ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ބަލި، ކޮވިޑް- 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ރަށް ކަމުގައިވާ ޗައިނާގެ ހޫބޭ ޕޮވިންސުގެ ވޫހާން ސިޓީގެ ލޮކްޑައުން މިވަނީ 76 ދުވަހަށް ފަހު، ބުދަ ދުވަހު ނިމުމަކަށް ގެނެސްފައެވެ.
11 މިލިއަން މީހުން ދިރިއުޅޭ ވޫހާންގެ ލޮކްޑައުން ނިމުމަކަށް އައުމުގެ އުފާ އެރަށު އަންހެނަކު ބޭނުންވީ މުޅިން ތަފާތު ގޮަތަކަށް ފާޅުކުރާށެވެ. ލޮކްޑައުންގެ ސަބަބުން އޭނާއަށް ހެނދުނުގެ ނާސްތާއަށް އޯޑަރުނުކުރެވުނު ކޮންމެ ދުވަހަކަށް ނާސްތާގެ ވައްތަރަކަށް އޯޑަރު ކުރީއެވެ. އޭނާ ވަނީ ތަފާތު މެނޫއިން ބަލައިގެން 76 ވައްތަރުގެ ނާސްތާއަށް އެއްފަަހަރާ އޯޑަރުކޮށްފައެެވެ. ވޫހާންއަކީ މުޅި ޗައިނާގައިވެސް ކެއުމުގެ ތަފާތު ބާވަތްތައް ހެދުމަށް މަޝްހޫރު ރަށަކަށް ވުމުން މިއީ އޭނާއަށް އުނދަގޫ ކަމަކަށް ނުވިއެެވެ.
އެރަށުގައި އޯޑަރަށް ކާތަކެތި ގެންގޮސްދޭ މީހަކު ކޮނޑުުގައި ދަނޑިއެއް އަޅުވައިގެން އެ އަންހެންމީހާގެ އޯޑަރަށް ކާތަކެތި ގެންދާ މަންޒަރު އިއްޔެ ޗައިނާގެ ސޯޝަލް މީޑިޔާގައި އާއްމުވެފައި ވެއެެެވެ. ޗައިނާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އޯޑަރަށް ކާތަކެތި ގެންގޮސްދޭ ފޫ (އޭނާގެ ފުރަތަމަ ނަން) އަށް އެ އަންހެން މީހާގެ ފަރާތުން އޯޑަރު އައީ ލޮކްޑްއުން ނިމުމަކަށް ގެނައި ދުވަހު ހެނދުނު 6:33 (ރައްޖޭ ގަޑިން ދަންވަރު 3:30) ގައެވެ.
އޭނާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ އޭނާގެ ކިބައިން އެދުނީ ލޮކްޑައުންގައި ވޫހާން އޮތް ކޮންމެ ދުވަހަކަށް ވައްތަރެއް އޯޑަރުކުރާށެވެ. އެ ދުވަހު ހުޅުވާފައި ހުރީ މަދު ރެސްޓޯރެންޓަކަށް ވާތީ އެކި ތަންތަނުން ހޯދައި، އޭނާއަށް 76 ވައްތަރު ހޯދުނީ ގަޑިއެއްހާއިރުން ކަމަށް އޭނާ ބުނެފައި ވެއެެވެ.
"އަހަރެން 'ގުއޯ ޝާއު' އަކާ ނުލައި ދެ މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފިން. ވޫހާންގެ ލޮކްޑައުން ނިމުމަކަށް އައިސްފައިވާތީ އަހަރެން މިހިރީ ވަރަށް އުފަލުން." އެ އަންހެން މީހާ ޗައިނާގެ ނޫހަަކާ ވާހަކަދައްކަމުން ބުނެފައި ވެއެވެ. 'ގުއޯ ޝާއު' އަކީ އެ ރަށު މީހުން ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ ބަހެެކެވެ.
"މިއަދަކީ ވަރަށް ޚާއްސަ މުނާސަބަތެއް. އަހަރެން ބޭނުންވީ އެކަހެރިވެ ހުރިހިރު އަހަރެންނަށް ނުލިބުނު ނާސްތާގެ ބާވަތްތައް ގެންނަން. މި ކެއުމަށް ފަހު އަހަރުމެންގެ ދިރިއުޅުން ދާނީ ރަނގަޅުން ރަނގަޅަށް." ނާސްތާއަށް ފަހު އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އޯޑަރުކުރި ނާސްތާގެ ބާއްވަތްތައް އަވަށްޓެރިންނަށް ބަހާފައެވެ.