މުޞްޙަފް - 34

(4 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އާނ..." ހިތުގެ އަޑިން ވަރަށް ފާޅުކަން ބޮޑު ޖަވާބެއް ލިބުނީމާ އޭނާ އަމިއްލަ ނަފުސަށް ފިލަން ކަހަލަ ގޮތަކަށް އިސް ޖަހައިލިއެވެ. އަދި މުޞްޙަފް ލައްޕައިފައި ހަރަށް ލައިފިއެވެ.

މެހެމަލް މާނޭވާލަމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ފަރިޝްތޭގެ ކުރިމައްޗަށް ހުއްޓުނު އިރު އޭނާ ފައިލެއްގެ ބަލަމުން ހިނގަމުން އަންނަނީއެވެ. މެހެމަލް ކުރިމައްޗަށް އެރީމާ އޭނާ ހުއްޓިއްޖެއެވެ.

"ފަރިޝްތޭ. އަހަރެން ވާހަކައެއް އަހައިލާން ބޭނުން."

ފައިލުން އޭނާ ބަލަން ހުރި ތާގައި އިނގިލި އަޅައިގެން ހުރެ މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"އައްސަލާމް ޢަލައިކުމް. ކިހިނެއްވީ؟"

"ވަޢަލައިކުމުއްސަލާމް." އޭނާ ނޭވާ ހަށްޓައް ފެތޭތޯ މަސައްކަތް ކުރިއެވެ. "އަހަރެން މި އައީ ފަތުވާއެއް ހޯދަން."

"އަހަރެން މިއީ މުފްތީއެއް ނޫން."

"އެކަމަކު... މިއީ ފިޤްހީ މައްސަލައެއް."

"ސުވާލު ކުރޭ. އެކަމަކު ބުނަންތަ؟ ފުރަތަމަ މިއަދުގެ ތަފްސީރު ކުލާހަށް ގޮސް ފިލާވަޅު އަޑު އަހާ. މެހެމަލްގެ މައްސަލައިގެ ހައްލު މިއަދުގެ ކުލާހުން ލިބޭނެ."

މެހެމަލް ދިޔައީ ސިއްސައިގެންނެވެ. "އަހަރެންގެ މައްސަލައަކީ ކޮބައިކަން ފަރިޝްތޭއަށް އެނގޭތަ؟"

"ނޫނޭ. އަހަންނަކަށްނޭނގޭ. މިއަދު ކިޔަވައިދެނީ ކޮން އާޔަތްތަކެއް ކަމެއްވެސް އަހަންނަކަށް ނޭނގޭ. މިހާރު ކިޔަވައިދެނީ މެޑަމް މިޞްބާޙް ދޯ؟"

"އެހެން ވެއްޖެއްޔާ ފަރިޝްތޭއަށް އެނގުނީ..."

"އަހަންނަށް އެނގުނީ އަބަދުވެސް އެހެން ކަންތައް ހިނގާތީ. އެއީ ވާގޮތް. ތަފްސީރަށް އިންތިޒާރު ކުރޭ. މެހެމަލްގެ މައްސަލައިގެ ހައްލު ސާފުކޮށް އެނގިގެން ހިނގައިދާނެ." އޭނާ އަނެއްކާވެސް ފައިލުގައި ހުރި ލިޔުންތަކަށް ބަލަން ފަށައިފިއެވެ.

"މިއަދު ކިޔަވައިދޭ އާޔަތްތައް އަހަރެން ކިޔައިފިން. އެޔަކު އަހަރެންގެ މައްސަލައިގެ ހައްލެއް ނެތް. އެކަން އަހަންނަށް ޔަގީން."

"ކެތްކުރޭ ކަނބުލޯ. ޢިލްމަކީ ކެތްތެރިވާ މީހުންނަށް ލިބޭ އެއްޗެއް. ތަފްސީރު ކުލާސް ނިމިގެން ސުވާލު ކުރޭ. އެކަމަކު އެ ހާލަތެއް ނާންނާނެކަން އަހަންނަށް ޔަގީން." ފަރިޝްތޭ އޭނާގެ ކޮލުގައި މަޑުމަޑުން ޖަހައިލައިފައި ކުރިއަށް ހިނގައިގެންފިއެވެ.

މެހެމަލް އޭނާގެ އަމިއްލަ ކޮލުގައި ފިރުމައިލިއެވެ.

އޭނާ ވިސްނާ ކަންތައްތަކުގެ ވާހަކަ ޤުރްއާނުގައި ލިޔެވިފައި ވަނިކޮށް ނުފެނިއެއް އަދި ނުދެއެވެ. މީސްމީހުން އޭނާގެ ވާހަކައެއް އަޑެއް ނާހައެވެ. އަޑު އެހިއްޔާ ސަމާލުކަމެއް ނުދެއެވެ. މަދު ފަހަރަކު ސަމާލުކަން ދިނަސް އެ ވާހަކަތަކެއް އެމީހުންނަކަށް ވިސްނައެއް ނުގަނެވެއެވެ. އެކަމަކު ޤުރްއާނާ އޭނާ ވާހަކަ ދައްކާކަށްވެސް ނުޖެހެއެވެ. އޭނާގެ ހިތުގެ އަޑު ފަރުވާތެރިކަމާއެކު އަހައެވެ. އަހަރެންގެ މައްސަލައަކީ ކޮބައިކަން ޤުރްއާނަށް އެނގެއެވެ. ދެނެގަނެއެވެ. އެޔަށްފަހު ބުއްދިވެރިކަމާއި ޙިކުމަތްތެރިކަމާއެކު އަހަންނަށް ވިސްނައިދެއެވެ. އަހަރެންގެ މައްސަލައިގެ ހައްލެއް ބަޔާންކޮށް ދެއެވެ. އެހެންވީމާ ޤުރްއާން ވަރަށް ރަނގަޅަށް އޭނާ ދަނެއެވެ.

އެކަމަކުވެސް މިއަދުގެ އާޔަތްތަކަކު އޭނާޔާ ބެހޭ އެއްވެސް ވާހަކައެއް ނެތްކަމުގައި އޭނާއަށް ލަފާކުރެވެއެވެ.

ހިތްމަރުވެފައިވާ ކަހަލަ ގޮތަކަށް އޭނާ ފޮތް ހުޅުވައިލިއެވެ. ހުދު ފޮތިގަނޑުމަތީގައި އޭނާ އިށީނދެގެން އިނީ މާބޮޑު ޝައުގުވެރިކަމެއްވެސް ނެތް ގޮތަކަށެވެ. ކުރިމަތީގައި އޮތް ފޮތުގައި އޭނާ ހަލުވިކަމާއެކު ނޯޓު ކުރަމުން ގެންދިޔައެވެ.

މިހާރު މެޑަމް މިޞްބާޙް ކިޔައިދެމުން އެދަނީ މަޙްކަމް އާޔަތާއި މުތަޝާބާ އާޔަތުގެ ތަފާތެވެ.

"މަޙްކަމާތަކީ އެ އާޔަތްތަކުގެ މާނަ އަހަރެމެންނަށް ރީތިކޮށް އެނގޭ އާޔަތްތައް. މިސާލަކަށް އެކި ކަހަލަ ޙުކުމްތަކާއި، ދުނިޔޭގެ ވާހަކަތަކާއި، ދުނިޔޭގެ ބަގީޗާތަކުގެ މިސާލާއި، ތާރީޚީ ވާގިއާތަކުގެ ވާހަކަ. މުތަޝާބަހާތަކީ އަހަރެމެންނަށް ތަސައްވުރު ކުރަން އުނދަގޫ އާޔަތްތައް. އެ އާޔަތްތައް ދެނެގަންނާން ބޭނުމިއްޔާ އަހަރެމެންނަށް ޖެހެނީ ޣައިބަށް އީމާންވާން. ނުފެންނަ ކަންތައްތަކަކަށް އީމާންވާން. މިސާލަކަށް ސުވަރުގެއާއި، ނަރަކައާއި، ﷲ ގެ އަތްޕުޅާއި، މަލާއިކަތުންގެ ހައިބަކަމާއި... މިކަހަލަ ކަންތައްތައް. މުތަޝާބަހާތުގެ ފަހަތުން ދުވާނެ ކަމެއް ނެތް. އޭގެ ފަހަތުން ދުވާ ކުއްޖަކު ހުރިއްޔާ އެކަން ހުއްޓައިލާ." މެޑަމް މިޞްބާޙްގެ ވާހަކަތައް އޭނާ ގެންދިޔައީ ފަރުވާތެރިކަމާއެކު ނޯޓު ކުރަމުންނެވެ.

"އެފަދަ އާޔަތްތަކަށް އީމާން ވާން ޖެހެނީ ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ގޮތަށް." މެޑަމްގެ އަޑު ވަނީ މުޅި މާލަމަށް ފެތުރިފައެވެ. "އެވާހަކަ ބަޔާން ކުރައްވައިފައި ވަނީ ވިދިގެން މި އަންނަ އާޔަތުގައި. އެ އާޔަތްތަކަށް އީމާންވާނީ راسخون فى العلم. މާނައަކީ ޢިލްމުގައި ހަރުދަނާކަމާއި ސާބިތުކަން ލިބިފައިވާ މީހުން. އާޔަތުގައި ބަޔާން ކުރައްވައިފައި މިވާ راسخون فى العلم އަކީ ކޮން ބައެއް؟ މީސްތަކުންގެ ތެރެއިން އެއް ބަޔަކީ ޢިލްމު އުނގެނޭ މީހުން. ދަރިވަރުން. އަނެއް ބަޔަކީ ޢިލްމުގެ އަހުލުވެރިން. ޢިލްމުގައި ރާސިޚްގެ ފެންވަރަށް ދަނީ މި ދެ ދަރަޖައަށްވުރެވެސް މަތީ ދަރަޖައެއްގެ ބައެއް. ސުވާލަކީ އެއީ ކޮން ބައެއްހޭ؟ މި ބަޔަކީ ކޮބައިތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ސުވާލު ދެންނެވުނީމާ އެކަލޭގެފާނު ހަދީސު ކުރެއްވީ ކީކޭ؟ ހަދީސު ކުރެއްވީ އެއީ ވަޢުދު ފުއްދާ މީހުންނޭ."

މެހެމަލްގެ އަތުން ގަލަން ދޫވެގެން ފޮތިގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ފޮތިގަނޑުގައި ދެލިވެސް އުނގުޅިއްޖެއެވެ.

މެޑަމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެއީ ހިތް ސީދާ މީހުން."

އޭނާ އަވަސްއަވަހަށް ގަލަން ނަގައިގެން ނޯޓުކޮށްލިއެވެ. راسخون فى العلم އެޔަށްފަހު އެ ލަފުޒުތަކަށް ފުންކޮށް ބަލާން ފަށައިފިއެވެ. އޭނާގެ ކަންފަތަކުން އެ އަޑު ފިލައިގެންނެއް ނުދިޔައެވެ.

"އެއީ ވަޢުދު ފުއްދާ މީހުންނެވެ."

އޭނާ ޤުރްއާނަށް ބަލާން ފަށައިފިއެވެ.

راسخون فى العلم މި ލަފުޒުތައް ފުސްވާން ފަށައިފިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަނީއެވެ.

މީގެ އެތައް ގަރުނެއް ކުރީން އަރަބިކަރައިގެ ސަހަރާއެއްގައި ތިބި ބަޔަކު ކީރިތި ރަސޫލާއަށް ދަންނަވަނީއެވެ. ޢިލްމުގައި ހަރުދަނާކަމާއި ސާބިތުކަން ލިބިފައިވާ ބަޔަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސުކުރެއްވިއެވެ. އެއީ ވަޢުދު ފުއްދާ މީހުންނެވެ. އޭނާގެ ހިތަށް އެރިއެވެ. އެތައް ޤަރުނެއް ކުރީން އެކަލޭގެފާނު އެ ވާހަކަފުޅު ހަދީސް ކުރެއްވީ އެހެން ބަޔަކަށްޓަކައެއް ނޫނެވެ. ސީދާ އޭނާއަށް އަމާޒުކުރައްވައެވެ. އޭނާ އެ ތިން ލަފުޒުގައި އިނގިލި ކާއްތައިލިއެވެ. ލަފުޒުތައް މަހުސޫސް ކުރަނީއެވެ. ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ. މި ލަފުޒުތައް އެހެރީ މިއަދުގެ އާޔަތްތަކުގައެވެ. މިއަދުގެ އާޔަތްތަކުގައި މިއަދުގެ މައްސަލައިގެ ހައްލެއް ނެތްކަމުގައި އޭނާއަށް ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ (އާލްޢިމްރާން ސޫރަތުގެ އެއްވަނަ އާޔަތުން ފެށިގެން 11 ވަނަ އާޔަތުގެ ނިޔަލަށް މާނަޔާއެކު ވިދާޅުވެލައްވާށެވެ.)

"އަޅަމެން މިތިބީ އެ އާޔަތްތަކަށް އީމާން ވެގެންނެވެ." އޭނާ ހަތިޔާރު ބަހައްޓައިފިއެވެ. ވަކި ކަމެއް ކުރާން ވަޢުދުވުމާއި ހުވައި ކުރުމަކީ ﷲ މާ ބޮޑަށް ރުހިވޮޑިގެންވާ ކަންކަމެއް ނޫނެވެ. އެކަމަކު ވަޢުދެއް ވެއްޖެއްޔާ ނުވަތަ ހުވައެއް ކޮށްފިއްޔާ މަރުދުވަހާ ހަމައަށް އޭގެ މަތީގައި ދެމި ހުންނާން ވާނެއެވެ. އޭނާއަށް އޮތް އެންމެ މޮޅުއިތުރު ގޮތަކީ އެއީކަން އޭނާއަށް އެނގެއެވެ.

އެ ދުވަހު ތިނެއް ޖެހުމުގެ ކުރިން އޭނާ ގެއަށް އަތުވެއްޖެއެވެ.

* * *

މެހެމަލް އެ ދުވަހު ވަރަށް ފަތިހާ ތެދުވެއްޖެއެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން ތައްޔާރު ވަނީއެވެ. މިއަދު އޭނާ އިސްތަށިގަނޑު ނުއެއް ގަތައެވެ. ހުޅިއެއް ޖެހުމަށް ފަހު ކަޅު ބުރުގާ އަޅައިފިއެވެ. އިރުކޮޅަކު ލޯގަނޑު ދޮށުގައި ހުއްޓެވެ.

މިއަދަކީ އޭނާ ކޯޓަށް ގޮސް ފަވާދާ ދެކޮޅަށް ނުވަތަ ޚުދު އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހެކިބަސް ދޭން އޮތް ދުވަހެވެ.

ތިން ބޮޑުބޭބެއިން ފެންޑާގައި އޭނާގެ އިންތިޒާރުގައި އެބަތިއްބެވެ. ހުދު ކުލައިގެ ޕާކިސްތާނު ހެދުމެއް ލައިގެން  ހަށަން ބަނދެގެން ހުރެ އާޣާ ކަރީމް ކުރުކާލި ކަނޑަނީއެވެ. އޭނާ ނުކުމެގެން އަންނަތަން ފެނުނީމާ ހުއްޓިއްޖެއެވެ.

"ހިންގަވާ." އޭނާ އެއިން މީހަކާ ދިމާއަށް ބަލައިވެސް ނުލައި ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން އެހެން މީހުން ހިނގައިގެންފިއެވެ.

އިރުކޮޅެއްގެ ތެރޭގައި ފެނުނީ ދެ ކާރު ދޮރާށިން ނުކުތް ތަނެވެ. އެމީހުން ދާތަން ބަލާން ގޭގެ އަންހެން ކުދިން ތިއްބެވެ. ކާރުތައް ނުކުތީމާ އެމީހުންވެސް އެތެރެއަށް ވަދެއްޖެއެވެ.

ކޯޓުގެ ފެންޑާގައި އޭނާ އާޣާ ކަރީމްގެ ފަހަތުން މަޑުމަޑުން ހިނގަމުން ދަނީއެވެ. މުޅިތަން ފުރިފައިވަނީ ފުލުހުންނާއި ވަކީލުންނާއި އެކި މައްސަލަތަކުގައި ކޯޓަށް އައިސް ތިބި މީހުން ވަދެއެވެ. މިއީ އޭނާއަށް ވަރަށް ބިރުވެރި ތަނެކެވެ. އިސްއުފުލައި މީހަކާ ދިމާއަށް ބަލައިލާކަށްވެސް ނުކެރެއެވެ. ހިނގަމުން ގޮސް އިސްއުފުލައި ބަލައިލީ ފަހަރަކު އޭނާއަށް ފެނުނީ ހުމާޔޫން ދާވޫދް ތަންކޮޅެއް ދުރުގައި ހުއްޓައެވެ. ޔުނީފޯމުގައެވެ. އޭނާ ފެނުނީމާވެސް ހީވަނީ ފިނިފިނި ވައިރޯޅިއެއް ޖެހިލާހެންނެވެ. އެހެރަ ރީތިކަމަކާއެކުވެސް މިފަހަރުވެސް ފެންނަނީ އޭނާގެ ހަރުކަށިކަމެވެ. ކައިރީގައި ހުރި ފުލުހުކާ ދިމާއަށް ރުޅިވެރި ރާގަކަށް ކޮންމެވެސް އެއްޗެކޭ ކިޔަނީއެވެ. އެކަމަކު އޭނާ ހުމާޔޫން ދެކެ ރުޅި ނައި ފުރަތަމަ ފަހަރަކީ މިއީއެވެ. އޭނާއަށް ހަމްދަރުދީވާ މީހަކަށް ދުނިޔޭގައި ހުރި ހަމައެކަނި މީހަކީ އެއީއޭ ހިތަށް އެރި ފުރަތަމަ ފަހަރަކީވެސް މިއީއެވެ.

މެހެމަލް އަނެއްކާވެސް އިސްދަށަށް ޖަހައިލިއެވެ. ހުމާޔޫންގެ ނަޒަރު އޭނާއަށް އަމާޒުވީ ގޮތަށް ހަރުލައިފައި ހުރެއްޖެއެވެ. އާޣާ ކަރީމްގެ ފަހަތުން ހިނގާފައި އައި މެހެމަލްގެ މޫނުމަތީން ފެންނަނީ ޒަމާނުއްސުރެ އުފުލަމުން އައި ބުރައިގެ އަސަރެވެ. ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން ހުރީމާ އޭނާގެ ހިނގުންވެސް ފެންނަނީ މޮޅިވެރި ގޮތަކަށެވެ. އޭނާ އިސް އުފުލައެއް ނުލިއެވެ. ހުމާޔޫންގެ ނަޒަރު ތިރިއެއް ނުވިއެވެ. އެންމެ ފަހުން މެހެމަލް ހުމާޔޫން ފަސްދީ ހިނގައްޖެއެވެ.

އާޣާ ކަރީމް ހުމާޔޫނާ ދިމާއަށް ނުރުހުމުގެ ގޮތަކަށް ބަލައިލިއެވެ.

ހުމާޔޫން އެނބުރި މެހެމަލާ ދިމާއަށް ބަލަނީއެވެ. އޭނާ ބޭނުންވީ މެހެމަލްގެ ލޮލަށް ބަލައިލާށެވެ. އެ ލޮލުން ފެންނަނީ ކޮން ކަހަލަ ނިޝާނެއްތޯ ދެނެގަންނާށެވެ. ކުރިއަށް ދަމުން ކުއްލިއަކަށް މެހެމަލް އެނބުރި ބަލައިލިއެވެ. އޭނާގެ ލޮލުން ފެންނަނީ ކޮން ކަހަލަ އަސަރެއް ކަމެއް ދެނެގަންނާކަށް ހުމާޔޫނަކަށް ނޭނގުނެވެ. އެކަމަކު އިހަށްވެސް ފެނުނު ބުރައިގެ އަސަރު މި ފަހަރުވެސް ފާހަގަ ކުރެވުނެވެ.

އޭނާ އިށީނދެގެން އިނީ ކޯޓުގެ ގޮނޑިބަރީގެ އެންމެ ފަހަތުން ގޮނޑިއެއްގައެވެ. ކަނާތްފަރާތުގައި އިނީ އާޣާ ކަރީމެވެ. ވައަތް ފަރާތް އޮތީ ހުހަށެވެ. އޭނާ ހިމޭނުން އިނދެގެން ކޯޓުގައި ދެކެވެމުންދާ ވާހަކަ އަޑު އަހަނީއެވެ. އިސް އުފުލައި ބަލައެއް ނުލައެވެ. ކޯޓުގައި ތިބި އެންމެން އޭނާޔާ ދިމާއަށް ބަލަނީ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.

އިރުކޮޅަކު އެހެން ހުރެފައި އޭނާ އިސް އުފުލައި އެއް ފަރާތަކަށް ބަލައިލިއެވެ. ހުމާޔޫން އެހެން ގޮނޑިއެއްގައި އިނދެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ. ހުމާޔޫންގެ ލޮލުން ފެންނަނީ ސުވާލެކެވެ. ސިއްރު ސުވާލެކެވެ. ކަންބޮޑުވެފައި ކުރާ ކަހަލަ ސުވާލެކެވެ. މާ ގިނަ އިރު ބަލާކަށް މެހެމަލަކަށް ނުހުރެވުނެވެ. އޭނާ ދެން ބަލައިލީ އާޣާ ކަރީމާ ދިމާއަށެވެ. އާޣާ ފަރުވާތެރިކަމާއެކު ވަކީލުންގެ ދަލީލުތައް އަޑު އަހަނީއެވެ. އެހެން ހުރެފައި ކުއްލިއަކަށް މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" މެހެމަލް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ ކަންބޮޑުވިއެވެ.

"މުދަލާއި ފައިސާއިން އަޅުގަނޑުގެ ހިއްސާ އަޅުގަނޑަށް ދެއްވާނަންތޯ؟" މެހެމަލް ސީދާ އާޣާގެ ލޮލަށް ކަޅި ހުއްޓާލައިގެން ހުރެ އަހައިލިއެވެ.

"އާނ. ނުދޭންވީ ކީއްވެގެން؟"

"ތިޔަ ސުވާލު ހަމަ ތިޔަ ގޮތަށް އަޅުގަނޑު ކޮށްފިއްޔާޔޯ؟"

"ކީކޭ؟"

"މިހާރު ގޮސް އަޅުގަނޑު ހުމާޔޫން ދާވޫދާ ދެކޮޅަށް ބަޔާން ދިނީމާ ފައިސާއާއި މުދަލުން އަޅުގަނޑަށްވާ ބައި ދެއްވާނޭ ކަމުގެ ޔަގީންކަމަކީ ކޮބައިތޯ؟"

"މެހެމަލް އަހަންނަށް ޝައްކު ކުރަނީތަ؟"

"ޝައްކު ކުރަންޏާޔޯ؟"

އާޣާ ކަރީމްގެ ނިތްކުރިއަށް ދެތިން ރޫ އެރިއެވެ. "މެހެމަލް ބޭނުންވަނީ ކިހިނެއް ހަދަން؟"

"މިއީ އަޅުގަނޑު ބޭނުންވާ ގޮތް." އޭނާ ދަބަހުން ކަރުދާސްއަރިއަކާއި ގަލަމެއް ނަގައި އާޣާ ކަރީމަށް ފޯެރުކޮށްލިއެވެ.

"ފެކްޓަރީގައި އަޅުގަނޑުގެ ހިއްސާގެ އަގު އެކަނިވެސް މިހާރު ނުވަ ކުރޯޑަށްވުރެ ގިނަ ވާނެ. ބާކީ ހުރި މުދަލާއި ފައިސާގެ ހިސާބެއް އަދި އަޅުގަނޑު ނުބަލަން. މިއީ އާޣާޖާންގެ ޗެކު ފޮތުގެ ޗެކެއް. އަޅުގަނޑު މި އޮތީ ޢަދަދު ޖަހައިފައި. މީގައި ސޮއި ކޮށްލައްވާ. އަޅުގަނޑު ހަމަ މިހާރުގޮސް ދޮގު ހެކި ދޭނަން."

އާޣާ ކަރީމް އެއް ފަހަރު ގަލަމާއި ޗެކަށް އަނެއް ފަހަރު މެހެމަލްގެ މޫނަށް ބަލައިލިއެވެ.

"އާޣާޖާން. މެހެމަލް އިބްރާހީމަކީ މިހާރު ކުޑަކުއްޖެއް ނޫން. އާޣާޖާން އަޅުގަނޑުގެ އަތުން ތިޔަ ބައްލަވައިގަންނަނީ އަޅުގަނޑުގެ އާޚިރަތް. އަޅުގަނޑު ދޮގު ހެކިބަސް ދީފިއްޔާ ޞިރާޠު މަގުން ކައްސާލައިގެން ވެއްޓުމުގެ މާ ކުރިން ވެއްޓިދާނެ. އެހެން ވެއްޓޭނަމަ ވެއްޓެން ވާނީ އެކަށީގެންވާ އަގެއްވެސް ލިބިގެން ނޫންތޯ؟ ސޮއި ކުރައްވާ. އަޅުގަނޑު ދޮގުހެކިދޭނަން."

އޭނާ ޗެކާއި ގަލަން އާޣާގެ އަތަށް ލައްވައިފިއެވެ.

"އަޅުގަނޑުގެ އިޝަރާތެއްގެ އިންތިޒާރުގައި މީހަކު މިތާގައި އެބަހުރި. އާޣާޖާން ސޮއި ކުރެއްވީމާ އޭނާ ޗެކު ހިފައިގެން ހަމަ މިހާރު ބެންކަށް ދާނެ. އޭނާ އެނބުރި އައިސް ފައިސާ އަޅުގަނޑުގެ އެކައުންޓަށް ޖަމާވީކަން އިޝާރާތުން އަޅުގަނޑަށް އަންގައިލާނެ. ޖަމާވީމާ އަޅުގަނޑު ހެކިބަސް ދޭނަން. އެހެން ނޫނީ ނުދޭނަން."

(ނުނިމޭ)

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.