އިތިއޯޕިޔާގެ މަގްބޫލު ލަވަކިއުންތެރިޔާ ހާޗާލޫ ހުންޑީސާ މަރާލުމާ ގުޅިގެން އެގަމުގައި ފެށުނު ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 160 އަށް އަރައިފިކަމަށް ރަސްމީ މަސްދަރަކުން ހާމަކޮށްފިއެެވެ.
ބޭރުގެ ޚަަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން އޮރޯމިޔާ ސަރަހައްދުގެ ސެއިއުރިޓީ އެންޑް ޕީސް ބިއުރޯގެ ވެރިޔާ ޖިބްރީލް މުޙައްމަދު ވިދާޅުވީ ހުންޑީސާ އެ ސަރަހައްދަކަށް ނިސްބަތްވާ އޮރޯމިޔާގައި 156 މީހުން މަރުވެފައިވާ ކަމުގައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާއްމުންގެ 145 މީހުންނާއި، ސަލާމަތީ ބާރުތަކުގެ 11 މީހުންނެވެ. މީގެ އިތުރަށް ވެރިރަށް އެޑިސް އަބާބާގައި ހިނގި ހަމަނުޖެހުންތަކުގައި 10 މީހަކު ވަނީ މަރުވެފައެެވެ.
ބޮޑުވަޒީރު އަބީ އަަޙްމަދުއަކީ ވެސް އޮރޯމިޔާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، އޭނާ ވިދާޅުވީ ހުންޑީސާ މަރާލުމުގެ ފަހަތުގައި ވަނީ އޭނާގެ އިސްލާހީ މަސައްކަތް ހަމަ މަގުން ކައްސާލައިގެން ދިއުމަށް ބޭނުންވާ ބަޔަކު ކަމުގައެވެ.
ނުސީދާ ގޮތެއްގައި މިސްރަށް އިޝާރާތްކުރައްވަމުން ބޮޑުވަޒީރު އަބީ އަޙްމަދު ވިދާޅުވައިވަނީ ގައުމުގައި ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ބޭރުގެ އަދުއްވުންެގެ އަތެއްވެސް ވާކަަމުގައެވެ.
ނީލަ ކޯރުގެ އެއް ކަފި ކަމުގައިވާ ބްލޫ ނައިލް ހުރަހަށް އިތިއޯޕިޔާއިން ބިނާކުރާ ބިޔަ ޑޭމް، ރިނައިސަންސް ޑޭމްގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ބޮޑުވަޒީރު އަބީގެ ވާހަކަފުޅަށް ރައްދުދެއްވަމުން ސޫދާނުގެ ވެރިރަށް ޚުރްޠޫމުގައި ހުންނަވާ މިސްރުގެ ކޮންސުން ޖެނެރަލް އަޙްމަދު ޢަދްލީ ވަނީ އިތިއޯޕިޔާގެ ހަމަނުޖެހުންތަކާ މިސްރާ އެެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ހޯމަ ދުވަހުގެރޭ ދިން ބަޑީގެ ހަމަލާއެއްގައި މަރާލާފައިވާ ހާޗާލޫ ހުންޑީސާއަކީ އޮރޯމިޔާގެ މީހުންނަށް ބަޠަލެކެވެ. ސަރުކާރާ ދެކޮޅަށް ކުރިިއަށްދާ އިހުތިޖާޖުތަކުގައި އާއްމުކޮށް ޖަހާ އޭނާގެ ލަވަތަކުގައި ގެނެސްދީފައިވަނީ އޮރޯމިޔާ މީހުންނަށް ލިބެންޖެހޭ ހައްގުތަކުގެ ވާހަކަތަކެވެ. އެލަވަތައް ވެފައި ވަނީ އޮރޯމިޔާ މީހުންނަށް ގައުމީ ޖޯޝު ގެނެސްދޭ ލަަވަތަކަކަށެވެ.
އިތިއޯޕިޔާއަށް ސިޔާސީ އިސްލާހުތައް ގެެންނެވުމަށާއި، ޒަމާންވީ ހަތުރު އެރިޓްރިޔާއާއެކު ސުލްހަވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ފާއިތުވި އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތް އަބީއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަަލަބޮލިކަމަކީ އޭނާގެ ވެރިކަމުގައި ކުރިމަތިވެވައިގަންނަވާ އެންމެ ބޮޑު އިމްތިހާނެވެ.