ކޮރޯނާ ވައިރަސްގެ ސަބަބުން މިއަހަރު (1441ހ.) ގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައޫދީ އަރަބިއްޔާގެ ތެރެއިން އަންްނަ މަދު ބަޔަކަށް ދޭން ނިންމުމަށް ފަހު، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގައި ހިފަހައްޓަން ޖެހޭ އުސޫލަތް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދެވޭނީ ޖުމްލަ 10 ހާސް މީހުންނަށެވެ. މި އަދަދުގެ ތެރެއިން ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް %70 ކަނޑައަޅާފައި ވާއިރު، ސައޫދީ ރައްޔިތުންނަށް ކަނޑައަޅާފައި ވަނީ %30 އެވެ.
ހުއްދަ ދިނުމުގައި އިސްކަން ދޭނީ ދިގުމުއްދަތަކަށް ފަރުވާ ހޯދާ ބައްޔެގައި ނުއުޅޭ މީހުންނަށެވެ. އެއީ ކޮވިޑް-19 ނެތްކަން ޔަގީންކުރުމަށް ޕޮލިމަރޭޒް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓެއް ހެދުމަށް ފަހުގައެވެ.
މީ މީހުންގެ ތެރެއިން މީގެ ކުރިން ހައްޖުވެފައި ނުވާ، އުމުރުން 20 އަަހަރާ 50 އަހަރާ ދެމެދުގެ މީހުންނަށް ޙައްޖުވުމުގެ ފުރުސަތު ދެވޭނެއެވެ. އެހެންނަމަވެސް، ޙައްޖަށް ދިއުމުގެ ކުރިންނާއި، ޙައްޖުކޮށް ނިމުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގައި އެމީހުން ތިބެން ޖެހޭނެއެވެ.
ޙައްޖަށް ދާން ރަޖިސްޓަރީވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އަނެއްކޮޅުން، ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން އާއްމުކުރި އުސޫލުގައި ވާގޮތުން މި އަހަރު ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޙަޖަރުލް އަސްވަދުގައި ބޮސްދިނުމާއި، ގެފުޅުގައި އަތްލުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި ޙައްޖުގެ އަޅުކަމުގެ ހުރިހާ މަނާސިކެއް އަދާކުރާއިރުވެސް ކޮންެމެ ދެމީހެއްގެ ދޭތެރޭގައި މަދުވެގެން 1.5 މީޓަރު (5 ފޫޓު) ގެ ދުރުމިން ބަހައްޓަން ޖެހޭނެއެވެ. ޖަމާއަތުގައި ނަމާދުކުރާ އިރުވެސް އަދި ޠަވާފުކުރާ އިރުވެސް މި އުސޫލު ހިފަހައްޓަން ޖެެހެއެވެ.
އަދިވެސް އެ ސެންޓަރުން ހާމަކުރި ގޮތުގައި މި އަހަރުގެ ޙައްޖުގެ ޖަމްރާއަށް އުކާނީ ކޮވިޑް- 19 އިން ރައްކާތެރިވުމުގެ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ސްޓެރިލައިޒްކޮށްފައިވާ ހިލައެވެ. ކޮންމެ ޙައްޖުވެރިއަކަށް ބަންދުކޮށްފައިވާ ހިލަ ޕެކެޓެއް ދެވޭނެއެވެ.
ޖަމްރާއަށް ހިލައުކުމަށް ދެވޭނީ ޖަމްރާތަކުގެ ކޮންެމެ ފަންގިފިލާއަކަށް އެއްފަހަރާ 50 ޙައްޖުވެރިންނަށްވުރެ އިތުރު ނުވާ ގޮތަށެވެ.