އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ނާކާމިޔާބުވެފައިވާކަމަށް ބުނެ އިންޑިއާގެ ނޫސްވެރިއަކު ސުއާލުތަކެއް އުފައްދައިފިއެވެ.
ދާޚިލީ ހަމަނުޖެހުމުގެ އެތައް މައްސަލައަކަށް ގެނބިފައިވާ އިންޑިއާ ވަނީ އަވަށްޓެރި އެތައް ގައުމަކާވެސް ހަނގުރާމަ ފަށަން ޖެހޭ ހިސާބަށް ދަތުރުކޮށްފައެވެ.
އިންޑިއާގެ ނާކާމިޔާބު ޚާރިޖީ ސިޔާސަތާމެދު ސުއާލު އުފައްދަމުން ދަނީ އެގައުމުގެ މަޝްހޫރު ނޫސްވެރިއެއްކަމުގައިވާ ނިރުޕަމާ ސުބުރަމާނިއަމް އެކަންޏެއް ނޫނެވެ. އިދިކޮޅު ޕާޓީތަކާއި ކުރީގެ ޑިޕްލޮމޭޓުންނާއި ސިފައިންގެ ތަޖުރިބާކާރުން ވެސް މެއެވެ.
މީސްމީޑިއާގައި ނިރުޕަމާ އުފައްދާފައިވާ ސުއާލުތަކުގެ ތެރޭގައި ސަރަހައްދީ އިމުގައި އިންޑިއާއާއި ޕާކިސްތާން ހަނގުރާމައެއް ފަށާ ހިސާބަށް ގޮސްފައިވަނީ ކީއްވެގެންތޯއާއި ޗައިނާއާއި އިންޑިއާގެ ސަރަހައްދީ އިމުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވަނީ ކީއްވެގެންތޯއާއި ނޭޕާލާއި އިންޑިއާގެ ސަރަހައްދީ އިމުގެ މައްސަލައާއި ބަނގްލާދޭޝްއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި އަފްޣާނިސްތާނުގެ ސުލްހައިގެ މޭޒުދޮށުން އިންޑިއާ ފެއަށް ޖައްސަންޖެހުނު މައްސަލަވެސް ހިމެނެއެވެ.
އިންޑިއާއާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި ހޯމަދުވަހުގެރޭ ހިނގި ހަމަނުޖެހުންތަކެއްގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި އިންޑިއާސިފައިންގެ 20 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އެއްގަމު ސިފައިންގެ ކާނަލްއަކުވެސް ހިމެނެއެވެ.
އިންޑިއާއިން ބުނިގޮތުގައި އެ ހާދިސާއާ ގުޅިގެން ބަދަލުކުރެވުނު ހަމަލާތަކުގައި އިންޑިއާ ސިފައިން ވަނީ ޗައިނާ ސިފައިންގެ ފަސް މީހުން ވެސް މަރާލާފައެވެ.
އިންޑިއާގެ ސިފައިން ހާމަކުރިގޮތުގައި އިރުމަތީ ލަދާޚުގެ ގަލްވާން ވާދީގައި ހިންގި ހަމަނުޖެހުން ހުއްޓުވުމަށް ދެގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.
ޗައިނާއިން ބުނިގޮތުގައި އެ ހާދިސާ މެދުވެރިވީ އިންޑިއާގެ ސިފައިން ސަރަހައްދީ ރޮނގު ހުރަސްކޮށް ޗައިނާ ސިފައިންނަށް ހަމަލާ ދިނުމުގެތެރޭގައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒައުލީ ޖިޔާން ވިދާޅުވިގޮތުގައި ހޯމަ ދުވަހު އިންޑިއާގެ ސިފައިން ދެފަހަރަކު ޗައިނާ ސަރަހައްދު ހުރަސްކޮށްފައިވެއެވެ.
ދެގައުމުގެ ސަރަހައްދީ އިމުގެ މައްސަލަ ފަހަކަށް އައިސް ހޫނުވެ ހަނގުރާމައެއް ފެށޭ ހިސާބަށް މައްސަލަ ނުރައްކައުވުމުން މަޝްވަރާކޮށްގެ މައްސަލަ ހައްލުކުރުމަށް ދެގައުމުން ވަނީ އެއްބަސްވެފައެވެ.
އިންޑިއާގެ ދިފާއުގައި އަބަދުވެސް ހަރުކަށި ބަހުރުވައިން ވާހަކަދައްކަވާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތަށް މިދުވަސްވަރު އިދިކޮޅުފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަގެންދެއެވެ.