ޕީއަައިއޭގެ މަތިންދާބޯޓު ވެއްޓުނީ ޕައިލެޓުންގެ ސަމާލުކަން ކުޑަވުމުގެ ސަބަބުން: އިބްތިދާއީ ރިޕޯޓު

ކަރާޗީއަށް ވެއްޓުނު މަތިންދާބޯޓުގެ އެއް އިންޖީނު

ފާއިތުވި މޭ މަހު 22 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓު ކައިރިއަށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެެއް ޖެހިގެން ނޫންކަމަށާއި، ޕައިލެޓުންނަށް ހެދުނު ގޯހުންކަމަށް، އެ ހާދިސާ ތަހުގީގުކުރުމަށް ފަހު އާއްމުކުރި އިބްތިދާއީ (ޕްރެލިމިނަރީ) ރިޕޯޓުގައި ބުނެފިއެވެ.

މިއަދު ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް އެސެންބްލީ، އަށް ރިޕޯޓު ހުށަހަޅުއްވަމުން މިނިސްޓަރ ފޯ އޭވިއޭޝަން ޣުލާމް ސަރްވަރު ޚާން ވިދާޅުވި ގޮތުގައި، މަތިންދާބޯޓު ވެއްޓިފައި ވަނީ ޕަައިލެޓުން ސަމާލުކަން ދޭންވީ ވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުންނެވެ.

"ޕައިލެޓާއި ކޯޕައިލެޓު ވެސް ސަމާލުކަން ދީފައި ނުވޭ. ހުރިހާ ވަގުގެއްތައި ދެމީހުންގެ ދެމެދުގައި ދެކެވިފައި ވަނީ ކޮރޯނާވައިރަސްގެ ވާހަކަ." މިނިސްޓަރު ވިދާޅުވިއެވެ.

"ޕައިލެޓުވެސް އަދި (އެއާ ޓްރެފިކް) ކޮންޓްރޯލާވެސް ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވެފައި ނުވޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ރިޕޯޓު ހުށަހަޅުއްވަމުން މިނިސްޓަރު ސަރްވަރު ޚާން ފާހަގަކުރެއްވި ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލާގެ އިރުޝާދުތަކަށް ޕައިލެޓް ސަމާލުކަން ނުދީފައެވެ. އަނެއްކޮޅުން މަތިންދާބޯޓުގެ އިންޖީނު ބިމުގައި ޖެހުނު ވާހަކަ އޭޓީސީން ޕައިލެޓަށް އަންގާފައި ނުވެއެވެ.

97 މީހުން މަރުވި މިހާދިސާގައި އޭ320 މަރުކާގެ މަތިންދާބޯޓުގެ ދެ އިންޖީނު ފޭލްވެ ބޯޓު ވެއްޓިފައި ވަނީ މީހުން ދިރިއުޅޭ ގެތަކެއްގެ މައްޗަށެވެ. އަދި އެ ބޯޓުން ދަތުރުކުރި 2 މީހުން ފިޔަވައި އެންމެން އެ ހާދިސާގަައި މިރުވިއެެވެ.

ފްރާންސްގެ ސަރުކާރު އޮފިޝަލުންނާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން ޕާކިސްތާނުން އެކުލަވައިލި ތަހުގީގު ޓީމުން ވަނީ ފްލައިޓު ޑާޓާ ރިކޯޑަރާއި ވޮއިސް ރިކޯޑަރ ރަނގަޅަށް ތަހުލީލުކޮށްފައެެވެ.

އަށް އަހަރުގެ ތެރޭގައި ޕާކިސްތާނުގައި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ހިތާމަވެރި މި ހާދިސާ ހިނގާފައި ވަނީ ކޮރޯނާވައިރަސްގެ ސަބަބުން ދަތުރުފަތުރު ހުއްޓާލާފައި އޮތުމަށް ފަހު އެތެރޭގެ އުދުހުންތަކަށް ހުއްދަދިންތާ މާގިނަ ދުވަހެއް ނުވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.