އަލުން ހުއްދައަށް އެދޭއިރު ކަރަންޓު މީޓަރު ނަންބަރު ބަލަނީ

ގެއިން ބޭރަށް ނުކުތުމުގެ ހުއްދައަށް އަލުން އެދޭ އިރު ކަރަންޓު މީޓަރު ނަންބަރު ދޭންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބދުﷲ ފައިރޫޝް ވިދާޅުވީ މީގެ ކުރިން ހުއްދައަށް އެދުނު އިރު ހިއްސާކުރަން ޖެހުނު މައުލޫމާތުގެ އިތުރުން އަލުން ހުއްދަ ދެވޭނީ ކަރަންޓު މީޓަރު ނަންބަރު ވެސް ހިއްސާކުރުމުން ކަމަށެވެ. 

ބާޒާރުކުރުމަށް ހުއްދަ ދޫކުރުމަށް މިރޭ 12 ޖަހާއިރު ފުލުުހުންގެ ޕޯޓަލް އަލުން ހުޅުވާލާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. ފައިރޫޝް ވިދާޅުވީ އަލުން ހުއްދަ ދޭއިރު ކުރިއާ ޚިލާފަަށް ކޮންމެ ގޭ ބިސީއަކުން ގނަވެގެން ތިން މީހަކަށް ހަފްތާއަކު ދެފަހަރު ދެގަޑިއިރު ބޭރުގައި އުޅުމުގެ ހުއްދަ ދޫކުރެވޭނެއެވެ. އަދި ހުއްދަ ދޭނީ އެއް ގެއަކަށް އެކި ދުވަސްމަތިން ހުއްދަ ދެވޭއިރު އެއް ގަޑިތަކެއް ތަކުރާރު ނުކޮށް އެހެން ގަޑިތަކަކަށެވެ. އަލަށް ގެނެވުނު ބަދަލާއެކު ޚިދުމަތް ހޯދުމަށް ހުއްދަ ދެވޭނީ ހެނދުނު ނުވަޔަކާއި ރޭގަނޑު ނުވަޔަކާ ދެމެދުގެ ވަގުތުތަކަށެވެ. 

ފައިރޫޝް ވިދާޅުވީ ކުރިން ހުއްދަ ދޫކުރެވުނީ ވަކި ޒޯނެއްގައި އުޅޭންކަމުގައި ވީ ނަމަވެސް މިހާރު ދެވޭ ހުއްދައާއެކު އެހެން ސަރަހައްދުތަކަށް ވެސް ދެވޭނެއެވެ. ކުރިން ހުއްދަ ދޫކުރަމުން ދިޔައީ މާލެ 26 ސަރަހައްދަކަަށް ބަހާލައިގެންނެވެ. އަލަށް ގެނެވުނު ބަދަލާއެކު އެ 26 ސަރަހައްދު އުވާލައި ކޮންމެ ފަރާތަކުން ޚިދުމަތް ހޯދުމަށް ބޭނުން ސަރަހައްދަކަށް ދެވޭނެއެވެ. އަދި ކުރިން ހުއްދަ ނަގާފައިވާ ފަރާތްތަކުގެ ހުއްދަ އާ ކުރުމަށްވެސް އެދެވޭނެއެވެ.

އަލަށް ދެވުނު ލުއިތަކާއެކު 31،000 ގޭ ބިސީއަކުން ހުއްދައަށް އެދޭނެކަމަށް ފުލުހުން ލަފާކުރެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.