މަސައްކަތު މާހައުލުގެ ޖިންސީ ގޯނާގެ މައްސަލައެއް ނުބެލުމުން ގެސްޓް ހައުސް އެސޯސިއޭޝަން ރައީސް އިސްތިއުފާ ދެއްވައިފި

ޖިންސީ ގޯނާގެ މައްސަލައެއް ނުބެލުމުން ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްތިއުފާ ދެއްވުމަށްފަހު އޭނާގެ ނެރުއްވި ބަޔާނެއްގައެވެ.

މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް މިމަހު 23 ވަނަ ދުވަހު ހުށަހެޅިފައި އޮތް މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާކުރުމުގެ މައްސަލައެއް، އިންޓަރނަލް ކޮމިޓީއަކުން ބެލުމަށްފަހު ހިންގާ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ހިންގާ ކޮމެޓީގައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތްކަމަށެވެ. އެހެންކަމުން އިތުރަށް އެޖަމްޢިއްޔާގެ ރައީސްގެ މަޤާމުގައި ހުންނެވުމަކީ އޭނާގެ ޟަމީރު ޤަބޫލުކުރާކަމެއް ނޫން ކަމަށެވެ. އެސަބަބަށްޓަކައި އިއްޔެ އިން ފެށިގެން ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ކަމަށް މޫސާ ނާސިހުގެ ބަޔާނުގައި ވެއެވެ. ނަމަވެސް އޭނާގެ ބަޔާނުގައި އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާކުރުމުގެ މައްސަލައެއް، ގެސްޓްހައުސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ބެލޭނެ މާހައުލެއް ނެތި އެ ޖަމްޢިއްޔާގެ ރައީސް އިސްތިއުފާދެއްވިއިރު، ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދުގެ އެމުޒާރާގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ވެސް ވަނީ ތަޙްޤީޤްކުރަން ފަށްޓަވައިފައެވެ. އެ ތުހުމަތުތަކާ ގުޅިގެން ޢަލީ ވަޙީދު މަޤާމުން އިސްތިއުފާދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. ޢަލީ ވަހީދު މަޤާމުން އިސްތިއުފާދެއްވިކަމަށް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.