އެމްޑަބްލިޔުއެސްސީއަށް 25 އަހަރު- ކޮވިޑް-19 ގެ ސަބަބުން ހުރިހާ ކަމަކަށް ހިޔަނި އެޅިފައި

މިއަދަކީ މާލެ ވޯޓަރ އެންޑް ސުވަރޭޖެ ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ 25 ވަނަ އަހަރީ ދުވަހެވެ. އެހެންނަމަވެސް އަހަރީ ދުވަހާ ގުޅިގެން ބާއްވަން ރޭވި ޖަލްސާއާއި އަހަރީ ދުވަހުގެ އިތުރު ޙަރަކާތައް މިހާރުވަނީ ފަސް ކުރައްވާފައި ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ މިއަދަކީ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާ ބާއްވަން އޮތް ދުވަސް ކަމަށެވެ. އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހުރިހާ ކަމެއް ނިމުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއިން ވެސް ކޮވިޑް-19 ފެނި ކޭސްތައް އިތުރު ވަމުންދާތީ ސަލާމަތާއި ރައްކައުތެރި ކަމުގެ ފިޔަޅެއްގެ ގޮތުން ޖަލްސާ ވެސް ވަނީ މުއްދަތެއް ނެތްގޮތަށް ފަސް ކުރެވިފައި ކަމަށް ޝާހު ވިދާޅުވިއެވެ. އޭގެ އިތުރަށް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ބާއްވަން ނިންމާފައިވާ ހަރަކާތްތައް ވެސް ވަނީ ފަސް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

"މި ވަގުތު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެމުން މިގެންދަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް ރަނގަޅަށް އަޑުއަހައި އެއަށް އަމަލުރުމަށް. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އެއީ އެންމެ މުހިންމު ކަންތައް. އެހެންވެ އެންމެ ބޮޑު ސަމާލުކަމެއް މިދެނީ އެކަމަށް،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ސަރުކާރު ބަންދުކޮށްފައިވާ ކޮންމެ ދުވަހަކީ އެ ކުންފުނިވެސް ބަންދު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް ބިލްތައް ބެހުންފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަން ވަރަށްބޮޑަށް ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމަސައްކަތަށް ވެސް ނެރެނީ ވީހާސް ވެސް މަދު މުވައްޒަފުން ކަމަށާއި، ބިލްތައް ވެސް ބަހާއިރު ބިލްތައް ހަވާލުކުރާނީ އެ އިމާރާތެއް ނުވަތަ ގެއެއްގެ އެންމެ ތިރީ ބަޔަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުންފުނިން ހިންގާ މަޝްރޫއުތަކަށް ވެސް ކޮވިޑް ގެ ސަބަބުން ވަރަށްބޮޑު މަޑުޖެހުމެއް އައިސްފައިވެއެވެ. އެގޮތުން ބައެއް ރަށްރަށުގެ ފެނާއި ނެރުދަމާގެ މަސައްކަތްތަކަށް ހީނަރުކަން ފޯރާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަޑުމަޑުން ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށް ޝާހު ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ މަސައްކަތް ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިއަހަރު މާލޭގައި ފެނުގެ ރިޒާވެއް ވެސް ގާއިމް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ހުޅުމާލެއިން މާލެއަށް ފެންފޯރުކޮށްދިނުމަށް އެޅުމަށް ހަމަޖެހިފައިވާ "ބްރިޖު ޕައިޕް" އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.