މެމްބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް ޤަރާރަކުން މަޖިލީހުގައި ދެއްކިދާނެ: މަޖިލީހުގެ ރައީސް

ޚާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިނިސްޓަރު ނަޙްލާ އާއި ސުވާލުކުރައްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެމްބަރަކު އަވަހާރަކޮށްލުމުގެ ވާހަކަވެސް ޤަރާރަކުން މަޖިލީހުގައި ދެއްކިދާނެ ކަމަށާއި ހަމައެކަނި ނުދެއްކޭނެ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ޤާނޫނޫ އަސާސީއާ ތަޢާރަޒު ނުވާނެ ގޮތަށް މަޖިލީހަށް ޤަރާރު ހުށަހެޅި ބަހުސްކުރެވިދާނެ ކަންކަމުގެ މިސާލު ދައްކަވަމުންނެވެ. މަޖިލީހުގެ ރައީސް މިގޮތަށް މިސާލު ދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެލްޖީއޭއާއި ކައުންސިލްތައް އުވާލުމަށް ގޮވައިލައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ޤަރާރަކީ ޤާނޫނު އަސާސިއާ ތަޢާރަޒްވާ ޤަރާރެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނު އަސާސީ އުވާލުމުގެ ވާހަކަ ވެސް ޤަރާރަކުން މަޖިލީހުގައި ދެއްކި ދާނެކަމަށެވެ. ޤަރާރު މަޖިލީހަށް އެޖެންޑާކޮށް ބަހުސް ކުރިއަސް ޤަރާރު ބަލައިގަތުމާއި ބަލައި ނުގަތުން ވަނީ މެމްބަރުންގެ އަތް މަތީގައިކަމަށެވެ. ޖާބިރުގެ ޤަރާރު ޤާނޫނު އަސާސިއާ ތަޢާރަޒުވާކަމަށް ނިޒާމީ ނުކުތާ ނަންގަވައިގެން ފާހަގަ ކުރެއްވި މެމްބަރުން ވިދާޅުވީ އެޤަރާރު އެޖެންޑާވެސް ކުރެވިގެން ނުވާނެކަމަށެވެ.

ގަލޮޅު އުތުރުދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވީ އެޤަރާރަކީ ޤާނޫނުއަސާސީއާ ތަޢާރަޒްވާ ޤަރާރެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޤަރާރު އެޖެންޑާ ނުކުރެއްވޭނެކަމަށްވެސް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. ޤާނޫނު އަސާސީއާ ތަޢާރަޒްވާނީ އިސްލާމްދީނުގެ  އަސްލަކާ ޚިލާފު ވާހަކައެއް ހިމެނި ފައިވާނަމަ ކަމަށެވެ. ޤާނޫނޫ އަސާސީގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ޖެހޭނެކަމަށް ބުނެފައި ވީނަމަވެސް ކައުސިލްތަކާއި އެލްޖީއޭގެ ވާހަކަ އަކީ ޤާނޫނުނުގައި ލިޔެފައިވާ ވާހަކަ ތަކެއް ކަމަށެވެ.

އެލްޖީއޭއާއި ކައުންސިލް ތައްއުވާލުމަށް ގޮވައިލައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ޤަރާރުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. މެމްބަރ ޖާބިރުގެ ޤަރާރުގައި ބުނެފައިވަނި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އުފައްދައިފައިވާ މުއައްސަސާ އުވާލުމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވެގެން ދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ތަފާތު މައްސަލަތަކާއި ޤަރާރުތައް ވައްދަވާ މެމްބަރަށެވެ. ނަމަވެސް ގިނަ މައްސަލަތަކާއި ޤަރާރުތައް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.