ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން ބާއްވަން ނިންމި ހަތަރު ދާއިރާއަކީ ޕީޕީއެމްއިން ވަކިކޮށްފައިވާތީ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމާމެދު އަދިވެސް ސަރުކާރާއި އިދިކޮޅު ޕާޓީ ތަކުގެ މެދުގައި ޚިޔާލު ތަފާތު ވެފައިވާ ހަތަރު ދާއިރާއެވެ. އެއީ ވިލިގިލީ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ތުލުސްދޫ ދާއިރާގެ އިތުރުން ދިއްދޫ ދާއިރާއެވެ. މި ހަތަރު ދާއިރާގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކުރިންވެސް އިލެކްޝަނުން އޮތީ ނިންމާފައެވެ.
މި ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާމެދު މިރޭ ސުޕްރީމް ކޯޓުން ކަނޑައެޅި އިރުވެސް ސީދާ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމެއް ނުވަތަ ނޫންކަމެއް ބުނެފައި ނުވާތީ އެކަން ވަނީ ގާނޫނީ ވަކީލުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސަކަށް ގޮސްފައެވެ. އިލެކްޝަން ކޮމިޝަނުން މި ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ކުރިން އުޅެފައި މަޑުކޮށްލީވެސް ސުޕްރީމް ކޯޓަށް އެ މެމްބަރުން މައްސަލަ ވެއްދުމުންނެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނުން ކުރިން އެ ހަތަރު ދާއިރާގެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ބަދަލު ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިރޭ ނިންމި ނިންމުމުގައި ނެތް ކަމަށެވެ. އެހެންވެ ބައި އިލެކްޝަނަކަށް ދާން ނިންމީ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ދާއިރާ ތަކުގެ ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭނެ ކަމަށާއި އެ ދާއިރާ ތަކުގެ މެމްބަރުންގެ ގޮނޑި ހުސްނުވާކަމަށް ސުޕްރީމް ކޯޓުން މިރޭ ނިންމި ނިންމުމުން ސާފުވާ ކަމަށެވެ.