ޞިއްޙީ ކުއްލިނުރައްކާ އިޢުލާން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމާމެދު މެމްބަރުންގެ ޚިޔާލު ތަފާތު

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގައި މަޖިލީހުގެ ރުހުން ހޯދުމާމެދު މެމްބަރުންގެ ޚިޔާލު ތަފާތު ވެއްޖެ އެވެ.

މިކަމާ މެދު ޚިޔާލު ތަފާތުވެފައިވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަނަނަވަނީ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނެވެ. ވިލިމާލޭގެ މެމްބަރު އަޙްމަދު އުސާމް ވިދާޅުވީ  ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިއްލާންކުރުމުގައި މަޖިލީހުގެ ރުހުން ހޯދަންޖެހޭގޮތަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް  އެކަން ނިންމުމުގައި މިހާރަށްވުރެ ބޮޑަށް ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ ރަނގަޅުކަމެއް ކަމަށް ދެކެވަޑައިގަނަވާ ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވެސް ވިދާޅުވީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގައި މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ނެތިވެސް ރިޔާސީ ނިޒާމުގައި ސަރުކާރު ހިންގެން ޖެހޭނެކަމަށް އޭނާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވެއެވެ. މިކަމަށް ރައްދު ދެއްވައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުޤައްރަރުކަން ވެސް ކުރައްވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ޓްވީޓް ކުރައްވައިފައެވެ. އޭނާ ކުރެއްވި ޓްވީޓްގައި ވަނީ ރިޔާސީ ނިޒާމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާ ކުއްލި ނުރައްކާ މަޖިލީހުން ފާސްކުރުމަށް ޤާނޫނުއަސާސީގައި އޮންނަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. މެމްބަރު އިންތިި މި މޭރުމުން ކުރެއްވި ޓްވީޓްގައި ޤާނޫނުއަސާސިގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު މަޖިލީހުން ފާސްކުރަން ޖެހޭނެކަމަށް ބުނާ މާއްދާތައް ވެސް ވަނީ ހިމަނުއްވައިފައެވެ.

މަޖިލީހަށް ހުށަހަޅުއްވައިފައވާ ޢާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގައި މަޖިލީހަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އިޞްލާޙުގައި ވާގޮތުން ޢާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރާތާ 48 ގަޑީއިރުގެ ތެރޭގައި އެކަން އިޢްލާނުކުރާ ޤަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަން ޖެހޭނެއެވެ. މަޖިލީހަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ޤަރާރަށް އުނިއިތުރު ގެނައުމާއި ޤަރާރުން ވަކި ބައެއް ނުވަތަ އެއްކޮށް ފާސްކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުގެ ބާރުވެސް ބިލުން ވަނީ މަޖިލީހަށް ދީފައެވެ. ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިތުރު ކުރެވޭނީވެސް މަޖިލީހުގެ ރުހުން ހޯދައިގެންނެވެ. މަޖިލީހުންވެސް ފަހަރަކު އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ކަމަށް ބިލުގައި ބުނެއެވެ. މިބިލް ފާސްވެ ޤާނޫނަކަށް ވާއިރު ޢާއްމުޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާނަމަ ބިލުގައި ވާ އުޞޫލަށް ޤަރާރާމެދު ޢަމަލު ކުރަންޖެހޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފައިސާ ޚަރަދު ކުރަން ޖެހެނީވެސް މަޖިލީހުން ކަނޑައަޅާ އުޞޫލެއްގެ މަތިންނެވެ. ބިލުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ޢާއްމު ޞިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި މަހުން މަހަށް ހިނގާ ޚަރަދު ތަކުގެ ތަފްޞީލުތައްވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ. މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.