ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަ ބޮޑުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލައި އޮތުމުން: ރައީސް

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި ކުޑަކުދިންނާއި އަންހެނުންނާ މެދު ހިންގާ ގެވެށި އަނިޔާއާއި ޖިންސީގޯނާގެ މައްސަލަ އިތުރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެފަދަ މައްސަލަތައް ޙައްލުކުރުމަށް މާބޮޑު މަސައްކަތްތަކެއް ނުކޮށް އަޅައިނުލައި އޮތުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ މިއަދު ފުލުހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުކުރެވި މުޖުތަމަޢުގައި ހުރި އިޖްތިމާއީ މައްސަލަތައް ޙައްލުކުރުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިންމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން މިމައްސަލަތައް ހައްލު ކުރުމަށް އެންމް މުހިންމު ރޯލެއް އަދާކުރެވޭނީ ފުލުހުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.   

"ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތަކަށް ވިއަސް ކުޑަކުދިނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާއާއި މަސްތުވާތެކެތީގެ މައްސަލަތައް ކަމަށްވިއަސް މިއީ ހައްލު ނުކުރެވި މުޖުތަމަޢުގައި ހުރި ދުވަސްވީ މައްސަލަތައް  މިސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާޢީ އެފަދަ މައްސަލަތައް ހައްލުކުރުމަށް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިފަދަ އިޖްތިމާޢި މައްސަލަތައް ހައްލުކޮށް ކާމިޔާބުކުރުމަށް ޤާނޫނުތަކަށް ގެންނަންން ޖެހޭ އިޞްލާޙުތަކެއްހުރި ކަމަށާއި އަދި ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަޞީލަތްތަކާއި ތަޢުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާ ކުރުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވިދާޅުވިއެވެ.

:އަޅުގަނޑު ބޭނުންވަނީ ކާޑްކާ މީހެއްގެ ގޮތުގައި ހުންނާކަށްނޫން. އަޅުގަނޑުގެ ބޭނުމަކީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް ޢިތުބާރު ކުރާ އަދި ތިޔަ ފުލުހުންވެސް އެތަނަކާ މެދު ފަޚުރުވެރިވާ ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން" ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ ހަރުދަނާ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެއްދެވުމަށް ފުލުހުންގެ ތެރޭގައި ތިއްބެވި ޢިލްމީ، ފަންނީ ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ބޭނުންފުޅު ކުރައްވާނެކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.