ލުއި ލިބުމާއެކު ކޯވިޑްގެ ނުރައްކާ ހަނދާން ނެތިއްޖެ

އެއްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 60 އަށް ވުރެމައްޗަށް!

ކޮންޓެކްޓް އިތުރުވެ ގުޅުމެއް ނެތް ކޭސްތައް އިތުރުވެއްޖެ

ކޯވިޑް-19 އާ ގުޅިގެން އޮތް ލޮކްޑައުނަށް ބޮޑު ލުޔެއް ދިންތާ ހަފްތާއެއްހާ ދުވަސްފަހުން އެއްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 60 އަށް ވުރެ މައްޗަށް މިވަނީ އަރާފައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިންނެވެ. އެއީ 44 ދިވެހިންނާއި 17 ބަނގްލާދޭޝީންނާއި 2 އިންޑިއަނުންނާއި ނޭޕާލީއެކެވެ.

ކޯވިޑް 19ގެ ކޮންޓެކްޓް އިތުރުވެ މިހާތަނަށް ފެނިފައިވާ ކްލަސްޓަރތަކާ ގުޅުން ނެތް ކޭސްތައް ވެސް ދަނީ އިތުރުވަމުންނެވެ. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ޢަދަދުތަކުން ދައްކާ ގޮތުން ޕޮޒިޓިވް ވި30 މީހުންގެ ތެރެއިން 14 މީހުންނަކީ ކުރިން ފެނިފައިވާ ކްލާސްޓަރތަކާ ގުޅުމެއް ނެތް ކޭސްތަކެވެ. ކުރިން ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ގުޅުމެއް ނެތް ކޭސްތައް ވެގެން ދާނީ އާ ކްލާސްޓަރއެއްގެ ފެށުމެއް ކަމަށެވެ. އެހެން ކަމުން ހަމައެކަނި އެ އަދަދަށް ބަލާނަމަވެސަ އިތުރުވެގެން އެދަނީ 14 ކްލާސްޓަރެކެވެ. އެ ސާދަ ކްލާސްޓަރގެ ކޮންޓެކްޓް ގެ ޢަދަދެއް އެނގިގެން ދާނީ ޓްރޭސިން ހަދައި ނިމުމުންނެވެ.

ގުޅުން ނެތް ކޭސްތައް ގިނަވުމަކީ އެކަމަށް އަބަދުވެސް ސަމާލުކަން ދޭންޖެހޭ އަދި ކަންބޮޑުވާން ޖެހޭ މައްސަލައެއްގެ ގޮތުގައި ޑޮކްޓަރ އިބްރާހީމް އަފްޒަލްވެސް ފާހަގަކުރެއްވިއެވެ. މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ގުޅުން ނެތް ކޭސް ތަކުގެ އިންސައްތަ އުޅެނީ 40 ގައިކަން ގްރާފްތަކުގެ ޒަރީއާއިން، އެޗްޕީއޭގެ އެޕިޑިމިޔޮލޮޖިސްޓް ޑރ. އަފްޒަލް ވަނީ ހާމަކޮށްދެއްވައިފައެވެ. ގުޅުން ނެތް ކޭސްތައް އިތުރުވުމުން ދޭހަ ވަނީ ދެވިފައިވާ ލުއިތަކާއެކު ބޭރަށް ނުކުމެ އުޅޭ މީހުންގެ ޙަރަކާތްތައް ވަރަށް ބޮޑަށްވެސް އިތުރުވެފައިވާކަން، ކަމަށް ޑޮކްޓަރ އަފްޒަލް ފާހަގަކުރެއްވިއެވެ. އިއްޔެގެ ކޭސްތަކުން އެކަން ވަނީ ކަށަވަރު ވެފައެވެ. އިއްޔެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވް ވެފައި ވީނަމަވެސް އެކޭސްތަކުގެ ތެރޭގައި ކްލާސްޓަރއަކާ ގުޅުން ނެތް ކޭސްތައް ހުރި ނެތް ގޮތް އެޗްޕީއޭއިން އަދި ހާމައެއް ނުކުރައްވައެވެ.

"ހަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް އެއް ކޭސްއިން އޭނާ ލިންކުވާ އެހެން ކްލާސްޓަރއެއް ނުފެންނަނީ އެހާ ވަރަށް މޫވްމަންޓްސްތައް ހުރީމަ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ބައްޔަށް ޕޮޒީޓިވްވާ މީހުންގެ ކޮންޓެކްޓް އިތުރުވެފައިވާކަމަށް ޑރ. އަފްޒަލް ވެސްވަނީ ފާހަގަ ކުރައްވައިފައެވެ.

ފެންނަ ކޭސްތަކުގެ ކޮންޓެކްޓް އިތުރުވެފައި ވަނީ އޮފިސްތައް ހުޅުވާލުމާއި ދެވިފައިވާ ލުއިތަކާއެކު ބޭރުތެރޭގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާ ނުވުމުން ކަމަށް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ. ލޮކްޑައުންއަށް ދިއުމަށް ފަހު ގޭގައި މީހުން ތިބެން ފެށުމުން ބަލިޖެހިގެން ފެންނަ ދިވެހިންގެ ކޮންޓެކްޓުން އެކަށީގެންވާ މިންވަރަކަށް ދަށަށް ދިޔަނަމަވެސް ލުއިތައް ދެވުނުތާ ހަފުތާއެއްގެ ތެރޭގައި ބަލިޖެހިގެން ފެންނަ ދިވެހިންގެ ކޮންޓެކްޓުންގެ ޢަދަދު އުޅެނީ ބިދޭސީންގެ ކޮންޓެކްޓަށް ވުރެ މަތީގައި ކަމަށް ކޯވިޑްގެ ޙާލަތު އަންގައިދޭ ގްރާފްތަކުން ޑޮކްޓަރ އަފްޒަލް ފާހަގަ ކުރެއްވިއެވެ.

ގުޅުންނެތް ކޭސްތައް އިތުރުވެ ބަލިޖެހޭ މީހުންގެ ކޮންޓެކްޓްސް އިތުރު ވުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވެސް ޑރ. އަފްޒަލް ވަނީ ފާހަގަ ކުރައްވައިފައެވެ.

"އެއް ކްލާސްޓަރއަށް ބަލާލިނަމަވެސް އެބަފެނޭ އެކެއްގެ 33 ކޮންޓެކްޓްސް އަނެކެއްގެ 23 ކޮންޓެކްޓްސް އަނެއް މީހެއްގެ އެބަހުރި ގާތްގަޑަކަށް 74 ކޮންޓެކްޓްސް. މިކަލަހަ މަންޒަރުތަކެއް ފެންނަމުން މިދަނީ. މާނައަކީ ކޮންޓެކްޓްސް އެބަ އިތުރުވެއޭ." ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.

 

ގުޅުންނެތް ކޭސްތަކުގެ ސަބަބުން "ހައި-ރިސްކް" މީހުންނަށް ނުރައްކާ ބޮޑު

ކޯވިޑްގެ ނުރައްކާ އެންމެ ބޮޑީ ޢުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެހެނިހެން ޞިއްޙީ މައްސަލަތައް ހުންނަ މީހުންނާއި ފުއްޕާމޭގެ ބަލިތަކުގެ މީހުންނަށް ކަމަށް ކަމާބެހޭ ޞިއްޙީ މާހިރުން ދަނީ ވިދާޅުވަމުންނެވެ. ހަމައެހެންމެ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ވެސް ނުރައްކާ ބޮޑު ކަމަށް ދަނީ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ގައި މަރުވި މީހުންގެ ޢަދަދު 13 އަށް އަރާފައިވާއިރު އޭގެތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މިހުންނާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

"ގުޅުމެއްނެތް ކޭސްތައް އިތުރުވަމުންދާ ވަރަކަށް ހައި-ރިސްކް މީހުންގެ މެދުގައިވެސް ބަލި ފެތުރުން އިތުރުވާނެ. އެފަދަ ގްރޫޕްތަކުގައި ބަލި ފެތުރޭލެއް ގިނަ ވެއްޖިއްޔާ އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރު ވެގެންދާނެ." ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުން ދާނަމަ މިގްރޫޕްގެ މީހުންގެ ތެރެއިން ބަލި ޖެހޭ މީހުން އިތުރުވެ އައިސީޔޫގައި ފަރުވާ ހޯދަންޖެހޭ މީހުން އިތުރުވެދާނެއެވެ. އެގޮތަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ޞިއްޙީ ނިޒާމަށް ނުތަކާވަރަށް އިތުރުވުން ވެސް ވަނީ އަޅުގަނޑުމެންގެ ޢަމަލުތަކާ ގުޅިފައެވެ.

 

ހޮސްޕިޓަލުތައް ވެސް ބަލިފެތުރޭ ހައި-ރިސްކް ތަންތަނަށްވުން

ޞިއްޙީ ފަރުވާ ދޭ ތަންތަނުގައި ބަލި ފެތުރެން ފެށުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ޓްރީ ޓޮޕް އިންވެސް ވަނީ ކޯވިޑް ކޭސްތައް ފެނިފައެވެ. އަދި އައިޖީއެމްއެޗްގެ ކްލަސްޓަރ ދަނީ އިތުރުވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ކޭސްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ ނަރުހަކާއި ޓްރީ ޓޮޕްގެ ނަރުހަކުވެސް ހިމެނެއެވެ. މި ދެ ނަރުހުންނަކީވެސް ވެސް ދެ ހޮސްޕިޓަލުގެ ކްލަސްޓަރގެ ދެ ކޭހެވެ. އިއްޔެ ގިނަ ޢަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ތަފާސް ހިސާބުތަކުން ހާމަކުރައްވައިފައި ވީނަމަވެސް އެ ޢަދަދުތަކުގެ ތަފްޞީލެއް އަދި ހާމައެއް ނުކުރައްވައެވެ.   

އެންމެ ފަހުން އައިޖީއެމްއެޗްގެ ކްލަސްޓަރއަށް އިތުރުވި ނަރުހާއެކު އެ ހޮސްޕިޓަލުގެ ކްލަސްޓަރ އިން ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 16 އަށް އަރާފައެވެ. އައިޖީއެމްއެޗުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެޑްމިޓް ކޮށްފައިވާ ބަލި މީހުންގެ އިތުރުން ބަލި މީހުންގެ ބައެއް އެހީތެރިން ވެސް ހިމެނެއެވެ. މިހާތަނަށް އައިޖީއެމްއެޗް ކްލަސްޓަރ އިން ދެމީހަކު ވަނީ ނިޔާވެފައެވެ. އެއީ ފިލިޕީންސް މީހަކާއި ދިވެއްސެކެވެ.

އައިޖީއެމްއެޗްގެ ކްލަސްޓަރ ފެށިފައިވަނި އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދިޔަ ބިދޭސީއަކު މަރުވުމުން ކޮވިޑަށް ޓެސްޓް ކުރިއިރު ޕޮޒިޓިވް ވުމުންނެވެ. އެކޭސްއާ ގުޅިގެން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އިތުރު ދެ ބަލިމީހަކާއި ތިން ނަރުހަކުވަނީ ޕޮޒިޓިވްވެފައެވެ. އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދެމީހުން ޕޮޒިޓިވް ވުމުން ވަނީ ޑީ.އެޗް-11 އަށް ބަދަލު ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު މަރުވެފައިވާކަމަށް ވަނީ މަޢުލުމާތު ލިބިފައެވެ. އަދި އައިސީޔޫއިން ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކުރި ބައެއް މީހުންނާއި އެމީހުންގެ އެހީތެރިންވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ.

ލޮކްޑައުންގެ ލުއިތަކާއެކު ހޮސްޕިޓަލުތެރެއަށް ބަލި ވަންނާނެކަން ކުރިންވެސް ތިބީ ވިސްނައިގެން ކަމަށް އައިޖީއެމްއެޗްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ޑރ. މޫސާ މުރާދު ވިދާޅުވިއެވެ. އެކަމަށް ހޮސްޕިޓަލް ވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބަލި މީހުންނާއި އެހީތެރިންވެސް ހޮސްޕިޓަލަށްދާއިރު ބަލި ނުފެތުރޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޑރ. މުރާދު އެދިވަޑައިގެންނެވިއެވެ. އައިޖީއެމްއެޗްގެ ކޯވިޑް ކޭސްތަކުގެ އިވެލުއޭޝަނަށް ފަހު އެސްއޯޕީތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަން ކުރައްވާނެކަމަށް ވެސް ޑރ. މުރާދު ވިދާޅުވިއެވެ. ހޮސްޕިޓަލަށް ކޮންމެ މީހަކުވެސް ދާންޖެހޭނީ އެއީ ބަލިފެތުރުމުގެ ފުރުޞަތު އޮތް ތަނެއް ކަމަށް ދެކި ވިހާވެސް ބޮޑަށް ރައްކާތެރި ފިޔަވަޅުތަކާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާދައިގެ ރޯގާއެއްނަމަ ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކްތައް އިޚްތިޔާރުކުރުމަށް ޑޮކްޓަރުން ދަނީ ލަފާ ދެއްވަމުންނެވެ. އައިޖީއެމްއެޗާއި ޓްރީޓޮޕްގެ ކޯވިޑް ކޭސްތަކާއެކު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުން ފްރޮންޓްލައިންގެ ކޭސްގެ ނިސްބަތް 13 އިންސައްތައަށް އިތުރުވެފައި ވާކަމަށް ކޯވިޑްގެ ތަފާސް ހިސާބުގެ ގްރާފްތަކުން ދައްކައެވެ.

 

ލިބުނު ލުއިތައް އަނެއްކާ ހަރުކަށިކުރަން ޖެހިދާނެ

މާލޭގައި ކޯވިޑް ފެތުރެން ފެށުމާއެކު ގެނައި ފުރަބަންދުން އަޅުގަނޑުމެންނަށް ކުޑަވަރެއްގެ ލުޔެއް ލިބުނީ ދެމަހެއްހާ ދުވަސް ފަހުންނެވެ. ފުރަތަމަ ދިން ލުއިތަކާއެކު ބަލި ފެތުރޭ މިންވަރާއި މީހުންގެ އަމަލުތައް ހުރިގޮތް ދެހަފުތާ ވަންދެން ބެލުމަށްފަހު ކަމާބެހޭ ޓެކްނިކަލް ޓީމުން ވަނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ބޮޑު ލުއިތަކެއް ދީފައެވެ. މިލުއިތަކާއެކު މިހާރު މިވަނީ އާއްމު ޚިދުމަތްތަކާއި އިޤްތިޞާދީ މަސައްކަތްތައް ވެސް ފަށައިފައެވެ. މިކަންކަމަށް ލުއިދީފައި ވަނީ ވަކި އުޞޫލުތަކެއް ދެމެހެއްޓުމަށް އިލްތިމާސްކުރަމުންނެވެ. ލުއިތައް ދިންކަމުގައި ވިއަސް ފުރަބަންދު އަދި އެއް ކޮށް އުވާލައިފައެއް ނުވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެކަން ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ. ލުއިތަކާއެކު ކޯވިޑްގެ ނުރައްކާ މިވަނީ ހަނދާން ނައްތައި ލައިފައެވެ. މިއީ އައު އާންމު ޙާލަތެއްކަމާއި ކޯވިޑް-19 އާ އެކު ދިރިއުޅޭ ބައެއް ކަމެއް ގިނަ ބައެއްގެ ޢަމަލުތައް ހުރިގޮތުން ފާހަގައެއް ނުކުރެވެއެވެ.

ގިނަ ދުވަސް ތަކެއްވަންދެން ފުރަބަންދުގައި، ބޭރަށް ނިކުތުން މަނާކޮށްފައި ބޭއްވުމަށްފަހު އައު އާންމު ޙާލަތުގައި އުޅުމަށް ދޫކޮށްލި ނަމަވެސް ގިނަ ބަޔަކަށް އެކަން ހަނދާން ނެތިއްޖެ ކަމަށް ޑރ. އަފްޒަލް ވެސް ފާހަގަކުރެއްވި އެވެ.

"ލުއި ދިނީމާ ވަރަށް ގިނަ ބަޔަކު އެކަން (ފުރަބަންދު) އެބަ ހަނދާން ނެތޭ. އަނެއްކާ ވެސް އިހު އޮތް ގޮތަށް ދިޔައީ ކަމަށް ހިތައި (އާންމުންގެ) ހަރަކާތްތަކުން ފެންނަނީ އެއްވެސް ވަރަކަށް ބަލާލުމެއްނެތި އުޅޭ ތަން. އެހެންވީމާ އެހެން ދާން ފަށައިފިއްޔާ މިފަދަ މަންޒަރުތައް ފެންނާނެ. މިހާރު އަޅުގަނޑުމެންގެ ކޮންޓެކްޓްސްތައް މިދަނީ އިތުރުވަމުން." ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިހާރު ދީފައިވާ ލުއިތަކާއެކު ވެސް ބޭރުތެރެއަށް ނިކުންނަން ޖެހޭނީ ޒަރޫރީ ހާލަތެއް އޮވެގެންކަން ކެނޑިނޭޅި އެޗްޕީއޭއާއި ޞިއްޙީ މާހިރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ފުލޫ ކްލިނިކަށް ދިއުމަށް ނޫން ގޮތަށް ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަމުންދާއިރުވެސް ވަޒީފާއަށާއި ކޮފީއަށާއި ކުޅިވަރު ކުޅުމާއި ތިމާގެ މީހުންގެ ގެއަށް ޒިޔާރަތް ކުރުންފަދަ ކަންކަން ކުރަމުންދާކަމަށް މިހާރު ޕޮޒިޓިވް ވަމުންދާ މީހުންގެ ކޮންޓެކްޓް ޓްރޭސީންގެ ތެރެއިން ފާހަގަ ކުރެވުމުން ދާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤްވެސް ވިދާޅުވިއެވެ. ކަރަންޓީން ކޮށްފައިވާ މީހުންގެ ގާތަށް ޒިޔާރަތް ކުރާކަންވެސް ކޮންޓެކް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވިފައިވާކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ލުއިތަކެއް ދެވިފައިވަނީ އިޤްތިޞާދީ ޙަރާކަތްތައް ހުއްޓި އެކަމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ ދަށަށް ގޮސް ތަފާތު އިޖްތިމާއީ މައްސަލަތައްވެސް ކުރިމަތި ވަމުން ދިއުމާ ގުޅިގެންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢަމަލުތައް ނިއު ނޯމަލްގެ އުޞޫލުތަކާ އެއްގޮތަށް ނުބެހެއްޓޭނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ޖެހެނީ އަނެއްކާވެސް ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށިކޮށް ގެއިން ބޭރަށް ނުކުތަ ނުދީ ހިފަހަށްޓާށެވެ.

1 ޚިޔާލު

  1. ވަށައިގެން ކުލަސްޓަރ ތައް އުޅުނަސް މިއަހަރު މީހާ ތަނަށް މިިނުރައްކ ކޮވިޑު19 އަށް ވުރެ އަމިއްލަ އަށް މަރުވީ މީހުން ގިނަ. ސިނގިރޭޓު ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެތައް މިލިޔަން ގިނަ. ކޮވިޑު19 ޖެހުނީމާ މި ޖެހެނީ މައިންބަފައިން ވެސް މުސްކުޅި ވީދުވަހު ދޫކޮށް ލާން އަނެއް މީހާގެ ސަލާމަތަށް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.