ރާއްޖޭގެ ސިޔާސީ ނިޒާމު ހިންގޭނީ ވާދަވެރިންނާއި އެކީގައިކަން ފާހަގަ ކުރައްވައިފައި، އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ.
ރާއްޖޭގައި އޮތް ސިޔާސީ ނިޒާމަކީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭގޮތަށް އޮތް ނިޒާމެއް ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތަށް އެނިޒާމު ހިންގުމަށް ނިކަމެތިވާން ޖެހިއްޖެއްޔާ ނިކަމެތިވެ ވަޑައިގަންވާނެކަމަށް ވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް މިމޭރުމުން ވާހަކަ ދައްކަވައިފައި މިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މެމްބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީސް ހިންގަވަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބައި މަދު ޕާޓީތަކާ ވެސް އެކުގައި އެޕާޓީތަކަށް ހުރިހާ ޙައްޤުތަކަކާ ބާރުތަކަކާ އިޚްތިޔާރުތަކެއް ވެސް ލިބިދޭ ނިޒާމެއްގައި ކަމަށެވެ. މަޖިލީހުގެ ޤަވާޢިދު އެކުލަވާލައިފައި ވަނީ އެނިޒާމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ. މަޖިލީހުގެ ނިޒާމު ހިފަހެއްޓުމަށް ކުރަންޖެހޭ ކަންކަން ބައެއްފަހަރު ކުރަންޖެހޭ ކަން ފާހަގަ ކުރައްވައި އެހެންނަމަވެސް އެއްވެސް ޙާލެއްގައި އެއީ ތާއަބަދުގެ މަޖިލީހުގެ ނިޒާމް ހިފެހެއްޓުމުގެ ހަމަތައް ގޮތުގައި މެމްބަރުން ދެކެވަޑައި ނުގަތުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
ޕީޕީއެމް ޕީއެންސީ މެމްބަރުން މަޖިލީހުގައި ނެތީމާ ގޮނޑީގެ އަދަދުން ހުސްކަން ފާހަގަނުވި ނަމަވެސް، މުޅި ސިޔާސީ ނިޒާމު ހިންގޭނީ ވާދަވެރިންނާއި އެކީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ނިޒާމުވެސް ރަނގަޅަށް ހިންގޭނީ ވާދަވެރިންނާ އެކީ ވާދަވެރިކަމާއެކީގައި ކަމަށް މަޖިލީހިގެ ރައީސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް އެދޭނަން އަދި ނިކަމެތިވާން ވީވަރަކަށް ނިކަމެތި ވެސް ވާނަން މިދެންނެވި ހަމަ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ދެމެހެއްޓުމަށް. އެއީ އަޅުގަނޑު ނިކަމެތިވާންޖެހޭ ކަމެއްކަމުގައި ވަނީނަމަ އިރާދަކުރެއްވިއްޔާ އެކަން ވެސް އަޅުގަނޑު ކުރާނަން. އަޅުގަނޑު އެދެނީ ޕީޕއެމާއީ ޕީއެންސީ ކޯލިޝަން މިމަޖިލީހުގައި ބައިވެރިވަޑައިގަތުމަށް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިއީ އެއްޕާޓީ އެއްގެ ޤައުމެއް ނޫންކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގައި މަލްޓި-ޕާޓީ ޑިމޮކްރަސީ ތައާރަފް ކުރެވުނު ފަހުން ބޭއްވުނު ތަފާތު އިންތިޚާބުތަކުގެ ތެރެއިން އެއްވެސް އިންތިހާބެއްގައި މެޖޯރިޓީ ވޯޓު ރާއްޖޭގެ ރައްޔިތުން އެއް ބަޔަކަށް ޖުމްލަކޮށް ދީފަކާއެއް ނެތް ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާސީ ތަބީޢަތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެ ތަބީޢަތް ބަލައިގަނެގެން ރާއްޖޭގައި ކަންކަން ކުރުން ބުއްދިވެރިކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.