މާލެ ފުރަބަންދުވުމާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން ބޭސް ފަރުވާއަށް މާލެ އައިސް ތިބި މީހުންނާއި ރިސޯޓުތަކުން އައި މީހުންގެ ގޮތުގައި ރަޖިސްޓާރ ކޮށްފައިވަނީ 1600 މީހުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މާލޭ ފުރަބަންދުކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ހަމަޖެހިފައިވަނީ ސިއްޙީ ކަންކަމުގައި މާލެ އައިސް ތިބި މީހުންނާއި، ރިސޯޓުތަކުން ރަށަށް ދިޔުމަށްޓަކައި މާލެ އައިސް ތިބި މީހުންނާއި ކުރު މުއްދަތަކަށް މާލެ އައިސް ތިބި މީހުންނަށެވެ. މާލެ ސަރަހައްދު ފުރަބަންދުގެ ހާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުންގެ ތެރެއިން ރަށަށް ނުދެވި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު ހާމަކޮށް ޖެންޑަރ މިނިސްޓްރީން ވަނީ މީގެ ކުރިން ބަޔާނެއް ނެރެފައެވެ.
މި މީހުން ރަށަށް ފޮނުވުމަށްޓަކައި ކައުންސިލްތަކާއި މަޝްވަރާކޮށް ލިސްޓްތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މާލޭގައި ތާށިވެފައިވާ މީހުންގެ ގޮތުގައި 5000 އަށްވުރެ ގިނަ މީހުން ރަޖިސްޓާރ ކޮށްފައިވާ ކަމަށާއި މި މީހުންގެ ހާލަތާއި ރަށަށް ދާން އެދިފައިވާ ސަބަބު ސާފުކުރަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.