މުޞްޙަފް - 7

(6 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަވީރު މުސްރަތު ގޮވީމާ މެހެމަލް ބަދިގެއަށް މަންމަޔާ އެހީތެރިވާން އަތުވެއްޖެއެވެ.

"އަސާރަ... ފިހުނު ކުކުޅު... ބިރިޔާނީ... ކަވާބުކުރި މަސް... ތެލުލި މަސް... މަންމަ މަސައްކަތް ކުރާނީ ކިހައި ވަރަކަށް؟" ތެލިތެލީގެ މަތި ނަގަމުން އޭނާ ކުދި ކިޔަމުން ދިޔައެވެ.

"ހުރިހައި އެއްޗެއް އެހެރީ ކައްކައި ނިމިފައި. ދަރިފުޅު ފޮނިކާ އެއްޗެހި ހަދާ. ސަޔާއި ހެދިކާވެސް ތައްޔާރު ކޮށްލާ."

"ކެއުމާއި ސަޔާ އެކީގައި؟" އޭނާ އުކުޅުގައި އަތް ވިދެލައިގެން ހުރެ ބުނެލިއެވެ. "އެހައި ގިނަ އެއްޗެހި ހަދަނީ ކީއްކުރަން؟ ސިދްރާ ދައްތަޔާ އިންނާން އަންނަނީ ބޮޑު ލަޝްކަރެއްތަ؟"

"ހޫނ... އަޑު މަޑު ކުރޭ."

"އަހަރެން އެކަކު ދެކެވެސް ބިރެއް ނުގަނޭ. މިހާރު ގޮސް އެންމެންގެ ކުރިމަތީގައި މިހެން ބުނެފާނަން."

"މެހެމަލް. ދަރިފުޅު ދައްކާ ކޮންމެ ވާހަކައެއްގެ ޖަވާބު އަޑު އަހަން ޖެހެނީ މަންމައަށް." މަންމަގެ ވަރުބަލިވެފައިވާ ބަލިކަށި އަޑު އިވުމުން އޭނާ އިތުރު ވާހަކައެއް ނުދެއްކިއެވެ.

އޭނާ ސައި ތަބައް ތައްޔާރު ކުރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާ އެކީގައެވެ. އުޑަފައިން އިށީނދެގެން އިނދެ ކުޑަ ގާޑިޔާގެ ތިރީބައިގައި ތަށިތައް ބަހައްޓަނީއެވެ. އެ ވަގުތު މެހެތާބް އައިސް ބަދިގެއަށް ވަދެއްޖެއެވެ. އޭނާގެ ފަހަތުން ސިދްރާވެސް ވަދެއްޖެއެވެ.

"ހުރިހައި އެއްޗެއް ތައްޔާރު ވެއްޖެތަ؟"

"ތައްޔާރު ވެއްޖެ." މެހެމަލް އިސް އުފުލައި ބަލައިލިއެވެ. މެހެތާބް ހުރީ ކުޑަކޮށް ކަންބޮޑުވެފައޭ އޭނާއަށް ހީވިއެވެ.

"ސިދްރާ... މި ހިފައިގެން ދޭ... ފޮނި ކާ އެއްޗެހި ކޮބާ؟ ކާވެނީގެ ދުވަސް ނިންމާނީ ސަޔަށް ފަހު. އެހައި ތަނަށް ފޮނި ކާ އެއްޗެހި ތައްޔާރަށް ބަހައްޓާތި."

"ކުޑައަންމާ. އެމީހުން އަންނަނީ އަދި ކާވެނީގެ ވާހަކަ ދައްކައިލާކަށްނު؟ ފުރަތަމަ ދުވަހު ދުވަސްވެސް ކަނޑައަޅައި ނިންމައިލަނީތަ؟" މެހެމަލް ހައިރާން ވެފައި އަހައިލިއެވެ.

މިއަދު މެހެތާބްވެސް ހުރީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އެހެންވީމާ ރަނގަޅަށް ވާހަކަ ދައްކާން ފަށައިފިއެވެ. "އާނ. މާ ގިނަ ދުވަހު އިންތިޒާރު ކުރަނީ ކީއްކުރަން؟ ފިރިހެން ކުއްޖާއަކީ ނުލާހިކު ރަނގަޅު ރީތި ކުއްޖެއް. އަހަރެމެންވެސް ވަކިން ދެރަތަ؟ ސިދްރާގެ ކާވެނި އަހަރެމެން ކުރާނީ ވަރަށް ބޮޑު ރަސްމިއްޔާތެއްގައި. މުޅި ދުނިޔެ ހައިރާން ކޮށްލާނެ." އޭނާގެ އަޑުގައި ހުރީ ކިބުރުވެރިކަމެވެ.

މެހެމަލްގެ ހިތަށް އެރިއެވެ. ބޮޑުކޮޓަރީގައި އެހެރަ އަންހެންމީހާ ސިދްރާޔާ ނުގަބޫލު ވާނެ ނަމައެވެ. އަދި ކުޑައަންމަ އެ ހިތާމައިގައި ބަލިއެނދުގައި އޮށޯންނާނެ ނަމައެވެ. އަމިއްލަ އެދުން ބޮޑު މީސްމީހުންނަކީ އެއްވެސް ބަޔަކަށް ކަމުދާ ބަޔަކަށް ވާނޭ ހެއްޔެވެ؟ އެކަމަކު މިހާރު ހުރިހައި ކަމެއް ރާވައި ނިމިއްޖެ ކަހަލައެވެ.

ސިދްރާ ފައިހިއްލިން ޓަކްޓަކް އަޑު ގޮއްވަމުން ގާޑިޔާ ކޮއްޕަމުން ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. މެހެތާބްވެސް ފަހަތުން ނުކުމެއްޖެއެވެ. މުސްރަތުވެސް މެހުމާންދާރީ އަދާ ކުރާށޭ ކިޔައިފައި ނުކުމެގެން ހިނގައްޖެއެވެ. ހުހަށް އޮތް ބަދިގޭގެ ގޮނޑިއެއްގައި އޭނާ އިށީނދެއްޖެއެވެ.

"މެހެމަލް... ޓިޝޫ." އޭނާ ސިއްސައިގެން ދިޔައީ ބޭރުން ނާޢިމާ ގޮވައިލީ އަޑަށެވެ.

"ޓިޝޫ ދޭން އަހަރެން ހަނދާން ނެތުނީ." އޭނާ އަވަސް އަވަހަށް ޓިޝޫ ފޮށި ހިފައިގެން ބަދިގެއިން ނުކުމެއްޖެއެވެ. ފެންޑާއާ ދިމާއަށް ދަމުން ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ލޯގަނޑުން އަމިއްލަ ސިފައަށް ބަލައިލިއެވެ.

އިސްތަށިގަނޑު އޮތީ އެއް ފަށަށް ގަތައިފައެވެ. ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ކުރުތާއެކެވެ. ކަރުގައި ޚާއްސަ ގޮތަކަށް އަޅައިފައި އޮތް ޓައިއެއް އޮތެވެ. ދެން އޮތީ ދޯޕައްޓާއެކެވެ. އެއީ އޭނާ އަބަދުވެސް ބޭނުންކުރާ ދޯޕައްޓާއެވެ. މާ ގިނަ ހެދުމެއް އޭނާގެ އަތަކު ނުހުރެއެވެ. މިހާރު ލައިގެން އެހެރަ ހެދުމަކީވެސް މިދިޔަ އަހަރު ނޫން ކުރީ އަހަރު ބޮޑު ޢީދަށް ލިބުނު ހެދުމެކެވެ. މިހާރު އޮތީ ވަރަށް ބާވެސް ވެފައެވެ.

"ކޮން ކަމެއް ހެއްޔެވެ؟ އެ މީހުން އައީކީ އަހަރެން ދެކޭކަށް ނޫނެއްނޫން ހެއްޔެވެ؟" މެހެމަލްގެ ހިތަށް އެރިއެވެ. އެޔާއެކު ބާރަށް ހިނގައިގެންފިއެވެ.

އެބުނާ ނުޢުމާނެއްގެ އަނބިމީހާ ސޯފާގައި އިށީނދެގެން އިނެވެ. މެހެތާބްގެ ވާހަކަ އަޑު އަހައިފައި ހިނިތުންވޭވެއެވެ. މެހެމަލް އަންނަތަން ފެނުނީމާ އޭނާ ކޮޅަށް ތެދުވެއްޖެއެވެ.

"ދަރިފުޅާ މެހެމަލް... އަދި ކިރިޔާތަ ތިޔަ އައީ؟ ކޮބައި ހެއްޔޭ މިހާރު އެތައް ފަހަރަކު އަހައިވެސްފިން."

އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހައިރާންވީ ވަރުން އަނގަ ހުޅުވިއްޖެއެވެ.

"އައްސަލާމް ޢަލައިކުމް."

"ވަޢަލައިކުމުއްސަލާމް. ކޮބައިހޭ ކިތަންމެ ފަހަރަކު އަހައިފިން."

"އަޅުގަނޑު..."

"އާނ. ދެނަހުރިން. ތައްޔާރީގައި އަވަދި ނެތި އުޅެނީނު؟ އަހަރެން މިހާރުވެސް ހަނދާން އެބަހުރި... ކަރީމްބޭބެގެ ހާލު ބަލައިލާން އައި ދުވަހަކު އެކަނިމާއެކަނި ދަރިފުޅު ހުރިހައި އެއްޗެއް ކައްކައި އުޅުނުތަން އަހަރެން ދުށިން. އެއީ މީގެ ދެ އަހަރު ކުރިން."

އޭނާ ބިރުން ހުރެ އެއް ފަހަރު މެހެތާބާ ދިމާއަށް އަނެއް ފަހަރު އާގަމަވެފައި އިން ސިދްރާއާ ދިމާއަށް ބަލަމުން ދިޔައެވެ. އޭނާ އައީ ޓިޝޫ ދޭށެވެ. އެކަމަކު މި ލައިގަތީ މުޅީން އެހެން ކަމަކާއެވެ.

"ބޭގަމް ނުޢުމާން. ކުކުޅުގެ ރަހަ ބައްލައިލައްވާން ވީ ނޫންތޯ؟ މިއީ..." މެހެތާބް އޭނާގެ ސަމާލުކަން އަނބުރުވައިލެވޭތޯ މަސައްކަތް ކުރިއެވެ.

"ރަހަ ބަލައިފިން. ވަރަށް މީރު. މި ހެދީ މެހެމަލް ދޯ؟ އަހަރެން ހަނދާން އެބަހުރި. އެ ދުވަހުވެސް ހަމަ މި ގޮތަށް ކުކުޅު ކެއްކީމެއްނު؟ މީރު ވެގެން އަހަރެންގެ ދަރިފުޅު ފަރީ މި ހަދާނޭ ގޮތް ދަސްވެސް ކުރި."

މެހެމަލަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ. އަނގައިން ނުބުނެވެނީ އެކަންޏެއް ނޫނެވެ. ބޯ ޖަހައި ލެވެނީވެސް ލައްކަ އުނދަގުލުންނެވެ. އަނެއްކޮޅުން މެހެތާބްގެ ކަންބޮޑުވުން ދިޔައީ ބޮޑުވަމުންނެވެ. މިއީ އައު ކަމެއް ނޫނެވެ. ސިދްރާގެ ކާވެނީގެ ވާހަކަ ދައްކާން އަންނަ ކޮންމެ މީހަކުވެސް މެހެމަލާއި މުސްރަތު ކައްކާ އެއްޗެހި މީރު ވެގެން އެ ވާހަކަ ދައްކައެވެ.

"މިގޭގެ ހުރިހައި ކުދިންވެސް ވަރަށް ތޫނުފިލި ވާނެ. ކުޅަދާނަ ވާނެ." ފިޒާ ގަދަކަމުން ހިނިތުންވެލިއެވެ. އެކަމަކު އިނީ ހިތްހަމަ ނުޖެހިފައިކަން އެނގޭހައި ވެއެވެ.

"މި ހުރިހައި އެއްޗެއް ތައްޔާރު ކުރީ ސިދްރާ. އެފަކީރު ހެނދުނުއްސުރެ އުޅުނީ ކެއްކުމާއިގެން." މުސްރަތު އަވަސްއަވަހަށް ބުނެލިއެވެ.

"އެއީ ތެދެއް..." މެހެތާބް ބައިވެރިވެލިއެވެ.

"ވަރަށް ރަނގަޅު ސިދްރާ." ބޭގަމް ނުޢުމާން ބުނެލިއެވެ. "މި ސުރުވާ ވަރަށް މީރު. މިޔަށް އަޅައިފައި ހުރީ ކޮން އެއްޗެއްސެއް؟"

އެޔަށް އެޅި އެއްޗެހި ކިޔައިދޭން ސިދްރާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ހާސް ވެގެން އެކި މީހުންގެ މޫނަށް ވަކިވަކީން ބަލާން ފަށައިފިއެވެ.

"އަހަންނަކީވެސް ވަރަށް ކައްކާ ހިތްވާ މީހަކީން. އަހަރެންގެ ދަރިންނަކީވެސް މީރުކޮށް ކާ ހިތްވާ ބައެއް. ނުޢުމާނަކީވެސް މީރު ކާ އެއްޗެއްސަށް މަރުދޭ މީހެއް. އެހެންވީމާ އަބަދުވެސް ބުނާނެ... މީރުކޮށް ކައްކާ މީހަކާ ނޫނީ ދަރިފުޅު ދެވައިގެން ނުވާނެއޭ. މިގޭ ކުދިންނަކީ ވަރަށް ރީތި ކުދިންކޮޅެއް. އެހައި ރަނގަޅުވެސްމެ. އެކަމަކު އަހަންނަށް އެންމެ ކަމުދަނީ މެހެމަލް. ސަޢީދާ ދައްތަ އޮންނާނީ ބުނެފައި. އަހަރެން މި އައީ އެންމެ ބޭނުމަކު. އެހެންވީމާ މާ ގިނަ ވާހަކައެއް ނުދައްކާނަން. މެހެތާބް ދައްތާ. ދައްތައަށް ހުންނާނީ ފުރްޤާން ފެނިފައި. އަހަރެން ބޭނުން ވަނީ ފުރްޤާނާއި މެހެމަލާ ދެވަން. ކީކޭ ބުނަނީ؟"

ކަންފަތަށް ދިޔާ އަލިފާން އެޅީހެން މެހެތާބަށް ހީވިއެވެ.

"މެހެމަލް. ކަލޭ އެތެރެއަށް ދޭ." އޭނާ ރުޅިގަނޑު މައިތިރިކޮށް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. މެހެމަލް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

އޭގެ ފަހުން ދެކެވުނީ ކޮން ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގެނީ މެހުމާނުން ނުވެސް ކައި އެނބުރި ދިޔަކަމެވެ. މެހެތާބް ގޭގެ ބޮޑެތި މީހުންނާއެކު ބޮޑު ކޮޓަރީގައި ދެއްކީ ކޮން ވާހަކައެއް ކަމެއްވެސް މާ ރަނގަޅަކަށް ނޭނގެއެވެ. އޭނާ ކޮޓަރީގައި އެކަނިމާއެކަނި އޮތީއެވެ.

އޭނާ އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހާލަތު ވަނީ އަޖައިބެއް ފަދަ ގޮތަކަށް ބަދަލު ވެފައެވެ. ބަންދު ހޮހަޅައެއްގެ ތެރެއަށް އަލިރޮއްޖެއް ވަން ކަހަލައެވެ. އޭނާގެ ފޫހި އަދި މަގުސަދެއް ނެތް ދިރިއުޅުމަށް އާދަޔާ ޚިލާފު ބަހާރެއް އައީ ކަހަލައެވެ. އަނެއްކާވެސް އުއްމީދުތައް އައު ވެއްޖެއެވެ. އައު ދިރިއުޅުމެއް ދެ އަތް ހުޅުވައިގެން އޭނާގެ އިސްތިގުބާލުގައި އޮތް ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.

"އެއޮރޯނޮޓިކަލް އިންޖިނޭރު... ރީތި ފުރްޤާން... މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރި... މީރު އެއްޗެހި ކާ ހިތްވާ..."

އޭނާ ލާނެތް ފާޑަކަށް ހިނިތުންވާން ފަށައިފިއެވެ.

ތިނެއް

"އޭނާ ބޭނުންވީ ސިދްރާގެ ބަދަލުގައި އޭނާގެ ދަރި އަހަންނާ ދެވަން. ކަލެއަށް ގަބޫލު ކުރެވޭތަ؟ އަހަރެން ހުރީ ގަނޑު ވެފައި. ކިޔާނޭ އެއްޗެއް، ހަދާނޭ ގޮތެއް ނުވިސްނުނު. ހައިރާންވެ އަންތަރީސް ވެއްޖެ. އެއީ ވަރަށް ހިތްހެޔޮ، ރަނގަޅު އަންހެނެއް. ކީކޭ ބުނާނީ... އަދި ބުނަންތަ؟ އޭނާގެ ދަރިއަކީ އެއޮރޯނޮޓިކަލް އިންޖިނޭރެއް... ކަލޭ އަހަރެން މި ދައްކާ ވާހަކަ އަޑު އެބަ އަހަންތަ؟" އޭނާ ފައިލާ ކުޅެކުޅެ އިން ނާދިޔާގެ ކޮނޑުހައި ހިފައި ތަޅުވައިލިއެވެ.

"އާނ... ދެން ވީ ކިހިނެއް؟" ނާދިޔާ މިހެން ބުނެފައި އަނެއްކާވެސް ފައިލާ ކުޅޭން ފަށައިފިއެވެ.

"ވާނީ ކިހިނެއް؟ ކުޑައަންމަގެ މޫނަށް އެހެރަ ވީ ގޮތެއް..."

"އެހެންތަ؟" ނާދިޔާ ފޮތެއްގެ ގަނޑު އުކަން ފަށައިފިއެވެ. ދެ ކުދިން ތިބީ ކޮލެޖްގެ ސިޑިއެއްގެ މަތީގައި އިށީނދެގެންނެވެ. މެހެމަލް ނާދިޔާއަށް އިއްޔެގެ ހާދިސާ ކިޔައި ދެނީއެވެ.

"ކުޑައަންމަ ވަގުތުން އަހަރެން އެތަނުން ފޮނުވާލައިފި. ހުރިހައި އެއްޗެއް ކެއްކީ ސިދްރާއޭ ކިޔައިގެން ފޮނި ކަނޑަނިކޮށް ބޭޒާރު ވެއްޖެ. ބޭގަމް ނުޢުމާނަކީ ވަރަށް ބުއްދިވެރި މީހެއް. އިއްޔެގެ ކަންތައް ކުޑައަންމަގެ ހިތަކުން... އޭތް... ކަލޭ އަޑު އެބަ އަހަންތަ؟" މެހެމަލް ކުޑަކޮށް ނުރުހިފައި އަހައިލިއެވެ.

"އާނއެކޭ. އަޑު އެބަ އަހަމޭ." ނާދިޔާ ބުނެލިއެވެ. އަދި އަތުގައި އޮތް ފައިލާއި ފޮތް ސިޑިމަތީގައި ބާއްވައިފިއެވެ. "ކުރިއަށް ގެންދޭ. އެއީ އެއޮރޯނޮޓިކަލް އިންޖިނޭރެކޭ ބުނީމެއްނު؟"

"އަހަރެން އަނގަތަޅާތާ ދެގަޑިއރު ވެއްޖެ. އަޑު އެހިނަމަ ތިޔަހެންނެއް ނާހާނެ. ކަލޭ ފައިލާ ކުޅޭ. އަހަރެން ދަނީ." އޭނާ ތެދުވީމާ ނާދިޔާވެސް ތެދުވެއްޖެއެވެ.

"ރުޅި ނާދޭ."

"ރުޅިއެއް ނާދޭ. އަހަރެން މިހިރީ ހަނދާން ނެތިފައި. މިޞްބާޙް މިސް އާ ބައްދަލު ކޮށްލާން އެބަ ޖެހޭ. ގޮސްފައި އެބަ އަންނަން." މެހެމަލް ހިނިތުން ވެލައިފައި ހިނގައިގެންފިއެވެ.

ހައެއްކަ ފިޔަވަޅު އެޅުމަށް ފަހު އޭނާ އެނބުރި ބަލައިލިއެވެ. ނާދިޔާ އަނެއްކާވެސް ސިޑިމަތީގައި އިށީނދެ ފައިލު ހާވަން ފަށައިފިއެވެ. ނާދިޔާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ ފަހުން އެ ބުނި ވާހަކަ ގަބޫލު ކުރީ ކިހައި އަވަހަކަށް ހެއްޔެވެ؟ ރުޅިއެއް ނާންނަމޭ ބުނީމާ އެއީ ތެދެއް ކަމަށް ގަބޫލު ކޮށްފިއެވެ. އެކަމަކު ހަގީގަތް އޮތީ އެހެންނެއް ނޫނެވެ. އޭނާ އެހެރީ ރުޅި އައިސްފައެވެ. އޭނާގެ ހުރިހައި ވާހަކައެއް ހިއްސާކޮށް ސިއްރު ކިޔައިދީ ހަދަނީ އެންމެ ދެމީހަކަށެވެ. ގޭގައި މަންމައަށެވެ. ކޮލެޖުގައި ނާދިޔާ އަށެވެ. އެކަމަކު ދެމީހުންކުރެ މީހަކު ރަނގަޅަކަށް އަޑެއް ނާހައެވެ. ކޮންމެވެސް މަސައްކަތެއްގައި ތިބެގެން އާނ... ހޫނ... ކިޔަނީއެވެ.

"އަހަރެންގެ ވާހަކަ އަހާނޭ މީހަކު މި ދުނިޔެއަކު ނެތެވެ." އޭނާގެ ހިތަށް އެރިއެވެ. އޭނާ ނާދިޔާއަށް ނުފެންނަ ހިސާބަށް ގޮސް ފާރުބުރިއެއްގެ މަތީގައި އިށީނދެއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.