ތާރީޚުގެ ތެރެއިން: ސްޕެނިޝް ފުލޫގެ ވަބާ

ވިހިވަނަ ގަރުނު ދުއް އެއްމެ ނުރައްކާތެރި އެއް ވަބާއަކީ ސްޕެނިޝް ފުލޫއެވެ. އެ ވަބާގައި މުޅި ދުނިޔެއިން 50 މިލިއަން މީހުން މަރުވިއެވެ. ވަބާގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވީ 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެއާހިލާފަށް ކޮވިޑް19 ގެ ނުރައްރާތެރިކަން އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައި މިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ގިނަ ނުވަތަ ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށެވެ.

1918 ގެ ސްޕެނިޝް ފުލޫ އަކީ މުޅި ދުނިޔެ އިނދަޖެހުނު ބިރުވެރި ވަބާއެކެވެ. ވަބާ ކޮންޓްރޯލް ކުރުމަށް ގައުމުތައް އޮތީ ނުކުޅެދިފައެވެ. އެހެންކަމުން މި ބިރުވެރި ނުރައްކާތެރި ވަބާއަށްފަހު ގައުމުތައް އަފުރާދުންނާއެކު ތެދުވީ ވަރަށް ހިއްވަރުންނެވެ. ވަރަށް ބޮޑު ހޭދައެއްކޮށް ވަރަށް މަތިވެރި ގުރުބާނީއަކަށް ފަހުއެވެ. މިއަދު ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވާ ކޮވިޑް19 އަކީވެސް އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އާލަމީވަބާއެއް ކަމުގައި ޑަބްލިޔު.އެޗް.އޯ އިން ވަނީ  އިއުލާނު ކޮށްފައެވެ. މި ނުރައްކާތެރި ވަބާއިން އަރައިގަތުމަށް، ފަރުދުންގެ ޒިންމާ ބޮޑެވެ. ވާންޖެހޭ ގުރުބާނީ މަތިވެރިއެވެ. ފެންދީގެން ހައްދަންޖެހޭ ގޮވާމުގެ ބާވަތްތައް ގިނަގުނައެވެ. ތަބައަ ވާންޖެހޭ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

އިނގިރޭސި ސިއްހީ އިދާރާއިން ހާމަކުރާގޮތުގައި ކޮވިޑް19 އާ ގުޅިގެން ކޮންޓިންޖެންސީ ޕްލޭން ތައްޔާރު ކުރުމަށްޓަކައި  1918 ގެ ސްޕެނިޝް ފްލޫގައި ކަންހިނގާފައި ވާގޮތް އެމީހުން ދެނެގަތެވެ. މި ދެނެގަތުމުން ސަމާލުކަން ދޭންޖެހުނު އެއްކަމަކީ ސްޕެނިޝް ފުލޫގެ ދެވަނަ ރާޅުގައި ފުރަތަމަ ރާޅަށް ވުރެ ގިނަ މީހުން މިދުނިޔެއާ ވަކިވެ ގޮސްފައިވާކަމެވެ.

ފުލޫގެ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއެވެ.  ސްޕެނިޝް ފުލޫގެ ފުރަތަމަ މީހާ ފެނުނުއިރު އިނގިރޭސިން ތިބީ ހަނގުރާމައިގެ ތެރޭގައެވެ. ހަނގުރާމައަށްވުރެ އިސްކަމެއް އެވަގުތު އިނގިރޭސިންނަކަށް ނެތެވެ. ބަލިފެތުރުން ހުއްޓުވުމަށްވުރެ ބޮޑަށް އިނގިރޭސިންނަށް މުހިންމީ ހަނގުރާމައެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލިމަޑުކަން ފެތުރިގެން ދިޔައީ ޖަންގައްޔެއްގައި އަލިފާން ރޯވީމައި ހުޅުގަނޑު ފެތުރޭ އުސޫލުންނެވެ. އިނގިރޭސި ލަޝްކަރުގެ ތެރެއިންނާއި ދަތުރުފަތުރުގެ ތެރެއިންނާއި  ހަތިޔާރު ގުދަންތަކުންނާއި ބަސް ދަތުރުތަކާއި ރޭލު ދަތުރުތަކުގެ ތެރެއިން ބަލި ފެތުރުނު ކަމަށް އެދުވަސްވަރު  ރޯޔަލް ސޮސައިޓީ އޮފް މެޑިސިންގެ ސަރ އަރތަރ ނިވްސްހޯމް (Sir Arthur Newsholme) ހާމަ ކުރައްވާފައި ވެއެވެ.  ސްޕެނިޝް ފުލޫއާ ގުޅިގެން  އާންމުންނަށް ދިން ލަފަޔާއި އިރުޝާދުގައި   ބަލި ޖެހިއްޖެނަމަ މީހުން އުޅޭ ތަންތަނަށް ގޮސް ނޫޅެ ގޭގައި މަޑުކުރުމަށް އެންގިއެވެ. ރައްޔިތުން މި އިރުޝާދުތަކަށް ތަބައަވިނަމަ އެތައް ފުރާނައެއް ސަލާމަތް ކުރެވުނީސް ކަމާއި ގައުމީ ހާލަތްތަކުގައި މީސްތަކުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ތަބައަވެ ގައުމީ ޒިންމާ އަދާ ކޮށްގެން ނޫނީ މިފަދަ ބިރުވެރި ވަބާއަކުން ސަލާމަތް ނުވާނެ ކަން މިފުލޫ ކޮންޓްރޯލް ކުރުވުނު އިރު ރައްޔިތުންނަށް ވަނީ ޤަބޫލުކުރެވިފައެވެ.

ސްޕެނިޝްފުލޫގެ ނަން ސްޕެއިންއަށް ނިސްބަތްވިޔަސް ބަލިމަޑުކަން ފެށުނީ ހަގީގަތުގައި ސްޕެއިންއަކުން ނޫނެވެ. އެކަމަކު މަރުގެ ރިޕޯޓުތައް ފުރަތަމަ ހާމަކުރި ގައުމަކީ ސްޕެއިންއެވެ. އެމީހުން ހީކުރީ ބަލިމަޑުކަން ފެށުނީ އެތަނުން ކަމުގައެވެ. އެތަނުގެ ނޫސް މަޖައްލާތަކަށް ހަނގުރާމައިގެ ވާހަކަތަކަކީ އެދުވަސްވަރު މާކަ މުހިއްމު ވާހަކަތަކެއް ނޫނެވެ. ސަބަބަކީ އެމީހުންނަކީ ހަނގުރާމައިގެ ބައިވެރިންނަށް ނުވުމެވެ. އެމީހުން ތިބީ ވަކިފަރާތަކަށް ނުޖެހިއެވެ. ބަލި ފެތުރުނު ގައުމުތަކުން  އެކަން ވަންހަނާކުރީ ހަނގުރާމައިގެ ގެއްލުންތައް ފޮރުވުމަށްޓަކައެވެ.

1918ގައި ކުރިމަތިވި ސްޕެނިޝްފުލޫ ވަބާއަށް، އެދުވަސްވަރު ފަރުވާއެއް ހޯދިފައެއް ނެތެވެ. ނިއުމޯނިއާއަށް އެންޓިބަޔޮޓިކްސްއެއް އެދުވަސްވަރަކު ނުހޯދެއެވެ.  ހޮސްޕިޓަލްތައް އޮތީ މި ވަބާއަށް ފަރުވާ ކުރުމަށް ނުކުޅެދިފައެވެ. ބަލި ފެތުރުނަ ނުދީ ހުއްޓުވޭކަށް ލޮކްޑައުން ކުރެވޭކަށްވެސް ނެތެވެ. އެހެންނަމަވެސް  ސިނަމާތަކާއި ތިއޭޓަރުތައް އަދި ފައްޅިތައް ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައި ބެހެއްޓިއެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯލް ލީގާއި އެފް.އޭ.ކަޕު އޮތީ ކެންސަލްކޮށްފައެވެ.  އެކަމަކު ބައެއް މުބާރާތްތައް ކެންސަލެއް ނުކުރެއެވެ. މި ވަބާގެ ތެރޭގައިވެސް އާންމުންގެ ޝައުގުވެރިކަން ބޮޑު، ސަރަހައްދީ ފުޓުބޯޅަ މުބާރާތްތަކާއި އަންހެނުންގެ ފުޓުބޯޅަ ކުރިއަށް ގެންދިޔައެވެ. ކަން މިހެންއޮތަސް ބައެއް ސިޓީ ތަކާއި މަގުތަކަށް ޑިސްއިންފެކްޓު ސްޕްރޭ ކޮށް ބައެއް މީހުން ވައިރަހުން ސަލާމަތް ވުމަށްޓަކައި މާސްކް އަޅައިގެންވެސް އުޅުނެވެ.

ދޮގު ޚަބަރުތަކާއި ހަގީގަތާ ޚިލާފު ތިޔަރީތައް ދިޔައީ ފަތުރަމުންނެވެ. ސިއްހީ ގޮތުން ދެވޭ ތަފާތު އިރުޝާދުތަކުގެ ސަބަބުން މީހުންނަށް އޮޅުން އެރިއެވެ. ސިއްހީ އާދަތަކަށް ދޭންޖެހިފައިވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ބަލިމަޑުކަމުން އަރައިގަތުން ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. މިކަމުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ބައެއް ފެކްޓްރީތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދިނެވެ. އެމީހުން ގަބޫލުކުރީ ސިނގިރޭޓު ބުއިމުގެ ސަބަބުން ވައިރަސް މަރުވާކަމުގައެވެ. ކޮންޒަވޭޓިވް އެމްޕީ ކުލައުޑޭ ލައުތަރ، އޭނާގެ ބަހުސެއްގައި ދުވާލަކު ތިންއިރު ކޮކޯ ބޭނުންކުރާ މީހުން ވައިރަހުން ސަލާމަތްވާނެ ކަމުގައި ބުނެފައިވެއެވެ.

ނޮވެންބަރު 1918 ގައި ޚަބަރުތަކުގެ ޒަރިއްޔާއިން ދުނިޔެއަށް އިއުލާނު ކުރަމުން ދިޔައީ ނޭފަތުގެ އެތެރެ ސައިބޯނި ލައިގެން ފެނުން ދޮވުމަށެވެ. އަދި ރޭގަނޑާއި ހެނދުނު ގަދަކަމުން ނަމަވެސް ކިނބިހި އެޅުމަށްފަހު ފުންކޮށް ނޭވާލުމަށެވެ.  ފިނިން ސަލާމަތްވުމަށް މަފްލަރ ބޭނުން ނުކުރުމަށެވެ.  މަސައްކަތުން ނިމިގެން އިތުރު ތަންތަނަށް ނުގޮސް ގެއަށްދިއުމަށެވެ. އަދި ބަތްޕެންފަދަ ދިޔާ ތަކެތި ގިނައިން ބޭނުން ކުރުމަށްވެސް ބާރުއެޅިއެވެ.

ސްޕެނިޝް ފުލޫގެ ނުރައްކާތެރި ވަބާއިން އެއްވެސް ގައުމެއް ސަލާމަތެއް ނުވެއެވެ. އެކި ގައުމުތަކުގައި ބަލި ފެތުރުނު މިންވަރު ތަފާތެވެ. އަދި ގައުމުތައް  މި ބަލިން ސަލާމަތްވުމަށް ކުރި މަސައްކަތްވެސް ތަފާތެވެ. ބައެއް ގައުމުތައް މި ވަބާއިން ސަލާމަތްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިއިރު އަނެއްބައި ގައުމުތަކުން މަސައްކަތް ކޮށްފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެމެރިކާގެ ބައެއް ސްޓޭޓުތަކުން އެމީހުންގެ ރައްޔިތުން ކަރަންޓީނު ކުރިއިރު އަނެއްބައި ސްޓޭޓުތަކުގައި މާސްކު އެޅުން މަޖުބޫރު ކުރިއެވެ. މުޅި ގައުމުގައި ސިނަމާތަކާއި ތިއޭޓަރުތައް އަދި މޫނިފޫހިފިލުވުމަށް އެއްވެ އުޅޭ ތަންތަން ބަންދުކުރިއެވެ. އެމެރިކާގެ ގިނަ ސިޓީ ތަކާ އަޅާ ބަލާއިރު ނިއުޔޯކްސިޓީ ވަނީ  މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ޓީބީއިން ސަލާމަތްވުމަށްޓަކައި ހިންގި 20 އަހަރުގެ ކެމްޕެއިންގެ ސަބަބުން ނިޔުޔޯކްގައި މަރުވި މީހުންގެ އަދަދު އެހެން ސިޓީތަކާ އަޅާބަލާއިރު ދަށެވެ. ކަން މިހެން އޮތަސް މޫވީ ތިއޭޓަރު ތަކާއި ސިނަމާތައް އަދި މުނިފޫހި ފިލުވުމަށް އެއްވެ އުޅޭތަންތަން ހުޅުވާފައި ބެހެޓުމަށް ރައްޔިތުން ދިޔައީ ބާރުއަޅަމުންނެވެ. ނިޔުޔޯކް ސިޓީގެ ހެލްތު ކޮމިޝަނަރަށް ކުރިމަތިލާން ޖެހުނު ފާޑުކިޔުންތަކާއެކުވެސް އިސްކަން ދިނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ ގޮތްތައް ދެމެހެއްޓުމަށެވެ.  އަޅުކަން ކުރުމަށް ހަދާފައި ހުރިތަންތަނަށް އެއްވެ އުޅުން ހުއްޓުވުން ވީ ވަރަށް ދަތިކަމަކަށެވެ.

މި ބިރުވެރި ވަބާ ނިމުނު އިރު އިނގިރޭސި ވިލާތުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައިމީހުންނަށް ބަލިޖެހުނެވެ. އޭތެރެއިން 228,000 މީހުން މަރުވިއެވެ. ވައިރަސް މަރާލުމަށް ކުރި މަސައްކަތްތައް ދުވަސްތަކަކަށް ކުރިއަށްދިޔައެވެ. އޭގެ ސަބަބުން އާންމުން އިހުނަށްވުރެ ބޮޑަށް މި ނުރައްކާތެރި ވަބާއާ މެދު  ހޭލުންތެރި ވިއެވެ. ހާލަތު މިހާ ހިސާބަށް ދިޔައިރު ރައްޔިތުން ތިބީ މި މަރުގެ ވަބާއިން ސަލާމަތް ވެވޭނެ ގޮތްތަކަކަށް ބޭނުންވެފައެވެ. އެމީހުންގެ ފުރާނަ ސަލާމަތްކޮށް ދުނިޔެއިން ބަލިމަޑުކަން ފޮހެލުމަށް ވާންޖެހުނު ކޮންމެ ގުރުބާނެއް ވުމަށްވެސް ތައްޔާރުވެފައެވެ. އެހެންކަމުން ސަރުކާރުތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީހުންގެ ދިރިއުޅުން ބައްޓަން ކުރަން އެމީހުންންނަށް މަޖުބޫރު ވީއެވެ.

5 ޚިޔާލު

  1. ވަރަށް ފުރިހަމަ. މާޒީގެ މިކަހަލަ މުޙއްމު ފިލާވަޅުތަކުން އަހަރެމެން އިބްރަތް ހާސިލްކުރަންޖެހޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.