ކޯވިޑް-19 އާއެކު މަބްރޫކްގެ ނަން ތާރީޚްގެ ތެރެއަށް

ފާއިތުވި ހަތަރުވަރަކަށް މަހަކީ ކޯވިޑްގެ ސަބަބުން ނުތަނަވަސްކަމާއި ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް އިތުރުވި ދުވަސްތަކެކެވެ. އާއްމު ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނުވި ހަތަރު ވަރަކަށް މަސްދުވަހެވެ. ނިމިގެން ދިޔަ ދަތި އުދަނގޫ ހަތަރު މަހަށްފަހު މިއަދު އަޅުގަނޑުމެންނަށް މިވަނީ އައު އާއްމު ޙާލަތަކާ ހަމައަށް އާދެވިފައެވެ. ނަމަވެސް ވޭތުވެދިޔަ ދަތި ދުވަސްތަކުގެ ހަނަދާން ތަކަކީ އަޅުގަނޑުމެންގެ ހިތުން ފިލައިގެން ދާނެ ކަންކަމެއް ނޫނެވެ.

ކޯވިޑްގެ ނުރައްކާތެރިކަމުގައި ފުރަބަންދުގައި ތިބި ދިވެހި ކުދިބޮޑު ރައްޔިތުންގެ ލޯބި މަބްރޫކް މިވަނީ އެންމެ ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި ހޯއްދަވައިފައެވެ. މަބްރޫކް ނުދަންނަ ކުޑަކުޖެއް އަދި މުސްކުޅިއެއް ވެސް މިހާރަކު މިރާއްޖެއަކު ނުހުންނާނެއޭ ދެންނެވިދާނެއެވެ. ފުރަބަންދުގައި ތިބެގެން ދިވެހިން އެންމެ ޝައުޤުވެރިކަމާއެކު ބެލި "ޝޯވ" އަކީ ކޮވިޑާ ގުޅޭ މަޢުލޫމާތު ދެއްވުމަށް މަބްރޫކް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުންތަކެވެ. ރާއްޖޭގެ ކޯވިޑްގެ ޙާލަތާއި ރައްޔިތުން ޢަމަލުކުރަންވީ ގޮތް އެނގިގެން ދިޔައީ މަބްރޫކްގެ ނޫސްވެރިންގެ ބައްދަލުވުން ތަކުންނެވެ. ހެލްތް މިނިސްޓަރުވެސް ފާހަގަ ކުރެއްވިފަދައިން އެވަގުތު ވެގެން ގޮސްފައި ވަނީ ކުދި ބޮޑު އެންމެން އެވަގުތަކަށް އެންމެ އިންތިޒާރު ކުރާ ވަގުތަށެވެ. އެ ނާޒުކު ޙާލަތުގައި ރައްޔިތުންނާއި ކޮވިޑާ ދޭތެރޭގައި އެޅުނު ފާލަމަކީ ކޮވިޑާ ގުޅިގެން މަޢުލޫމާތު ދިނުމަށް ކަނޑައެޅި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލް ޢަޒީޒު ކަމަށް ހެލްތް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ. ކޯވިޑްގެ ނާޒުކް ޙާލަތުގައި ސަރުކާރުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ދެމެހެއްޓުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކުކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ.

 އެންމެންގެ ތަޢުރީފް މަބްރޫކަށް

އެންއީއޯސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުން ރޭ ބޭއްވިއިރު އެބައްދަލުވުމަކީ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރާއި ނޫސްވެރިންވެސް ވަނީ މަބްރޫކްގެ މަސައްކަތަށް ތަޢުރީފް ކުރައްވައިފައެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި އެންމެފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެތައް ގޮތަކުން މަބަރޫކްގެ ޚިދުމަތް ފާހަގަ ކުރަން ޖެހޭކަމަށެވެ. އެފަދަ ދަތި ޙާލަތެއްގައި ރާއްޖޭގެ ނޫސްވެރިންނަށް މެދުކެނޑުމެއްނެތި މައުލޫމާތު ފޯރުކޮށްދެއްވި، މަބްރޫކް ފިޔަވައި ދެވަނަ މީހަކާ ބައްދަލު ވެފައި ނުވާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި މަބްރޫކް ދެއްކެވީ ކެތްތެރިކަމާއި ހާމަކަން، ކަމަށް ފާހަގަކުރެއްވިއެވެ. ފޮރުވުމެއް ނެތި މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި މަބްރޫކް ދެއްކެވި ނަމޫނާއަކީ ކުރިއަށް އޮތް ތަނުގައި ނަމުނާއެއްގެ ގޮތުގައި ދެކެން ޖެހޭކަމަށް ވެސް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"އެއްވެސް ސިޔާސީކުލައެއް، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، ނުފޫޒެއް ނެތި ނޫސްވެރިން ކުރާ ހުރިހާ ސުވާލަކާއި ރައްޔިތުން އެދޭ ހުރިހާ މަޢުލޫމާތެއް ސާފު ބަހުން ކިޔައި ދިނުމަކީ އަޅުގަނޑުމެން ފަހުންވެސް އެކަން ފާހަގަ ކުރަން ޖެހޭނެ ކަމެއް. މަބްރޫކްގެ ޕްރެސްއެއް ނެތް ކަމަށްވަންޏާ ރައްޔިތުންނަށްވެސް އެއީ ފަޅުކަމެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔަ." މަބްރޫކްގެ މަސައްކަތާ ބެހޭގޮތުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

އެންއީއޯސީގެ ތަރުޖަމާނެއްގެ ގޮތުގައި މަބަރޫކް ކުރެއްވި މަސައްކަތް ޕުޅުން އެސެންޓަރުގެ މަސައްކަތް އިތުރަށް ފުރިހަމަވެ ހަލުއިކަން ލިބިގެންދިޔަކަން ހެލްތް މިނިސްޓަރުގެ ވާހަކަފުޅުން ފާހަގަ ކުރެވުނެވެ.

"މަސައްކަތުގައި ކުރިއަށް ދާއިރު ހާސްކަމެއްނެތި ކުރިއަށްދާ އެއްކަމެއް އަބަދުވެސް އޮވޭ. އެއީ މަބްރޫކްގެ މަޢުލޫމާތު ފޯރުކޮށް ދިނުން. އެދުވަހެއްގައި ހިނގާ ކަންކަން ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށް ދެވޭނެ ކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނޯވޭ. އުނދަގޫ ވަގުތުތައް ވެސް ދިޔަ. އެކަމަކު މަބަރޫކް ގެ މަޢުލޫމާތު ދިނުން ވެގެން ދިޔައީ ރައްޔިތުންނާ ކޮވިޑާ ދޭތެރޭގައި އެޅުނު ބްރިޖަކަށް." ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ތަރުޖަމާނުކަން ޤަބޫލުކުރެއްވީވެސް ކަމުގެ މުހިންމުކަން އެނގިވަޑައިގެން 

މަބްރޫކަކީ ރައީސް އޮފީހުގެ މީޑިއާ ސެކްޝަންގައި އަންޑަރ ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރައްވާ ބޭފުޅެކެވެ. ކޯވިޑްގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް އަޅުގަނޑުމެންނަށް ފުރަތަމަވެސް ފެނިފައިވަނީ ރާއްޖެއިން ކޯވިޑްގެ ބަލިމީހަކު ފެނިގެން މާރޗްމަހު ހަތްވަނަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެދުވަހުން ފެށިގެން ރޭ ބޭއްވި އެންއީއޯސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް 160 ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައިވާއިރު 111 ބައްދަލުވުމުގައި މަބްރޫކް ވަނީ ބައިވެރިވަޑައިގެންފައެވެ.

އެންއީއޯސީގެ ނޫސްވެރިންގެބައްދަލުވުން ތަކުގައި ނޫސްވެރިންގެ 1200 އަށްވުރެގިނަ ސުވާލަށް މަޢުލޫމާތު ދެވިފައިވާކަމަށް އެސެންޓަރުގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ތަކުގެ އިތުރުން ފޯނުކޯލްތަކުގެ ޒަރިއާއިންނާއި އެނޫން ގޮތް ގޮތުންވެސް 681 ސުވާލަށް ޖަވާބުދެވިފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ތަރުޖަމާނުނުކަމާ ޙަވާލުވެވަޑައިގެންނެވީވެސް ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ދިނުމަކީ ނުހަނު މުހިންމު ކަމެއްކަން ދެނެވަޑައިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ މުހިންމު ބޭނުމަކަށް ނުވަތަ އިސްތިރާޖަކަށް ވެސް ވީ އެންމެ އަވަހަކަށް ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދެއްވުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ ކަން އޮތްގޮތް ސާފުކޮށްދީ އޮޅުން ފިލުވައި ދިނުމަށް. ކުށެއް ޖެހިއްޖެއްޔާ ޖެހިގެން އަންނަ ރޭ އެކުށް ރަނަގަޅު ކުރުމަށް. އޮޕަރޭޝަނަލް މައްސަލަތަކުގައި ދިމާވާކަންކަން، ފަސް ޖެހުމެއް ނެތި  ޙަޤީޤަތާ އެއް ގޮތަށް ކިޔައި ދިނުމަށް. ބޭނުމަކީ  މަޢުލޫމާތުތައް ދިނުމުގެ ސަބަބުން ތިޔަބޭފުޅުންނަށް (ނޫސްވެރިންނަށް)  ވާނުވާ އެނގުން. އަދި އެކަމުގައި ރައްޔިތުންނަށް ޢަމަލު ކުރަންވީ ގޮތް ސާފުވެގެން ދިއުން. އެހެންކަމުން ކުރެވުނު ޚަރަދެއް ވިއަސް ކޮންޓްރެކްޓެއް ޙަވާލު ކުރެވުނަސް، ކޮންމެ ކަމެއްގައިވެސް ސުވާލެއް ކޮށްފިއްޔާ އެސުވާލެއްގެ ޖަވާބު ހޯދޭތޯ  އަޅުގަނޑު މަސައްކަތް ކުރިން.  އެތައް ރެއަކު އަޅުގަނޑު ދޭ ޖަވާބުން އިތުރަށް ހަރުކަށިކޮށް ސުވާލު ކުރެވުނު ރޭރޭ ދިޔަ." މަބްރޫކް ވިދާޅުވިއެވެ.

ޞިއްހީ ދާއިރާގެ ފަންނީ ބޭފުޅަކަށް ނުވާތީ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްދާއިރު އެދާއިރާގެ ފަންނީ ބޭފުޅަކު ހުންނެވުމަކީ އެންމެ ފުރަތަމަ ދުވަހުވެސް ބޭނުންފުޅުވީ ކަމެއްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެގޮތަށް އެކަން ފުރިހަމަ ވެގެން ގޮސްފައިވުމަކީ ނޫސްވެރިންގެ ބައްދަލުވުންތައް ކާމިޔާބުވި އެއްސަބަބުކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކަށް އެންމެ އުދަނގޫފުޅުވީ ކޯވިޑްގެ މަރުތަކުގެ މަޢުލޫމާތު ހާމަކުރައްވަން

ދިވެހި ރައްޔިތުންނާ ކުރިމަތިލައްވައި މަޢުލޫމާތު ފޯރުކޮށް ދެއްވަމުން ގެންދެވިއިރު، މަބްރޫކަށް ދިމާވީ އެންމެ އުދަނގޫފުޅު ހާލަތަކަށްވީ ކޯވިޑްގައި މަރުވި މީހުންގެ މަޢުލޫމާތު ގެނެސްދެއްވުމެވެ.

"މީހަކު ނިޔާވި ކޮންމެ ފަހަރަކީ ހިތަށް ބަރުކަން ލިބުނު ވަގުތެއް. އެވާހަކަ ދައްކަން ވެސް، އެވާހަކަޔާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ވެސް، އަޑުއަހަންވެސް އުދަނގޫ." ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ފާހަގަ ކުރެއްވީ ކޯވިޑްގައި އެންމެ ފުރަތަމަ އަންޒާތަކަކީ ބިރުވެރި ކަންބޮޑުވުން އޮތް ޢަދަދުތަކެއް ކަމަށެވެ. އެންމެ ފުރަތަމަ އަންދާޒާއަކީ ލައްކައެއްހައި މީހުންނަށް ބަލި ޖެހި އެތައް ބަޔަކު މަރުވުމެވެ. ނަމަވެސް ފަހުގެ އެއަންދާޒާތައް ދަށްކުރެވި ކޯވިޑްގެ ތަރުޖަމާނު ކަމުން ދުރަށް ޖެހިވަޑައިގެންނެވިއިރު ބަލިޖެހުނު މީހުންގެ ޢަދަދަކީ 2380 ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

އަންދާޒާތަކާ ހަޤީގަތާ ދޭތެރޭގައި އޮތް ފަރަގު ހަޤީގަތަކަށް ހަދައިދިނީ ދިވެހި ރައްޔިތުންކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހަޤީޤަތާ ހިސާބަށް އާދެވުނީ ގައިދުރުކަމުގެ ފިޔަވަޅުތައް އަޅައި ރައްޔިތުންވި އެތައް ޤުރުބާނިއެއްގެ ސަބަބުންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ  މިޑިއާއިން ވެސް  ސަރުކާރުންވެސް ކުރަމުން އައީ އެއް މަސައްކަތެއް ކަމަށެވެ. އެއީ ބަލިން އަރައި ގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. މަބްރޫކްގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާ ގުޅިގެން ނޫސްވެރިން ކުރި މަސައްކަތް ވެސް ވަނީ ފާހަ ކުރައްވައިފައެވެ. ނޫސްވެރިންގެ މަސައްކަތަކީ ޒަމާންތަކަށް ދެމިގެންދާނެ ތާރީޚީ މަސައްކަތެއް ކަމަށް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ދިމާވާ ތަކްލީފުތައް ނޫސްވެރިން  ޙިއްޞާ ކުރައްވަނީ އެކަންކަން ރަނގަޅު ކުރުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ފަސް ޖެހުމެއް ނެތި ނޫސްވެރިން ކުރި ސުވާލުތަކުން  ޕްރެސް ކޮންފަރެންސްތައް ވެސް އިތުރަށް ފުރިހަމަވެ، އެންއީއޯސީގެ މުޅި އޮޕަރޭޝަން ވެސް އިތުރު ފުރިހަމަކަމެއް ލިބި ޒިންމާދާރު ކަމާއެކީ ހިންގުމަށް މަގު ފަހިވިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ކެމެރާ ކުރިމަތީގައި އޭނާ ހުންނަވައިގެން މަޢުލޫމާތު ފޯރުކޮށްދެއްވި ނަމަވެސް އެމަސައްކަތަކީ ކެމެރާގެ ފަހަތުގައި ތިބެގެން އެތައް ބަޔަކު ކުރެއްވި މަސައްކަތް ކަމަށެވެ. އެހުރިހާ އެންމެންގެ މަސައްކަތް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އެންއީއޯސީގެ ތަރުކަމާނެއްގެ ގޮތުގައި އޭނާ ހަމަޖައްސަވައި ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ކުރެއްވި އިތުބާރު ފާހަގަކުރައްވައި ރައީސް ޞާލިޙަށް މަބްރޫކް ޝުކުރު އަދާ ކުރެއްވިއެވެ. ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ހުންގާނުގައި ތިއްބެވި  ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ގެ މަސައްކަތް ވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.