ފޯސްޓަރކެއަރ ހޯމްއެއް ޤާއިމްކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

 އަނިޔާ ލިބޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފޯސްޓަރކެއަރ ހޯމްއެއް ޤާއިމްކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިކަން ބަޔާންކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ގޮވާލައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހެޅުއްވި ޤަރާރުގައެވެ. ޤަރާރުގައި ފޯސްޓަރކެއަރ ހޯމްއެއް ޤާއިމްކުރުމުގެ އިތުރުން އެކަމަށް ބޭނުންވާނެ ކޮންސަލްޓެންޓުންނާއި ތަރެޕިސްޓުން ހަމަޖެއްސުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ. ވަކި ސެކްޓަރ އެއްގެ ގޮތުގައި ފޯސްޓަރކެއަރ ސިސްޓަމް ޤާއިމްކުރުމަށް ވެސް ޤަރާރުގައި ވަނީ ގޮވާލައިފައެވެ. މިސިސްޓަމް ޤާއިމްކުރުމަށް ސޯޝަލް ވޯކާރސް ތަމްރީން ކުރުމަށް ވެސް ޤަރާރުގައި ވަނީ ގޮވާލައިފައެވެ. ކުޑަކުދިންގެ ރައްކާތެރިކުރުމަށްކުރާ ހޭދައިތުރުކޮށް އިންސާނީ ވަޞީލަތްތައް އިތުރު ކުރުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.

އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާޔތެރި މާހައުލެއް ހޯދައި ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޤަރާރުގައި ވަނީ ޤޮވާލައިފައެވެ. ކުޑަކުދިނަށް އަޅާނުލާ، އެކުދިންނާމެދު އިހުމާލުވާ، އެކުދިންނަށް އިހާނެތިކޮށް ހިތާ، އެކުދިންނަށް ގޯނާކުރާ އަދި އެކުދިންގެ ކިބައިން ނާޖާއިޒް ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ޤަރާރުގައި ވަނީ ގޮވާލައްވައިފައެވެ.

ޤަރާރު ހުށަހަޅުއްވަމުން މެމްބަރ ހައިތަމް ވިދާޅުވީ ކޮޥިޑާ ގުޅިގެން ވެސް ސަރުކާރުން ވަނީ މީހުންނަށް ރައްކާތެރިކަން ދިނުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅައިފައި ކަމަށެވެ. އެގޮތަށް އަނިޔާ ލިބިފައިވާ ކުދިނަށް ވެސް ރައްކާތެރިކަން ދިނުމުގައި އެފަދަ އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ގޮވާލެއްވިއެވެ. ޖިންސީ ގޯނާ ލިބޭ ކުދިންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އެހެން ކުދިންނާ އެއްކޮށް ގެންގުޅެގެން ވާނެ ކުދިންނޫންކަމަށްވެސް ހައިތަމް ފާހަގަ ކުރެއްވިއެވެ. ފޯސްޓަރކެއަރ ހޯމެއް ބޭނުން ވަނީ އެސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ. އެކުދިންނަކީ ވަރަށް ގިނަދުވަހުގެ ކައުންސިލިން ދިނުމަށްފަހު ނޫނީ އެހެން ކުދިނާއެއްކޮށް އެއްމާހައުލެއްގައި ގެންގުޅެގެން ވާނެ ކުދިން ނޫންކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ކުށްވެރިކޮށް އެފައްދަ މައްސަލަތައް އުތުރުވަމުން ދިއުމާގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.