(2 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދިހައެއް
މެހެމަލް އުނދުން މައްޗަށް އުދާފައި ހުރި ރިހަ އެތި އުނދުޅިން ރަނގަޅަށް ހަލުވައިލުމަށް ފަހު މަތި ޖަހައިފައި ކުޑަކޮށް ގިނި މަޑުކޮށްލިއެވެ. އަދި އެނބުރި އައިސް ތަރުކާރީ ކޮށަން ފަށައިފިއެވެ.
"މެހެމަލް. މިތާގައި؟" ރަޒިއްޔާ ބަދިގެއަށް ބޯދީ ބަލައިލާފައި ސުވާލުގެ ރާގަކަށް ބުނެލިއެވެ.
އޭނާ އިސް އުފުލައި ބަލައިލިއެވެ. މިއަދު އޭނާ ހުރީ ބޯ އައްސައިގެންނެއް ނޫނެވެ. އިސްތަށިގަނޑު އޮތީ ވިހުރުވިފައެވެ.
"ރަޒިއްޔާއްތާ. ކިހިނެއް؟"
މިއީ މެހެމަލާ ބަލާފައި ވަރަށް މަޑުމައިތިރި ރައްދެކެވެ. މީގެ ކުރިން ނަމަ އޭނާއަށް ގޮވާލަންވެސް ބައެއް މީހުން ބިރުގަނެއެވެ.
"ދައްތަ މި އައީ ކުޑަކޮށް އެހީތެރިވެދޭނަމޭ ހިތައި. ފަހަރި މުސްރަތު ލައްވައި ކޮންމެވެސް އެހެން ކަމެއް އެބަ ކުރުވާ. ވަރުބަލިވެސް ވާނެއެއްނު؟ ކަމެއް ނުކޮށް އެންމެ މިނިޓަކުވެސް ހުރިޔަކަ ނުދޭވިއްޔަ."
"ރަޒިއްޔާއްތާ. އެއީ މާ ބޮޑު ކަމެއް ނޫން. ކުރަން ޖެހޭ ކަމެއްނު؟ މަސައްކަތް ކުރުމަކީ ވާޖިބެއް." މެހެމަލް މަޑުމައިތިރިކަމާއެކު ހިނިތުން ވެލައިފައި އަނެއްކާވެސް ތަރުކާރީ ކޮށަން ފަށައިފިއެވެ.
"ފަވާދް މިނިވަންވީ ކޮން ދުވަހަކު؟" ވައިއަޑުން ކަހަލަ ގޮތަކަށް ރަޒިއްޔާ އަހައިލިއެވެ.
"ނޭނގޭ."
"ވަރަށް ވިޔާނުދާ ކުއްޖެއް އެއީ. މެހެމަލާ މެދު ކަންތައް ކުރީ ވަރަށް އަނިޔާވެރިކޮށް. އޭނާ ފެނުނަސް އަހަރެން ރުޅި އާދޭ."
މެހެމަލް ފިޔާ ކޮށަނީއެވެ. އެހެންވީމާ ލޮލުން ފެން ފައިބާން ފަށައިފިއެވެ.
"އަހަރެންގެ ފާއިޤާ އޭނާޔާ ދެވާނަމޭ ހިތާ އުޅުނީ. އެކަމަކު މިހާރު މި ގެއަށް އަންނަ ހިތެއްވެސް ނުވޭ. މީސްމީހުންގެ އަސްލު ސިފަ އޮންނަނީ ފޮރުވާފައި. ކޮންމެ މީހެއްގެ ދެތިން މޫނު އެބަހުރޭ. ނޫންތަ... މެހެމަލް؟"
"އަޅައިނުލާ ރަޒިއްޔާއްތާ. އިންނާލިއްލާހި ކިޔައިފައި ހިތްހަމަ ޖައްސައިލާ. ފާއިޤާއްތައަކީވެސް ނުލާހިކު ރީތި މީހެއް. ރަނގަޅު މީހަކާ ދެވާ. ރަޒިއްޔާއްތަގެ ހިތުގައި އޮތް ގޮތަށް ނުވީކަން ރަނގަޅެއްނު؟"
ރަޒިއްޔާގެ މޮޅިވެރި މޫނު ފެނުނީމާ އޭނާ ދެރަވިއެވެ. މިއީ މި ކަހަލަ ގޮތަކަށް އޭނާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. މީގެ ކުރީންނަމަ ދެމެދުގައި އެތައް ހުރަހެއް އުފައްދައި ދެކޮޅުވެރި ބަސްތައް ބޭނުން ކުރީހެވެ. އޭނާގެ ބައްޕަ ފަރާތު ހުންނަނީ އެންމެ ބޮޑުދައިތައެކެވެ. އެއީ ރަޒިއްޔާއެވެ. އެކަމަކު މީގެ ކުރިން ދުވަހަކުވެސް އޭނާ ރަޒިއްޔާއާ މަޑުމައިތިރިކޮށް ވާހަކައެއް ނުދައްކައެވެ.
"އާނ. ތިޔައީވެސް ތެދު ވާހަކައެއް. އެކަމަކު..."
އެވަގުތު ފަވާދް ބަދިގޭގެ ދޮރު ހުޅުވައިލިއެވެ. ދެމީހުން ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ.
"މެހެމަލް. ސައިތަށްޓެއް ލިބިދާނެތަ؟"
"މެހެމަލް އެހެރީ މަސައްކަތެއްގައި. މި ގޭގައި އުޅޭ އަންހެނުންގެ ފައުޖު އެ އޮތީ ބޭރުގައި. އެއިން މީހެއް ގާތު ބުނޭ." ރަޒިއްޔާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. ފަވާދް ހިނދުކޮޅަކު ބަލަހައްޓައިގެން ހުރުމަށް ފަހު ހިނގައްޖެއެވެ.
"ހުނ... އަމުރު ކުރާ ގޮތް ނިކަން ދެކިބަލަ. އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑު ނާހާތި. އަހަރެންވެސް ލައްކަ ހުވަފެން ދުށިން. އަހަރެމެން މިއީ ވަކިން ދެރަ ބަޔަކީތަ؟ ފާއިޤާގެ ބައްޕަގެ ވިޔަފާރީގެ ކަންތައް އޮންނަ ގޮތް މެހެމަލަށް އެނގޭނެ. ލައްކައިން ފައިދާވޭ. މިބައި މީހުންހެން ޔަތީމުންގެ މުދާ ކައިގެންނެއް ނޫން އަހަރެމެން އުޅެނީ."
"ރަޒިއްޔާއްތާ. އަހަރެން މިއީ ޔަތީމެއް ނޫން. އަހަރެން މިއީ ބާލިޣުވެފައި އިން ބޮޑު މީހަކީން. ބާލިޣުވެފައިވާ މީހަކު ޔަތީމަކަށް ނުވާނެ."
މެހެމަލް މިހާރު ތަރުކާރީ ސެލަޑް ތައްޔާރު ކުރުމަށް ފަހު ލުބޯ ހުތް ފިތަނީއެވެ.
"އާނ... އާނ... ދެނަހުރިންތަ؟ ފާއިޤާގެ ބައްޕަ އާ ގެއެއް ގެންފި. މިހާރު އުޅޭ ގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމަށް ފަހު ފާއިޤާ އިންނަ މީހަކަށް ދޭނީ."
މެހެމަލް ލުނބޯ ފެލާން ހުރެފައި ކުއްލިއަކަށް އިސްއުފުލައި ރަޒިއްޔާއާ ދިމާއަށް ބަލައިލިއެވެ. "ރަޒިއްޔާއްތާ." އޭނާގެ ސިކުނޑި ހަލުވިކަމާއެކު މަސައްކަތް ކުރަމުން ދަނީއެވެ. "ގެ ބަދަލު ވާއިރު އެހީތެރިން ބޭނުން ވާނެއެއްނު؟ އެކަނި ހުރިހައި ކަމެއް ކުރާނީ ކިހިނެއް؟ ނޯކަރުންނަކަށް މާ ބޮޑު އިތުބާރެއް ނުކުރެވޭނެ. އެހީތެރިވާން އަހަރެން ދަންތަ؟"
"އާނ... އާނ. ތިޔައީ ރަނގަޅު ކަމެއް." ރަޒިއްޔާ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. "އަހަރެން މިއައީވެސް މެހެމަލާ ތިޔަ ވާހަކަ ދައްކާލަން ކަމަށް. އެކަމަކު ކިޔަވަންވެސް ވާނެއެއްނު؟"
އެހައި ލޯބިން ވާހަކަ ދެއްކި ސަބަބަކީ މިއީތާއެވެ! "އެއީ މާ ބޮޑު ކަމެއް ނޫން. މިއީ ހަފްތާ ބަންދެއްނު؟"
ފަވާދާ ދުރުގައި ދެތިން ދުވަހަށް ނަމަވެސް އުޅެވޭން އޮތް ގޮތަކީ މިއީ ކަމުގައި އޭނާއަށް ވިސްނުނެވެ. މެހެތާބްވެސް ހުއްދަ ދީފިއެވެ. އެހެންވީމާ އަވަސް އަވަހަށް އެ ގެއަށް ދާން ތައްޔާރުވާން ފަށައިފިއެވެ.
ވާކަށް މާ ބޮޑު ތައްޔާރެއްވެސް ނެތެވެ. ދެ ހެދުން ދަބަހަށް ލައިފިއެވެ. ޤުރްއާން ތަރުޖަމާއެއް ދަބަހަށް ލާން އުޅެފައިމެ ނުލައި ބާއްވައިފިއެވެ. ދަނީ އެންމެ ދެ ދުވަހަށެވެ. އެ ގޭގައިވެސް ޤުރްއާން ތަރުޖަމާ އޮންނާނެއޭ ހިތައި އަޅައިނުލީއެވެ.
* * *
ހުރިހައި ސާމާނެއް އައު ގެއަށް ބަދަލުކޮށް ނިމިއްޖެއެވެ. ގިނަ މަސައްކަތެއް ކުރީ މެހެމަލެވެ. ފާއިޤާ ޓީވީ ބަލަން އިނީއެވެ. ބަދަލުވެ ނިމި، ރޭގަނޑު އެގާރަ ޖެހީމާ އޭނާ ރަނގަޅަށް ފެންވަރައިގެން، ވުޟޫކޮށްގެން ނުކުމެ ގެއިން ގެނައި ހެދުން ލައިގެން ބުރުގާ އަޅައިގެން ރަޒިއްޔާ ގާތަށް ހިނގައްޖެއެވެ.
"ރަޒިއްޔާއްތާ. ޤުރްއާން ތަރުޖަމާއެއް ނެތްތަ؟"
"ތަރުޖަމާއޭ؟" ރަޒިއްޔާ އޭރު އުޅެނީ އަލަމާރީގައި ހެދުން އަޅުވާށެވެ.
"ޤުރްއާން... ޚަތިމު."
"ތަރުޖަމާއެއްވެސް އޮތް. އެއީ ފާއިޤާގެ މާމަގެ އެއްޗެއް. ކޮންމެވެސް މީހަކު ގެންގޮސްފައި ނުގެނޭ. ޚަތިމެއް އޮންނާނެ."
"އެންމެ ރަނގަޅު. ޚަތިމެއްވެސް ރަނގަޅު ވާނެ."
"ފޮތް ފޮށިގަނޑަކު ނެތްތަ؟"
"ނެތް. އޭގައި ހުރި ހުރިހައި ފޮތެއް އެހެރީ ނަގައިފައި."
"ކޮންމެވެސް ތަނެއްގައި ބޭއްވިފައި އޮވެދާނެ. ފާއިޤާ ގާތު އަހާބަލަ." ރަޒިއްޔާ އަނެއްކާވެސް ހެދުން އަޅުވާން ފަށައިފިއެވެ.
މެހެމަލް ދާހިތް ނުވިޔަސް ގޮސް ފާއިޤާ ގާތު އަހައިފިއެވެ. "ފާއިޤާއްތާ. ޚަތިމެއް އެބައޮތްތަ؟"
"އަހަރެންގެ އަތުގައި؟ އަހަރެން ކީއްކުރާ އެއްޗެއް؟" ފާއިޤާ ހައިރާންވިއެވެ. "މަންމަ ގާތު އަހާބަލަ. މަންމައަށް އެނގޭނީ."
މެހެމަލް އަމިއްލައަށް ހޯދާން ފަށައިފިއެވެ. އަނެއްކާވެސް ފޮތްހަރުގަނޑު ބަލައިފިއެވެ. އަދި އެހެން ތަންތަންވެސް ބަލައިފިއެވެ. ޚަތިމެއް ފެންނަ ގޮތެއް ނުވިއެވެ.
އެންމެ ފަހުން ކޮޓަރިއަށް އައިސް ދަބަސް ހާވާން ފަށައިފިއެވެ. މުއުޖިޒާތަކުން ނަމަވެސް ދަބަހުން ޚަތިމެއް ފެނޭތޯއެވެ. ދަބަސް ހާވައި ބަލައިފިއެވެ. އެކަމަކު ޚަތިމެއް ނެތެވެ.
އޭނާ ފެންޑާއަށް ނުކުމެއްޖެއެވެ.
"ފާއިޤާއްތާ. ޤުރްއާން ކެސެޓެއް ނެތްތަ؟"
"ނެތް." ފާއިޤާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
"ޤުރްއާން ކިޔަވާ ޗެނަލެއް ހުރޭތަ؟"
"މެހެމަލް. އުނދަގޫ ނުކުރޭ. އަހަރެން ފިލްމެއް ބަލަނީ." އޭނާ ޓީވީއަށް ސަމާލުކަން ދިނެވެ.
މެހެމަލް ބަރު ފިޔަވަޅުތަކެއް އަޅަމުން އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެއްޖެއެވެ. އޭނާއަށް ކުއްލިއަކަށް ރޮވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އެރޭ އޭނާއަކަށް ރަނގަޅަކަށް ނުނިދެއެވެ. ހިތަށް ތުރާތަކެއް ވަމުން ދިޔައެވެ. އަނެއް ދުވަހުގެ ހަތަރުދަން ފާއިތުވެގެން ދިޔައީ މަސައްކަތުގައެވެ. ކާން އުޅުނީމާ ނުވެސް ކެވުނެވެ.
އެ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހަކީ އޭނާގެ ދިރިއުޅުމުގައި މިހައިތަނަށް އައި އެންމެ ދަތި އުނދަގޫ ދެ ދުވަސްކަމުގައި ހީވާން ފަށައިފިއެވެ. އޭނާއަށް ކުރެވޭނޭ ކަމެއް ނަމަ އުދުހިފައި ގޮސް އޭނާގެ ޤުރްއާން ހިފައިގެން އަތުވެއްޖައީހެވެ. ރަޒިއްޔާގެ ޑުރައިވަރުވެސް ވީ ޗުއްޓީގައެވެ. ކާރު ދުއްވަނީ ފިރިމީހާ ނަފީސެވެ. އެހެންވީމާ ގެއަށް ގެންގޮސްދޭށޭ ބުނާކަށް ނުކެރުނެވެ. ގެއިން މީހަކަށް ގުޅާފައި ބުންޏަސް ގެނެސް ނުދޭނޭކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.
އުނދަގުލާއި ފިކުރުބޮޑުވުމުގެ ތެރޭގައި ގޮސް އާދީއްތަ ދުވަހަށް އިރުއޮއްސި ރޭވެއްޖެއެވެ. ގެއިން އޭނާ ބަލައި ކާރު ފޮނުވައިފިއެވެ.
ގެއަށް ވަދެވުމާއެކު މީހަކާ އަނގައިންވެސް ނުބުނެ އޭނާ ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ކޮޓަރިއަށެވެ. ވަން ގޮތަށް ދިޔައީ އަލަމާރިއާ ދިމާއަށެވެ. ޚަތިމު ނަގައި މޭގައި ޖައްސައިލިއެވެ. މީގެ ފަހުން ޤުރްއާނާ ނުލައި އޭނާއަށް ދިރިއެއް ނޫޅެވޭނެއޭ ފުރަތަމަ ހިތަށް އެރި ވަގުތަކީ އެއީއެވެ.
"މެހެމަލް." މުސްރަތު އޭނާއަށް ގޮވަމުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ މަޑުމަޑުން ޤުރްއާން އަލަމާރިއަށް ލައިފިއެވެ.
"މެހެމަލް. އަން..." މުސްރަތު އޭނާއަށް ފޯރުކޮށްލީ ސިޓީއުރައެކެވެ. ""މިއީ ޕޯސްޓުން އައި އެއްޗެއް."
"ޕޯސްޓުންނޭ؟" އޭނާ ހައިރާންވިއެވެ. އޭނާ ސިޓީއުރަ އަތުލައިފިއެވެ. މުސްރަތު ނުކުމެގެން ހިނގައްޖެއެވެ.
އޭނާ އެ ސިޓީ އުރަ ކަނޑައިގެން އެތެރޭގައި އޮތް އެއްޗެއް ނަގައިފިއެވެ. އެއީ އިނގިރޭސިވިލާތުން އޭނާ އެދުނު ސްކޮލަރޝިޕް ލިބުނުކަން އަންގާން ފޮނުވައިފައި އޮތް ސިޓީއެކެވެ.
އޭނާއަށް ގަބޫލު ކުރާންވެސް ދަތިވިއެވެ.
* * *
"މެހެމަލް. ޕޯސްޓުން ކޮންމެވެސް އެއްޗެއް އައެއްނު؟ އެއީ ސްކޮލަރޝިޕާ ބެހޭ އެއްޗެއްތަ؟"
ކާން ތިބެފައި އާޣާ ކަރީމް އަހައިލިއެވެ. އެޔާއެކު މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ކާން ހަރަކާތްތެރިވަމުން ދިޔަ އަތްތަކާއި އަނގަތައް ހުއްޓިއްޖެއެވެ.
"ލައްބަ." އޭނާގެ އަޑު އަންނަނީ ވަރަށް ދުރުން ކަމުގައި ޚުދު އޭނާއަށްވެސް ހީކުރެވުނެވެ. އުފާވެރިކަން އެކުލެވިފައިވާ އަޑެއް ކަމެއް ނުވަތަ އެއްވެސް އުފާވެރިކަމެއް ނެތް އަޑެއް ކަމެއް ވަކިކުރާކަށް އޭނާއަކަށް ނޭނގެއެވެ.
"އެހެންތަ؟ ކިޔެވުން ފެށެނީ ކޮން ދުވަހަކު؟" އާޣާ ކަރީމް ކަމުން ވާހަކަ ދައްކަމުން ގެންދިޔަ ނަމަވެސް އެހެން މީހެއްގެ އަޑެއް، ހަރަކާތެއް ނެތެވެ. އެއީ ބޮޑު ޚަބަރަކަށް ވާނެތާއެވެ.
"ސެޕްޓެންބަރު މަހު."
"ހުރިހައި ޚަރަދެއް ކުރާނީ އެމީހުންތަ؟"
"ލައްބަ." މެހެމަލްވެސް ޖަވާބު ދީފައި ކާން ފަށައިފިއެވެ.
"ވަރަށް ރަނގަޅު."
(ނުނިމޭ)
މާޝާﷲ ހާދަ ރީއްޗޭ މިބައިވެސް ތަންކޮޅެއް އަވަހަށް ކިޔާލަން ނުލިބޭނެތަ
ވަރަށް ރީތި!!