އެމެރިކާގައި ޓިކްޓޮކް މަނާކުރުމާމެދު މިދަނީ ވިސްނަމުން: ރައީސު ޓްރަމްޕް

ކުރު ވީޑިއޯ ހިއްސާކުރުމަށް މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކް އެމެރިކާގައި މަނާކުރުމާމެދު އޭނާގެ ސަރުކާރުން ވިސްނަމުންދާ ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ. އެއީ، ނޮވެލް ކޮރޯނާ ވައިރަސްގެ މަައްސަލައިގައި ޗައިނާއިން އަމަލުކޮށްފައިވާ ގޮތުން ޗައިނާއާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އާނ! ތިއީ އަހަރުމެން ވިސްނަމުންދާ ކަމެއް." ގްރޭ ޓީވީގެ ޗީފް ނޭޝަނަލް ޕޮލިޓިކަން އެނަލިސްޓް ގްރޭޓާ ވާން ސަސްޓެރެންއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

"އެއީ ބޮޑު ވިޔަފާރިއެެއް. މި ވައިރަސްއާއެކު ޗައިނާއަށް ވީ ގޮތް ބަލާ. އެ މީހުން މި ގައުމަށާއި މުޅީ ދުނިޔެއަށް ހެދި ގޮތަކީ ލަދުވެތިކަމެއް." ކޮރޯނާ ވައިރަސްގެ މައްސަލައިގައި ޗައިނާއިން މުޅި ދުނިޔެއަށް އޮޅުވާލާފައިވާ ކަމަށް ކުރިއްސުރެ ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރުކުރައްވަމުން ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

ޑރ. އެންތަނީ ފޯޗީ ފަދަ އޭނާގެ ތަޖުރިބާކާރު މުޝީރުންގެ ލަފާ އަޑުއަައްސަަވައިގެން ޗައިނާއަށް ދަތުރުކުރުން މަނާކުރެއްވުން ދޫކޮށްލެއްވިނަމަ އެމެރިކާގެ ހާލަތު މިހާރަށްވުރެ މާގޯސްވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިއްޔެ ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވެސް ވަނީ އެމެރިކާ ސަރުކާރުން އެ ގައުމުގައި ޓިކްޓޮކް މަނާކުރުމާމެދު ވިސްނަމުންދާ ކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާ އެކަމުގެ ސަބަަބަކަށް ދެއްކެވީ ކޮރޯނާ ވައިރަސްއެއް ނޫނެެވެ. އޭނާ ފާހަގަކުރެއްވީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުކަން ނުހިފެހެއްޓުމެވެ.

އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަތްމައްޗަށް ދާން ބޭނުން ނޫންނަމަ، އެމީހުން ޓިކްޓޮކް ބޭނުން ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ދާދި ފަހުން އިންޑިޔާއާއި ޗައިނާއާ ދެމެދު ހޫނުވެގެން ދިޔަ ސަރަހައްދީ ރޮނގުގެ އަރައިރުމަށް ފަހު އިންޑިޔާއިންވެސް ވަނީ ޓިކްޓޮކް ހިމެނޭހެން ޗައިނާގެ 59 އެެޕްލިކޭޝަނެއް އިންޑީޔަގައި ބޭނުންކުރުން މަނާކޮށްފައެވެ.

ޓިކްޓޮކްއަކީ ޗައިނާގެ އިންޓަނެޓް ޓެކްނޮލޮޖީ ކުންފުނީ އުފެއްދުމެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި 2 ބިލިއަނަށް ވުރެ ގިނަ މީހުން އެ އެޕް ޑައުންލޯޑްކޯށްފައިވާއިރު، އެމެރިކާގެ 156 މިލިއަން މީހަކު ދަނީ ޓިކްޓޮކް ބޭނުންކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.