ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަނީ އިންތިހާއަށް ފިކުރު ބޮޑުވެ ހާސްވެފައެވެ. މޫނުމަތިން އުފާވެރިކަމާއި ހިނިތުންވުން ވަނީ ގެއްލިފައެވެ. މާސްކުއެޅުމުން މޫނުގެ އުޖާލާކަމާއި ހިތްގައިމުކަން ވަނީ ފޮރުވިފައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިކަން މިހެން ދިމާވެފައިވަނިކޮށް މާސްކު އަޅާ މީހުންގެ މޫނުން އުފާވެރި މިޒާޖެއް ދައްކުވައިދޭ މާސްކެއް ޖަރުމަނުގެ ފަންނުވެރިޔަކު ތައްޔާރުކޮށް ބޭނުން ކުރަންފަށައިފިއެވެ.
އެ މާސްކުގައިވާ ފަންނުވެރިކަމުން ހާމަކޮށްދެނީ އުފާވެރިކަމެވެ. ނަތީޖާއަކަށްވެފައި ވަނީ އެ މާސްކުއަޅައިގެން ހުންނަ މީހާއަށް ބަލާލުމުން ހިތްހަމަޖެހި ހިނިތުންވެވޭގޮތް ވުމެވެ. މިއީ ފެހުންތެރިންނާއި އެދާއިރާއާ ގުޅޭ މީސްމީހުންނަށް ދާދިފަސޭހަކޮށް ތައްޔާރު ކުރެވޭފަދަ މާސްކެކެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވާން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަނީ އަޅަމުންންނެވެ. ހޭލުންތެރިކަން އުފައްދަން ކުރަންޖެހޭ ކަންތައްތައް ވެސް ދަނީ ކުރަމުންނެވެ.
މާސްކު ތައްޔާރުކުރި ފަންނާނު ބުނިގޮތުގައި އޭނާގެ މަގުސަދަކީ ހިނިތުންވުމާއި ހިތްހަމަޖެހުމުގެ މިޒާޖު ހާމަކޮށްދެއްކުމެވެ. ކޮރޯނާވައިރަސްގެ ނުރައްކާތެރި ވަބާއާ ކުރިމަތިލުމުގެ އުއްމީދާއި އަޒުމު ވަރުގަދަކޮށްދިނުމެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެންފެށި ކޮރޯނާވައިރަސްގެ ނުރައްކާ މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރި ބޮޑު ވަބާއަކަށް ވެފައެވެ. އެ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކު އެޅުމެވެ.