(17 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެ ހަދަނީ ދޮގު." ރާއޯ އެނބުރި އައިސް ބުނެލިއެވެ. "މިއީ ހަމަ އަންނާން ހަމަޖެހިފައި އޮތް މީހާ. މީގެ ދެތިން ހަފުތާއެއްހައި ދުވަސް ކުރިން އޮތީ ވާހަކަ ދެކެވި ހުރިހައި ކަމެއް ހަމަޖައްސާފައި. މި ކުއްޖާގެ ނަން ބުނެފައި އޮތީ. ޅަ ކުއްޖެކޭ... ރީތި ކުއްޖެކޭ... މިހައިތަނަށް މީހަކު އިނގިލި ކުރިވެސް ޖައްސައިފައި ނުވާ ކުއްޖެކޭ... މިއީ ހައްތަހައިވެސް އާޣާ ދެއްކި ވާހަކަ. މި ކުއްޖާ އަޅުގަނޑުމެންގެ ގިއުގަނޑަށް ރަނގަޅަށް ފެތޭ." ރާއޯ ވާހަކަ ދައްކަމުން ދިޔައެވެ. "މަންޖެގެ ނަމަކީ މެހެމަލް އިބްރާހީމެއްނު؟ އެހެން ވެއްޖެއްޔާ އާޣާގެ ކޮއްކޮއަކަށް ވާނީ ކިހިނެއް. އެއްވެސް މީހަކު އެ މީހެއްގެ ކޮއްކޮއަކު އެއް ރެއަށް ހިލޭ ފިރިހެނަކަށް ވިއްކައެއް ނުލާނެ. ތިޔައީ ގަބޫލު ކުރެވޭނޭ ވާހަކައެއް ނޫން."
މެހެމަލްގެ ވަށައިގެން ބަޑިޖަހާ އަޑާއި ތަންތަން ގޮވައި ފުނޑުފުނޑުވަމުންދާ އަޑު އިވެމުންދާ ކަމުގައި އޭނާއަށް އިހުސާސް ކުރެވޭން ފަށައިފިއެވެ.
އަނބުރައިގަނެގެން ވެއްޓޭން އުޅުނީމާ ހުމާޔޫން އޭނާ ވެއްޓުނަ ނުދީ ހިފަހައްޓައިފިއެވެ.
"ދޮގު ނުހަދައި ރަނގަަޅަށް ބުނޭ. މަންޖެ އަހަރެމެން މޮޔަ ހައްދަނީތަ؟ ނޫނީ އާޣާ މަންޖެ މޮޔަ ހެއްދީތަ؟ މަންޖެއަށް ކިޔަނީ މެހެމަލް އިބްރާހީމް. އޭނާގެ ނަމަކީ ފަވާދް ކަރީމް. އޭނާ މަންޖެގެ ބޭބެއަކަށް ވާނީ ކިހިނެއް؟ އޭނާ މި ގޮތަށް އަންހެން ކުދިން ވިއްކާތާ ކިތަންމެ ދުވަހެއް ވެއްޖެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ ކޮއްކޮ ވިއްކާކަށް ނޫޅޭ."
"ނޫން..." އެ ވާހަކަތައް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. "ތިޔަ ހަދަނީ ދޮގު. ފަވާދްބޭބެ އެހެންނެއް ނުހަދާނެ. އަހަންނާ މެދު ތިޔަ ކަހަލަ ގޮތަކަށް ކަންތަކެއް ނުކުރާނެ. ފަވާދްބޭބެއަށް ގުޅައިދީ. ފަވާދްބޭބެގެ ވާހަކަ އަޑު އަހާ. އޭރުން އެނގިދާނެ. އަހަރެމެން ދެމީހުން ރަސްމިއްޔާކަށް ދާން ނިންމާފައި އޮތީ. އޭނާ މިހާރު އަހަރެންގެ އިންތިޒާރުގައި ހުންނާނެ."
އެހެން މީހުންނެކޭ އެއްފަދައިން މެހެމަލަކީވެސް ކުދި ދޮގުން މުޅީން ރައްކާތެރި ވެފައިވާ ކުއްޖެއް ނޫނެވެ. އެހެންވީމާ ހޮޓަލަކަށް ރޭގަނޑު ކާން ދާން އޮތް ވާހަކަ އޭނާ ގަސްތުގައި ނުބުނީއެވެ. އެހެން ބުނި ނަމަ މި މީހުން އޭނާޔާ މެދު ދެކޭނީ ވަރަށް ވިޔާނުދާ ގޮތަކަށެވެ.
"ރާއޯ ސާހިބް. އާޣާ ފަވާދަށް ފޯނު ކުރައްވާ."
"އާދެ." ރާއޯ މޯބައިލް ފޯނުން ގުޅާން ފަށައިފިއެވެ.
"ސްޕީކަރަށް ލާފައި ބަހައްޓަވާ." ހުމާޔޫން މިހެން ބުނެފައި ފުން ނަޒަރަކުން މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ ރާއޯގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ.
"އާދެ... ރާއޯ ސާހިބް." މުޅި ތަނަށް ވެރިވެގެން އެ ދިޔައީ ފަވާދްގެ އަޑެވެ. "މުދާ ލިބިވަޑައިގެންފިތޯ؟"
"ލިބިއްޖެ. އެކަމަކު ވަރަށް އެބަ އަޑުގަދަ ކުރޭ. ފަވާދް ވާހަކަފުޅު ދައްކަވާ." އޭނާ ފޯނު މެހެމަލްގެ ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ... ފަވާދްބޭބޭ..." މެހެމަލް ރޮއިގެންފިއެވެ. "މި މީހުން ހީކޮށްގެން މި އުޅެނީ އަހަރެން މިއީ ވިޔާނުދާ ކުއްޖެއް ކަމަށް. ވާހަކަ ދައްކަ..."
"އަނގަ ގަދަ ނުކޮށް އަހަރެންގެ ވާހަކަ އަޑު އަހާ. އަހަރެން ދޭން އުޅުނު ޖަވާހިރު ޖެހި އަނގޮޓި ބޭނުމެއްނު؟ ބޭނުމެއްނު ދޯ؟ ބޭނުމިއްޔާ އެސްޕީ ސާހިބް ވިދާޅުވާ ގޮތަކަށް ހަދާ."
"ފަވާދްބޭބޭ." އޭނާއަށް ހަޅޭއެް ލަވައިގަނެވުނެވެ. "މި މީހުން އުޅެނީ އަހަރެން ލައްވައި ރަނގަޅު ކަމެއް ކުރުވާކަށް ނޫން... އަވަހަށް..."
"އޭނާ ބުނާ ކަމެއް ކުރޭ. އެންމެ ރެއެއްގެ ކަމެއްނު؟ މާ އަނގަ ގަދަ ނުކުރޭ. ޑުރައިވަރު ހެނދުނު މެހެމަލް ބަލައި އަންނާނެ."
އޭނާގެ ބޮލަށް އުޑު ވެއްޓުނު ކަހަލައެވެ. އެއްވެސް ހަރަކާތެއް ނެތި މުޅި މީހާ ހިލަގަނޑެއްހެން ވެއްޖެއެވެ.
"އެންމެ ރެއެއްގެ ކަމެއްނު..؟ އެންމެ ރެއެއްގެ ކަމެއްނު..؟" ހީވަނީ އޭނާގެ ބޮލުގައި ސާދާރާތާ މަރުތޭލަކުން ތަޅަނީ ހެންނެވެ.
"އޭނާ ދޭން ބުނީ އެންމެ އަނގޮޓިއެއްތަ؟ ޖަހާވިރު ޖެހި އަނގޮޓިއެއް. އެކަހަލަ މީހަކީ ތިމަންގެ ބޭބެއޭތަ ތިޔަ ބުނަނީ؟" ހުމާޔޫން ފޯނު ކަނޑައިލުމަށް ފަހު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
އޭނާ ޖެހި ބުދެއްހެން ހުރީއެވެ. އޭނާގެ ސިކުނޑިއާއި ހިތާއި ކަންފަތާއި ލޯ ބަންދު ވެއްޖެއެވެ.
"ރާއޯ ސާހިބް. މިއީ ހަމަ ހަގީގަތުގައިވެސް ފަވާދް ކަރީމްގެ ކޮއްކޮއެއްތޯ ބައްލަވާ. އޭނާ ދައްކާ ވާހަކައިގެ ތެދު ދޮގު ފަހުން ބަލާނީ... ޝަމްސު... ސަޖަލް..." ހުމާޔޫން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
މެހެމަލްގެ އަތްފައި ފިނިވާން ފަށައިފިއެވެ. މަޑުމަޑުން އޭނާގެ ފުރާނަ ނުކުންނަނީ ކަހަލައެވެ. ގައިން ވަރު ދޫވާން ފަށައިފިއެވެ.
ހަތިޔާރު އެޅި ދެ މީހަކު ދުވެފައި އަތުވެއްޖެއެވެ.
"ޝަމްސު. މި މަންޖެ ގެންގޮސް މަތީބުރީގެ ކޮޓަރިއެއްގައި ބަންދު ކުރޭ. ފިލައިގެން ދިޔަ ނުދޭތި... ސަޖަލް..." ހުމާޔޫން ދެއްކި ހުރިހައި ވާހަކައެއް މެހެމަލަކަށް އަޑެއް ނީވުނެވެ. އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ބިންމަތީގައި ނުޖެހުނީ ހުމާޔޫން ހިފެހެއްޓީމައެވެ.
"މެހެމަލް... މެހެމަލް..." ހުމާޔޫން އޭނާ ތަޅުވައިލިއެވެ. އޭނާއަކަށް އަޑެއް ނީވެއެވެ. މަޑުމަޑުން ގޮސް އަނދިރިކަމުގެ ތެރެއަށް ގެއްލިއްޖެއެވެ.
ހަޔެއް
އޭނާގެ މޫނަށް ފެން ބުރުވައިލުމާއެކު ކުއްލިއަކަށް ހޭ އަރައިފިއެވެ.
"ތެދުވޭ. ވާ ވަރަށް ނިދިއްޖެއެއްނު؟" އޭނާ ބިއްލޫރި ތަށި މޭޒުމަތީގައި ބަހައްޓައިފައި ގޮސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
ކުޑަ ހިނދުކޮޅަކަށް މެހެމަލް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާން ފެށުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ.
އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އަގު ބޮޑު އެނދަކާއި އެހައިމެ އަގު ބޮޑު ސޯފާއެކެވެ. އަޅައިފައި އޮތީ ރީތި އަދި އަގު ބޮޑު ދޫލައެކެވެ. އޭނާ އޮތީ އެނދެއްގައި އޮށޯވެގެންނެވެ. ގައިމަތީގައި ބޯ ފޮތިގަނޑެއް އަޅައިފައި އޮތެވެ. އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެގެން ކިބުރުވެރި ފާޑަކަށް އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އެހެރީ ހުމާޔޫން ދާވޫދެވެ.
މިހާރުވެސް އޭނާގެ ގައިގައި އޮތީ ހަމަ އެ ސާޅިއެވެ. ޕާލަރުން ޖަހައިފައި ހުރި ހުރިހައި ދައްޗަކާއި އަފުނޯސް ކަށްޓެއް ހަމަ އެ ހުރި ގޮތަށް އެބަހުއްޓެވެ.
"އަހަ... އަހަރެން... މި އޮތީ ކޮންތާކު؟ ގަޑިން ވީ ކިހައި އިރެއް؟ އިރުއެރީތަ؟" އޭނާ ފަރާތްފަރާތް ހޯދައި ބަލާން ފަށައިފިއެވެ. ފާރުގައި ހުރި ގަޑިން އޭރު ތިންގަޑި ބައި ވަނީއެވެ.
"އަދި އިރެއް ނާރާ. މިހާރު ތިޔަ އޮތީ ޖަވާހިރު ޖެހި އަނގޮޓިއެއްގެ ދަޅަ ދައްކައިފައި ފަވާދް މެހެމަލް ފޮނުވި ތާގައި؟"
"ފަވާދްބޭބެ އަހަރެން ގާތު ތިޔަ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. އަހަރެން ގާތު ބުނީ ފައިލުގައި ސޮއި ކުރުވައިގެން ހިފައިގެން އަންނާށޭ. އަހަރެން މި ހަދަނީ ދޮގެއް ނޫން."
"ތިޔައީ ދޮގު ނޫން ކަމަށް އަހަންނަށް ގަބޫލު ކުރެވޭނީ ކިހިނެއް؟ އާޣާ ފަވާދް ބުނީ މެހެމަލަކީ އޭނާގެ ގޭގައި ގެންގުޅޭ ޔަތީމު ކުއްޖެކޭ... ކޮއްކޮއެއް ނޫނޭ."
"ޔަތީމަކަށް ވީމަތާ ތިޔަ ކަހަލަ އައްޔާޝީއެއްގެ ކުރިމައްޗަށް އަހަރެން އެއްލައިލީ. އެއީ އަހަންނާ ދެބެއިންގެ ދެދަރި ބޭބެއެއް. ޔަތީމުންގެ މައްޗަށް އަތް ގަދަ ކުރުމަކީ ހިމާރުންގެ އުސޫލު." މެހެމަލް ރޯން ފަށައިފިއެވެ.
"ކަރުނައާއި ޖަޒުބާތީ ތަގުރީރަކުން އަހަންނަކަށް އެެއްވެސް އަސަރެއް ނުކުރާނެ." އޭނާ ހަމަޖެހިލައިގެން އިނދެ ސިގިރޭޓު ބޮމުން ގެންދިޔައެވެ. "އަހަރެން އަޑު އަހަން ބޭނުން ވަނީ ތެދު. ދޮގު ހަދައިފިއްޔާ ފުލުސް އޮފީހަށް ގެންގޮސް ހަން ދަމައިލާނަން."
"އަހަރެން މި ހަދަނީ ދޮގެއް ނޫން."
"އަހަރެންގެ ސުވާލުތަކަށް ރަނގަޅަށް ތެދު ބަހުން ޖަވާބު ދީ. ފަވާދް ދެނީ ކިހައި ވަރެއްގެ ހިއްސާއެއް؟ މީގެ ކުރީން ކިތައް މީހުން ގާތަށް ހިނގައްޖައިން؟ ތިޔަ ގޭންގުގައި އުޅެނީ ކިތައް މީހުން؟" ސިގިރޭޓު ދަމައިލަމުން ހުމާޔޫން އެތައް ސުވާލެއް އެއް ފަހަރާ ކޮށްލިއެވެ.
"އަހަރެން ލައްވައި ހުވައި ކުރުވާ. އަހަރެން މި ދައްކަނީ ތެދު..."
"ހުވައި ކުރުވާށޭ؟ އެހެންތަ؟"
"އާނ... ހުވައި ކުރުވާ."
"ސަތޭކަ މީހުންގެ ކުރިމަތީގައި ކޯޓުގައި ހުވައި ކުރަން ކެރޭނެތަ؟"
"އަހަރެން މިހިރީ ތައްޔާރަށް. ކޯޓަށް ގެންދޭ. މި ދެއްކި ހުރިހައި ވާހަކައެއް ހަމަ މި ގޮތަށް ދައްކާނަން."
"ކޯޓަށް ގެންދެވޭނީ އެންމެ ފުރަތަމަ ތިޔަ ދައްކާ ވާހަކަ އަހަންނަށް ގަބޫލު ކުރެވުނީމާ. އަދި ހަމަ ގައިމުވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ." އޭނާ ސިގިރޭޓުގެ އަޅި ކަނޑައިލިއެވެ.
"އަހަރެން މި ބުނަނީ ތެދަށް. އަހަންނަކާ އެއްވެސް ގޭންގަކާ އެއްވެސް ގުޅުމެއް ނެތް. ފަވާދްބޭބެ އަހަރެން ގާތު އެއްވެސް ވާހަކައެއް ނުދައްކާ."
"މިހާރުވެސް ތިޔަ މަސައްކަތް ކުރަނީ އޭނާ ސަލާމަތް ކުރާން. ނޫންތަ؟"
"ނޫން. ސީދާ ތެދު ބަހުން މި ވާހަކަ ދައްކަނީ." މެހެމަލް އެނދުން ފައިބައިގެން އައިސް ހުމާޔޫންގެ ފައި ބުޑުގައި އިށީނދެއްޖެއެވެ. "ހެޔޮ ނުވާނެ..." އޭނާ ދެ އަތް ޖޯޑު ކޮށްލިއެވެ. "އެސްޕީ ސާހިބް. ފަވާދްބޭބެގެ ބޭނުމަކީ ކޮބައި ކަމެއްވެސް އަދި އެސްޕީ ސާހިބްގެ ބޭނުމަކީ ކޮބައި ކަމެއްވެސް އަހަންނަކަށް ހަމަ އެއް ގޮތަކަށްވެސް ނޭނގޭ. އަހަރެމެން ދެ މީހުން ރާވައިފައި އޮތީ މެރިއެޓް ހޮޓަލަށް މިރޭ ކާން ދާން. އަހަރެންގެ އެއްވެސް ކުށެއް ނެތް." އޭނާގެ ބިއްލޫރި ދެ ލޮލުން ހޯސް ލައިފައި ކަރުނަ ފައިބަނީއެވެ. "ﷲ ގަންދީ ހުވާ ކުރަން."
"ﷲ ގަންދީ ހުވާ ކުރާ މަތީން ފަވާދް ދިނީ ކޮން އެއްޗެއް؟ ޖަވާހިރު ސެޓެއްތަ؟"
އޭނާގެ އަޑުގައި ހުރީ ފުލުހުންގެ އަޑުގައި އާއްމުކޮށް ހުންނަ ޝައްކުގެ އަސަރެވެ. އެ މަލާމާތުގެ ރާގެވެ. އެއީ އިންތިހާއަށް ރީތި މީހެކެވެ. އެކަމަކު އޭނާގެ ދުލުގެ ހިތިކަން އެހައި ގަދައެވެ. އޭނާގެ މޫނުގައި ވަކި އަޅައި ލޭ ކޮށައިލާނަމޭ މެހެމަލްގެ ހިތަށް އެރިއެވެ. ފުންމައިގެން ތެދުވެ އޭނާގެ ކަރާ ދިމާއަށް އަތް ގެންދާން ފެށުމާއެކު ހުމާޔޫން އޭނާގެ ދެ އަތުގައި ހިފަހައްޓައިފިއެވެ.
"ކެލޭގެ ލޯ އެކަންޏެއް ނޫން. ހަރަކާތްވެސް ތިޔަ ހުންނަނީ ބުޅަލަކާ އެއްގޮތަށް." އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އަދި މެހެމަލް އަތުގައި ހިފައި ހޫރުވައިލިއެވެ. އޭނާ ނުއެއް ވެއްޓެއެެވެ. އެކަމަކު ތަންކޮޅެއް ދުރަށް ގޮސް ބަލަހައްޓައިގެން ހުރީއެވެ.
"އަހަރެން ބޭނުމީ ގެއަށް ދާން... އަހަރެން ގެއަށް ގެންގޮސް ދީ... އާދޭސް ކޮށްފައި ބުނަން... އަހަރެން ދިޔަދީ..." ހުމާޔޫން ކޮޓަރިން ނުކުންނާން އެނބުރީލާމާ މެހެމަލް އަނެއްކާވެސް އާދޭސް ކުރާން ފަށައިފިއެވެ. "ގެއަށް ނުދެވެނީސް އިރު އަރައިފިއްޔާ އަހަރެން ބަދުނާމު ވެދާނެ."
"މަންޖޭ... ކުރިންވެސް ބުނެފީމެއްނު... ތިޔަ ކަހަލަ ޖަޒުބާތީ ވާހަކައަކުން އަހަންނަކަށް އަސަރެއް ނުކުރާނެއޭ." ހުމާޔޫން އޭނާގެ ކޮލުގައި މަޑުމަޑުން ޖަހައިލުމަށް ފަހު ބުންޏެވެ. "ތިޔައީ ހިތްވަރުގަދަ ކުއްޖެއްނު؟ ގެއަށް ފޮނުވައިދޭނަން. އެކަމަކު މިހާރަކު ނޫން. އިރު އަރަންދެން ހުންނާން ވާނީ މި ގޭގައި."
"އެސްޕީ ސާހިބް. އަހަރެން ބަދުނާމު ވެދާނެ. ރޭގަނޑު ހަތަރުދަމު ގެއިން ބޭރުގައި އުޅުނީމާ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ވެދާނެ."
"ވާ އެއްޗެއް ވެދާނެ. އަހަންނަށް ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް." އޭނާ ގުދުވެފައި އަތުގައި އޮތް ސިގިރޭޓުބުރި އަޅިކެނޑީގެ ތެރެއަށް ލިއެވެ. އަދި ބާރަށް ހިނގައިފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އެޔާއެކު އިވުނީ ބޭރުން ތަޅުލީ އަޑެވެ.
މެހެމަލް ގޮސް ދެ އަތުން ދޮރުގައި ތަޅާން ފަށައިފިއެވެ. "ދޮރު ހުޅުވާ... ހުޅުވާ..." ބޭރަކުން އެއްވެސް އަޑެއް ނީވެއެވެ. އޭނާގެ ރުއިމަކަށް ޖަވާބެއް ނުލިބުނެވެ. އޭނާއަށް މަޑުމަޑުން ގޮސް ދޮރުބުޑުގައި އިށީނދެވިއްޖެއެވެ. އެޔާއެކު ބާރަށް ރޯން ފަށައިފިއެވެ.
ފަވާދް... ފަވާދް އޭނާޔާމެދު އެކަހަލަ ގޮތަކަށް ކަންތައް ކޮށްފާނޭ ހެއްޔެވެ؟ އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ފަވާދަށް ކުރީ ކޮން ގެއްލުމެއް ހެއްޔެވެ؟ ކުޑަ ރުފިޔާކޮޅަކަށް އޭނާ ވިއްކައިލީ ކީއްވެގެން ހެއްޔެވެ؟
(ނުނިމޭ)
Varh reeti
Poor mehmal...heeves nukuraa gotheh mi v...hama hus ekkahala meehun ulhey family eh