ޕީޕީއެމް ޕްރައިމަރީގައިވެސް ދެމިލިޔަން ރުފިޔާ ދޫވެއްސަށް އަދީބު ވެއްދި- މަހްލޫފް

މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދުމުގެ ޕްރައިމަރީގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރައީސް ޔާމީންގެ ކެމްޕޭނަށްޓަކައި ދެމިލިޔަން ރުފިޔާ ރައީސް ޔާމީން ދިރިއުޅުއްވި ގެކޮޅު ކަމަށްވާ ދޫވެއްސަށް ވައްދާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ދިގު މުއްދަތެއްގެ ޖަލު ޙުކުމް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބެއްސެވި ފައިސާއަކީ ޙަލާލް ފައިސާ ނޫން ކަމަށާއި އެފައިސާ ވަދެފައި ވަނީ ހަމައެކަނި ރައީސްގެ އަމިއްލަފުޅު ގެކޮޅު ދޫވައްސަށް އެކަނި ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި މެމްބަރުންގެ ކެމްޕޭނަށްވެސް އަދީބު ހަލާލް ނޫން ފައިސާ ދެއްވި ކަމަށާއި އެހެންކަމުން އެފަދަ މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވުމުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ބެއްސެވި ފައިސާ އެންމެ ފުރަތަމަވެސް ވަދެފައި ވަނީ ރައީސްގެ ގެކޮޅަށް ކަމަށެވެ.

"އެންމެ ފުރަތަމަ 2012 ވަނަ އަހަރުގަ އަދީބު ލައްވާ ދޫވެހިއަށް ވެއްދީ ދެމިލިއަން ރުފިޔާ، ރައީސް ޔާމީންގެ ޕީޕީއެމް ޕްރައިމަރީ ކެމްޕޭނަށް، ވަގުތުން އިސްތިއުފާ ދެއްވަންވީ ނޫންތޯ" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެއްޖެ ކަމަށާއި އެހެންކަމުން ރައީސް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން މިއަދު ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލައިގެން ދޮގު ވާހަކަތައް ފަތުރަމުން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.