ކޮވިޑް- 19 ގެ ބޭހެއްގެ ގޮތުގައި ހައިޑްރޮކްސީކްލޮރޮކުއިން ތަޖުރިބާކުރުން ޑަބްލިޔުއެޗްއޯއިން މެދުކަނޑާލައިފި

މެލޭރިޔާއަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަ ބޭސް، ހައިޑްރޮކްސީކްލޮރޮކުއިން ކޮވިޑް- 19 ގެ ބަލިމީހުންނަށް ތަޖުރިބާކުރުމުގެ ގޮތުން ދިނުން މެދުކަނޑާލަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނިންމައިިފިއެވެ. އެއީ ކޮވިޑް- 19 ގެ ބަލިމީހުންނަށް އެ ބޭސް ދިނުމުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައި ވާތީއެވެ.

ރައީސު ޓްރަމްޕް ތިމަންމަނިކުފާނު ބޭނުންކުރައްވާ ކަމަށް ވިދާޅުވެފައިވާ ބޭސް ޑަބްލިޔުއެޗްއޭގެ ކޮވިޑް- 19 ތަޖުރިވާތަކުގައި ބޭނުންކުރެވޭ ބޭސްތަކުގެ ތެރެއިން ނަގަމުން ޑަބްލިޔުއެޗްއޯއިން ބުނެފައި ވަނީ މިއަދާ ހަަމައަށް އެ ބޭހާ ބެހޭގޮތުން ލިބިފައިވާ ހުރިހާ މައުލޫމާތެއް ދިރާސާކުރަން އެ ޖަމާއަތުގެ ތަޖުރިބާކާރުންނަށް ބޭނުންވާ ކަމުގައެވެ.

މިއަދު (ހޯމ ދުވަހު) ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަަނޮމް ގެބްރަޔޭސަސް ވިދާޅުވެފައި ވަނީ އެ ޖަމްއިއްޔާެގެ ބައިނަލްއަގުވާމީ ކޮވިޑް- 19ގެ ތަޖުރިބާތަކުގައި އެ ބޭސް ބޭނުންކުރުމަށް "ވަގުތީ ހުއްޓުމެއް" ގެެނެސްފައިވާ ކަމުގައެވެ. އެއީ، ކޮވިޑް- 19 ގެ ބަލިމީހުންގެ ތެރެއިން ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންނުކުރާ މީހުންނަށްވުރެ، އެ ބޭސް ބޭނުންކުރާ މީހުން މަރުވުމާއި ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް ދަލާންސެޓް މަޖައްލާގައި ފާއިތުވި ހަފުތާގެ ތެރޭގައި ޝާއިއުކުރި ދިރާސާއުން ދައްކާފައިވާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯގެ ޑޭޓާ ސޭފްޓީ މޮނިޓަރިންގ ބޯޑުން މިހާރު ދަނީ އެކަން ދިރާސާކުރަމުންނެވެ.

ހައިޑްރޮކްސީކްލޮރޮކުއިން އަދި ކްލޮރޮކުއިންއަކީ މެލޭރިޔާއި އޮޓޯއިމިއުން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަ ބޭހެއްކަން ފާހަަގަކުރައްވަމުން ގެބްރަޔޭސަސް ވިދާޅުވެފައި ވަނީ "ކަންބޮޑުުވުން ގުޅިފައިވަނީ ކޮވިޑް- 19 ގެ ފަރުވާއަކަށް ހައިޑްރޮކްސީކްލޮރޮކުއިން އަދި ކްލޮރޮކުއިން ބޭނުންކުރުމާ މެދު" ކަމުގައެވެ.

ޑަބްލިޔުއެޗްއޯގެ އެމަޖެންސީސް ޕްރޮގްރާމްގެ ވެރިޔާ ޑރ. މައިކް ރަޔާން ވިދާޅުވީ ހައިޑްރޮކްސީކްލޮރޮކުއިން އަދި ކްލޮރޮކުއިން ތަޖުރިބާކުރުން ހުއްޓާލަން ނިންމީ "ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން" ކަމުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 4 ލައްކައަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ދަނީ މި ބޭހުގެ ތަޖުރިބާތަކުގައި ބައިވެރިވަމުންނެވެ. މިފަދަ ފުރަތަމަ ތަޖުރިބާތައް ފަށާފައި ވަނީ އިނގިރޭސިވިލާތުގެ ބްރައިޓަންއާއި އޮކްސްފޯޑްގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.