މުނިފޫހި ފިލުވުމުގެ މި ރަންޒަމާނުގައި އަދަބީ ލިޔުން ކިޔަން ޖެހޭތަ؟

މަޑު އެނދެއްކަހަލަ ބޮޑު ގޮނޑިޔެއްގައި  އިންގޮތަށް އިނދެ ޓީވީ އާއި ދެތިން ޑީކޯޑަރާއި ކުޅެލެވޭނެ ހަތަރުފަސް ރިމޯޓު ކުރިމަތީގައި އެހުރި ތިރި ކޮފީމޭޒު މަތީގައި އެބައޮތެވެ. ޓީވީ ހުޅުވާލައި ބޭނުން ކޮންމެ ހިސާބެއްގެ އެންމެ ހޫނު ޚަބަރާއި ފަލަ ސުރުޚީތައް ކިޔައި އަޑުވެސް އަހައިލެވެން އެހާ ފަސޭހައެވެ.

އެތައް އިރަކު އެއްތަނެއްގައި އިނދެގެން ފަހަރަކު ގަނޑެއް އެއްލަމުން ފޮތް ކިޔަންވީ ކީއްވެހެއްޔެވެ؟ ޚިޔާލީ ވާހަކައާއި  މާދުރު ގައުމެއްގައި އުޅުނު އިހުމީހުންގެ ފުލޯކު ވާހަކަތައް މި ރަން ޒަމާނުގައި އަޅުގަނޑުމެން އަޅެ ކިޔަންވީ ފަހެ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ ފާޑުފާޑުގެ ލަވަޔާއި ފިލްމާއި ކުޅެވެން ހުރި ކުޅިވަރު އެހައިމެ ގިނައެވެ. މިހާގިނަ ކަންތައް ކުރެވެން ހުރި ޒަމާނެއްގައި އިހުގެ އަދީބުންނާއި މިހާރުގެ ލިޔުންތެރިންގެ މަޒުމޫނުތަކާއި ފޮތް ކިޔަންޖެހޭ ސަބަބެއް އެބަ އޮތްބާއެވެ؟ މުނިފޫހި ފިލުވޭނެ އެތައް ކަމެއް ކުޑަ ފޯނަކުންވެސް ކުރެވެން އޮއްވައި، އަދަބިއްޔާތު ކިޔައި މުތޯލައާ ކުރުމަކީ ވަގުތު ބޭކާރު ކުރުމެއްނޫން ބާއެވެ؟

 ވަގުތު ބޭކާރު ކުރުވާކަމެއްނޫނެވެ. ވަގުތު ސަލާމަތްކޮށްދޭ ކަމެކެވެ!

އަދަބިއްޔާތުން އަޅުގަނޑުމެނަށް ފައިދާއެއް، މަންފާއެއް ކުރާ ގޮތްގޮތާމެދު ވިސްނައިލަމާތޯއެވެ! އަދަބިއްޔާތަކީ ވަގުތު ބޭކާރު ކުރާކަމެއްކަމުގައި އެކަމާ ވިސްނައި ނުލާ މީހަކަށް ހީވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެނަށް ހުރިތާކުހުރެ، އިންތާ އިނދެ ފޮތެއްގެ ތެރެއިން ކިތައް ދަތުރު ކުރެވޭތޯއެވެ.  ކުއްޖަކު އުފަންވެ ބޮޑުވަމުން އައިސް ހަނގުރާމަތަކާއި، ޚިޔާނާތްތެރިންނާއި ވަފާތެރި ރަޙުމަތްތެރިންނާއި ދިމާވެ އެމީހަކު ލޯބީގެ ގޮތުން މީހަކާ ގުޅި ކާވެނިކޮށް ދަރިން ލިބޭއިރު ކިހާ ޖަޒުބާތެއް ކިހާ ތަޖުރިބާއެއް އޭނާ މެދުވެރިކޮށް ފޮތް ކިޔާމީހާއަށް އިހްސާސު ކުރެވޭތޯއެވެ. އެއީ އެންމެ މީހެއްގެ މުޅި ދިރިއުޅުމުގައިވެސް ދިމާނުވާނޭ ކަންކަން ކަމުގައި ވުން އެކަށީގެންވެއެވެ! ވީމާ އަދަބިއްޔާތަކީ ވަގުތު ސަލާމަތްވެސް ކޮށްދޭ ވަސީލަތެއް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ އަދީބު މަލިމް މޫސާ މާފަތް ކަލޭފާނުގެ ”އަޅުގަނޑުގެ ޙަޔާތް” މި ފޮތަކީ މީގެ ސަތޭކަވަރަކަށް އަހަރު ކުރީގައި ރާއްޖޭގެ ހާލަތާއި، އެޒަމާނުގެ ހައްޖު ދަތުރާއި އެ ދަތުރުގައި ކަނޑުމަގުން ކުރަން ޖެހޭ ދިގު ދަތުރަށް އަލިއަޅުއްވައިލައްވާފައިވާ ފޮތެކެވެ. ދަތުރުކުރާ މޭލްބޯޓް (ފަސިންޖަރުން އުފުލާ ބޯޓަށް އެޒަމާނުގައި ކިޔާގޮތް) ރަތްކަނޑުން ސުއެސް ކެނެލަށްވަދެ މަޑުކުރަނީ މިސްރުގެ 'ސުވޭހު' ގައެވެ. އޭރުވެސް ވެރިކަން ކުރާ ގާހިރާއަށް ދިޔުމުގެ ބޭނުމެއް ނެތެވެ! ދިވެހި ދަރިވަރުން ދެކިލައްވަން ވަޑައިގެންނެވި ވާހަކަ ލިޔުއްވާފައިވެއެވެ! އަދި އެ ދުވަސްވަރު އަދި އިޒްރޭލު އުފެދިފައިނުވާތީ، ރޭލުގައި ފަލަސްތީނަށް، މަސްޖިދުލް އަޤްސާ ބައްލައިލައްވައި ނަމާދުކުރައްވަން ވަޑައިގެންނެވި ކަމާއި ދިރުމެއްނެތް ބަޙްރުލް މައްޔިތު ކަނޑުގެ ( ޑެޑްސީ ) އައްސޭރިން ހަނދާނަކަށް ބައެއް ހިލަކޮޅުކޮޅު އެދަތުރުގައި އަރިއަހުގައި ދިޔަ ދިވެހިން ހޮވައި އެއްކުރުމުން، ތިޔަހެން ނުހަދާށޭ، މިއީ މާތް ﷲ ލަޢުނަތްލައްވާފައިވާ ތަނެކޭ” ވިދާޅުވެ އެކަން މަނާކުރެއްވިކަމަށް ލިޔުއްވިއެވެ! މިއީ މީހަކު ކިޔަން ފަށައިފިނަމަ ފޮތް ނިމުމުގެ ކުރިން އަތް ދޫކޮށްލެވޭ ވަރުތެ ފޮތެއް ނޫނެވެ! އެދުވަސްވަރަށް އެޅޭ ފާލަމެއްކަހަލަ ފޮތެކެވެ!

 އަދަބިއްޔާތުގެ ރޮނގުން 1938 ވަނަ އަހަރު ނޮބެލް އިނާމު ލިބިލެއްވި އެމެރިކާގެ ލިޔުންތެރިޔާ ޕާރލް ބަކް ގެ މަޝްހޫރު ފޮތް ”ދަ ގުޑް އާރތް” ގައި ޗައިނާގެ ރައްޔިތުންގެ ގިނަ ބަޔަކު އަފިހުން ބޭނުންކުރުމަށް ދެވިހިފައިފާމިންވަރާއި، އެކަން ހުއްޓުވަން ކުރެވުނު މަޝްހޫރު ”އަފިހުނާ ދެކޮޅަށް ކުރެވުނު ހަނގުރާމަ” ވަރަށް ރީއްޗަށް ސިފަކުރައްވާފައިވެއެވެ. އަޅުގަނޑުމެން ދަތުރެއް ނުކޮށް ވަގުތު ހޭދަ ނުކޮށް އެދުވަސްވަރަށް ޚިޔާލީ ދަތުރެއް ކުރެވުނީއެވެ. މަޝްހޫރު އަރަބި ސައްޔާޙު އިބްނު ބައްތޫތާގެ ދަތުރާއި މާކޯޕޯލޯ އޭނާގެ ބޭބެމެނާއެކު އެކުރި ދަތުރުތަކަކީ އަޅުގަނޑުމެނަށް އެހެން ޒަމާނަކަށް ހުޅުވައިދޭ ދޮރުދޮރެވެ!

އަޅުގަނޑުމެންނަކީ ތަހުޒީބު ބައެއްކަން ހަނދާންކޮށްދެއެވެ!

رُفَيْدَةُ الأسلمية – رضي الله عنها  އަކީ އިއްޒަތްތެރި ޞަހާބިއްޔަ ބޭކަނބަލެކެވެ. މުސްލިމުންގެ ހަނގުރާމަތަކުގައި އިސްނަންގަވައި ފުރަތަމައެހީގެ ފޭލިގެ ޖައްސަވައި  ޒަޚަމުވެފައިވާ މީހުންނަށް މައިދާނުގައި ފަރުވާދެއްވަމުން އެހެންމީހުންނަށް ދަސްކޮށްދެއްވަމުން ގެންދެވިއެވެ. ޚަރަދު ކުރެއްވީ އަމިއްލަފުޅު ފައިސާއިންނެވެ. ދެއްވާ ޚިދުމަތްތަކަށް އުޖޫރައެއް ނުނަންގަވައެވެ. މި އިއްޒަތްތެރި ޞަހާބިއްޔާގެ ބާރަ ގަރުނު ފަހުން އިނގިރޭސި ވިލާތުގައި ފްލޯރެންސް ނައިޓިންގޭލް ނަރުސްކަން ޒަމާނީ ކުރައްވައި ހޮސްޕިޓާތަކުގައި މިބައި ކުރިޔަށް ގެންދަވައި ވަކި އިލްމެއްގެ ގޮތުގައި ފެށްޓެވިއެވެ.

. Jean Henri Dunant އަކީ ސްވިސް ވިޔަފާރިވެރިއެކެވެ. މިހާރުގެ އިޓަލީގެ ބައެއްގައި 1859 ގައި ހިނގި ހަނގުރާމައެއްގައި މީނާ އަށް ފެނުނު އަނިޔާވެރިކަމާއި، ޒަޚަމުވެފައިވާ މީހުންނަށް އަޅައިލެވޭނެ 'ވަކިފަރާތަކަށް ނުޖެހޭ ބަޔަކު' ތިބެންޖެހޭ ކަމާއި އެފަދަ ބައެއްގެ މުހިންމުކަން ވިސްނިވަޑައިގެން ރެޑްކްރޮސް ޖަމިއްޔާ އުފެއްދެވިއެވެ. މިހާރު މިއީ މުޅި ދުނިޔެއަށް މަޝްހޫރު ބައިނަލް އަގުވާމީ ރެޑްކްރޮސް ޖަމިއްޔާއެވެ. އިސްލާމީ ގައުމުގައުމުގައި ހަރަކާތްތެރިވަނީ ‘ ރަތް ހުޅެވިހަނދު’ ( ރެޑް ކްރެސެންޓް) ގެ ނަމުންނެވެ.  މިފަދަ މީސްމީހުންގެ ނަމާއި އެފަދަ ބޭބޭފުޅުން އާމަގެއް ކޮށްޓެވުމަށް ކެތްކުރެއްވި މިންވަރާއި ކާމިޔާބު ވަންދެން ދޫނުކޮށް ކުރެއްވި ހިތްވަރަކީ އަޅުގަނޑުމެން ފޮތްފޮތުން ކިޔާ ވާހަކަވާހަކައެވެ. ވީމާ އަދަބިއްޔާތަކީ އަޅުގަނޑުމެން ވަގުތު ބޭކާރު ކުރަން ކިޔާ އެއްޗެއްނޫނެވެ.  ތެދެކެވެ، ވަގުތު ބޭކާރު ކުރަން ބޭނުންނަމަ އެފަދަ ފޮތްވެސް ހޯދެން އެބައޮތެވެ!

 ގޮނޑީގައި އިނދެގެން ދަތުރުކޮށްލެވެއެވެ!

އިނގިރޭސި ކައްޕިތާނު ވިލިޔަމް ބްލެއި ބަނބުކެޔޮ ނިރު އިރުމަތިން ހުޅަނގަށް ގެންދަވަން ކުރެއްވި ބުރަ މަސައްކަތާއި އޭނާގެ ފަޅުވެރިން  ޓަހީޓީގެ ޒުވާން ޖިންސުއްލަތީފުންގެ ލޯބީގައި ޖެހި ޚިޔާނާތްތެރިވެ އެ ހިތްވަރުގަދަ ކެޕްޓަންގެ އޮޑިކޮޅު އަތުލައި ކުޑަ ވަދުދޯންޏެއްގައި ބައްސާލިވާހަކަ ނިޔަމިކަން ކިޔަވާ އިނގިރޭސި ކަނޑުގެ ސިފައިންނަށް ކިޔަވައިދެއެވެ. މިފަދަ ދަތުރު ދަތުރާއި، އެފްރިކާގައި މިނިވަންކަމުގައި އުޅުނު ބަޔަކު ގަދަކަމުން ޖަހައިގަނެ ގެރިބަކަރި ގެންދާ އުސޫލުން އެމެރިކާއަށް ގެންގޮސް އަޅުވެތިކުރި ވާހަކަތަކާއި، އޭގެ ކުރިން ކްރިސްޓަފަރ ކޮލަމްބަސް އިންޑިޔާއަށް ދެވޭނެ ދެވަނަ މަގެއް ހޯދަން ކުރި ދަތުރުގައި މިހާރުގެ އެމެރިކާގެ ކައިރީގައިވާ ރަށްތަކަށް ދެވުނު ވާހަކަ އާއި ހަވާއި މީހުންނަށް ކޮލަމްބަސް ދެއްކެވި އަނިޔާވެރިކަމުގެ ސަބަބުން އެމީހުން އޭނާ އަވަހާރަކޮށްލި ވާހަކަ ކިޔާއިރު އޭނާގެ ދުވަސްވަރަށް އަޅުގަނޑުމެން ގެންގޮސްދެއެވެ. ދިވެހިން ފަރިތަ އިބްނު ބައްތޫތާ ގެ ދަތުރާއި މާލީގެ ރަސްގެފާނު މަންސާ މޫސާގެ މަޝްހޫރު ހައްޖު ދަތުރަކީ އަޅުގަނޑުމެނަށް ފޮތް   ފޮތުގެ ސޮފްހާތަކުން ފެނުނު ޝައުގުވެރި ވާހަކަތަކެވެ!

އަރަބިންގެ ޚިޔާލީ އުފެއްދުމުގެ މަޝްހޫރުކަން ހުޅަނގަށް މަޝަހޫރުވީ ސަރ ރިޗަރޑްބާރޓްން ” އަލްފުލައިލާ ވަލައިލާ” (އެއްހާސް ރެއާއި އަދި އެއްރޭ) މި ފޮތް އަރަބި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި ޝާއިއު ކުރެއްވިފަހުންނެވެ.  ހަގީގަތުގައި މިފޮތުން އެކަނި ލިބިލެއްވި ފައިސާއިން، އޭނާއަކީ އަތްމަތި ތަނަވަސް ބޭކަލަކަށްވިއެވެ! ފަރަންސޭސި އަދީބުގެ މަޝްހޫރު ވާހަކަ، ދުނިޔެވަށައިގެން 80 ދުވަހުން، މިއީ އެފޮތް ލިޔުނު ޒަމާނުގައި އިލްމީ ޚިޔާލު ކަމަށް ބެލެވުނު ފޮތެކެވެ. އޭނާ އެފޮތް ޝާއިއު ކުރެއްވީ 1873 ގައެވެ! ދުނިޔެ ވަށައިގެން ތިންމަސްނުވަނީސް ދަތުރުކޮށް ނިންމާލެވިދާނެކަމަށް އެދުވަސްވަރުގެ ތައުލީމީ މީހުންވެސް ގަބޫލެއް ނުކުރެއެވެ. އަދި އިރުން ހުޅަނގަށް ދަތުރު ކުރާ މީހަކަށް ތާރީޚު އެކަށައަޅާ ބައިނަލް އަގުވާމީ ރޮނގު( އިންޓަރނޭޝަނަލް ޑޭޓްލައިން) ހުރަސްކުރުމުން އެމީހަކަށް އިތުރު ދުވަހެއް ލިބޭކަން އެއީ އެފޮތުގެ ކުންނެވެ. އަދި އެންމެ ފަހުން ފޮތް ނިންމާލުމުގެ ކުރިން ލިޔުންތެރިޔާ ވަރަށް މޮޅަށް އަޅުގަނޑުމެން ކިޔުންތެރިންނަށް ފޮރުވާފައިވާ އިލްމީ ހަގީގަތެކެވެ. މިފަދަ ދަތުރެއް އަޅުގަނޑުމެނަށް ކުރެވިދާނެއެވެ. ފައިސާހުރިއްޔާ ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މަޝްހޫރު އަދީބުން އަޅުގަނޑުމެން ގޮނޑިއެއްގައި ހަމަޖެހިލައިގެން ތިއްބައި ގެނެސްދެއްވާ މައުލޫމާތެވެ. އަދި ގެނެސްދެއްވަނީ ލޯބީގެ ފޮނި ރަހަވެސް އެކުލަވައިލައްވައިގެންނެވެ! ފަރަންސޭސީންނާއި އިނގިރޭސީންނަކީ އަވައްޓެރިން ކަމުގައިވިޔަސް ދެ ގައުމުގެ ތަފާތުވެސް މި ރީތި ވާހަކައިން ސާފުކޮށް ފެނެއެވެ!

އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު މިސްރުގެ އެންމެ މަޝްހޫރު، ޒުވާނުންގެ ލިޔުންތެރިޔަކީ އަލް މަރްހޫމް އަނީސް މަންސޫރެވެ. މީނާގެ ފޮތް ” 200 ދުވަހުންދުނިޔެވަށައިގެން ” މި ފޮތަކީ އަރަބި ދުނިޔޭގައި ވަރަށް މަޝްހޫރުވި ފޮތެކެވެ. ތަކުރާރުކޮށް ޗާޕުކުރަމުންގޮސް މިހާރު ފަންސަވީހަކަށް ފަހަރު ( ބާޒާރުން ހުސްވެގެން) ޗާޕު ކުރެވިފައިވާނޭ ކަމަށް ގަބޫލުކުރެވެއެވެ.  މި ފޮތުގައި، އޭނާ ލިޔުއްވި ގޮތުގައި ސްރީލަންކާގައި އޭރު ހުންނެވި ( މިފޮތް އެންމެ ފުރަތަމަ ޗާޕު ކުރެވުނީ 1963 ގައެވެ) އަޅުގަނޑުމެންގެ ސަފީރު އޮނަރަބަލް އަޙްމަދް ޒަކީ އާއި ބައްދަލުވި ވާހަކަ ލިޔުއްވިއެވެ. އެ ދަތުރުގައި ސްރީލަންކާއިން ވަޑައިގަތީ އިންޑިޔާއަށެވެ. ރާއްޖެއަކަށް ވަޑައެއް ނުގަންނަވައެވެ.  ނަމަވެސް ރާއްޖެއާއި ބެހޭ މައުލޫމާތު ހިމަނުއްވާފައިވެއެވެ. ރާއްޖޭގެ ރީތިކަމާއި އިބްނު ބައްތޫތާ ލިޔުއްވާފައިވާ ކަންކަމަށް އަލިއަޅުއްވާފައިވެއެވެ. ވީމާ އަޅުގަނޑުމެނާ ބެހޭ ކޮންމެވެސް މިންވަރެއް ނުވަތަ ދިވެހިރާއްޖޭގެ ކުރު ތައާރަފެއް އަރަބީންނަށް، މިދެންނެވުނު ފޮތުން ލިބޭނެއެވެ. އޭނާ އެންމެ ހައިރާންވި ކަމަކަށްވީ މިރާއްޖޭގައި ކުށްވެރިން އެއްރަށުން އަނެއް ރަށަށް އަރުވައިލާކަން އެނގުމުންނެވެ!

މެދުތެރޭ ކަނޑުގައިވާ އެލްބާ ޖަޒީރާއަށް ނެޕޯލިއަން ބޮނަޕާޓް އަރުވާލެވުނެވެ. ދުވަސްކޮޅަކުން ފިއްލަވައިގެން އަނެއްކާ ލަޝްކަރެއް އެއްކުރެއްވިއެވެ. ދެން ވޯޓަރލޫ ހަނގުރާމައިގައި ނާކާމިޔާބުވެ އިނގިރޭސީންގެ އަތްދަށުވުމުން ނެޕޯލިއަން އަރުވައިލީ ދުނިޔޭގައި އެންމެ އެކަހެރި އެއްރަށް ކަމުގައިވާ ސެއިންޓް ހެލީނާ ޖަޒީރާއަށެވެ. މިރަށުގައި އެއަރޕޯޓެއް އެޅީ 2016 ވަނަ އަހަރުގެ މެދުތެރޭގައެވެ! މީގެ ކުރިން ކަނޑުމަގުންނޫން ގޮތަކަށް އެރެން އޮންނަ ރަށެއް ނޫނެވެ. އެފްރިކާ އާއި ދެކުނު އެމެރިކާގެ މެދެއްހާ ހިސާބުން އެޓްލާންޓިކް ކަނޑުގައިވާ މި ކުޑަ ޖަޒީރާގައި ނެޕޯލިއަން އަވަހާރަވަންދެން ހުންނެވިއެވެ. މި ރަށުގައި ދިވެހިންގެ ބަޔަކުވެސް އެއްދުވަސްވަރެއްގައި އުޅުނެވެ. އެއީ ބެހިގެން ހާލުގައި ޖެހިފައިވަނިކޮށް އިނގިރޭސި ބޯޓް ދަ ޑިޔުކް އަށް ނަގައިގެން ސެއިންޓްހެލީނާއަށް ގެނދެވުނު ބައެކެވެ. މި ވާހަކަ އެންމެ ފުރަތަމަ ދިވެހިން އަޑުއެހީ ނުވަތ ކީ އިނގިރޭސި ލިޔުންތެރިއެއް ކަމުގައިވާ John Ryrrell ގެ ބޮލޮގް ގައި ސެއިންޓް ހެލީނާއަށް ކުރި ދަތުރާ ބެހޭ ގޮތުން ލިޔުމުންނެވެ. ލިޔުމުގެ ބާރު ނިކަން ބައްލަވާށެވެ. އެ ލިޔުން ކިޔާފައި، ދިވެހިން ބަޔަކު އަޅުވެތިކޮށްގެން  ގެންގުޅުނުކަން އެނގުމުން ރުއިކަމަށް އޭނާއަށް ދިވެހިން އީމެއިލްކޮށް ލިޔުނެވެ!

އިސްކަންދަރުލް އަކްބަރު ނުވަތަ އެލެގްޒެންޑާ ދަ ގްރޭޓަކީ މިހާރުގެ ގްރީސަށް ނިސްބަތްވާ ހިސާބުގެ ބޭކަލެކެވެ. އިސްލާމެއް ނޫނެވެ. އިސްލާންދީނުގެ މާ ކުރިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ތެރޭގައި އޭނާގެ ނަމަށް ނިސްބަތްވާ އިބްރާހީމް އިސްކަންދަރު ރަސްގެފާނު އުޅުއްވި ނޫންތޯއެވެ؟ ކީއްވެބާއެވެ. އިސްކަންދަރު ކިޔާ ކީރިތި ރަސޫލާގެ ޞަޙާބީ ބޭކަލެއް އަޑުއެއްސެވީމުތޯއެވެ؟ މިކުޑަކުޑަ ރާއްޖޭގައިވެސް ރަސްރަސްކަލުން އެނަން އިޚްތިޔާރު ކުރެއްވީ އިސްކަންދަރު ރަސްގެފާނު އޭނާ ފަތަހަ ކުރައްވާ ތަންތަނުގައި ކަންތައް ކުރެއްވި ގޮތުންނެވެ. މީހުންނަށް އޯގާވެރިވުމާއި، އެތަނުގެ ބޮޑުންނަށް ކަމޭ ހިއްތެވުމާއި ސިފައިންނަށް އެ ރަށްރަށުން ކާވެނިކުރަން ހިތްވަރުދެއްވުން ފަދަ ކަންކަމާ ހެދީއެވެ! މިހުރީ ފޮތްފޮތުން ލިބެން ހުރި ހާސް މައުލޫމާތުގެ ތެރެއިން ކުދިކުދި މިންވަރެވެ. މިހެން އިންނައިރު ހިތަށް އަރާ މަދު މިންވަރެކެވެ!

ފޮތް ނުބަލައި އުޅެން ހެޔޮވާނެހެއްޔެވެ؟

ވީމާ، ފޮތްކިޔުމަކީ އަޅުގަނޑުމެން އާދަކުރަން ވެއްޖެކަމެކެވެ. އަމިއްލައަށް އިސްނަގައިގެން ގައުމީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ މީހުންނަކީ ފޮތްކިޔާ މީހުންކަން މިހާރުގެ ދިރާސާތަކުން ހާމަވެއެވެ. އަޅުގަނޑަށް އެކަންވެސް އެނގުނީ ފޮތަކުންނެވެ!

އެމެރިކާގެ އަދީބު މާކް ޓްވެއިން ވިދާޅުވާ ގޮތުގައި ”ލިޔަންކިޔަން އެނގި، ފޮތް ނުކިޔާ މީހެކޭ، ލިޔަންކިޔަން ނުދަންނަމީހެކޭ މާބޮޑު ތަފާތެއްނެތެވެ!"

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

2 ޚިޔާލު

  1. ވަރަށް ފައްކާ ލިއުއްވުމެއް. ވިޔަފާރީގެތެރެއިން ވަގުތު ހޯއްދަވައިގެން ތަންކޮޅެއް ގިނައިން ސަމީރު ލިއުއްވަން މަޝްވަރާ ދަންނަވަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.