އާބާދީގެ 70 އިންސައްތަ ޒުވާނުންނަށް ވުމަކީ ރާއްޖެއަށް ލިބިފައިވާ ރަނގަޅު ފުރުޞަތެއް: ޝަހުދާ

ފޮޓޯ: ޔުނައިޓެޑް ނޭޝަންސް (ދިވެހިރާއްޖެ)

އާބާދީގެ 70 އިންސައްތަ ޒުވާނުންނަށް ވުމަކީ ރާއްޖޭއަށް ލިބިފައިވާ ރަނގަޅު ފުރުޞަތެއްކަމަށް ރާއްޖޭގެ  ތަފާސް ހިސާބުތަކާބެހޭ ޤައުމީ އިދާރާގެ އިސްވެރިޔާ ނުވަތަ ނެޝަންލަ ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓިސިއަން އައިޝަތު ޝަހުދާ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިޝަތު ޝަހުދާ ވިދާޅުވީ ރާއްޖޭގެ އާބާދީގައި މިހާރު އެންމެ ގިނަ އީ ޒުވާނުން ކަމަށެވެ. އެހެންކަމުން ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ފުރިހަމަ ހިއްސާ އެއް ގެންނަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ޒުވާނުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި އަދި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ފަހިކޮށްގެން ދީގެން ކަމަށެވެ. އެގޮތުން މިހާރަށްވުރެ ބޮޑަށް އަންހެނުންނަށްވެސް ވަޒީފާގެ ފުރުޞަތު ފަހިކޮށްދޭންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މާލެއާއި އަތޮޅުތަކުގައި އޮތް ވަޒީފާގެ ފަރަގު ނައްތާލައި ހަމަހަމަ ފުރުޞަތު ތަކެއް ހޯދައިދޭނެ ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޒުވާނުންގެ އާބާދީ އިތުރުވެފައިވާއިރު އެކުދިން ދިރިއުޅުމެއް ފަށައިގެން އަންނައިރު އާއިލާ ރޭވުމަށް ބޭނުންނާ ކަންކަންވެސް ފޯރުކޮށްދޭން ޖެހޭނެކަން ޝަހުދާ ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީގެ 70 އިންސައްތައަކީ ޒުވާނުން. މަސައްކަތު  އުމުރުފުރާގެ މީހުން. އެހެންކަމުން މިހާރު ހުޅުވިފައި މިއޮތީ އަޅުގަނޑުމެނަށް  ވަރަށް ބޮޑު ފުރުޞަތެއް. އާބާދީގައި ތިބި ޒުވާނުން މަސައްކަތުގެ މާހައުލަށް ނެރެވި އެކުދިންނަށް ރަނގަޅު ތަޢުލީމާއި ސްކިލް (ހުނަރު) ފޯރުކޮށް ދެވިއްޖެ ކަމަށްވެއްޖިއްޔާ އެލިބޭ އާމްދަނީއެއް ފަހަށް ރައްކާކުރެވި، އެކަހަލަ ކަންކަމުން އުފެއްދުންތެރިކަން އިތުރުކުރެވި ކުރިއަށް އޮތް ތަނުގައި މިހާރު މިއޮތް ޒުވާން އާބާދީގެ ބޭނުން އެންމެ ބޭނުންތެރިގޮތުގައި ހިފޭނީ." ޝަހުދާ ވިދާޅުވިއެވެ.

އާބާދީގައިބިދޭސީންއިތުރުވުމާއި ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތްވެސް އެއީ އާބާދީއާ ގުޅޭ ކަންކަން ރާވާ ހިންގުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއްކަމަށް  ޝަހުދާ ފާހަގަ ކުރެއްވިއެވެ.

މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. އާބާދީ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ މުހިންމު ކަމަކީ އާބާދީ ބަދަލު ވަމުން އަންނަ އިރު އެއިރެއްގެ ޙާލަތާ ގުޅޭ ގޮތުން ކަންކަން މީހުންގެ ސަމާލުކަމަށް ގެނެސް އެކަންކަމާމެދު ހޭލުންތެރި ކުރުވުން ކަމަށް ތަފާސް ހިސާބުތަކާ ބެހޭ ޤައުމީ އިދާރާގެ އިސްވެރިޔާ ޝަހުދާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޖުލައިމަހުގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ ޝިޢާރުވެސް ގުޅުވައިފައި ވަނީ ކޯވިޑާއި ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައި އަންހެނުނާއި އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭގޮތުންނެވެ.

ތަފާސް ހިސާބުތަކާބެހޭ ޤައުމީ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ މިހާރުގެ އާބާދީ އަކީ 557،426 އެވެ. އޭގެތެރެއިން ފިރިހެނުންގެ ނިސްބަތަކީ 64 އިންސަތައެވެ. އެއީ 356،149 ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ 36 އިންސައްތައެވެ. އެއީ201،277 އަންހެނުންނެވެ. އާބާދީގައި ފިރިހެނުންގެ ނިސްބަތް އިތުރުވެފައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށް ވެފައި ބިދޭސީންގެ އާބާދީ ހިމަނައިގެން ނެގިފައިވާ ތަފާސް ހިސާބުތަކަކަށް ވާތި ކަމަށް ބެލެވެއެވެ. ބިދޭސީންގެ ސީދާ ޢަދަދު އެނގޭ ތަފާސް ހިސާބުތަކެއް ނެތް ކަމުގައި ވިއަސް އެއްލައްކަ ފަސްދޮޅަސް ހާހެއްހާ ބިދޭސީން ރާއްޖޭގެ އުޅޭނެކަމަށް ބައެއް ރަސްމީ އިދާރާތަކުން ވަނީ ލަފާކުރައްވައިފައެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ރާއްޖޭގެ ބޯހިމެނުމުގައި ބިދޭސީން ހިމަނަން ފަށައިފައި ވަނީ 2014 ވަނަ އަހަރުން ފެށިގެނެވެ. އޭގެ ކުރިން ބޭއްވުނު ބޯހިމެނުންތަކުގައި ބިދޭސީ އާބާދީ ހިމެނިފައި ނުވަނީ އެކަމުގައި ޢަމަލީ ގޮތުން ދިމާވާ މައްސަލަތަކާއި ދަތިތަކުގެ ސަބަބުން ކަމަށް ތަފާސް ހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.