ލިޔުންތެރިން އަދާކުރާ ދައުރު ގުޅިފައި ވަނީ ޤައުމުގެ އިޖްތިމާޢީ އަދާލަތާ: އަޝްރަފް

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ

ލިޔުންތެރިން އަދާކުރާ ދައުރު ގުޅިފައި ވަނީ ޤައުމުގެ އިޖްތިމާޢީ އަދާލަތާ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅު ވެއްޖެއެވެ.

ރާއްޖޭގެ 27 ވަނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ދެއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ލިޔުންތެރިކަމަކީ ޙަޟާރަތެއްގެ ތަހްޒީބާއި ތަމައްދުންގެ އަސާސްކަމަށެވެ. ލިޔުމާ ނުލައި ހަރުދަނާ ނިޒާމެއް އެއްވެސް ހައިސިއްޔަތަކުން ޤާއިމެއް ނުވާނެކަމަށެވެ. އަޝްރަފްގެ މެސެޖްގައި ވިދާޅުވީ ލިޔުމުގެ ނިޒާމު ނެތި މީސްތަކުންގެ ޖަޒްބާތު ރަމްޒެއް ނުވާނެކަމަށެވެ. ލިޔުންތެރިކަމަކީ ރަސްމީ މަޢުލޫމާތުގެ އަސާސީ ރުކުނެއް ކަމަށެވެ. ހަރުދަނާ ކޮންމެ ހަޟާރަތެއްގައި މިއަސާސަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަމަށެވެ.

"ލިޔުމާ ނުލައި މިއަދު މާދަމާއަށް ނުދެކެއެވެ. އިއްޔެ މިއަދަށް ނުބުނެދެއެވެ. މިހެން ވުމުން ލިޔުމާއި ލިޔުންތެރިކަމާއި ލިޔުންތެރިންގެ ޚިދުމަތް ކޮންމެ އިރަކަށް ވެސް ކޮންމެ ޒަމާނަކަށް ވެސް ކޮންމެ ޤައުމަކަށް ބޭނުން ވެއެވެ." އަޝްރަފްގެ މެސެޖްގައި ފާހަގަ ކުރެއްވިއެވެ.

ލިޔުން ތެރިންގެ މުހިންމުކަން ފާހަގަ ކުރައްވައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި ތަހްޒީބުގައި ލިޔުންތެރިން އަދާކުރާ ދައުރު ގުޅިފައިވަނީ މުޖްތަމަޢުގެ ވިންދާކަމަށެވެ. އާއްމު ރައްޔިތުންގެ ހިތާ ކަމަށެވެ. ޤައުމީ މަސްލަޙަތާކަމަށެވެ. އިޖްތިމާއީ އަދާލަތާ ކަމަށެވެ. މުޖްތަމަޢުގެ ސުލްޙަޔާ ކަމަށެވެ.

މިއަދުގެ ލިޔުންތެރިކަމުގެ ފޭޑިޔާއި އުސްލޫބު ހުރީ އިއްޔެ އެކަންކަންހުރި ހަމަތަކާއި ވައްޓަފާޅިއަކަށް ނޫންކަމަށް އަޝްރަފް ވިދާޅުވިއެވެ. އިއްޔެ ލިޔުންތައް ނުކުތީ ޗާޕްވެގެންކަމަށާއި ނަމަވެސް މިއަދު ކުޑަ ސިކުންތެއްގެތެރޭގައި ލިޔުންތައް އާންމު ވަނީ އެކި މަންސަތަކުގައިކަމަށެވެ. ބަސް ބުނާތާ ހިނދުކޮޅެއް ނުވަނިސް އެބުނި ބަހެއް އެބަ ފެންނަ ކަމަށެވެ. އިވޭކަމަށެވެ.

އަވަސް އަވަހަށް ބަދަލުވެ ފެތުރިފުޅާވެ އާންމުވަމުންދާ މީސްމީޑިއާގެ ސަބަބުން ލިޔުންތެރިކަން މިއަދުދަނީ ވަރަލައި އުދުހެމުންކަމަށް އަޝްރަފް ސިފަކުރެއްވިއެވެ.  ފަންނިއްޔާތުގެ ރޮނގުތަކުން އަންނަ ކުރިއެރުންތަކާއެކު ލިޔުންތެރިންގެ މަސައްކަތުގައި ކޮންމެހެން ހިފަހަށްޓަންޖެހޭ އަސާސްތަކެއް އެބަހުރިކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. ބަހުގެ ހަމަތަކާއި ބަހަވީ ސިންދާފާތަށް ދޭންޖެހޭ އިސްކަމާއި އަހައްމިއްޔަތަށް އިސްކަންޖޭހޭކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އިލްތިމާސަކީ ލިޔުންތެރިންގެ ނުފޫޒުގަދަ މަސައްކަތްޕުޅުގައި ދިވެހިބަހުގެ ރިވެތި ހަމަތަކާއި އުޞޫލުތައް ހިފަހަށްޓައި ދެއްވުމެވެ. ބަހުގެ ރީތި ފަރާތް ލިޔުންތަކުން ހާމާކޮށްދެއްކެވުމެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުޤައްޔާއި އެކިއެކި އަދަބީ ލިޔުންތަކުގައި ވެސް މިހަމަ ހިފަހަށްޓައި ދެއްވުމެވެ. ލިޔުންތެރިންގެ މަސައްކަތްތަކުން މުޖުތަމަޢުގެ ޞުލްޙަޔާއި އަމާންކަމަށް ދިރުން ގެނެސް ދެއްވުމެވެ." އަޝްރަފުގެމެސެޖްގައި ވިދާޅުވިއެވެ.

ޖުލައިމަހުގެ އަށްވަނަ ދުވަސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ރާއްޖޭގައި ޗާޕްކޮށްގެން ފުރަތަމަ ޝާއިޢްކުރެވުނު މަޖައްލާ "އަލް އިޞްލާޙު" ގެ ފުރަތަމަ ޢަދަދު ނުކުތް ދުވަސް ކަމަށް ވުމުންނެވެ. ޖުލައިމަހުގެ އަށް ވަނަ ދުވަސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފުރަތަމަ ފާހަގަ ކުރެއްވީ  1993 ވަނަ އަހަރުގެ ޖުލައިމަހުގެ އަށްވަނަ ދުވަހުއެވެ. 

1 ޚިޔާލު

  1. ތެދުފުޅެއް. ލިޔުންތެރިން ވާންވާނީ ޤައުމުގައި އިޖުތިމާއީ އަދާލަތު ޤާއިމު ކުރުމުގެ އިސް މޭސްތިރިންނަށް. އެކަމަކު އަދި އަޅުގަނޑު މެންނަކަށް އެ މަންޒަރެއް ނުފެނޭ. ލިޔުންތެރިން ނަކީ ކޮބައި ކަމެއްވެސް އަޅުގަނޑުމެންނަށް ރަނގަޅަށް ނޭންގޭ. އިޖުތިމާޢީ އަދާލަތަކީ ކޮބައިކަމެއް ލިޔުންތެރިންނަށް އެނގޭނެ ހެނެއްވެސް ހިޔެއްނުވޭ. އެ ރޯލު ލިޔުންތެރިން ކުޅެން އަދި ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަން ޖެހޭ.
    ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ދަންނަވަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.