ހިތަކުން: ކުއްޖާ ބާލިޣު ވީއްސުރެ ކައިވެނިކުރުމުގެ އުމުރާއި ހަމައަށް މައިންބަފައިންގެ ޒިންމާ

އިސްލާމްދީނުގައި އަންހެން ކުއްޖަކުވިޔަސް ފިރިހެން ކުއްޖަކުވިޔަސް ބާލިޣުވުމުން ބެލެވޭނީ މުކައްލިފެއްކަމުގައެވެ. އެހެނީ ބާލިޣުވުމަށްފަހު ދީނުގެ ހުރިހާ ތަޞައްރުފާތު ތަކެއް (އަޅުކަންތަކެއް) އަދާކުރުން ވާޖިބުވާނެއެވެ . މީގެ އިތުރުން އެޤައުމެއްގައި ކަންހިނގާ އުޞޫލަށްބަލައި އެޤައުމެއްގައި ހެދިފައިވާ ޤާނޫނުތަށް ބުނާގޮތުން ބޮޑު މީހެއްކަމުގައި ކަނޑައަޅާ ވަކި އުމުރެއް އޮވެއެވެ. އެގޮތުން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކަށް ބަލާއިރުވެސް ހުރިހާގޮތަކުން ތަޞައްރަފުފުދޭ އުމުރެއްކަމުގައި ކަނޑައަޅާފައި ވަނީ 18 އަހަރެވެ. 18 އަހަރުވުމުން ކުށެއް ކޮށްފިނަމަ އެކުށުގެ ޒިންމާވެސް ޤާނޫނުގައިވާ ގޮތުން އުފުލަންޖެހޭނެއެވެ. ޒުވާނުން ޖިންސު ތަފާތު ކުރުމެއްނެތި ލިބިގެންވާ ޙައްޤު ތަކުގެ ތެރޭގައި:

  • ތަޢުލީމު ހާސިލްކޮށް ތަފާތު ރޮނގުތަކުން ކުރިއަރާދިއުމުގެ ޙައްޤު ދެޖިންސުގެ ކުދިންނަށްވެސް ލިބިގެންވެއެވެ.

ޖާހިލިއްޔަޒަމާނުގެ ވިސްނުންތައް ބުނާގޮތުން އަންހެންދަރިން ޢިލްމު އުނގެނުމަކީ މުހިއްމުކަމެއް ނޫނެވެ. އެމީހުންނަކީ ހަމައެކަނި ފިރިމީހާއާއި ދަރިންގެ ޚިދުމަތުގައި 24 ގަޑިއިރު ވޭތުކުރަންޖެހޭ ބައެކެވެ. ނަމަވެސް އިސްލާމް ދީނަކީ އެއްވެސް ޝައްކެއްނެތްގޮތުގައި އަންހެނުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް އަންގަވައި ދެއްވާފައިވާ ދީނަށް ވީހިނދު ފިރިހެން ދަރިންނެކޭ އެއްވަރަށް އަންހެންދަރިންވެސް ތަފާތު ފަންނުތަކުގައި ޢިލްމު އުނގެނުމަށް އިސްމާމްދީން ވަރަށް ބޮޑަށް ބާރުއަޅައެވެ. މިކަމުގެ ހެކި ޤުރުއާނާއި ސުންނަތް އަދި ބުއްދީގެ ދަލީލުތަކަށް ބަލާލިޔަސް ފެންނަން އެބަހުއްޓެވެ.

މާތްﷲ ވަނީ މުސްލިމުންނަށްފަރުޟުވެގެންވާ ކަންތަކުގެތެރޭގައި ވަރަށް މުހިއްމު ކަމަކަށް ޚުޝިޔާރު ވުމަށް އަންގަވާފައެވެ. އެއީ ޢިލްމު އުނގެނުމެވެ. އެހެންކަމުން ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ބާވާ ލެއްވި އާޔަތުގައި އެންމެ ފުރަތަމަވެސް އެވަނީ (اِقْرأْ) މިބަސްފުޅުން  "ކިޔަވައި ވިދާޅުވުމަށް" އެކަލާނގެ ނަބިއްޔާއަށް އަންގަވާފައެވެ. މިއެންގެވުމަކީ މުޅި އުންމަތަށް އޮތް އެންގެވުމެކެވެ. އެހެން އާޔަތެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ: (وَقُلْ رَبِّ زِدْنِي عِلْمًاً) طه - الآية 114  މާނަ: " އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާގެ ޢިލްމު އިތުރުކޮށް ދެއްވާށިއެވެ." އަދިވެސް ވަޙީ ކުރެއްވިއެވެ. ( هَلْ يَسْتَوِى الَّذِيْنَ يَعْلَمُوْنَ وَالَّذِيْنَ لَا يَعْلَمُوْنَ )   (الزمر- الآية 9)  މާނަ: " ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ."

ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ( طَلَبُ الْعِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ) (رواه مسلم، و رواه ابن ماجة.)  މާނައީ " ޢިލްމު އުގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ." އިސްލާމީ ތަޢުބީރުގައި މުޅި އުންމަތަށް އޮންނަ ޚިޠާބެއްގައި ފިރިހެން ޖިންސަށް އޮންނަ ސީޣާ ބޭނުންކުރެވިފައި ވީނަމަވެސް އެއީ ދެޖިންސަށް އޮތް މުޚާޠަބެކެވެ. ބައެއް ރިވާޔަތްތަކުގައި ( طَلَبُ الْعِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ وَمُسْلِمَةٍ) މާނައީ "ޢިލްމު އުގެނުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށްއޮތް ފަރުޟެކެވެ.މިހެންވެސް އޮވެއެވެ.

އިސްވެދިޔަ އާޔަތްތަކާއި ޙަދީސްފުޅުތަކުން އިރުޝާދު ދެއްވާފައިވަނީ މުޅި އުންމަތަށެވެ. ވީމާ އުންމަތެއްގެ އެންމެ މުހިއްމު ބަޔަކީ އެޤައުމެއްގެ މޭގަޑު ނުވަތަ ހިތް ކަމުގައިވާ ޒުވާނުން ކަމަށްވާ ހިނދު، ދެން ޒުވާނުންނަށް ވާންތިބި ޢުމުރުފުރާއަށް އިސްކަން އޮންނާނެކަން އެއީ ޝައްކެއްނެތް ގޮތުގައި ކަށަވަރުވާ ކަމެކެވެ.

ބުއްދީގެ ހަމަތަކުންބަލާއިރު އަންހެންކުދިން މަތީތަޢުލީމު އުނގެނުމަކީ މުހިއްމު ކަމެއް ނޫންކަމަށް ބުނާމީހުންގެ އަންހެންދަރިންނާއި އަނބިންވެސް ބަލިވުމުން ފަރުވާ ހޯދަން ގެންދަންބޭނުންވަނީ ކޮންމެވެސް އަންހެން ޑޮކްޓަރެއްގެ ގާތަށެވެ. ހަމައެފަދައިން އިސްލާމްދީންވެސް ބާރުއަޅަނީ އަންހެނުންގެ ޚާއްސަ ކަންކަމުގައި (  އަންހެނުންގެ އައުރަ ހާމަކުރަންޖެހޭ ޙާލަތްތަކުގައި ) އަންހެންޑޮކްޓަރުންނަށް ދެއްކުމަށެވެ.  އަންހެންކުދިން ޢިލްމު އުނގެނުމަކީ މުހިންމު ކަމެއްކަން މި ކުޑަކުޑަ މިސާލުންވެސް ހާމަވެއެވެ. މިފަދަ އެތައް ހެއްކެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް ފެންނަން އެބަހުއްޓެވެ.

  • އަންހެންކުއްޖަކަސް ފިރިހެންކުއްޖަކަސް އެކުއްޖަކު ކައިވެނިކޮށް އަމިއްލަ ފައިމަށްޗަށް ތެދުވުމާއި ހަމައަށް މައިންބަފައިން ކުއްޖާގެ ހުރިހާކަމެއްގައިވެސް ރަނގަޅުމަގުދެއްކުމަކީ ދަރިންނަށް ލިބިގެންވާ ޙައްޤެކެވެ.

ސަބަބަކީ މައިންބަފައިންނަކީ ތަޖުރިބާގެ ގޮތުންވެސް އަދި އެކުއްޖެއްގެ މައިންބަފައިންގެ ހައިސިއްޔަތުންވެސް ދުނިޔޭގައި ގިނަދުވަހު އުޅެ ތަފާތު ތަޖުރިބާތަށް ކޮށްފައިވާ ފަރާތެއް ކަމުގައި ވާތީ ކައިވެނި ކުރުންފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ކުދިންނަށް ރަނގަޅު މަގު ދައްކަންވާނެއެވެ.

ދަރިންނަށްއަބަދުވެސް މައިންބަފައިން އިރުޝާދުދީ އެދަރިންގެ ޙިމާޔަތުގައި ތިބެންޖެހޭކަމުގެ ހެކިތަކުގެ ތެރެއިން އެދަރިންނަށް ރަގަޅު ރަޙުމަތްތެރިން އިޚްތިޔާރު ކުރުމަށް އިރްޝާދު ދިނުން ހިމެނެއެވެ. އެހެނީ އަބަދުވެސް މީހުން އުޅޭނީ އެމީހުންގެ އެކުވެރިންގެ އުޅުމާ އެއްގޮތަށެވެ. އެއީ ނުބައި މީހުނާއެކު އުޅޭ ކުއްޖެއްނަމަ އޭނާއަށް ނިސްބަތް ކުރެވޭނީ ނުބައި މީހެއްގެ ގޮތުގައެވެ.

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. އިންސާނާ ވާހުށީ އޭނާގެ އެކުވެރިޔާގެ ދީންމަތީގައެވެ. ފަހެ ތިޔަބައިމީހުން (މީހެއްގެ ގޮތް ދެނެގަތުމަށްޓަކައި) އެމީހަކު އެބަޔަކާ އެކުއުޅޭ މީހުނަށް ބަލާށެވެ. رواه أبو داود ( 4833 ) والترمذي ( 2378 ) وحسَّنه ، وحسَّنه الألباني

ރަސޫލާﷲގެފާނު ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " އޭއެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވަނީގެ ރަންދިނުމަށް ކުޅަދާނަވެގެންވާ މީހާ ފަހެ މީހަކާ އިންނަ ހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާމީހާ ފަހެ އޭނާގެ މައްޗަށް ވަނީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެކަމަކީ އޭނާއަށްވާ އައްޑަނައެކެވެ." رواه البخاري ( 4779 ) ومسلم ( 1400

  • ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ދަސްކޮށްދީ ނަމޫނާ ދެއްކުން:

މަންމައާއި ބައްޕަ އަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ ނަމޫނާ ދައްކާ ބަޔަކަށް ވަނީނަމަ ދަރިން ބޮޑުވަމުން އަންނައިރު އެކުދިން ތަރުބިއްޔަތުވެގެން އަންނާއީ އެގޮތުގެ މަތީގައެވެ. ނަތީޖާއަކަށްވާނީ އެކުދިން ޒަވާޖީ ޙަޔާތެއް ފަށައިގެން ދިރިއުޅެން ފަށާއިރު ދެމަފިރިން އެކަކު އަނެކަކާމެދު ޢަމަލުކުރަންޖެހޭ ގޮތް ހުންނާނީ ދަސްވެފައެވެ. މީގެ ސަބަބުން އެކުދިންގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ވެގެންދާނެއެވެ.

  • ދަރިން ބޮޑެތިވަމުން އަންނައިރު ކަންކަމުގައި އެކުދިންގެ މަޝްވަރާއާއި ޚިޔާލުހޯދުން: ނަތީޖާއަކަށްވާނީ އެކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކަންކަމުގައި އިސްނަގަންކެރޭ ޤާބިލު ކުދިންތަކަކަށްވުމެވެ. މިގޮތަށް ކުދިންނާއި މެދު ޢަމަލު ނުކުރެވޭ ކުދިންގެ ކިބައިގައި، ދިމާވާ ބޮޑެތި ކަންކަމުގައި މަޝްވަރާހޯދަންޖެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ސިފަ އަށަގަނެގެނެއް ނުދާނެއެވެ. އޭގެ ސަބަބުން ކުރެވޭ ވަރަށް ގިނަކަންކަމުގައި އެންމެރަނގަޅުގޮތް ހާސިލްނުވުން އޮންނާނީ ވަރަށް ގާތުގައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.