އެކިއެކި ވަޒީރު ބޭފުޅުން ސިޓީއުރައުރައިގައި ދޭ އެއްޗަކަށް ވެގެން ދެމެހެއްޓެނިވި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމްކުރަން އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވީ ވަޒީފާއައި ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ކުރިއަށް ގެންދެވި ބަހުސްގެ ތެރޭގައި ވާހަކަފުޅުދައްކަވަމުންނެވެ. އިޖްތުމާޢީ ރައްކާތެރިކަން، އިދާރާތަކެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދާ ޤައުމުތަކަށް ތަރައްޤީގައި މަގުގައިވެސް ކުރިއަށް ދެވިފައިވާކަން ފެންނަން އޮތަކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އިޖްތުމާޢީ ރައްކާތެރިކަމަކީ ވަކިވަކިން އެކިއެކި ވަޒީރު ބޭފުޅުން، ސިޓީއުރައުރައިގައި އޭނާއަށް ދޭ އެތިކޮޅަކާއި މީނާއަށް ދޭ އތިކޮޅަކާއި ނުވަތަ އޭނާ ގުޅާލީމާ މީނާއަށް ކޮށްދޭ ކަމެއްގެ ގޮތުގައި އޮންނަހާ ހިނދަނކު ހަޤީޤަތުގައި ދެމެހެއްޓެނިވި ނިޒާމެއް ހޯދަން އަޅުގަނޑުމެންނަށް އުދަނގޫ ވާނެ." އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަޒީފާއޭ ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލުން، އިޖުތިމާޢި ރައްކާތެރިކަމަށް މިވަގުނޭޅިވާ ދެ ފިޔަވަޅަށް ޙައްލު ގެނެސްދޭކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ އެންމެ ކުޑައުޖޫރައެއް ކަނޑައެޅުމާއި ވަޒިފާއެއްނެތި ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ މީހުންނަށް އެހީއެއް ދިނުން ނުވަތަ އެލަވަންސެއް ދިނުންކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ފޯރިކޮށްދެވޭ އިޖްތިމާޢީރައްކާތެރިކަމުގެ ތެރޭގައި ދޮށީޢުމުރުގެ މީހުންނާއި އެކަނިވެރިމައިންނާއި ނުކުޅެދޭ ކުދިންނަށް މާލީއެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ފާހަގަ ކުރެއްވިއެވެ.
"މިއަދު އަޅުގަނޑު މެންނާ ދިމާވެފައިވާ ދަތި ޙާލަތުން ވަރަށްގިނަ ރައްޔިތުން ބިކަވާނެ، ނިކަމެތިވާނެ އެރައްޔިތުން އެޙާލަތުން އަރައިގަތުމަށް ހަރުދަނާ އުޞޫލުތަކެއް މަޖިލީހުން ފާސްކޮށްފައި އޮތުމަކީ ކޮންމެހެން ބޭނުންވާނެކަމެއް" މަޖިލީހުގެ ރައީސް ވިދާޅުވއެވެ.
މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި، ވަޒީފާ ގެއްލޭ މީހުންނަށް ޚާއްޞަ ބާބެއް ހިމެނުމަށް ހިންނަވަރު ދާއިރާގެ މެމްބަރ ޖީޙާން މަޙަމޫދު ހުށަހެޅުއްވިއެވެ. އަންއެމްޕްލޯއި ބިނެފިޓްގެގޮތުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށް ޚާއްޞް އެލަވަންސެއް ބިލުގައި ކަނޑައެޅުމަށް ވެސް ބައެއް މެމްބަރުން ވަނީ ޚިޔާލު ހުށަހަޅުއްވައިފައެވެ.