ޔުނިވަރސިޓީގެ ފިޒިކަލް އެޑިއުކޭޝަން ކޯހަށް ކުދިން ނުލިބޭ: ލީލާ އަޙްމަދު

ޤަމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރޭގައި ފިޒިކަލް އެޑިއުކޭޝަންގެ ތިން އަހަރު ދުވަހުގެ ޑިގްރީ ކޯހެއް އޮންނަ ކަމަށާއި ނަމަވެސް އިޢުލާން ކޮށްގެން ވެސް ކުދިން ނުލިބޭކަމަށް ޤައުމީޔުނިވަރސިޓީގެ ލެކްޗަރަރ ލީލާއަޙްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ތަޢުލީމީ ބިލަށް ޚިޔާލު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. އެންމެ ފަހުން ފުލުހުންނާއި ސިފައިންގެ ތެރެއިން ކުދިން ކޮޅެއް ހޮވައިލައިގެން އެއް ބެޗް ހިންގި ކަމަށްވެސް އޭނާ ވީދާޅުވިއެވެ. އޭގެ ފަހުން އެއް އަހަރު މަދު ކުދިން ކޮޅެއް ލިބުނު ނަމަވެސް ކުދިން ނުލިބުމުގެ ސަބަބުން އެކޯސް ކުރިއަށް ނުގެންދެވޭކަން ފާހަގަ ކުރެއްވިއެވެ.

ފިޒިކަލް އެޑިޔުކޭޝަންގެ މުހިންމުކަން ވެސް ގިނަ މީހުންނަށް ނުވިސްނޭކަމަށް ލީލާ ފާހަގަ ކުރެއްވިއެވެ. ކޯސްތައް ފަރުމާ ކޮށްފައި އޮތްކަމުގައި ވިއަސް ކިޔަވާނެ ކުދިންވެސް ނުލިބެނީ އެސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.  ލީލާ ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރާއިރު ކޮންމެ ކޯހެއްގެ ތެރޭގައި އެއް ޔުނިޓުގެ ގޮތުގައި ފިޒިކަލް އެޑިއުކޭޝަން ހިމަނައިފިނަމަ ކޮންމެވެސް ވަރެއް ވާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އޭރުން ތަމްރީނުވެގެން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރާ އެކަމަށް މަސައްކަތްކުރާ އެވާހަކަ ދައްކާނެ ކުއްޖަކަށް ވާނެކަމަށް ލީލާ ފާހަގަ ކުރެއްވިއެވެ.  

ސައިންސްގެ އަލީގައި ލީލާ ވިދާޅުވީ ފަސް އަހަރާއި ސަތާރަ އަހަރާ ދެމެދުގެ ކުދިންނަކީ ކޮންމެ ދުވަހަކު މަދުވެގެން އެއް ގަޑިއިރު "ވިގަރަސް އެކްސަރސައިޒެއް" ކުރަން ޖެހޭނެ ކުއްޖެއްކަމަށެވެ. މާލޭގައި އެ އުމުރު ފުރައިގެ ބާވީސް ހާހަކަށް ކުދިން އުޅޭއިރު އެކުދިންނަށް އެފަދަ ކަސްރަތުތަކެއް ކޮށް ނޫޅެވޭކަން ފާހަގަ ކުރެއްވިއެވެ.  އެހެންކަމުން އެފަދަ ކުދިންގެ ބަރުދަން އިތުރުވުމުގެ މައްސަލަ ތައް ކުރިމަތިވާކަމަށް ލީލާ ވިދާޅުވިއެވެ.

"ދެން އަންނާނީ ހިނގަން ނޭނގޭ ކުއްޖާ ދުވަން ނޭނގޭ ކުއްޖާ. މިއީ ވަރަށް ހިތާމަވެރި ވާހަކަތަކެއް. މިހެން ދާކަމަށް ވާނަމަ ތިރީސް އަހަރުފަހުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭނެ ޕޮޕިއުލޭޝަނާމެދު އަސްލުގައި ވަރަށް އެހެން ކަހަލަ ޕިކްޗަރއެއް ފެންނަނީ." ލީލާގެ ކަންބޮޑުވުން ހާމަ ކުރައްވަމުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.