މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މާލެ ބަންދުކޮށްފައި އޮތް އޮތުމަށް ލުއިދިނުމާ ގުޅިގެން ރަށުތެރޭގައި ބަލި ފެތުރޭތޯ ބެލުމަށް ސާމްޕަލް ނަގަން ނިންމައިފިއެވެ. އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އަންނަ ހަފްތާގައި ސާމްޕަލް ނަގަން ފަށާނެ ކަމަށެވެ.
ލުޔާއި ގުޅިގެން ރަށުތެރޭގައި ބަލިފެތުރޭ ތޯ ބެލުމަށް ނަގާނީ "ޕާރޕޮސިވް ސާމްޕްލިންގ" ނުވަތަ ބަލިޖެހުމުގެ ފުރުސަތު ބޮޑުވާނެކަމަށް ބެލެވޭ މީހުންނަށް އަމާޒުކޮށްގެން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ފަސް ގިންތިއަކުންނެވެ. އެއީ އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، ޖަލުތަކުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ތޮއްޖެހިގެން ދިރިއުޅޭ މީހުންނާއި، އަދި އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންގެއެވެ. ސާމްޕަލް ނަގާނީ ސާދަ ދުވަހުން ސާދަ ދުވަހުން ތަކުރާރުވާ ގޮތަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ސާމްޕަލްތައް ނެގުމަށް ކްލަސްޓަރތައް ކަނޑައަޅައި އެއަށްފަހު އޭގެ ތެރެއިން ރެންޑަމް ކޮށް ހޮވާލެވޭ މީހުންގެ ސާމްޕަލް ނަގާނެ ކަމަށެވެ. ސާމްޕަލް ނެގުމަށްފަހު ޕީސީއާރް ޓެސްޓު ހަދައި ޕޮޒިޓިިވް ވާ މީހުންނާ މެދު އަމަލުކުރާނީ ބަލިޖހެ މީހުންނާ މެދު އަމަލުކުރާ އުސޫލުންކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މީހަކަށް ބަލިޖެހިއްޖެނަމަ އެމީހަކާ ދިމާވި މީީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ މިހާރު ބަންދަަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައި އޮތް ނަމަވެސް މަރުހަލާއަކުން މަރުހަލާއަކުން ލުއިދެވޭނީ ރަށުތެރޭގައި ބަލިފެތުރުން އޮތްނެތް ގޮތް ބެލުމަށްފަހު ކަމަށެވެ. ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށް އަފްޒަލް އެދިވަޑައިިގެންނެވިިއެވެ. އެގޮތަށް އެދިވަދައިގެންނެވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަމުން ދިޔައިރު އެދެވޭގޮތެއްގައި އެއްބާރުލުން ލިބިފައިނުވާތީ ކަަން ފާހަގަކުރެއްވިއެވެ.