ޑީޖީ މައިމޫނާ މަސައްކަތް ކުރައްވަނީ ގާނޫނުއަސާސީގެ ބޭރުން: ޖާބިރު

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު މަސައްކަތް ކުރައްވަނީ ގާނޫނުއަސާސީގެ ބޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު ޢްބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނުޢާއްމު ޞިއްޙަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ މައިމޫނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޞިއްޙީ ކުއްލި ނުރަކަލުގެ ހާލަތު އިއުލާނު ކުރައްވައި ޑީޖީ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ހާލަތާ ނުބައްދަލު، އަޅަން ޖެހޭ ވަރަށްވުރެ ބާރުގަދަ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެފަދަ ފިޔަވަޅުތަކުގެ ސަބަބުން އާއްމު ރައްޔިތުންގެ މިނިވަންކަން ގެއްލި ވިޔަފާރިތައް ފުނޑިގެން ގޮސްއިގްތިސާދަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑީޖީ މައިމޫނާއަށް ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް ވައްދަވާނެ ކަމަށެވެ. އަދި ފުރަބަންދު ވަގުތުން އުވައިލާންވެސް ގޮވައިލެއްވިއެވެ.

އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނަށް މި އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހަޅައިފައިވާ އިޞްލާޙުގައި އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރުމުގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް ވަނީ ވާނީ ދީފައެވެ. ބިންގައި ވާގޮތުން އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާތާ 48 ގަޑިއިރު ތެރޭގައި އެކަން އިއުލާންކުރާ އެޤަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަންޖެހޭނެއެވެ. މަޖިލީހަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ޤަރާރަށް އުނި އިތުރު ގެނައުމާއި ގަރާރުން ވަކި ބައެއް ނުވަތަ އެއްކޮށް ފާސްކުރުމުގެބާރު ހިމެނެއެވެ. މީގެ ތުރުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރުވެސް ބިލުން ވަނީ މަޖިލީހަށް ދީފައެވެ. އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރެވޭނީ ވެސް މަޖިލީހުގެ ރުހުން ހޯދައިގެންނެވެ. މަޖިލީހުންވެސް ފަހަރަކު އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްކަމަށް ބިލުގައި ބުނެއެވެ.  މިބިލް ފާސްވެ ޤާނޫނަކަށް  ވާއިރު އާއްމު ޞިއްޙަތުގެ ކުލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާނަމަ ބިލުގައި ވާ އުޞޫލަށް ޤަރާރާމެދު ޢަމަލު ކުރަންޖެހޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފައިސާ ޚަރަދު ކުރަން ޖެހެނީ ވެސް މަޖިލީހުން ކަނޑަޅާ އުޞޫލެއްގެ މަތިންނެވެ. ބިލުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާއްމު ޞިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި މަހުން މަހަށް ހިނގާ ޚަރަދު ތަކުގެ ތަފްޞީލްތައްވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާތާ 60 ދުވަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރި ޚަރަދުތަކުގެ ތަފްޞީލް އެނގޭނެ ފުރިހަމަ އޮޑިޓް ރިޕޯޓެއް ރައީސުލް ޖުމްހޫރިއްޔާއާއި އޮޑިޓަރ ޖެނެރަލް އާއި އަދި މަޖީލީހަށް ވެސް  ހުށަހަޅަން ޖެހެއެވެ. އަދި 90 ދުވަހުގެ ތެރޭގައި ބިލުގައި ބުނާ ވަކިކަންކަން ހިމެނޭ ގޮތަށް މިންވަރު ވަޒަންކުރާ ރިޕޯޓެއްވެސް  ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މަޖިލީހުގެ މަސައްކަތް ހިންގަން ޖެހޭނެ އުޞޫލުވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިބިލް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.