީ ހެއްޔެވެ؟ ލޭގެ ގުޅުމަކީ އެހެން ހުރިހައި ގުޅުމަކަށް ވުރެ ވަރުގަދަ ގުޅުމެކެވެ. އޭނާގެ އެންމެ ގާތް ފިރިމީހާއާއި ބަނޑުއަޅައި ވިހެއި ދަރިފުޅު އޭނާޔާ ދުރަށް ދިޔައީމާ އެކަހަލަ ގުޅުމެއްގެ އެދުން ހިތުގައި އުފެދިގަތީ ބާވައެވެ؟ ވެދާނެއެވެ. ހަގީގީ ސަބަބަކީ އެއީ ކަމުގައި ވެދާނެއެވެ.

ގެޔާހަމައަށް ފޯރަންދެން އޭނާ ހުރީ މި ޚިޔާލުތަކުގެ ތެރޭގައެވެ.

އަށާރަ

މެހެމަލް ފުރޮޅުލީ ގޮނޑި އަމިއްލައަށް ދުއްވާފައި ފެންޑާއަށް ނުކުތްއިރު އިރުއަރަނީއެވެ.

ބޭރަށް ބަލައިލީއިރު ޝަބްނަމްގެ ތިކިތައް ވިނަގަނޑުމަތީން ފެނެއެވެ. ދޫނިތައް ޙަމްދާއި ސަނާގެ ލަވަ ކިޔަނީއެވެ. އެއީ އިންސާނުންނަކަށް ފާހަގަ ކުރެވޭ ކަހަލަ ކަންކަމެއް ނޫނެވެ. ދެރަ ކަމަކީ އެއީއެވެ.

އޭނާ ގޮނޑި ދުއްވަމުން ބަގީޗާއަށް ނުކުންނާން އޮންނަ ހަރުފަތްތައް ކައިރިއަށް އަތުވެއްޖެއެވެ. ޖެހިގެން ހުރި ފާރުގެ އަނެއް ފަރާތަކީ މިސްކިތެވެ. ފަތިސް ވަގުތަކީ މިސްކިތުގެ އިމާރާތުގެ ދާލައިގައި ތިބެގެން ކުޑަކުދިން ޤުރްއާން ހިތުދަސްކުރާ ވަގުތެވެ. އެތާގައި ތިބެގެން ކުދިން ބާރަށް ޤުރްއާން ކިޔަވައެވެ. ކިޔަވާއަޑު މެހެމަލް ހުރި ހިސާބަށް އިވޭނެއެވެ.

މިއަދުވެސް މެހެމަލަށް އެ އަޑު އެބަ އިވެއެވެ. އޭނާ ކަނުލައި އަޑުއަހަން އިނެވެ. ހުރިހައި ކުދިން އެކީގައި ކިޔަވަމުން ދެއެވެ.

ތަރުޖަމާ: "އަދި ތިޔަބައިމީހުން ސަޖިދަކުރާ ޙާލު (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ ޙާލު އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި (حِطَّةٌ އޭ) އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި ޢަފޫ ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ."

އެ އާޔަތް މި އަޑު އިވުނީ ލައްކަ ދުވަސް ކޮށްފައެވެ. އޭނާ އަތުގައި އޮތް މުޞްޙަފް ހުޅުވައިލިއެވެ.

އެއީ ބަނީއިސްރާއީލީން ހައިކަލަށް ވަން ހާދިސާގެ ވާހަކައެވެ. ބަޤަރާ ސޫރަތުގެ 58 ވަނަ އާޔަތެވެ. "އެމީހުން މޫނު ކުނިކުރަމުން ވަދެގެން ދިޔައީ حِطَّةٌ ގެ ބަދަލުގައި حِنْطَةٌ އޭ ކިޔަމުން..." މެހެމަލަކަށް އެ ވާހަކައެއް އެހައި ރަނގަޅަކަށް ސާފެއް ނުވިއެވެ. އެހެންވީމާ އެ އާޔަތް އޮތް ސަފުޙާ ބަލައިލިއެވެ.

އޭނާ މާ ޚާއްސަ ނޯޓެއް ލިޔެފައެއް ނެތެވެ. އެހެން ނޯޓު ފޮތެއްގައި ލިޔެވިފައި އޮވެދާނެއެވެ. މެހެމަލް ގޮނޑި އަނބުރައިލުމަށް ފަހު އެތެރެއަށް ދުއްވައިލިއެވެ. ކުރީގެ ނޯޓު ފޮތްތައް އޭނާ ބަހައްޓައިފައި ހުރީ މުތާލިއާ ކޮޓަރީގައެވެ. އޭނާ ދޮރު ހުޅުވައިލުމަށް ފަހު އެތެރެއަށް ވަދެއްޖެއެވެ.

ހުމާޔޫން އޭނާއަށް ފުރަގަސް ދީގެން ހުރެ ހަރުގަނޑުން ފޮތެއް ނަގަނީއެވެ. އޭނާ ވަން އަޑު އިވިފައި އެނބުރި ބަލައިލިއެވެ. އޭނާޔާ ދިމާއަށް ކަޅިއެއް އެއްލުމަށް ފަހު އަނެއްކާވެސް އޭނާ ކުރަން ހުރި ކަމާއިގެން މަޝްޣޫލުވެގެންފިއެވެ. އޭނާގެ ފުށުން ފެނުނީ ބީރައްޓެހިކަމެވެ. މެހެމަލް އޭނާގެ ފޮތްތައް ބަހައްޓައިފައި ހުންނަ ދިމާއަށް ގޮނޑި ދުއްވައިލިއެވެ.

ފޮތްތަކަށް ހުރީ ކޮންމެވެސް ވަރަކަށް ހިރަފުސް އަރައިފައެވެ. މީހަކު އަތްނުލާތާ ގިނަ ދުވަސް ވެފައިވާތީވެސް ތޯއްޗެކެވެ. އޭނާގެ ހިތަށް އެރިއެވެ. ފަރިޝްތޭއަކަށްވެސް އެވަރަކަށް ނުބެލޭނެތާއެވެ. ކޮންމެވެސް ދުވަހަކުން މުޅިތަން ސާފުކުރުވަން ވާނެއެވެ.

މާ ބޮޑު އުނދަގުލަކާ ނުލައި އޭނާއަށް އެ ނޯޓުފޮތް ފެނިއްޖެއެވެ. އޭނާ ފޮތް ނެގުމަށް ފަހު އޭގައި ހުރި ހިރަފުސް ފޮޅައިލުމުގެ ގޮތުން ފޮތަށް ފުމެލިއެވެ.

"އަހަރެން ބޭނުންވަނީ މެހެމަލް ދޫކޮށްލަން." ހުމާޔޫން އެ ހުރިގޮތަށް ފޮތުގެ ގަނޑުތައް އުކައުކައި ހުރެފައި ފިނި ރާގަކަށް ބުނެލިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.