މިސްރުގައި ކޮވިޑް- 19 ޖެހިގެން މަރުވި ޑޮކްޓަރުންގެ އަދަދު 58 އަށް އަރައިފިއެެވެ. މިކަން ހާމަކޮށްފައިވަނީ ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ކޮވިޑް- 19 ފެތުރޭ މިންވަރު އިތުރުވެ، އެބަލީގައި އެމީހުން މަރުވަމުންދާތީ އެ ގައުމުގެ ސަރުކާރަށް އަމާޒުވާ ފާާޑުކިއުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިސްރުގެ ސިއްހީ ޚިދުމަތްތެރިންގެ ޖަމްއިއްޔާ، އިޖިޕްޝަން މެޑިކަލް ސިންޑިކެޓް (އީއެމްއެސް) އިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ތިން ޑޮކްޓަރަކު މަރުވެފައި ވެއެެވެ.
މިސްރުގެ ސިއްހީ ނިޒާމު ބޮއްސުންލާފައި ވާކަމުގެ އިންޒާރު އީއެމްއެެސް ފާއިތުވި މޭ މަހު ދީފައިވެއެވެ. އަދި އެ ޖަމްއިއްޔާއިން ވަނީ ހެލްތު މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށާއި، ސިިއްހީ ޚިދުމަތްތެރިންނަށް ރައްކާތެރިކަން ދިނުމަށް ނުކުޅެދިފަވާ ކަަަމަށް ތުހުމަތުކޮށްފައެެވެ.
"މިނިސްޓްރީގެ އިހުމާލާއި، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ރައްކާތެރިކަން ދިނުމަށް ފިޔަވަޅު ނޭޅުން ރަނގަޅު ނުކޮށްފިނަަމަ، ސިއްހީ ނިޒާމު މުޅިން ބޮއްސުންލައިގެން ގޮސް، މުޅި ގައުމު މުސީބާތަކާކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު މި ޖަމްއިއްޔާއިން ދެމެެވެ." އީއެމްއެސް ނެރުނު ބަޔާނެއްގައި ވެއެވެ.
އާާބާދީގެ ގޮތުން އެންމެ ބޮޑު އަަރަބި ގައުމު ކަމުގައިވާ މިސްރުގައި 36 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ފަހަކަށް އައިސް ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރަން މިސްރުގެ ގިނަ ޑޮކްޓަރުންތަކެއް ދިއުމާ ގުޅިގެން އެ ގަައުމަށް ވަނީ ޑޮކްޓަރުން ނުލިބުމުގެ މައްސަލަކުރިމަތިވެފައެވެ. އަދި އެންމެ އިސް ސަފުގައި ސިއްހީ ޚިދުމަތްދިނުމަށް ނުކުންނަން ތިބި ޑޮކްޓަރުންނަށް ވަނީ އެކަށީގެންވާ ރައްކާތެރިކަމުގެ އާލާތް ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު އައްސުބްކީ ވިދާޅުވިގޮތުގައި، ކޮވިޑް- 19 ގެ ބަލިމީހުން އެކަހެރިކޮށް ފަރުވާދިނުމަށް ތައްޔާރުކޮށްފައިވާ 17 ހޮސްޕިޓަލް ވަނީ ފާއިތުވި މޭ މަހުގެ ކުރީކޮޅު ފުރިފައެވެ.