ކޮވިޑް-19: ފުލުހުންގެ ރައްކާތެރި ކަމަށް ޓާސްކްފޯހެއް ހަދައިފި

ކޮވިޑް-19 ގެ ސަބަބުން ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ޓާސްކްފޯހެއް ހައްދަވައިފިއެވެ.

މި އުފެއްދި ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސް އެކުލަވާލެއްވީ މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވެއެވެ.

މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގުންތަކާއި، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމަކީ ވެސް ޓާސްކްފޯސްގެ އެއް ބޭނުމެވެ.

މީގެ އިތުރުން، "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު" އެކުލަވާލުމަށްފަހު ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވަނީ އެ އުސޫލު ފުލުހުންނަށް އާއްމު ކުރައްވައިފައި ކަމަށް ވެސް ޕޮލިސް މީޑިއާއިން ވިދާޅުވިއެވެ.

އަދި 2020 މާރިޗު 19 ވަނަ ދުވަހު “އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި” އަދި 2020 މާރިޗު 23 ވަނަ ދުވަހު “ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު” ކޮމިޝަނަރ އޮފް ޕޮލިސް އާއްމުކުރައްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.