އިސްތަންބޫލުގެ ހާޖިޔާ ސޯފިޔާ 1934 ވަނަ އަހަަރު މިއުޒިއަމަކަށް ބަދަލުުކުރި ގަރާރު ތުރުކީގެ އެންމެ މަތީ ކޯޓުން ބާޠިލުކޮށްފި

ކޯޓުގެ ނިންމުމާ ގުޅިގެން ރައީސު އެރްދޮޣާން ވަނީ މިރޭ އެތަން މިސްކިތަކަށް ބަދަލުކުރައްވާފަ

އިސްތަންބޫލުގައި ހުންނަ ހާޖިޔާ ސޯފިޔާ

އިސްތަންބޫލުގެ މަޝްހޫރު އާސާރީ ތަނެއް ކަމުގައިވާ ހާޖިޔާ ސޯފިޔާ މިއުޒިމަކަށް ބަދަލުކުރުމަށް 1934 ވަނަ އަހަރު ތުރުކީ ސަރުކާރުން ނެރުނު ގަރާރު އެ ގައުމުގެ ކައުންސިލް އޮފް ސްޓޭޓުން މިއަދު އުވާލައިފިއެެެވެ. ކައުންސިލް އޮފް ސްޓޭޓަކީ ތުރުކީގެ އެންމެ މަތީ އިދާރީ ކޯޓެވެ. ކޯޓުގެ މި ނިންމުމާއެކު، ހާޖިޔާ ސޯފިޔާ އަލުން މިސްކިތަކަށް ބަދަލުކުރުމަށް މަގުފަހިވެގެން ދިޔައީއެވެ.

"އެތަން (ހާޖިޔާ ސޯފިޔާ) މިސްކިތެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލައި، މިއުޒިއަމެެއް ކަމުގައި 1934 ވަނަ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ގާނޫނުތަކާ އެއްގޮތް ނޫން.: ކައުންސިލް އޮފް ސްޓޭޓްގެ ނިންމުމުގައި ވެއެވެ.

"ހާޖިޔާ ސޯފިޔާ ހުންނަންވީ ގޮތުގެ މައްސަލައަކި ތުރުކީގެ ދާޚިލީ މައްސަލައެވެ. އެއީ ތުރުކީއަށް ލިބެގެންވާ ސިޔާސީ ހައްގެއް." މިއަދުގެ ހުކުމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން އަޙްމަދު ޔަސަވީ ޔުނިވަސިޓީގެ ރެކްޓާ ޗަންގީޒް ތޯމާރް ވިދާޅުވިއެވެ.

"އެތަން މިއުޒިއަމަކަށް ބަދަލުކުރީ ވަޒީރުންގެ މަޖިލީހުގެ ގަރާރަކުން. އެހެންކަމުން، ހަމަ ވަޒީރުންގެ މަޖިލީހުގެ ގަރާރަކުން އެތަން އަލުން މިސްކިތަކަށް ބަދަލުކުރެވިދާނެ. އެެހެންނަމަވެސް، އެފަދަ ގަރާރަކަށް އަމާޒުވާނެ އެތެރޭގެ އަދި ބޭރުގެ ފާޑުކިއުންތަކަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ބޭނުންވީ ސަރުކާރުގެ ނިންމުން ގާނޫނީ ގޮތުން ސައްހަކަން ކޯޓުގެ ޒަރީއާއިން ސާބިތުކޮދޭން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ރައީސު ރަޖަބް ޠައްޔިބު ވަނީ ހާޖިޔާ ސޯފިޔާ އަލުން މިސްކިތަކަށް ބަދަލުކުރައްވާފައެވެ. އަދި މި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެތަން އާއްމުކޮށް ހުޅުވާލައި ނަމާދުކުރަން ފަށަން ވަނީ ނިންމާފައެެވެ.

"އެހެން ހުރިހާ މިސްކިތެއް ފަދަައިން، ހާޖިޔާ ސޯފިޔާ، ތުރުކީ މީހުންނާއި ފަތުރުވެރިންވެސް ހިމެނޭހެން، އެންމެންނަށް އާއްމުކޮށް ހުޅުވާލެވޭނެ. އަހަރުމެން ރާވާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަޅުކަން ކުރުމަށް ހާޖިޔާ ސޯފިޔާ ހުޅުވާލަން. ހާޖިޔާ ސޯފިޔާއަކީ ތުރުކީގެ ގާނޫނީ ބާރު ހިނގާ ތަނެއް. އަހަރުމެންގެ ޝަރުއީ ދާއިރާގެ ނިންމުމާ ދެކޮޅުހެދުން ބެލެވެނީ އަހަރުމެންގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި." އެރްދޮޣާން ވިދާޅުވިއެވެ.

ނަސާރާއިންގެެ ބީޒަންޓައިން އެމްޕަޔާއާށާއި، މުސްލިމުންގެ އުޘްމާނީ ޚިލާފަތަށް ވެސް ތާރީޚީ ގޮތުން މުހިއްމު ހާޖިޔާ ސޯފިޔާއަކީ ޔުނެސްކޯގެ ދުނިޔޭގެ އާސާރީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ދުނިޔޭގެ އެންމެ މުހިއްމު ދީނީ އާސާރުތަކުގެ ތެރޭގައި ހިމެނޭ ހާޖިޔާ ސޯފިއާއަކީ މިލާދީން ހަަވަނަ ގަރުނުގެ ތެރޭގައި ބީޒަންޓައިން އެމްޕަޔާއިން އިމާރާތްކުރި ފައްޅިއެކެވެ. އެތަން ބިނާކުރީ ގްރީކް އޯތޮޑޮކްސް ނަސާރާއިންގެ މަރުކަޒީ ފައްޅީގެ ގޮތުގައެވެ. އެހެންނަމަވެސް، އުޘްމާނީ 1453 ވަނަ އަހަރު ޤުސްޠަންޠީނިޔާ (އިސްތަންބޫލް) ފަތަހަކުރުމަށް ފަހު އެތަން މިސްކިތަކަށް ބަދަލުކުރިއެވެ.

އުޘްމާނީ ޚިލާފަތު ވައްޓާލައި، ކަމާލް އަތާތުރްކު ވެރިކަމުގައި ތުރުކީގައި އުފެދުުނު ޢަލްމާނީ (ސެކިއުލާ) ސަރުކާރުން އެތަން މިއުޒިއަމަކަށް ބަދަކުރަންދެން އެތަން ބޭނުންކުރެވެމުން އައީ މިސްކިތެއްެގެ ގޮތުގައެވެ.

ތުރުކީގެ އެންމެ މަތީ ކޯޓުގެ ނިންމުމާ ގުޅިގެން ރަޝިޔަން އޯތޮޑޮކްސް ނަސާރާއިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނިންމުމުގެ ސަބަބުން ބައިބައިވުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމުގައެވެ. ގްރީސް، އެމެރިކާ، ރަޝިޔާގެ އިތުރަށް ޔުނެސްކޯއިން ވެސް ވަނީ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.