(15 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެކަމަކު އަހަރެން މި ވާހަކަ ދައްކަނީ ކުޑައަންމަޔާ." އޭނާގެ އަޑުގައި މަޑުމަތިރިކަން ހުރި ނަމަވެސް އަޒުމުގެ ވަރުގަދަކަން ފައުޅުވާން ހުއްޓެވެ.
"މުސްރަތު. މެހެމަލް ގާތު ބުނޭ ތައްޔާރުވާށޭ. އަހަރެން ބޭރުގައި އިންތިޒާރުގައި އެބަހުރިން." މެހެތާބް ހިނގައްޖެއެވެ.
ބާރެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް މެހެމަލް އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. މުސްރަތުގެ މޫނުމަތީން ފެންނަނީ އެޔަށްވުރެ މާ ބޮޑަށް ކަންބޮޑުވެފައި ހުރި ކަހަލަ ކުލަވަރެކެވެ.
"މަންމާ..."
"މެހެމަލް. އެމީހުންނާއެކު ދޭ. އެހެންނޫނީ ބޮޑު ހައިޖާނެއް އުފައްދައިފާނެ."
"އަހަރެން ކިޔާ އެއްޗެއް އެމީހުންނަށް ނުވިސްނެނީ ކީއްވެގެން؟" އޭނާ ފޮތް އެނދުމައްޗަށް ޖެހިއެވެ.
"ޙަސަން ފަހަރެއްގައި ކޮންމެވެސް ހެޔޮ ފިޔަވަޅެއް އަޅައިފާނެ. އޭނާގެ މައްޗަށް އަހަރެންގެ އުއްމީދު އެބައޮތް."
"އަހަރެން އިތުބާރު ކުރަނީ ﷲ އަށެވެ. އުއްމީދުވެސް އޮތީ އެކަލާނގެއަށެވެ." މެހެމަލްގެ ހިތަށް އެރިއެވެ.
އޭނާ ޢަބާޔާ ލާން ފަށައިފިއެވެ. އަދި ކަޅު ބުރުގާއެއްވެސް އަޅައިފިއެވެ. ކޮންމެ ކަމެއް ބޮޑު ސަކަރާތަކަށް ހެދުމުގެ ބޭނުމެއް ނެތެވެ. މިހާރު އެމީހުންނާއެކު ދާނީއެވެ. ފަހުން ކުރާނޭ ކަމަކާމެދު ފަހުން ވިސްނާނީއެވެ.
އޭނާ ކޮޓަރިން ނުކުމެ ބޭރުގައި ހުންނަ ހަމައިސްކޮޅު ލޯގަނޑުގެ ކައިރިއަށް ހުއްޓުނެވެ. އޭނާގެ ސިފައަށް ބަލައިލިއެވެ. ކަޅު ކުލައިގެ ބުރުގާގެ ތެރެއިން އޭނާގެ މޫނު ހުރީ ވިދައިލަވިދައިލައެވެ.
އޭނާ އެނބުރިލީ ވަގުތު ފެނުނީ ޙަސަން ސިޑިން ފައިބާ ތަނެވެ.
"ކޮންތާކަށް ދަނީ؟"
"ކުޑައަންމަޔާ އެކީ ކާވެންޏަށް ބޭނުންވާ ސާމާނު ގަންނަން ބާޒާރަށް."
"މެހެމަލް އެއްބަސްވީތަ؟" ޙަސަން އޭނާޔާ ވަރަށް ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. އޭނާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
"އަހަރެން ބޭނުންވާ ގޮތަކަށް ކަމެއް ކުރުމުގެ އެއްވެސް އިޚްތިޔާރެއް މިގެޔަކު ނޯވޭ."
ޙަސަން އިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ބުންޏެވެ.
"ދެމީހުން ކޯޓަށް ގޮސް އިންނާނީ."
މެހެމަލަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް އެޅީކަމުގައެވެ.
"ތިޔަ ކިޔެނީ ކީކޭކަން ޙަސަންބެއަށް އެނގޭތަ؟" އޭނާއަށް ކެތްކުރެވުނީ ލައްކަ މަސައްކަތުންނެވެ.
"އާނ. އަހަރެން މި ދައްކަނީ މެހެމަލް މި ދަންމަޅިން ސަލާމަތް ކުރުމުގެ ވާހަކަ."
"ކޯޓަށް ގޮސް ކާވެނިކުރާ ވާހަކަ... إنّا للّه وإنّا إليه راجعون. ޙަސަންބެ އަހަރެން ގާތު ތިޔަ ކަހަލަ ވާހަކައެއް ދައްކައިފާނޭ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަން."
"މެހެމަލް އަހަރެންގެ ވާހަކަޔާ ދެކޮޅު ހަދަނީ ކީއްވެގެން؟ އެމީހުން މެހެމަލްގެ ކާވެނި ގަދަކަމުން ވަސީމާ ކުރުވައިފާނެ. އޭރުން..."
"ޙަސަންބޭ. ކޯޓަށް ގޮސް މީހުނާ އިނުމަކީ ކޮންކަހަލަ ކަމެއްކަން ޙަސަންބެއަށް އެނގޭތަ؟ އެއީ ކަރުދާހު ކާވެންޏެއް. އަންހެން ކުއްޖާގެ ވަލީވެރިޔާގެ ބަހެއް ނެތް ކާވެންޏަކީ އަހަރެން ގަބޫލުކުރާ ކާވެންޏެއް ނޫން. ކާވެނި ކުރެވެން ވާނީ ވަލީވެރިންގެ ރުހުމާއެކު. އަނެއްކާ އަހަރެން ވަގަށް މީހަކާ އިންނާންވީވެސް ކީއްވެގެން؟ އަހަރެން ވަސީމްބެއަކާވެސް އަދި ޙަސަނަބެޔަކާވެސް ނީންނާނަން. ތަން ދައްކާ."
ޙަސަން އެއް ފަރާތަކަށް ޖެހިލީމާ އޭނާ ބާރަށް ހިނގާފައި ގޮސް ބޭރަށް ނުކުމެއްޖެއެވެ.
މެހެތާބް އޭރު އިނީ ކާރަށް އަރައެވެ. އޭނާވެސް ގޮސް ކާރަށް އަރައިފިއެވެ.
އެވަގުތު ކާރުދުއްވާ ގޮނޑިއަށް އަރައި މީހަކު އިށީނދެއްޖެއެވެ. ފުރަތަމަ އޭނާ ހީކުރީ ޑުރައިވަރު ކަމަށެވެ. އެކަމަކު އެއީ ކާކުކަން އެނގުނީމާ ސިހިގެން ދިޔައެވެ.
އެއީ ވަސީމެވެ. އޭނާގެ މަކުރޫހަ ހިނިތުންވުމާއެކު ކާރު އިސްޓާޓުކޮށްފިއެވެ. މި ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ އެ ވަގުތު މެހެމަލްގެ ހިތަށް އެރިއެވެ. އެކަމަކު ދެން ކުރެވޭނޭ ކަމެއް ނެތެވެ.
އޭނާ ތުން ފިއްތައިލުމަށް ފަހު ބޭރު ބަލާން ފަށައިފިއެވެ.
މެހެތާބް އެ އުޅެނީ އެންގޭޖުވުމުގެ ރަސްމިޔާތަށް ބާޒާރުކުރަން ކަމެއް ނުވަތަ ކާވެނީގެ ރަސްމިއްޔާތަށް ބާޒާރުކުރަން ކަމެއް ކަމެއް އަދިއެއް ނޭނގެއެވެ.
މެހެމަލް ވަންނަ ކޮންމެ ފިހާރައަކަށް ފަހަތުން ވަސީމް ވަދެއެވެ. އިށީނީމާ އިށީނދެއެވެ. ތެދުވީމާ ތެދުވެއެވެ.
"މެހެމަލް ވަރަށް އަޑުގަދަކުރި ވާހަކަ އެހިން. އެއީ ތެދެއްތަ؟" މެހެތާބް ޝޯކޭހެއްގެ ކައިރިއަށް ޖެހިލީމާ އޭނާ ގޮނޑިއެއްގައި އިށީން ވަގުތު ވަސީމް ކައިރީގައި އިށީނދެ އަހައިލިއެވެ.
މެހެމަލް ފުންމައިގެން ތެދުވެއްޖެއެވެ.
"އިށީނދޭ. އަހަރެން ވާހަކަ ދައްކައިލާން ބޭނުން."
ފިހާރައިގެ ގަދަ އަލި ވަސީމްގެ މޫނަށް އެޅިފައި ހުއްޓެވެ. އޭނާ ހުރީ ހަމަ އިހަށްވެސް ހުންނަ އޭނާގެ ރަސްމީ ހެދުމުގައެވެ. ގަމީހުގެ މަތީ ދެ ގޮށް ހުރީ ނާޅުވައެވެ. ކަރުގައި ދެތިން ފަށް އޮތެވެ. އޭނާ ފެނުނަސް ފަކުރުގަންނަ ގޮތް ވެއެވެ.
"ކޮން ވާހަކައެއް؟"
"އަހަންނާ އިންނާން ބޭނުން ނޫނިއްޔާ މެހެމަލް އިންނާން ބޭނުން ވަނީ ކާކާ؟" ވަސީމް ނުލަފާ ވައްތަރަކަށް ހީނގެންފިއެވެ.
އެ ވަގުތު މެހެމަލްގެ ސިކުނޑީގެ އިސްކިރީނަށް ވަކި މީހެއްގެ ފޮޓޯ އަރައިފިއެވެ. އެއީ ހިތުގެ އަޑީގެ އެދުމެކެވެ. ފޮރުވިފައިވާ ނުވަތަ ފޮރުވައިގެން ގެންގުޅޭ ލޯބީގެ ދާސްތާނެކެވެ. އެ ދާސްތާނަކީ ދުވަހަކުވެސް ފުރިހަމަ ނުވާނޭ ދާސްތާނެއް ކަހަލައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އިސްޖަހައިލެވުނެވެ.
"އަހަރެން އެކަކާވެސް އިންނާކަށް ބޭނުމެއް ނޫން. އަހަރެންގެ ފަހަތުން ނެއްޓިގަންނަންވީނު؟"
"ތިޔަހެން ނުބުނޭ މެހެމަލް. މިހާރު މިވާ ގޮތުން ދެމީހުން ލައްކަ ދުވަހު އެކީގައި އުޅޭނަމެއްނު؟" ވަސީމް ތެދުވެގެން އޭނާޔާ ކައިރިއަށް ޖެހިލިއެވެ. އޭނާ ފަހަތަށް ޖެހިލިއެވެ. ފިހާރަ އޮތީ ގާތްގަނޑަކަށް ތޮއްޖެހިފައެވެ. އެކަމަކުވެސް އޭނާ ވަސީމް ދެކެ ބިރުގަނެއެވެ. އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއޭ ހިތަށް އަރާވަރުންނެވެ.
"އެކޮޅަށް ހިނގާ. އަހަރެން ދައްކަން ޖެހޭ ވަރަށް ގިނަ ވާހަކަ އެބަހުރި." އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. "އެ ފަރާތުގައި އެހެރަ އައިސްކްރީމް ޕާލަރުގައި އިށީނދެތިބެ ވާހަކަ ދައްކައިލަމާ ހިނގާ."
"ކުޑަ... ކުޑައަންމާ." އޭނާ މީހުންގަނޑުގެ ތެރެއިން މެހެތާބް ފެންނާން ހުރިތޯ ހޯދައި ބަލައިލިއެވެ.
"މެހެމަލްގެ ކުޑައަންމަޔަށް ޅައިރުގެ އެކުވެރިޔަކު ފެނިގެން އެމީހާޔާއެކު ހިނގައްޖެ. އަވަހަކަށް ނާންނާނެ. މިކޮޅަށް ތަންކޮޅެއް ކައިރިއަށް އާދެބަލަ." ވަސީމް ކުރިއަށް ޖެހިލައި އޭނާގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އޭނާގެ އަތުގައި ވަސީމްގެ އިނގިލި ޖެހިލުމާއެކު މެހެމަލަށް ހީވީ ކަރަންޓުގައި ޖެހެވުނުހެންނެވެ. އަތުގައި އޮތް ދަބަހުން ވަސީމްގެ މޫނުމަތީގައި އަޅައި ވިހެލައިފިއެވެ.
"ގޮތްކުޑަ... ދުރުގައި ހުރޭ." އޭނާ ހަޅޭއް ލަވައިގަތެވެ.
ދަބަހުން ގޮސް ޖެހުނީ ވަސީމްގެ ނޯއްމަތީގައެވެ. އޭނާ ފަހަތަށް ޖެހިލިއެވެ. މެހެމަލްގެ އަޑު އިވިގެން މީހުންތައް އެދިމާއަށް ބަލާން ފަށައިފިއެވެ. ފިހާރައިގައި މަސައްކަތްކުރާ ކުދިންވެސް އެތަނަށް އަތުވެއްޖެއެވެ.
"ޙައިވާނު..." ވަސީމް ވީތަދުން ނޭފަތްމަތީގައި އަތް އަޅައިގެން މެހެމަލާ ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު ފިރިހެން ކުއްޖަކު ފުރަގަހުން އޭނާ ހިފަހައްޓައިފިއެވެ.
"ކޮން ސަކަރާތެއް؟ އެ މަންޖެއަށް ގޯނާ ކުރަނީ ކީއްވެގެން؟"
"މެޑަމް. ކިހިނެއްވީތޯ؟ މި ކަލޭގެ އުނދަގޫ ކުރަނީތޯ؟"
މީހުންގަނޑުގެ ތެރެއިން ސުވާލުތައް އުތުރިއަރައިގަތެވެ. އެއްބަޔަކު ތިބީ ވަސީމްގެ އަތުގައި ހިފަހައްޓައިގެންނެވެ.
"އަހަރެން މިއީ އެކަނި ހުރި ކުއްޖެއް ކަމަށް ހިތައި އުނދަގޫ ކުރަނީ." މެހެމަލް މިހެން ބުނެފައި އަނެއްކާވެސް ފަހަތަށް ޖެހިލައިފިއެވެ. ދެން ވާނީ ކިހިނެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ވީވެސް އެހެންނެވެ. ޒުވާން ކުދިބަޔަކު ވަސީމްގެ ގައިގައި އެޔެއް މިޔެއް ނުބަލައި ތަޅައިގެންފިއެވެ. އޭނާ އަވަގުރާނަ ގޮވަމުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ތަޅާ... ހޭއަރުވައިލާ... އަބުރުވެރި އަންހެންކުދިންނާ ބެހޭ މީހަކު ދޫނުކުރާތި." އުމުރުން ދުވަސްވީ މީހަކު މަންޒަރު ބަލަން ހުރެފައި ބުނެލިއެވެ.
"ބާރަށް ޖަހާ... އިބުރަތަކަށްވާވަރު ކޮށްލާ."
"ކަލޭގެ ގެޔަކު އަންހެނުންނެއް ނޫޅޭތަ؟"
މެހެތާބަށް އެތަނަށް އާދެވުނުއިރު ވަސީމަށް އޮތީ ދެވަރުން އެއްވަރު ކޮށްލައިފައެވެ. އެފަކީރު ގަޔަކު ދެފައިމަތީ ކޮޅަށް ހުރެވޭހައި ވަރެއްވެސް ނެތެވެ. އެކަމަކު އަދިވެސް ދުލެއް ނުކުރެއެވެ. މެހެތާބް ދުވެފައި ވަސީމް ގާތަށް އަތުވެއްޖެއެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން މެހެމަލް ހަމަޖެހިލައިގެން އިނެވެ. ވަސީމަށް އަނިޔާކުރާތަން ފެނުނީމާ ހިތްހަމަ ޖެހިފައި ކަހަލަ ގޮތަކަށެވެ.
"މެހެމަލް. އެމީހުން ވަސީމްގެ ގައިގައި ތަޅައިގަތީ ކީއްވެގެން؟"
"އޭނާގެ ބަފާގެ އެންގުމަށް އަހަރެންގެ ގައިގައި ތަޅައި ރޯނާގަންނަވައިލިކަމުގެ ބަދަލު އޭނާއަށް ފެންނަނީ."
"ކޮން ހާސަރެއް ތިޔަ ދަމަނީ؟"
"ވަރަށް މަޖާ ހާސަރެއް. ކުޑައަންމަވެސް ހީނމަޖާކުރޭ." ވަސީމުގެ ގައިގައި ތަޅާތަން ބަލަހައްޓައިގެން އޭނާ އިނީއެވެ. ފިހާރައިގެ މެނޭޖަރާއި އެހެން މުވައްޒަފުން އައިސް އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.
"ދެން ދޫކޮށްލާ... އޭނާ މަރުވެދާނެ..." އެމީހުން އާދޭސް ކުރަމުން ދިޔައެވެ. ޒުވާނުންގެ ފޯރިއަކަށް ބަދަލެއް ނައެވެ.
އެންމެ ފަހުން މެހެތާބް ދެމެދަށް ވަދެވޭތޯ މަސައްކަތް ފަށައިފިއެވެ.
"އަހަރެންގެ ދަރިފުޅު ދޫކޮށްލާ... ދުރަށް ދޭ..." އޭނާ ގޮވަމުން ދިޔައެވެ.
މެހެމަލް ގޮނޑީގައި އިނދެގެން ޗިޕްސް ޕެކެޓެއް ކަނޑައިލިއެވެ.
މީގެ ފަހުން ދުވަހަކުވެސް އަހަރެން ގޮވައިގެން ތަނަކަށް ނާންނާނެއެވެ. އޭނާގެ ހިތަށް އެރިއެވެ.
* * *
މެހެމަލް ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. ތަނަށް ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވައިލައިފިއެވެ.
"މެހެމަލް. އެތެރެއަށް ވަދޭ." އެތެރެއިން އިވުނީ ފަރިޝްތޭގެ އަޑެވެ.
އޭނާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ.
"އައްސަލާމް ޢަލައިކުމް. އަހަރެންކަން ދައްތައަށް އެނގުނީ ކިހިނެއް؟"
"ދައްތައޭ ކިޔަނީ ކަމެއް ވެގެންނެއްނު؟ މެހެމަލް ނޭވައެއްލާ އަޑު އިވުނަސް އަހަންނަށް އެނގޭނެ." އޭނާ ހިނިތުންވެލިއެވެ.
އޭނާ އިނީ އެނދުގައި އިށީނދެގެންނެވެ. އުނގުމަތީގައި ފައިލެއް އޮތެވެ. އެނދުމަތީގައި ފޮތެއް ބާވައިފައި އޮތެވެ. މޫނުމަތީން ފެންނަނީ ވަރުބަލިކަމުގެ އަސަރެވެ. މެހެމަލް ވަނީމާ އޭނާ ފޮތް ނަގައި ކައިރީގައި ހުރި ތިރި މޭޒެއްގެ މަތީގައި ބާއްވައިލުމަށް ފަހު އެއް ފަރާތަކަށް ޖެހިލައި މެހެމަލް އިށީންނަން ތަން ހަދައިލިއެވެ. "އާދޭ. އިށީނދޭ."
"ރީތި ކޮޓަރިއެއް. އަހަރެން ދަނާލަށް މިއައީ އަލަށް." އޭނާ ކޮޓަރި ތެރެއަށް ކަޅި ހިންގައިލުމަށް ފަހު އެނދުގައި އިށީނދެއްޖެއެވެ. އޭނާ ހުރީ ޔުނިފޯމުގައެވެ. ފަރިޝްތޭ އިނީ ގޭތެރޭގައިލާކަހަލަ އާދައިގެ ހެދުމެއްގައެވެ.
"ދަނާލު ކިހިނެއް؟"
"ވަރަށް ރަނގަޅު. މިއަދު އިސްކޫލަށް ނައީ ކީއްވެގެން؟"
"މާބޮޑު ކަމެއް ވީއެއް ނޫން. ކުޑަކޮށް ވަރުބަލިވީ." އޭނާ ހިނިތުންވެލިއެވެ.
ފަރިޝްތޭގެ މޫނުމަތި ހުރީ ކުޑަކޮށް ރީނދޫވެފައެވެ. ބަލިވެއުޅޭ ވައްތަރު ޖަހައެވެ.
"ސިއްހަތަށް ބަލައިގެން އުޅޭ." މެހެމަލް ބުނެލިއެވެ. "ދައްތަ އަހަރެމެން ގެއަށް އައިސް އެގޭގައި ނޫޅެނީ ކީއްވެގެން؟ އެއީ ދައްތަގެ ގެއެއްނު؟ ދައްތަގެ ހައްގެއް. ގެއިންވެސް ހިއްސާ ހޯދަން މަސައްކަތް ކުރޭ."
"މަށީގެ ގެއަކުން އަހަރެން ކުރާނީ ކީއް؟ އެއް ދުވަހަކުން އަހަރެންވެސް މަށްޓަށް ވެދާނެ. އަހަރެން ބޭނުންވަނީ އާއިލީ ހައްގު."
"އެހެންވެއްޖެއްޔާ އެކަމާ އުޅެން ވާނެއެއްނު؟"
"މެހެމަލް. އެހެން ވާހަކައެއް ދައްކާ."
(ނުނިމޭ)
Miadhu ge maa kuru
ވަސީމް ފަކީރަށް އެހާވަރު ކުރާކަށްނުވާނެއެއްނު...???